މާވާގަނޑުވަރު މަރިޔަމްދީދީގެ ޢާއިލާ
1.2 ގައިވާ މަރިޔަމްދީދީ
އިބްރާހިމް ރަސްގެފާނުންގެ
ޢާއިލާއިން މާވާގަނޑުވަރު މަރިޔަމްދީދީގެ ޢާއިލާ އާއި ބެހޭ މި ސިލްސިލާ މަޒްމޫނުތަކުގެ
ތެރެއިން އިސްވެދިޔަ ހަތަރުބައި ޚާއްސަވެފައިވާނީ މި މާވާގަނޑުވަރު މަރިޔަމްދީދީގެ
ޙުސައިންދީދީގެ ބޭފުޅުންގެ ތެރެއިން ޢާއިޝަތުދީދީގެ ދޮންދީދީގެ ޚަދީޖާދީދީ (ދޮށީދީދީ)ގެ
ޢާއިލާއަށެވެ. އެބައިތަކުގައި އަޅުގަނޑުވާނީ ލިބިހުރި މިންވަރަކުން މި ޒަމާނާއި ހަމަޔަށް
އެ ދަރިކޮޅުގެ މަޢުލޫމާތު ތިލަކުރެވޭތޯ މަސައްކަތްކޮށްފައެވެ. އަދިވެސް އުނި އިތުރެއްވާނަމަ
މި މަޒްމޫނުތައް ޝާއިޢު ކުރައްވަވާ ފަރާތާއި ގުޅުއްވައިގެން އެކަން އަންގަވާލަދެއްވުން
އެދެމެވެ. އަދި އުނި އިތުރެއް ވާނަމަ އެކަމަށްޓަކައި ނިކަމެތި އަޅުގަނޑަށް ދީލަތި މަޢާފެއް
ދެއްވުމަށްވެސް އެދެމެވެ.
މާވާގަނޑުވަރު ހުސައިންދީދީގެ
ޢާއިޝަތުދީދީ ( ދޮންދީދީ) ގެ ބޭފުޅުންގެ ތެރެއިން ދެން އަޅުގަނޑު ލިޔާން ގަސްތުވެވިގެން
މި އުޅެވެނީ ޚަދީޖާދީދީ އާއި އެއްބަނޑު އެއްބައްޕާ މަރިޔަމްދީދީގެ ޢާއިލާ އާއި ބެހޭ
ގޮތުންނެވެ. މި މަރިޔަމްދީދީ އަކީ މާވާގަނޑުވަރު މަރިޔަމްދީދީގެ ޙުސައިންދީދީގެ ޢާއިޝަތުދީދީ
(ދޮންދީދީ) ، ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނުންނާއި ކުރެއްވި ކައިވެނީން ލިބިވަޑައިގެންނެވި
ދަރިކަނބަލެކެވެ. މި ކަމަނާ ކައިވެނި ކުރެއްވީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއިއެވެ.
ބޮޑަށް ބެލެވޭ ގޮތުގައި މި ކައިވެނި ކުރެވިފައިވަނީ ކަކާގެ އާއި އަތިރީގެ އާއި ދެމެދުގައިވާ
ސިޔާސީ ވާދަވެރިކަން ރަޙްމަތްތެރިކަމަކަށް ބަދަލުކޮށްލުމުގެ މަޤްސަދުގައެވެ. އިބްރާހިމް
ދޮށިމޭނާ ކިލެގެފާނާއި ކުރެއްވި ކައިވެނިން މި މަރިޔަމްދީދީ އަށް ލިބިވަޑައިގަތީ އެންމެ
ބޭފުޅެކެވެ. އެއީ:
1.2.1 އަހްމަދު
ދީދީ (އަތިރީގޭ އަހްމަދު ދޮށިމޭނާ ކިލެގެފާނު)
މި ދަރިކަލުން ރައްކާވިތާ
ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަރިޔަމްދީދީ އަވަހާރަވެއްޖެއެވެ. އަދި އެޔަށްފަހު މި
އަޙްމަދު ދީދީ ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ މަރިޔަމްދީދީގެ މަންމަ
ޢާއިޝަތުދީދީ އާއި ބައްޕަ ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. އެހެންނަމަވެސް
މަރިޔަމްދީދީގެ ފިރިކަލުންނަކީ އަތިރީގޭ ޕާޓީގެ ލީޑަރަށް ވުމުންނާއި އެ ޒަމާނުގައި
މި ދެ ސިޔާސީ ޕާޓީ ނުވަތަ ސިޔާސީ ދެ ގެ ޖެހިފައިވަނީ މާ ބޮޑަށްކަމަށް ވުމުން އެއްރޭ
ދަންވަރު އަތިރީގޭ ބޭފުޅުން ކަކާގެއަށް ވެދެވަޑައިގެން އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ
ދަރިކަލުން ( އަޙްމަދު ދީދީ) ސާލަކަށް ލާ އޮޅާލައްވައިގެން އަތިރީގެއަށް ގެންދެވީ އެވެ.
