
އިހުޒަމާނުގައި މީހުން ދިރިއުޅެމުން ގެންދިޔައީ، ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އާންމު ދިރިއުޅުމުގައި މާގިނަ އުނދަގޫތަކެއް އޭރަކު އިޙުސާސެއް ނުކުރެވެ އެވެ. އެހެނަސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ ނުހަނު ދަތި އުނދަގޫ ކަމެއް ކަމުގައި ވި އެވެ. އޭރު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ވަސީލަތްތަކަކީ، އަހާއި، ޙިމާރާއި، ބަޣަލު ފަދަ ޖަނަވާރުތަކެވެ. އޭރު އެއެއްޗިއްސަށް ކިޔައިއުޅުނީ ސަވާރީ އެވެ. އޭރު އެފަދަ ޖަނަވާރުތައް، ސަވާރީއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ވެ އެވެ. އެއިން އެއްކަމަކީ، އޭގެ ބުރިކަށިމަތީގައި އިށީނުމަށްޓަކައި ބާއްވާ އެތި ތައްޔާރުކުރުމެވެ. ގޮދަޑިގަނޑެއްގެ ސިފައިގައި އޭތި ތައްޔާރުކުރަނީ، އޭގެތެރެއަށް ހުއި އަޅައިގެންނެވެ. ޖަނަވާރެއްގެ ބުރިކަށިމަތީގައި އޭތި ބޭއްވުމުން، އެ ޖަނަވާރު ސަވާރީއަކަށް ވީ އެވެ.
މިދެންނެވި
ގޮތަށް ކަންތައް އޮތް ޒަމާނުގައި، އެއްދުވަހަކު ދެ މަގަކުން ހިނގާފައި ދިޔަ ދެ މީހަކު، ހަތަރު އަނގޮޅި ކަންމައްޗެއްގައި ބައްދަލުވެ، އެކަކު އަނެކަކަށް ތަޢާރަފުވި އެވެ. އޭން އެކަކުގެ ނަމަކީ، "ޙައްޤު" އެވެ. އަނެކަކުގެ ނަމަކީ، "ބާޠިލު" އެވެ. އެ ދެ މީހުން ވެސް ހިނގަމުންދިޔައީ
އެއް ރަށަކަށް ދިއުމަށެވެ. އެ ދެ މީހުން ބައްދަލުވި ތަނުގައި ތިއްބައި، ދުވަމުންދިޔަ ޙިމާރެއް، އެ ދެ މީހުންނަށް ފެނުނެވެ. އެއީ، ދަތުރުކުރަން ތައްޔާރުކޮށްފައިވާ ސަވާރީއެއް ކަމުގައި ވި އެވެ.
ދެން އެ ދެ މީހުން އެ ޙިމާރު އަތުލައިގަތުމަށްޓަކައި ދުއްވައިގަތެވެ. ދެމީހުންކުރެ ބާރަށް ދުވަނީ ޙައްޤެވެ. އެހެންކަމުން ބާޠިލަށްވުރެ ކުރިން، ޙައްޤު ގޮސް ޙިމާރު ހުއްޓުވައި އެއަށް ސަވާރުވާން
އުޅުނެވެ. އެހިނދު ބާޠިލު ގޮސް ޙިމާރުގެ ފައިގައި ހިފައި ތަޅުވައިގަތެވެ. އެކަމުގެ ސަބަބުން، ޙައްޤަށް، ޙިމާރުގެ މައްޗަށް ސަވާރެއް
ނުވެވުނެވެ. އެކަމާހެދި، ޙައްޤާއި ބާޠިލާ ދެމީހުން އަރައިރުންވާން
ފެށި އެވެ.
ޙައްޤު ބުނަނީ، ޙިމާރު ހުއްޓުވީ ޙައްޤު ކަމަށެވެ. އެހެންވީމާ، ޙިމާރަށް ސަވާރުގެ އޭގެ މަތީގައި ދަތުރުކުރުމުގެ ޙައްޤު ލިބެންޖެހޭނީ، ޙައްޤަށް ކަމަށެވެ.
ބާޠިލު ބުނަނީ،
ޙިމާރު ފުރަތަމަ
ފެނުނީ ބާޠިލަށް ކަމަށެވެ.
އެހެންވީމާ، ޙިމާރުގެ ބުރިކަށިމަތީގައި ދަތުރުކުރުމުގެ ޙައްޤު ލިބެންޖެހޭނީ، ބާޠިލަށް ކަމަށެވެ.
