ދިޔަމިނގިލީ އިބްރާހިމް ރަސްގެފާނުގެ ދަރިކޮޅުން - 4
















މާވާގަނޑުވަރު މަރިޔަމްދީދީގެ ޢާއިލާ  
(ކުރީގެ ލިޔުމާއި ގުޅޭ)

އައްސުލްޠާން އިބްރާހިމް އިސްކަންދަރު (ދެވަނަ)ގެ އަލްއަމީރާ ޢައިޝާ ކަނބާފާނުގެ މާވާގަނޑުވަރު މަރިޔަމްދީދީގެ ޙުސައިންދީދީގެ ދޮންދީދީގެ ޚަދީޖާދީދީ (ދޮށީދީދީ)ގެ ހަތަރު ބޭފުޅުންގެ ތެރެއިން ކަކައިގޭ ގޮމާގެ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ދަރިކޮޅު ވާނީ ބަޔާންކޮށް ނިމިފައެވެ.


ދެން އަޅުގަނޑު ބަޔާންކުރަން ގަސްތުކުރަނީ ކަކައިގޭ ގޮމާގެ ކާށިދޫގޭ ދޮންގޮމާގެ ދަރިފަސްކޮޅެވެ.

1.1.1.2 ގައިވާ އަލްއަމީރާ ޢާއިޝަތު ( ކާށިދޫގޭ ދޮންގޮމާ) 

(ދޮންގޮމާ / ފޮޓޯ: މޯލްޑިވްސް ރޯޔަލް ފެމެލީ ވެބްސައިޓު/ މާޖިދު ޢަބްދުލްވައްހާބު)

ކާށިދޫގޭ ދޮންގޮމާއި ކައިވެނި ކުރެއްވީ އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއިއެވެ. އެކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.1.1.2.1 އަލްއަމީރު ޙަސަން ފަރީދު މަނިއްޕުޅު
1.1.1.2.2 އަލްއަމީރު މުޙައްމަދު ފަރީދު މަނިއްޕުޅު (ފަހުން ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް)
1.1.1.2.3 ޛުލައިޚާ ފަރީދު (ތުއްތު ގޮމާ)

މި ތިންބޭފުޅުންގެ އިތުރުން އަދި ދެބޭފުޅުން ދޮންގޮމާގެ ތިއްބެވިއެވެ. އެއީ މިތިން ބޭފުޅުންނާއި އެއްބަނޑުފުޅު ދެބޭފުޅުންނެވެ.
1.1.1.2.4 އަލްއަމީރު އިބްރާހިމް ޙަބީބް މަނިއްޕުޅު (ކާށިދޫގޭ ތުއްތުމަނިއްޕުޅު)
1.1.1.2.5 އަލްއަމީރު އިސްމާޢިލް ޙަބީބް މަނިއްޕުޅު
1.1.1.2.1 ގައިވާ އަލްއަމީރު ޙަސަން ފަރީދު މަނިއްޕުޅު

އަލްއަމީރު ޙަސަން ފަރީދު  މަނިއްޕުޅަކީ ދިވެހި ރާއްޖޭގެ ވަލިއްޔުލް އަމްރު ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނުންގެ ބައްޕާފުޅު ރާއްޖޭގެ ތަޚްތަށް އިންތިޚާބުވެވަޑައިގެން ހުންނެވި ދުވަސްވަރު ރާއްޖެ ހިންގަވަމުން ގެންދެވީ މި މަނިއްޕުޅެވެ. ތަފާތު އެތައް ކައިވެނިފުޅެއް ކުރެއްވިއެވެ. ފަރަންސޭސި އަންހެނަކާއިވެސް ކައިވެނިފުޅު ކުރެއްވިއެވެ. އެ ކަމަނާގެ ނަންފުޅެއް ކަމުގައި އެނގިފައިވަނީ ޝެރިން ކަމުގައެވެ. ދިވެހީން ކިޔާ ގޮތުން ނަމަ ޝީރީނެވެ. އެ ކަމަނާ ގޮވައިގެން ރާއްޖެ ވަޑައިގަތުމަށް ޙަސަން ފަރީދު ދީދީ ސިލޯނުން 2 ފަހަރަށް ފުރާ ވަޑައިގެންނެވި ކަމަށް ވެއެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް ގަދަ ކޮޅިގަނޑެއްގައި ޖެހި އެކަމަނާގެ ޙާލު ކޮޅު ބޮޑުވެ ދެން ދަތުރު ނުކުރެއްވޭވަރު ވުމުން އެނބުރި ސިލޯނަށް ވަޑައިގަންނަވަނީއެވެ. އެންމެ ފަހުން އެކަމަނާ ވަރި ކުރެއްވީ ކަމަށްވެސް ޚަބަރު ލިބިފައިވެއެވެ. އަދި ޙަސަން ފަރީދު ދީދި ގެއްލިވަޑައިގެންނެވި އިރު އިންނެވި އަނބިކަނބަލަކީ މާންދޫގޭ ތުއްތުގޮމާ އެވެ. އެހެންނަމަވެސް މިއިން އެއްވެސް ކައިވެނިފުޅަކުން ބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެއެވެ.