ސަބަބަކީ އެ ދަރިކަލުން އެގޭގައި ހުންނަވައިގެން ބޮޑުވެއްޖެނަމަ އެ ދަރިކަލުންވާނީ
ކަކާގޭ ފަޅީގެ ބޭފުޅަކަށް ކަމަށް އަތިރީގޭ ބޭފުޅުން ދެކެވަޑައިގަތުމެވެ. (މަޢުލޫމާތު
މުޙައްމަދު އަމީން 1 / އާމިނަތު ފާއިޒާ، ޑރ ފަރަހްނާޒް ފައިޞަލް ފޭސްބުކްގައި ޖެއްސެވި
ކޮމެންޓު)
1.2.1 ގައިވާ އަޙްމަދު
ދީދީ (އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނު)
އަޙްމަދު ދޮށިމޭނާ
ކިލެގެފާނުން އުފަންވެވަޑައިގަތީ މީލާދުން 1868 ވަނަ އަހަރުގައެވެ. މި ކިލެގެފާނުން
މަތީ ތަޢްލީމް ޙާސިލް ކުރެއްވީ ސިލޯނުގެ ރިޗްމަންޑް ކޮލެޖުންނެވެ. އަދި ޔޫރަޕާއި ޢުޘްމާނީ
ދައުލަތުގެ ވެރިރަށަށް ޒިޔާރަތް ކުރެއްވި ބޭފުޅެކެވެ. އޭރުގެ ޚަލީފާ ޢަބްދުލް ޙަމީދުގެ
ފައިވާންޕުޅު ދުށުމުގެ ޝަރަފުވެސް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. މި އަތިރީގޭ އަޙްމަދު
ދީދީއަށް ކިލެގެކަމަށް ކޮލި ލެވުނީ ހިޖްރައިން 1311 ވަނަ އަހަރުގައެވެ. ފުރަތަމަ ލެވުނީ
އަތިރީގޭ އަޙްމަދު ކުޑަ ދޮށިމޭނާ ކިލެގެފާނު ކަމުގެ ކޮއްޔެވެ. އަދި އެޔަށްފަހު ދޮށިމޭނާ
ކިލެގެފާނުކަމަށްވެސް ވަނީ ކޮލި ލެވިފައެވެ.
އަތިރީގޭ އަޙްމަދު
ދޮށިމޭނާ ކިލެގެފާނުންނަކީ އެ ކިލެގެފާނުންގެ ވަރަޢްވެރިކަމާއި ތަގްވާވެރި ކަމާއި އަތްޕުޅު
ދީލަތިކަމަށްޓަކައި މަޝްހޫރު ބޭފުޅެކެވެ. އެކިއެކި ގޮތްގޮތުން އެކި ނިކަމެތިންނަށް
އެހިވެވަޑައިގެންނެވި ބޭފުޅެކެވެ. ބޮޑު ސިޔާސީ މުދައްބިރެއްވެސް މެއެވެ. ބޮޑު ތިލަދުންމަތި
އައި ފަހަރު މާލޭގެ ގިނަ ބަޔަކުވެސް ތިބީ ބޮޑު ތިލަދުންމަތީ މީހުންނަށް ވާގި ދޭން ތައްޔާރުގައެވެ.