މި އަރާރުން ކޮޅެއްގައި ޖެއްސުމަށްޓަކައި ޙީލަތެއް ހެދުމުގެ ނިޔަތުގައި ބާޠިލު ބުންޏެވެ.
ބާޠިލު: މިހެން ކިތަންމެއިރެއް ވަންދެން ޒުވާބުކުރިއަށް މި މައްސަލަ ހައްލެއް ނުވާނެ އެވެ. އެހެންވީމާ، ދެމީހުން އެއްބަސްވުމަކަށް އަންނަމާ ހިނގާށެވެ!
ޙައްޤު: އެންމެ ރަނގަޅެވެ. އެއްބަސްވާންވީ ކޮންކަމަކަށް ހެއްޔެވެ؟
ބާޠިލު:
އެއްބަސްވާންވީ، އެކަކު
ޙިމާރުގެ މައްޗަށް ސަވާރުވެ ދަތުރުކުރުމަށެވެ. އަނެކަކު ހިނގާފައި ދިއުމަށެވެ. ޙިމާރުގެ މައްޗަށް ސަވާރުވާ މީހާއަށް އޭގެ މަތީގައި ދަތުރުކުރެވޭނީ، ހިނގާފައިދާ
މީހާ ވަރުބަލިވަންދެނެވެ. ދެން ޙިމާރުގެ މަތީގައި ދަތުރުކުރާ މީހާ ފައިބައި،
އަނެކަކު ޙިމާރުގެ
މައްޗަށް ސަވާރުވެގެން ދަތުރުކުރާނީ އެވެ. އެހެނަސް، ފުރަތަމަ ޙިމާރުގެ މައްޗަށް ސަވާރުވެ އޭގެ މަތީގައި ދަތުރުކުރާނީ ބާޠިލެވެ!
ޙައްޤު: ތިޔަ
ގޮތާމެދު އެއްބަސްވަމެވެ.
ދެން، މި
އެއްބަސްވި ގޮތުގެމަތިން،
ޙިމާރުގެ މައްޗަށް
ބާޠިލު ސަވާރުވި އެވެ. ޙައްޤު
ދިޔައީ ބިންމަތީގައި
ހިނގާފަ އެވެ.
އެގޮތުގައި އެތައް ކިލޯމީޓަރެއް ފަހަނަޅައިދިޔައިރު، ޙައްޤު ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ. ދެން ޙިމާރުގެ މައްޗަށް އޭނާ ސަވާރުވުމަށާއި، ބާޠިލު ހިނގާފައި ދިއުމަށް އެދުނެވެ. އެހެނަސް އެކަމަށް، ބާޠިލު އިޖާބައެއް
ނުދިނެވެ.
ޙައްޤު ބުންޏެވެ. "އެއްބަސްވެފައިވާ ގޮތުގެ މަތިން ކަންކުރުމަށްޓަކައި، ބާޠިލު ބިމަށް ފައިބާށެވެ! ދެން ޙިމާރުގެ މަތީގައި ދަތުރުކުރާނީ އަހުރެންނެވެ. ބާޠިލު ވަރުބަލިވުމުން އަހުރެން ބިމަށް ފައިބައި، ޙިމާރަށް ސަވާރުވުމުގެ ފުރުޞަތު ބާޠިލަށް ދޭނަމެވެ."
ބާޠިލު
މަލާމާތުގެ ރާގަކަށް
ހީނލާފައި ބުންޏެވެ.
"ކޮން އެއްބަސްވުމެއް
ހެއްޔެވެ؟ ތިޔައީ
ޙައްޤެވެ. މިއީ ބާޠިލެވެ.
ޙައްޤާއި ބާޠިލާ
ދެމެދުގައި ދުވަހަކުވެސް އެއްބަސްވުމެއް ނޯންނާނެކަން ޙައްޤަށް ވެސް އެނގޭނެ އެވެ."
ޙައްޤު:
މިދައްކަނީ، އަހުރެމެން ދެ
މީހުން ޙިމާރުގެ
މަތީގައި ދަތުރުކުރާނެ
ގޮތަކާމެދު ވީ
އެއްބަސްވުމުގެ ވާހަކަ އެވެ. ތިޔަ
ބުނަނީ އެ އެއްބަސްވުމަކީ
ނެތް އެއްޗަކަށް ވެއްޖެ ވާހަކަ ހެއްޔެވެ؟
ބާޠިލު:
އަހުރެމެން ދެ މީހުން
ޙިމާރުގެ މައްޗަށް ސަވާރުވުމަށްޓަކައި، އެއްބަސްވުމަކަށް އައުމަށް ހުށަހެޅީ ކާކު ހެއްޔެވެ؟
ޙައްޤު: އެއީ،
ބާޠިލު ހުށަހެޅި
ހުށަހެޅުމެކެވެ.