އަލްއަމީރު ޙަސަން ފަރީދު ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދުން 10 އޯގަސްޓު 1904 ވަނަ އަހަރުގައި މާލޭގައެވެ. ޢިލްމު އުނގެނި ވަޑައިގަތުމަށްޓަކައި ސިލޯނުގެ ރޯޔަލް ކޮލެޖުގައި އުޅުއްވިއެވެ. އަދި އޭގެ ފަހުން މިސްރުގައިވެސް އުޅުއްވިއެވެ. އެހެންނަމަވެސް ތަޢްލީމީ ޙަޔާތްޕުޅު ނިންމަވާ ލައްވާފައިވަނީ އޮކްސްފޯރޑް ޔުނިވާރސިޓީ އިންނާއި ޕެރިހުގެ ސޯބީން ޔުނިވަރސިޓީ އިންނެވެ. މި މަނިއްޕުޅު ވަނީ ސަރުކާރުގެ އިސް އެތައް މަޤާމްތަކެއް ފުރުއްވާފައެވެ. އެގޮތުން ދިވެހިރާއްޖެ ޤާނޫނީ ޙުކޫމަތެއްގެ އަލިކަން ދެކި އެ ޙުކޫމަތުގެ ވަޒީރުންގެ މަޖިލީހުގެ ވަޒީރުލް މާލިއްޔާ އަކީވެސް މި މަނިއްޕުޅެވެ. އަދި ހަމަމިފަދައިން ވަޒީރުލް ޚާރިޖިއްޔާ އަކީވެސް މި މަނިއްޕުޅެވެ. އަދި މިނޫނަސް ވަޒީރުއް ޒިރާޢާ ކަމާއި ވަޒީރުލް އަޝްޣާލު ކަމާއި ވަޒީރުލް އަޢްޒަމްގެ ނާއިބު ކަމުގެ މަޤާމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަޤާމާއި އަމަން ޢާއްމުގެ ވެރިޔާކަމުގެ މަޤާމްވެސް ވަނީ ފުރުއްވާފައެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ފެށިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިގެން ދިވެހި ދައުލަތް ހިންގެވުމުގެ އެންމެ މަތީ ބާރާއިވެސް ޙަސަން ފަރީދު ދީދީ ވަނީ ޙަވާލުވެވަޑައިގެންފައެވެ. މި މަޤާމުގައި އެމަނިކުފާނުން ގެއްލިވަޑައިގަތުމާއި ހަމަޔަށް ހުންނެވިއެވެ.

އަލް އަމީރު ޙަސަން ފަރީދު ދީދީ ފަހާގަ ކުރެވިފައިވަނީ ވަރަށް ހަރުކަށި ވެރިޔެއްގެ ގޮތުގައެވެ. އެ މަނިއްޕުޅުގެ ވެރިކަމުގެ ދުވަސްވަރުގައި އެ މަނިއްޕުޅުވަނީ ތަޢްލީމް އުނގަންނައިދިނުންވެސް މަނާ ކުރައްވާފައެވެ.  އެހެންނަމަވެސް އެ ދުވަސްވަރުގައި އެ މަނިއްޕުޅާއި ގުޅުން ހުރި ބޭބޭފުޅުންނާއި ބޭބޭފުޅުންގެ ދަރި ދަރިކަލުން ސިލޯނަށް ތަޢްލީމް އުނގެނުމަށްޓަކައި ފޮނުވާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަލްއުސްތާޛުލް މަރްޙޫމް އިބްރާހިމް ޝިހާބު 1987 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ދެއްވި ތަޤްރީރުގައި އެ މަނިކުފާނުންގެ ބައްޕާ، އާދެ، ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނަށް ފޮނުއްވި ސިޓިފުޅެއްގައި ވާކަމަށް ވިދާޅުވެފައިވަނީ "މަނިކުފާނުގެ ބޭފުޅެއްކަމުގައި ވިޔަސް، މި ވުޒާރާއިން ހުއްދަލިބިގެން ހުއްދަ ދެއްވި މިންވަރަކަށް ނޫނިއްޔާ ކިޔަވާދެއްވާގެން ނުވާނެއެވެ."