މިހެންކަމުން މި ކިލެގެފާނުންގެ މޮޅު ސިޔާސީ ރޭއްވެވުމުގެ ތެރެއިން ހަތަރު އަވަށުގައި
ނަންކިޔާ ބޭކަލުން (ކައިރު ކުޑަތައްޚާނު ކަހަލަ) އަތިރީގެޔަށް ގެންނަވާ އެބޭކަލުން
މާލޭ ސަރުކާރުގެ އަތަށް އަނބުރާވެސް ލެއްވިއެވެ. މި ކިލެގެފާނުން އަވަހާރަވީ މީލާދުން
1945 ވަނަ އަހަރުގެ 25 އޭޕްރީލްގައެވެ. އަހްމަދު ދޮށިމޭނާ ކިލެގެފާނުން ފުރަތަމަ ކައިވެނި
ކުރެއްވީ އާގަނޑުވަރު ތުއްތުގޮމަ އާއިއެވެ. އެހެންނަމަވެސް ތުއްތުގޮމައަށް ބޭފުޅުން
ލިބިވަޑައިނުގަންނަވާތީ އިތުރު ކައިވެންޏެއްވެސް ކުރެއްވިއެވެ. އެއީ ރޯނުގޭ އިބްރާހިމް
ދީދީ ގެ ޢާއިޝަތުދީދީ އާއި ކުރެއްވި ކައިވެންޏެވެ. (ދިވެހިރާއްޖެ 1 / ދިވެހިނާދީ،
ބައެއް ދުވަސްވީ ބޭފުޅުންގެ އަރިހުން ނެގުނު އިންޓަރވިޔުތަކުން ނެގިފައިވާ އިންޓަރވިޔު)
މި ކައިވެނިން ލިބިވަޑއިގެންނެވި ބޭފުޅުންނަކީ:
1.2.1.1 މުޙައްމަދު އަމީންދީދީ ( މުހައްމަދު އަމީންދީދީ ދޮށިމޭނާ
ކިލެގެފާނު )
1.2.1.2 މަރިޔަމް
އަމީން ދީދީ
1.2.1.3 އާމިނަތު އަމީންދީދީ
1.2.1.1 ގައިވާ
މުޙައްމަދު އަމީން ދީދީ
މުޙައްމަދު އަމީންދީދީ
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިލާދުން
20 ޖުލައި 1910 ވަނަ އަހަރުގައެވެ. ތަޢްލީމް ޙާސިލް ކުރެއްވީ ސިލޯނުގެ ސެއިންޓް ޖޯސެފް
ކޮލެޖުންނާއި ސެއިންޓް ޖޯންސް ކޮލެޖުންނެވެ. އަދ އެޔަށްފަހު އިންޑިޔާއަށް ވަޑައިގެން
އަލީގަޅު ޔުނިވަރސީޓީ އިންވެސް ތަޢްލީމް ޙާސިލް ކުރެއްވިއެވެ. (މަޢުލޫމާތު: ދިވެހި
އަދީބުން/ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ މަރުކަޒު)
މުހައްމަދު އަމީންދީދީ ވަނީ ދިވެހި ސަރުކާރުގެ އެތައް ވަޒީފާއެއްވެސް އަދާ
ކުރައްވާފައެވެ. އަދި އެމަނިކުފާނުންގެ ބައްޕަ އަޙްމަދު ދޮށިމޭނާ ކިލެގެފާނުން އަވަހާރަވުމުން
މުޙައްމަދު އަމީނަށް ދޮށިމޭނާ ކަމަށްވެސް ވަނީ ކޮލިލެވިފައެވެ. އައްސުލްޠާން މުޙައްމަދު
ޝަމްސުއްދީންގެ ރަސްކަން ނިމިގެންދިޔަ ފަހުން ރާއްޖޭގެ އެންމެމަތީ ބާރުތައް ލިބިފައިވަނީ
އަތިރީގެޔަށް ކަމުން މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުވެސް ފަހުން ފެނިފައިވަނީ
ރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ ފަޑިންނެވެ. އިހަށްވެސް ދަންނަވާލެވިފައިވާނޭ ފަދައިން
ސަރުކާރު ހިންގަން ތިއްބެވި އަތިރީގޭ ބޭފުޅުންނާއި ޝަމްސުއްދީން ރަދުންގެ ދަރިކަލުން
އަދި ވަލީ އަޙްދު އަލްއަމީރު ޙަސަން ޢިއްޒުއްދީނާއި ދެމެދުގައި އައީ އެކި ކަހަލަ ކުނިތައް
ޖެހެމުންނެވެ. އަދި ޝަމްސުއްދީން ރަދުން އެދިވަޑައިގަންނަވާ ފަދައިން އެ ރަދުން އަވަހާރަވުމަށްފަހު
ދިވެހި ރަސްކަމަށް ޙަސަން ޢިއްޒުއްދީނު އިސްކުރުމަށް އަތިރީގޭ ޚާންދާނުގެ ބޭފުޅުން
ރުހިވަޑައިގަންނަވާ ކަމުގައި ނުވެއެވެ.
ކޮންމެއަކަސް މި މައްސަލަތައް ހޫނުވެ އެންމެފަހުން ދައުލަތުގެ އަމަން ޢާއްމަށް
ބުރޫ އަރާކަމަށް ބުނެ ޙަސަން ޢިއްޒުއްދީނުގެ ބަޔެއް އަރިހު ބޭކަލުން ބަލާ ޢަސްކަރިއްޔާއިން
ފޮނުއްވިއެވެ. އެ އަރިހު ބޭކަލުންނީ މާލިމީ ކޮއި ޅަތުއްތު އާއި ޢަލިފުޅު ތުއްތު އާއި
އޮއްކޮ ދޮންކޮއްކޮ އެވެ. އެމީހުންގެ މައްޗަށް ޝަރީޢަތް ކުރައްވަން ފެއްޓެވިއެވެ. އަދި
އެހިސާބުން ޙަސަން ޢިއްޒުއްދީނު އޭނާގެ ބައްޕާފުޅު އަދި ރާއްޖޭގެ ރަސްގެފާނު ޝަމްސުއްދީނު
އަރިހަށް ވަޑައިގެން ވިދާޅުވި ކަމުގައި ވަނީ " ބައްޕާފުޅު ނޫނީ މި ވަގުތު އަޅުނގަޑުގެ
ޙާލު ބަލާން ތިބީ މިތާ ތިބި ކުދިންނޭ، އެ ކުދިންނާއި މެދު ކަމެއް ޖެހިގެން އެކަމެއް ޝަރީޢަތުން ބައްލަވާ އެ ކުށެއް ޘާބިތު
ވާންދެން ތިމަން އެމީހުންނަކާއި ވަކިވެވަޑައެއް ނުގަންނަވާނަމޭ" އެންމެ ފަހުން
ޝަމްސުއްދީން ރަދުންވެސް އެ ޝަރީޢަތް ކުރެވޭ ތަނަށް ވަޑައިގަތީއެވެ. އަދި އެއްވެފައި
ތިބި ދިވެހި ރައްޔިތުންނާއި މުޚާޠަބުކޮށް ގޮވާލެއްވީ "ތިޔަ ބޭކަލުން ރުހެނީ ތިމަމެން
ދެބަފައިކަލުންނަށް ތޯ ނޫނީ ދެ ފަރީދާއި އަމީނަށް ތޯއެވެ. މިހެން ގޮވާލުމުން ދެ ފަރީދާއި
އަމީނު ގޮވާލެއްވި ކަމުގައި ވަނީ ރައްޔިތުން ބޭނުމީ ތިމަމެން ދެ ފަރީދާއި އަމީނު އާއި
އިސްލާމްދީންތޯއޭ ނޫނީ ދެބަފައިކަލުންތޯއެވެ." ދިވެހި ރައްޔިތުން ބޭނުންވީ
"އިސްލާމް ދީން" އަންނަ ފަޅިކަމުން ޝަމްސުއްދީން ރަސްކަމުން "ޢަޒުލު"
ކުރެވުނީއެވެ. (މަޢުލޫމާތު: ދިވެހި ތާރީޚަށް އައު އަލިކަމެއް/ ޞަފްޙާ 888)