ބާޠިލު: އެހެންކަމަށްވަނީނަމަ، އެއީ ބާޠިލު އެއްބަސްވުމެކެވެ. ޙައްޤަށް ވެސް އެނގޭނެ ފަދައިން، ބާޠިލު ހުށަހަޅާ ކޮންމެ ހުށަހެޅުމަކީ
ބާޠިލު ހުށަހެޅުމެކެވެ!
ބާޠިލު މިހެން ބުނުމުން، އެކަމާ ދެކޮޅުހަދައި، ޙައްޤު އަޑުއުފުލަންފެށި އެވެ. އެހިނދު، އެ ހިސާބުން ދަތުރުކުރަމުންދިޔަ މީހަކު ފެނިފައި، ޙައްޤު ބުންޏެވެ. "ބާޠިލު ތިދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫންކަން، ދަތުރުކުރަމުން އެދާ މުސާފިރަށް ވެސް އެނގޭނެ އެވެ."
އެހިނދު ބާޠިލު ބުންޏެވެ. "އެންމެރަނގަޅެވެ. އަހުރެމެން ދެމީހުންގެ މެދުގައިވާ މި މައްސަލައާމެދު، އެ މުސާފިރު ގޮތެއް ނިންމައިފިނަމަ، އެ ގޮތް، ޙައްޤު ޤަބޫލުކުރާނަން ހެއްޔެވެ؟"
ޙައްޤު: އޭނާ
ނިންމާ ގޮތެއް
އަހުރެން ޤަބޫލުކުރާނަމެވެ.
ދެން ބާޠިލު، ނިކަން ބާރަށް އެ މުސާފިރަށް ގޮވައި، އޭނާ އެތަނަށް ގެނުވުމަށްފަހު، ބުންޏެވެ.
"އަޅުގަނޑުމެން ދެ މީހުން މިއުޅެނީ، ހިނގާނީ ޙައްޤުކަން ނުވަތަ ހިނގާނީ
ބާޠިލުކަން ނޭނގިގެންނެވެ!
މިކަމުގައި ނުހަނު އިންޞާފުވެރިކަމާއެކު ގޮތެއް ނިންމަވައި ދެއްވަ ބައްލަވާށެވެ! ތިޔަ ބޭފުޅާ ނިންމަވާ ގޮތެއް އަޅުގަނޑުމެން ދެ މީހުން ޤަބޫލުކުރާނަމު އެވެ."
އެ ދެ މީހުންގެ ދެމެދުގައި ޖެހިގެންއުޅޭ މައްސަލައަކީ ކޮބައިތޯ ބަލައިލުމެއް ނެތި، މުސާފިރު ބުންޏެވެ. "ހިނގާނީ ޙައްޤެވެ! އަދި ހިންގަން ވާނީ ވެސް ޙައްޤެވެ!!!"
މިހެން
ބުނުމަށްފަހު، އެ މުސާފިރު ހިނގައްޖެ އެވެ.
ދެން، ޙައްޤާ މުޚާޠަބުކޮށް، ބާޠިލު ބުންޏެވެ. "އޭނާ އެ ނިންމީ، ޙައްޤު ހިނގުމަށެވެ! އެހެންވީމާ، ޙައްޤު ދާންޖެހޭނީ ހިނގާފަ އެވެ! ޙައްޤަކަށް އެނޫން ގޮތެއް ނޯންނާނެ އެވެ!"
މިހެން ބުނުމަށްފަހު، ބާޠިލު މަލާމާތުގެ ރާގެއްގައި ބާރަށް ހޭންފެށި އެވެ! އަދި ހިނގާފައި ދިޔަ ޙައްޤަށްވުރެ ބާރަށް ޙިމާރު ދުއްވަމުން ދުއްވަމުން ހިނގައްޖެ އެވެ!
އިހުޒަމާނުގެ އާދައިގެ ދިރިއުޅުމުގައި ވެސް، މި ގޮތުގެމަތިން ޙައްޤުގެ ޙައްޤު ގެއްލިގެން ދިޔައީ އެވެ! މިޒަމާނުގެ ހަލަބޮލި ދިރިއުޅުމުގައި ވެސް، ޙައްޤު ލިބެންޖެހޭ އެތައް ބަޔެއްގެ ޙައްޤު ގެއްލިގެންދާ މަގުންނެވެ!!!
-------------------
ތަރުޖަމާ:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން