އެންމެ ލޮލަކާއި ހަޔެއްކަ އަނގަ ހުންނަ އިންސާނުން


އެންމެ ލޮލަކާއި ހަޔެއްކަ އަނގަ ހުންނަ އިންސާނުންނަކީ ދިވެހިރާއްޖެއިން މިހާތަނަށް ޢާއްމުކޮށް ފެންނަމުން ދިޔަ ބަޔެއް ނޫނެވެ. ނަމަވެސް މިހާރަކަށް އައިސް ހީވެސް ނުކުރާ ގޮތަކަށް މީސްމީހުންގެ ސިފަ ގޮތްގޮތަށް ބަދަލުވެގެން ދާތީ މިވާގޮތަކާ މެދު ފާލުބަލާ މީހުންނާއި ރަމަލު ވެރިންނާއި ނަކަތްތެރިންގެ މަހާސިންތާއެއް 3 ދުވަސް ވަންދެން ބާއްވައިފިއެވެ.


އޭގެފަހުން އެބައިމީހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެ ކަމަކީ ޤުދުރަތުގެ އުފެއްދެވުމެއް ނޫން ކަމަށާއި، އެގޮތަށް މަދުވެގެން ހަޔެއްކަ އަނގައާއި އެންމެ ލޮލޮލެއް ހުންނަ އިންސާނީ ސިފަތަކެއްގެ ބަޔަކު ދިވެހި ވެށީގެ ތެރެއިން މިފެންނަނީ ފަހު ޒަމާނުގެ ޙީލަތްތެރި ސިޙުރުވެރިން ތައްޔާރުކޮށްފައިވާ ސިޙުރުވެރި ފައިސާ ތަކެއްގެ ދަންތޫރައެއްގައި މީދަލެއްހެން އެ ބަޔަކު ޖެހި އެއިން މިންޖު ނުވުމުން ކަމަށެވެ. މިހެންވުމުން ހަޔެއްކަ އަނގައާއި އެންމެ ލޮލެއް ހުންނަ އިންސާނީ ސިފަ ލިބިފައިވާ ފަރާތްތަކެއް ދިވެހިރާއްޖެއިން ފެންނަމުން ދާތީ އެއްވެސް މީހަކު އެކަމާއި ޙައިރާންވެ ކަންބޮޑުވެ ރާއްޖެ ދޫކޮށް ބޭރު ޤައުމަކަށް ހިޖުރަ ނުކުރުމަށް ވެސް އެ ފަރާތުން އެދިފައިވެއެވެ.

ފާލުބަލާ މީހުންނާއި ރަމަލު ވެރިންނާއި ނަކަތްތެރިންގެ މަހާސިންތާގެ މީޑިއާ ކޯޑިނޭޓަރ ބުނެފައިވަނީ އެ ގޮތަށް ސިފަ ބަދަލުވެފައިވާ ބަޔަކަށް ފުރަތަމަ ފެންނަނީ ވަރަށް ގިނަ ޢަދަދެއްގެ ފައިސާތަކެކެވެ. މިހާގިނަ ފައިސާތަކެއް އެއްފަހަރާ ފެނުމުން ފައިސާއަށް ދަހިލަވާފައިވާ މީހާގެ ބުއްދި ތަޣައްޔަރުވެ އަމިއްލަ އެދުމުގެ ބަލިގަނޑު ކުއްލިއަކަށް ހިލި ސިއްރު ސިއްރުން ގޮސް އެ ފައިސާތައް ނަގަން އޭގައި ހިފުމާއެކު މީހާގެ އަތް ކުއްލިއަކަށް ދަންތޫރައެއްގައި ތާށިވަނީއެވެ. 

މިދަންތޫރައަކީ ފަހުޒަމާނުގެ ޙީލަތްތެރިން ވަރަށްމޮޅަށް ޒަމާނުގެ ޓެކްނޮލޮޖީއާ އެކު ތައްޔާރުކޮށްފައިވާ އެއްޗަކަށް ވުމުން އެ ފައިސާތަކުގައި އެ މީހަކު ޖެހުމުގެ ކުރިން އެ މީހާ ތާށިވާނޭ ޙީލަތުގެ މިދަންތޫރައެއް އެމީހަކަށް ނުވެސް ފެންނާނެއެވެ. މިދަންތޫރަ އެންމެ ވައްތަރުވާނީ ވެސް ޢާއްމުކޮށް މީދާ ހިފަން ބޭނުން ކުރާ ދަންތޫރަ ނުވަތަ ދައްޗާއެވެ. 

ފާލުބަލާ މީހުންނާއި ރަމަލު ވެރިންނާއި ނަކަތްތެރިންގެ މަހާސިންތާގެ ބައިވެރިއަކު ނަން ނުޖެހުން ޝަރުޠުކޮށްފައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މީސްތަކުންގެ ތެރެއިން ވީނުވީއެއް ނޭނގި މީހެއްގެ ސިފަ ކުއްލިއަކަށް ބަދަލުވެ އެ މީހެއްގެ ގިނަ އަނގަތަކެއް ފައުޅުވެ އެކި އަނގައިން އެކި ވާހަކަދައްކަނީ މިބާވަތުގެ ސިޙުރުވެރި ދަންތޫރައެއްގައި ޖެހިފައިވާ މީހުންނެވެ. އެފަދަ މީހެއްގެ އެއް އަނގައިން ތިމަންނާއަކީ ފިރިހެނެކޭ ބުނާއިރު، ހަމަ އެވަޤުތު އެމީހާގެ އެހެން އަނގައަކުން ތިމަންނާއަކީ އަންހެނެކޭ ވެސް ބުނާނެއެވެ. އެހާ ވެސް އެކި އަނގައިން ދައްކާ ވާހަކައިގެ ފުށު އެރުމާއި ތަފާތު ބޮޑުވާނެއެވެ. މަހާސިންތާގެ މި ބައިވެރިއަކު އިތުރަށް ބުނީ ފަހު ޒަމާނުގެ ޙީލަތްތެރިން އެހާމެ މޮޅަށް ޒަމާނުގެ ޓެކްނޮލޮޖީއާ އެކު ތައްޔާރުކޮށްފައި ވަނީ މިބާވަތުގެ މީދާ ހިފާ ފާޑުގެ ސިޙުރުވެރި ދަންތޫރަ އެކަންޏެއްނޫނެވެ. އެއާއެކުމެ ޒުވާން ބުރުޞޫރަ ރީތި އަންހެން ޞޫރަތަކާއި ފާޑުފާޑުގެ ފުޅިތަކެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. އެފަދަ އެއްވެސް އެއްޗެއްގައި މީހަކު ބީހިލި ނަމަވެސް އެ މީހެއްގެ ކަންތައް އެ ހިސާބުން މުޅިން އިންދިރާސްވެ އަވަދިވީއެވެ.
                 -------------------
ޢަބްދުﷲ ޙަސަން ހުޅުދުމައިގެ
04 ނޮވެމްބަރު 2018މ.