އެޔަށްފަހު ފެނިގެންދިޔަ އައްސުލްޠާން ޙަސަން ނޫރައްދީނުގެ ވެރިކަމުގަޔާއި
އަދި ޙަސަން ފަރީދު ދީދީ ގެ ޚުދުމުޚްތާރު ވެރިކަމުގައިވެސް މުޙައްމަދު އަމީން ދޮށިމޭނާ
ކިލެގެފާނުން ފާހަގަކޮށްލެވެނީ ވެރިކަމުގެ އެންމެ މަތީ ފަޑިންނެވެ. އަދި ޙަސަން ފަރީދު
ގެއްލިވަޑައިގެންނެވި ފަހުން މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ރާއްޖޭގެ ވަލިއްޔުލްއަމްރު
ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ކިލެގެފާނުން ރާއްޖޭގެ ރަސްކަމަށް ޢައްޔަން
ކުރެވިފައިވީ ނަމަވެސް ތަޚްތުގައި އެ ކިލެގެފާނުން އިށީނދެވަޑައި ނުގެންނެވި ސަބަބެއް
ކަމުގައި ގިނަ ތާރީޚް ޢިލްމުވެރީން ވިދާޅުވަނީ އިނގިރޭސިން ގަބޫލުނުވީ ކަމުގައެވެ.
އިނގިރޭސިން ކިލެގެފާނާއި ގަބޫލު ނުވުމުގެ ސަބަބަކީ މުޙައްމަދު އަމީން ކަމުގައި މަޝްހޫރު
ތާރީޚް ޢިލްމުވެރިޔާ މުޙައްމަދު ޝާޠިރު ވިދާޅުވިއެވެ.
ރަންނަބަނޑޭރި ކިލެގެފާނުން އަވަހާރަވީ ފަހުން މުޅި ޤައުމުގެ ވެރިޔަކީ މުޙައްމަދު
އަމީން ދޮށިމޭނާ ކިލެގެފާނެވެ. އަދި ޤައުމުގެ ރަސްކަން ޙަވާލު ކުރެއްވުމުންވެސް މުޙައްމަދު
އަމީން ވަނީ ރަސްކަމަށް އިސްވުމަށް ޢުޒުރުވެރިވެ ވަޑައިގެންފައެވެ. އެހެނަސް އެ ކިލެގެފާނުން
ތާއީދު ކުރެއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރަސްކަމެއްގެ ގޮތުގައި އޮންނާށެވެ. އެހެންކަމުން
އެއްގަމުގޭ އިބްރާހިމް ފާމުލަދޭރި ކިލެގެފާނުން ރަސްކަމަށް އިސްކުރެއްވުމަށް މުޙައްމަދު
އަމީން މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް އެއީ ކިލެގެފާނުން ބޭނުންވާ މަޤާމެއް
ނޫން ކަމުގައި ދެންނެވިއެވެ. ދެން މަސައްކަތް ކުރެއްވީ އޯކިޑްމާގޭ ތުއްތުގޮމާ ދިވެހި
ތަޚްތަށް އިސްކުރައްވާށެވެ. އެކަމާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ޖަލާލުއްދީނު ގަބޫލު
ނުވުމުގެ ސަބަބުން އެކަން ހުއްޓަވާލެއްވުމަށްފަހު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް
ވެރިކަން ކުރެއްވޭނެ ކަހަލަ ނިޒާމެއް ގެނައުމުގެ ގޮތުން ރަސްކަން ޖުމްހޫރިއްޔަތަކަށް
ބަދަލު ކުރެވުނެވެ. އެހިސާބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ފެށުނީއެވެ.