އައްޝައިޚް އިބްރާހިމް ޙަސަން (މ. ރީޙުއްޞަބާ) ވިދާޅުވިއެވެ. "ޙަސަން ފަރީދު ދީދީ ގެ ވެރިކަމުގައި ތިމަންގެ އެއްބަނޑު ބޭބެ މުޙައްމަދު މަނިކު (ޢީސާމަނިކު ގެ ކުޑަމަނިކު) އިނގިރޭސި ކިޔަވަން އުޅުމުން ގޭގައި ބަންދު ކުރެއްވިއެވެ."  އަދި މިނޫނަސް އެތައް ބޭކަލުންގެ ލިޔުއްވުންތަކުންވެސް މި ވާހަކަތައް ބަޔާންކޮށްފައިވާތީ އަޅުނގަޑަށް ފެނިފައިވެއެވެ.

ޙަސަން ފަރީދު އަވަހާރަވީ  އައްޑޫގައި ހިނގި ހަމަނުޖެހުމެއް ހައްލު ކުރެއްވުމަށް އައްޑު އަތޮޅަށް ވަޑައިގެން އެ މައްސަލަ ބައްލަވާ ހަމަޖެއްސެވުމަށްފަހު އައްޑޫއިން ގެންނެވި މައުލަވީ މުޙައްމަދު ޙަސަން ނަދުވީ އާއި ބުޗާ ޙަސަން ކަލޭގެފާނުން ކޮޅުމަޑުލަށް ބާލުއްވާފައި އެޗް އެމް އެސް މާލޮއީ ގައި އެމަނިއްޕުޅު ސިލޯނަށް ދަތުރު ކުރައްވަމުން ގެންދެވަނިކޮށް ނާޒީ ޖަރުމަނުގެ ޔޫ ބޯޓަކުން ދިން  ޙަމަލާއަކުންނެވެ. އެއީ މީލާދުން 1944 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހު ނޫނީ އޭޕްރިލް މަހުގެ 1 ވަނަ ދުވަސްކަމުގައި ދިވެހި ލިޔުންތަކުން ފެންނަން އެބަ ހުއްޓެވެ. އެހެނަސް އިނގިރޭސި ނޭވަލް އާރކައިވްސް އާއި ބެހޭ ސައިޓުތަކުގައްޔާއި އަދި މިނޫނަސް އެހެނިހެން ސައިޓުތަކުގައި ލިޔެފައިވަނީ މާލޮއި އަށް ޙަމަލާދިނީ މީލާދުން 1944 ވަނަ އަހަރުގެ މާރޗް މަހުން 27 ވަނަ ދުވަހުގައި ކަމަށެވެ. އަދި ދިވެހި ބަޔެއް ލިޔުންތަކުގައި ފެންނަން ހުރި ފަދައިން އެ ބޯޓް ފައްތާލީ ޖަޕާނު ސަބްމެރީންއަކުން ނޫންކަންވެސް އެ ސައިޓްތަކުގެ ލިޔުންތަކުން އެނގެއެވެ. އެޗް އެމް އެސް މާލޮއި އަށް ޙަމަލާ ދިނީ ޖަރުމަނުގެ ޔޫ ބޯޓަކުންނެވެ. އެއީ ޔޫ -510 ބޯޓެވެ.

ނޯޓް: އެޗް އެމް އެސް މާލޮއި އަކީ އިނގިރޭސި މަނަވަރެއް ނޫނެވެ. އެއީ ނޯވޭގައި ބޭނުންކުރި ވޭލަރެކެވެ. ފަހުން އިނގިރޭސިން ނޭވީއިން އެ ބޯޓު ގަނެ ނޭވީގައި މައިންސްވީޕަރ އެއްގެ ގޮތުގައި ބޭނުން ކުރަމުން އައީއެވެ. އެ ބޯޓު ފައްތާލި އިރު ޖުމްލަ ތިބީ 26 މީހުންނެވެ. އެކަކުވެސް ސަލާމަތްނުވެ މަރުވީއެވެ. އެ ބޯޓުން މަރުވީ މީހުން ދަންނަވާލާނަމެވެ.

ޢަބްދުލް ޚާލިޤް (އިންޑިޔާ އިނގިރޭސި ރައްޔިތެއް)، ޢަބްދުއް ސަލާމް (އިންޑިޔާ އިނގިރޭސި ރައްޔިތެއް)، ވިލިއަމް އަލްފްރެޑް (އިނގިރޭސި ރައްޔިތެއް) ޖޯން ޖޯރޖް ކްލާރކް (އިނގިރޭސި ރައްޔިތެއް)، ޑޭވީސް ޖެކް (އިނގިރޭސި ރައްޔިތެއް)، އާރނަސްޓް ބާރޓްރަމް (އިނގިރޭސި ރައްޔިތެއް)، ޖާބިރް ޢަލީ ސައްޔިދުﷲ (އިންޑިޔާ އިނގިރޭސި ރައްޔިތެއް)، އެލްބާރޓް އެޑްވާރޑް (އިނގިރޭސި ރައްޔިތެއް)، ޙަސަން ފަރީދު ދީދީ (ދިވެހި ރާއްޖެ)، ހޮލިސް ވާރލްޓަރ (އިނގިރޭސި ރައްޔިތެއް)، ޖާން މުޙައްމަދު (އިންޑިޔާ އިނގިރޭސި ރައްޔިތެއް)، އެމްލިން ޖޯންސް (އިނގިރޭސި ރައްޔިތެއް)، ޕްޓްރިކް ޖޯސެފް މެލޮއީ (އިނގިރޭސި ރައްޔިތެއް)، އެލެގްސެންޑަރ މެކްކެރޯލް (އިމގިރޭސި ރައްޔިތެއް)

1.1.1.2.2 ގައިވާ އަލްއަމީރު މުޙައްމަދު ފަރީދު މަނިއްޕުޅު (ފަހުން ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް)

(ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލު/ ރާއްޖޭގެ އެންމެފަހުގެ ރަދުން)

ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުންގެ އެންމެ ދޮށީ ދަރިކަލުންނެވެ. މި މަނިއްޕުޅު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދުން 1901 ވަނަ އަހަރުގައެވެ. މި މަނިއްޕުޅަކީ ދިވެހި ރަސްކަމުގެ ތަޚްތަށް އިސްވެ ކުރެވުނު އެންމެ ފަހުގެ ރަދުންނެވެ. މި ރަދުން ރަސްކަން ކުޅައީ 14 އަހަރުއެވެ. އޯގާވެރި މަޑުމައިތިރި ރަސްކަލެކެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެންދިޔައީ މި ރަދުންގެ ރަސްކަމުގައެވެ. މި ރަދުންވެސް 3 ކައިވެނިފުޅެއް ކުރެއްވިއެވެ. އެއީ މާބަނޑޭރި ޢާއިޝަތުދީދީ އާއި ކުރެއްވި ކައިވެނިފުޅާއި، މެދުސީދީގެސީދީގެ ސިއްތި (މާބަގީޗާގޭ ސިއްތި)އާއި ކުރެއްވި ކައިވެނިފުޅާއި، މުގުރިގޭ ވަޙީދާ އާއި ކުރެއްވި ކައިވެނިފުޅެވެ. މާބަނޑޭރި ޢާއިޝަތުދީދީގެ ބަނޑުފުޅުން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެ ބޭފުޅަކުވެސް ޅަފަތުގައި އަވަހާރަވީއެވެ. އެހެން ކައިވެނިފުޅަކުން ބޭފުޅަކު ލިބިވަޑައިގެންނެވިކަމެއް އެނގިޔެއް ނެތެވެ. މި ރަދުން އަވަހާރަވީ މީލާދުން 1969 އަހަރު ސެންޓްރަލް ހޮސްޕިޓަލުގައެވެ. ފަސްދާނުގައި ވެޑުވިފައިވަނީ ގަލޮޅު ގަބުރުސްތާނުގެ ޢިއްޒަތްތެރީން ފަސްދާނުލާ ބައިގައެވެ.

1.1.1.2.4 ގައިވާ އަލްއަމީރު އިބްރާހިމް ޙަބީބް މަނިއްޕުޅު ( ކާށިދޫގޭ ތުއްތުމަނިއްޕުޅު)

(ގޮޑީގައި އިށީނދެވަޑައިގެން އަލްއަމީރު އިބްރާހިމް ޙަބީބު މަނިއްޕުޅު / ފޮޓޯ ވޮނަދޮނަ ފޭސްބުކް ގްރޫޕް)

އަލްއަމީރު އިބްރާހިމް ޙަބީބް މަނިއްޕުޅު ނުވަތަ ކާށިދޫގޭ ތުއްތު މަނިއްޕުޅު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދުން 1913 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 3 ވަނަ ދުވަހު ދިވެހި ޝާހީ ގަނޑުވަރުގެ ވެޔޮގެ ކޮޅުގައެވެ. އަލްއަމީރު އިބްރާހިމް ހަބީބް ކިޔަވާ ވިދާޅުވާން ވަޑައިގަތީ އިންޑިޔާގެ މަދަރާސީއަށެވެ. އެތަނުން އޮރުދޫ ބަހާއި އިނގިރޭސި ބަސް ވަރަށް ރަނގަޅަށް ދަސްފުޅު ކުރެއްވިއެވެ. އިބްރާހިމް ޙަބީބު ކައިވެނިފުޅު ކުރެއްވީ ޒައިނަބުފުޅާއި އެވެ. އެއީ ފަހުން ސައްލިގޭ ދީދީ އެވެ. ލިބިވަޑައިގެންނެވި ބޭފުޅަކީ
1.1.1.2.4.1 ޙަބީބާ އިބްރާހިމް ޙަބީބް އެވެ. (ތުއްތުގޮމާ)

1.1.1.2.4.1 ގައިވާ ޙަބީބާ އިބްރާހިމް ޙަބީބް
ޙަބީބާ ކައިވެނި ކުރެއްވީ އެކަމަނާ އާއި ދެބޭންގެ ދެދަރި ބޭފުޅެއް ކަމުގައިވާ ފާރޫޤް އިސްމާޢީލާއިއެވެ. މި ކައިވެނިފުޅު ކުރެއްވީ މީލާދުން 30 ނޮވެމްބަރ 1953 ގައެވެ. މި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.1.1.2.4.1.1 އާމިނަތު ފާއިދާ
1.1.1.2.4.1.2 މަރިޔަމް ފަޟީލާ
1.1.1.2.4.1.3 މުޙައްމަދު ފާއިދު

1.1.1.2.4.1.1 ގައިވާ އާމިނަތު ފާއިދާ ( ފާއިދާ ފާރޫޤް )
 އާމިނަތު ފާއިދާ ކައިވެނި ކުރެއްވެވީ ޙުސައިން މަނިކުގެ މުޙައްމަދު ވަޙީދާއިއެވެ. މި ކައިވެނިން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.1.1.2.4.1.1.1 އައިޝަތު ފަދްވާ ވަޙީދު ( އުފަންވީ 1981 ގައި)
1.1.1.2.4.1.1.2 ފާޠިމަތު ރާނިޔާ ވަޙީދު ( އުފަންވީ 1982 ގައި)
1.1.1.2.4.1.1.3 ސަންހަރު ވަޙީދު ( އުފަންވީ 1985 ގައި)
1.1.1.2.4.1.1.4 ނޫރު ވަޙީދު ( އުފަންވީ 1987 ގައި)
1.1.1.2.4.1.1.5 ނުޙާދު އަސްކަރު ވަޙީދު ( އުފަންވީ 1989 ގައި)
1.1.1.2.4.1.1.6 ޙަޔާތު ވަޙީދު ( އުފަންވީ 1993 ގައި)