ސުމުއްވުލް އަމީރުލް މަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ދިވެހި
ރާއްޖޭގެ އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވާނި ދެންނެވިފައެވެ. އެ މަނިކުފާނުގެ
ޖުމްހޫރީ ވެރިކަމަށް 7 މަހާއި ކުޑަ ދުވަސްކޮޅެއް ވީތަނުން އެމަނިކުފާނުގެ ނާއިބަކަށް
ހުންނެވި ވެލާނާގޭ އިބްރާހިމްދީދީ އިސްކޮށް ހުންނަވައިގެން ރޭއްވެވި ރޭއްވެވުމެއްގެ
މަތިން އެ ވެރިކަން ވައްޓާލެވުނެވެ. ނުވަތަ އިންގިލާބަކުން ވެރިކަން ބަދަލުކޮށްލެވުނެވެ.
މި އިންގިލާބު ގެނައި އިރު މުޙައްމަދު އަމީންދީދީ ހުންނެވީ ބޭސްކޮޅަކަށް ވަޑައިގެން
ސިލޯނުގައެވެ. މާލެ ވަޑައިގެންނެވުމުން މުޙައްމަދު އަމީން ބެހެއްޓުނީ ދޫނިދޫގައިއެވެ.
އެތަނުގައި ހުންނަވައިގެން ކަކާގޭ އިބްރާހިމް ޙިލްމީ ދީދީ އާއި ޝަމްސުއްދީނު ޙިލްމީ
ދީދީ އާއި ގުޅިވަޑައިގެން އިންގިލާބެއް ރާއްވަވާ އެއްރޭ ދަންވަރު މާލެ އަރާވަޑައިގަތެވެ.
އެހެންނަމަވެސް އެކަން ނާކާމިޔާބުވިއެވެ. އަދި ރައްޔިތުން ނިކުމެ މުޙައްމަދު އަމީން
ދޮށިމޭނާ ކިލެގެފާނުގެ ހަށިކޮޅު ތަޅާ ސުންނާފަތި ކޮށްލިޔޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.
އެ ކިލެގެފާނުން އަވަހާރަވީ މި ކަންތަކަށްފަހު ވިހަމަނާފުއްޓަށް ފޮނުވާލެވިފައި ހުންނަވަނިކޮށެވެ.
އަވަހާރަވީ ލިބިވަޑައިގެންނެވި އަނިޔާތަކުގެ ސަބަބުންނެވެ. (މައުލޫމާތު: އިބްރާހިމް
ޙަސަން (ރީހުއްސަބާ) / މުޙައްމަދު ޝާޠިރު)
މުޙައްމަދު އަމީންދީދީ އެއް ކައިވެންޏަށް ވުރެ ގިނަ ކައިވެނި ކުރެއްވިއެވެ.
އެހެންނަމަވެސް ބޭފުޅަކު ލިބިވަޑައިގަތީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުއްތަމަ
ފަނޑިޔާރު މަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް ސަޢީދު ދީދީ އާއި ކުރެއްވި ކައިވެނިންނެވެ.