1.1.1.2.4.1.2 ގައިވާ މަރިޔަމް ފަޟީލާ
މަރިޔަމް ފަޟީލާ ދެ ކައިވެނިފުޅެއް ކުރެއްވެވިއެވެ. އެގޮތުން (މ. މާކުރި) މުޙައްމަދު ސާލިމް ގެ އިބްރާހިމް މަނިކާއި ކުރެއްވެވި ކައިވެނިފުޅުން ފަޟީލާ އަށް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.1.1.2.4.1.2.1 އާމިނަތު އަޒްހާ ( އުފަންވީ 1986 ގައި)
1.1.1.2.4.1.2.2 އަޙްމަދު އަޒްހާން ( އުފަންވީ 1983 ގައި )
ސިލޯނުގެ ބޭފުޅެއް ކަމުގައިވާ ޢަބްދުއްސަމަދު ވީރަސިންހަ އާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅަކީ
1.1.1.2.4.1.2.3 މުޙައްމަދު އަނާން ޢަބްދުއްޞަމަދު ވީރެސިންހަ ( އުފަންވީ 1999 ގައި)

1.1.1.2.4.1.3 ގައިވާ މުޙައްމަދު ފާއިދު
މި މުޙައްމަދު ފާއިދު ކައިވެނިފުޅު ކުރެއްވެވީ އާޢިދާ ސަޢީދު އާއިއެވެ. މި ކައިވެނިން ލިބިވަޑައިގެންނެވި ބޭފުޅަކީ
1.1.1.2.4.1.3.1  ޢައިން ފާޔިދް ފާރޫޤެވެ. ( އުފަންވީ 2003 ގައި)
މިބޭފުޅުންގެ ގެޔަކީ މ. ހުޅަނގުގެއެވެ.

1.1.1.2.5 ގައިވާ އަލްއަމީރު އިސްމާޢިލް ޙަބީބް މަނިއްޕުޅު
މި މަނިއްޕުޅު ކައިވެނި ކުރެއްވީ މީރުބަޙުރު އިސްމާޢިލްދީދީގެ ކުޑަ އިބްރާހިމްދީދީ، ވެލިދޫގޭ ތުއްތީދީ އާއި ކުރެއްވި ކައިވެނިން ލިބިވަޑައިގެންނެވި ފާޠިމަތު އިބްރާހިމް ދީދީ ނުވަތަ ފާޠުމައިދީ އާއިއެވެ. (މި ފާޠިމަތުދީދީ އަކީ އެކަމަނާގެ ބައްޕަގެ ފުށުން އަތިރީގޭ ޚާންދާނާއި ގުޅިވަޑައިގަންނަވާ އަދި މަންމަގެ ފުށުން ދިޔަމިނގިލީ ދަރިކޮޅާއި ގުޅިވަޑައިގަންނަވާ ބޭފުޅެކެވެ.) މި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.1.1.2.5.1 ފާރޫޤް އިސްމާޢިލް (އުފަންވީ 1927 ގައި)
1.1.1.2.5.2 ތައުޙީދާ ޙަބީބް
1.1.1.2.5.3 އާމިނަތު ޙަބީބް (އުފަންވީ 1947 ގައި)
1.1.1.2.5.4 ތައުފީޤާ އިސްމާޢިލް (އުފަންވީ 1930 ގައި)

1.1.1.2.5.1 ގައިވާ ފާރޫޤް އިސްމާޢިލް
މި ފާރޫޤު އިސްމާޢިލްގެ މަޢުލޫމާތު 1.1.1.2.4.1 ޙަބީބާ އިބްރާހިމް ޙަބީބުގެ މަޢުލޫމާތު ލިޔެވިފައިވާ ބައިގައި އެވަނީ އެވެ. މި ފާރޫޤް އިސްމާއިލް ކައިވެނިފުޅު ކުރެއްވީ މި ބޭފުޅާ އާއި ދެބޭންގެ ދެދަރި ޙަބީބާ އިބްރާހިމް ޙަބީބު އާއިއެވެ. ފާރޫޤް އިސްމާޢިލް އުފަންވެވަޑައިގަތީ މީލާދުން 1927 ވަނަ އަހަރުގެ ޖޫން މަހެއްގެ 14 ވަނަ ދުވަހު މަންމާގެ ގެ ކަމުގައިވާ މ. ވެލިދޫގޭގައެވެ. ފާރޫޤަކީ ވަރަށް ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކޮށްދެއްވި އަގުހުރި ދިވެހި ދަރިޔެކެވެ. އެގޮތުން ފާރޫޤް އިސްމާޢިލް ފުރުއްވި މަޤާމުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރަދުންގެ މެމްބަރު ކަމުގެ މަޤާމާއި އަދި އެގްރިކަލްޗަރ ވަޒީރު ކަމާއި ކަސްޓަމްގެ ވެރިޔާކަން ފަދަ ބޮޑެތި އެތައް މަޤާމެއް ފުރުއްވާފައިވެއެވެ. އައްނަބީލް ފާރޫޤް އިސްމާޢިލް އަވަހާރަވީ މީލާދުން 1999 ވަނަ އަހަރު މެއި މަހުގެ 1 ވަނަ ދުވަހުއެވެ. ފަސްދާނުގައި ވެޑުވުނީ ގަލޮޅު ގަބުރުސްތާނުގެ ޢިއްޒަތްތެރީން ފަސްދާނުލާ ބައިގައެވެ.