އެއީ:
1.2.1.1.1 އަމީނާ މުޙައްމަދު އަމީން
1.2.1.1.1 ގައިވާ އަމީނާ މުޙައްމަދު އަމީން
އަމީނާ މުޙައްމަދު އަމީން 3 ކައިވެންޏެއް ކުރެއްވި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެއީ ޝަމްސުއްދީނު ޙިލްމީ އާއި ކުރެއްވި ކައިވެންޏާއި ޢަބްދުލް މަޖީދު މާހިރާއި ކުރެއްވި
ކައިވެންޏާއި އަދި މާވާގޭ ޢަބްދުލް ޙަމީދާއި ކުރެއްވި ކައިވެންޏެވެ. ބޭފުޅުން ލިބިވަޑައިގެންނެވީ
އެންމެ ފަހުން ބަޔާން މި ކުރި ދެ ކައިވެނިންނެވެ. އެގޮތުން
ޢަބްދުލްމަޖީދު މާހިރާއި ކުރެއްވި ކައިވެނީން
1.2.1.1.1.1 ޑރ ފަރަހްނާޒް ފައިޞަލް
1.2.1.1.1.2 އަމީން ފައިޞަލް
1.2.1.1.1.3 އިބްރާހިމް ފައިޞަލް ލިބިވަޑައިގަތެވެ.
މާވާގޭ ޢަބްދުލް ޙަމީދާއި ކުރެއްވި ކައިވެނިން
1.2.1.1.1.4 ޢައިޝަތު ޝުވޭކާރު
1.2.1.2 ގައިވާ މަރިޔަމް އަމީން
އައްނަބީލާ މަރިޔަމް އަމީނު ކައިވެނި ކުރެއްވީ ކަކާގޭ އަޙްމަދު ޙިލްމީ ދީދީ
އާއި އެވެ. މި ކައިވެނިން ލިބިވަޑައިގެންނެވި ބޭފުޅަކީ
1.2.1.2.1 އިސްމާޢިލް ޙިލްމީ އެވެ.
ނޯޓް:
މުޙައްމަދު އަމީންދީދީގެ އަމީނާ މުޙައްމަދު އަމީންގެ ފިރިކަލުން ޢަބްދުލްމަޖީދު
މާހިރަކީ އިބްރާހިމް ރަސްގެފާނުންގެ ސަންފާ ރަންދި ކަނބާފާނުގެ ބީރު އިބްރާހިމް
ދީދީގެ ބީރު ޙަސަންދީދީގެ ޢަލީ މަލިން މަނިކުފާނުގެ މަލިންގޭ ޙަސަންދީދީގެ
ވެލާނާގޭ މުޙައްމަދުދީދީގެ ޢަބްދުލްމަޖީދު މާހިރެވެ. ޢަބްދުލްމަޖީދު މާހިރުގެ
މަންމާއަކީ އިބްރާހިމް ރަސްގެފާނުންގެ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީންގެ
އަލްއަމިރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ޙުސައިންދީދީގެ ފުނާޑި ގަނޑުވަރު
އަޙުމަދީދީގެ ފުނާޑި ގަނޑުވަރު އައިޝަތުދީދީއެވެ. ހަމަ މިފަދައިން މި ޢާއިޝަތުދީދީ
އަކީ އިބްރާހިމް ރަސްގެފާނުންގެ މަރިޔަމް ކަނބާފާނުގެ މުޙައްމަދުދީދީގެ
ޙުސައިންދީދީގެ ވަލުދަޑި މަރިޔަމްދީދީގެ ދޫޑޭރެ ޙައްވާދީދީގެ ދޫޑޭރެ
މަރިޔަމްދީދީގެ ޢާއިޝަތުދީދީވެސްމެ އެވެ. (ނުނިމޭ)
--------------------
ލިޔުއްވީ:
އަޙުމަދު ޢަލާ
(ޢަލާދީދީ)
މަޢުލޫމާތު:
އައްޝައިޚް
އިބްރާހިމް ޙަސަން / މ. ރީހުއްޞަބާ ކ.މާލެ
ޑރ ފަރަހްނާޒް
ފައިޞަލް އަރިހުން ހޯދުނު މަޢުލޫމާތު
މުޙައްމަދު
އަމީން / ޑޭޒީމާގޭ ފާއިޒާ
ޕާކަރު
ރަޝީދުގެ ދަރިފަސްކޮޅު ނޯޓުތަކަކުން / ޗާޕުނުވާ
ޢަބްދުﷲ
ޙިލްމީ/ ތިނަދޫ