1.1.1.2.5.2 ގައިވާ ތައުޙީދާ ޙަބީބް
ތައުޙީދާ ޙަބީބް ކައިވެނިފުޅު ކުރެއްވެވީ އަލްއަމީރު ޢަބްދުލްވައްހާބު މަނިއްޕުޅުގެ ދަރިކަލުން އައްނަބީލް ޢަބްދުއްރައްޒާގް ޢަބްދުލްވައްހާބާއިއެވެ. މި ކައިވެނިން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.1.1.2.5.2.1 އިސްޙާޤް ޢަބްދުއްރައްޒާޤް
1.1.1.2.5.2.2 މާލިކް ޢަބްދުއްރައްޒާޤް އެވެ.

1.1.1.2.5.3 ގައިވާ އާމިނަތު ޙަބީބް
މި އާމިނަތު ޙަބީބް ފުރަތަމަ ކައިވެނިފުޅު ކުރެއްވެވީ އާދަމް އިސްމާޢިލް މަނިކާއިއެވެ. މިއީ ޒައިނަބުފުޅު އިސްމާޢިލް މަނިކުގެ އާދަމް މަނިކެވެ. އެޔަށްފަހު ދެން ކައިވެނި ކުރެއްވީ ނަޞީރު ކިޔާ ބޭފުޅަކާއި އެވެ. މި އާދަމް އިސްމާޢިލް މަނިކާއި ކުރެއްވި ކައިވެނިން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.1.1.2.5.3.1 ޙުސައިން ފަޟީލް (އުފަންވީ 1966 ގައި)
1.1.1.2.5.3.2 ޙައްވާ މާރިޔާ (އުފަންވީ 1967 ގައި)
1.1.1.2.5.3.3 ފާޠިމަތު ޢަޒްމަތު (އުފަންވީ 1969 ގައި )
1.1.1.2.5.3.4  މަރިޔަމް ޝިޔުނާ (އުފަންވީ 1970 ގައި)
1.1.1.2.5.3.5 އަޙްމަދު ހެންސަން (އުފަންވީ 1971 ގައި)
ދެން ޒަމީރު އާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.1.1.2.5.3.6 ޒައިނަބް ޒައިނާ ޒަމީރު (އުފަންވީ 1997 ގައި)
1.1.1.2.5.3.7 ޒަކްވާން ޒަމީރު  (އުފަންވީ 2003 ގައި)
މި ބޭފުޅުން ދިރިއުޅުއްވަނީ މާކޮށާރުގޭ ހުޅަނގުގޭ ގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.  (ނުނިމޭ)
                --------------------

ލިޔުއްވީ: އަޙުމަދު ޢަލާ (ޢަލާދީދީ)

މަޢުލޫމާތު :
* ބުގެ އަޙުމަދުދީދީގެ އިބްރާހިމްދީދީގެ މުޙައްމަދު ޢާރިފް
* މޯލްޑިވްސް ރޯޔަލް ފެމެލީ ވެބްސައިޓު / ޢަބްދުލް މާޖިދު ޢަބްދުލްވައްހާބު
* އެމެރިކަން ނޭވަލް އެކަޑަމީގެ ވެބްސައިޓު / އެމެރިކާ

* އަމިއްލަ ދިރާސާ