ރޫޙު ގެންނަ މީހާ ވާހަކަދައްކަނީ ޝައިޠާނަކާ
















ސުވާލު
ރޫޙު ގެނައުމަކީ ޙަޤީޤީ ކަމެއްތޯ އެވެ؟ ނުވަތަ އެއީ ޚުރާފީ ކަމެއްތޯ އެވެ؟ ބައެއް މީހުން މަރުވެފައިވާ މީހުންގެ ރޫޙު ގެންނަ ކަމަށް ބުނެ އެވެ. އަދި އެ ރޫޙުތަކާ އެމީހުން ވާހަކަދައްކާ ކަމަށްވެސް ބުނެ އެވެ. އެއީ، ތެދެއްތޯ އެވެ؟ ރޫޙު ގެންނަ ގޮތް ދަސްކޮށްދޭ ފޮތްތައް ވެސް ވާކަމަށް ބުނެވެ އެވެއެފޮތްތަކުން ދަސްކޮށްގެން، ރޫޙު ގެނައުމުގެ މަސައްކަތްކުރުމަކީ، ކޮންކަހަލަ ކަމެއްތޯ އެވެ؟

ޖަވާބު
މަރުވާފައިވާ މީހުންގެ ރޫޙު ގެނައުމަކީ ޙަޤީޤަތެއް އޮތް، ޞައްޙަ ކަމެއް ނޫނެވެ. އަދި އެއީ ދީނުގައި ސާބިތުވެފައިވާ ކަމެއް ވެސް ނޫނެވެ. މީހެއްގެ ރޫޙު ގެނެސްގެން، އެ ރޫޙާ ވާހަކަދައްކައިފި ކަމަށް މީހަކު ބުނެފިނަމަ، އޭނާއަށް ވާހަކަ ދެއްކިފައިވާނީ ޝައިޠާނަކާ އެވެ. އެ ޝައިޠާނާ ވާހަކަ ދައްކާފައިވާނީ، މަރުވެފައިވާ މީހާގެ އަޑުންނެވެ.

މީހަކު މަރުވުމުން އޭނާގެ ފުރާނަ ވާނީ، ރައްކާތެރިކުރެވިފަ އެވެ. މާތް ވަޙީކުރައްވާފައިވެ އެވެ.
(وَيُرْسِلُ عَلَيْكُم حَفَظَةً حَتَّىَ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لاَ يُفَرِّطُونَ) އަލްއަންޢާމް: 61
މާނައީ، "އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރައްވަނިވި މަލާއިކަތުން ފޮނުއްވަތެވެ. ތިޔަބައިމީހުން ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަންރަސްކަލާނގެ ފޮނުއްވާ މަލާއިކަތުން އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ. އެ މަލާއިކަތުން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ."

މިއާޔަތުން އެނގޭ ގޮތުގައި، މަލާއިކަތުން އެ ފުރާނަތައް ރައްކާތެރި ކުރައްވަ އެވެ. އަދި މަރުވާ މީހުންގެ ފުރާނަތައް ވާނީ، އެ ފުރާނަތައް ރައްކާތެރިކުރެއްވިފައިވާ ތަނުގަ އެވެ. އެ ފުރާނަތައް އެއްވެސް ޙާލެއްގައި، އެނބުރި ދުނިޔެއަށް ނާންނާނެ އެވެ.

ރޫޙު ގެނައުމުގެ މަސައްކަތަކީ، ޙަރާމްކަމެކެވެ. އެކަން ޙަރާމްވަނީ، އެކަމުގައި، ދޮގުވެރިކަމާއި، ދައްޖާލުކަމާއި، މީހުންނަށް މަކަރުހެދުން ހިމެނޭތީ އެވެ. އެކަން ކުރާ މީހުންނަކީ، ބާޠިލު ގޮތުގައި މީހުންގެ މުދާތައް ކައިއުޅޭ ބަޔެކެވެ. ފަހެ، ރޫޙު ގެނައުމުގެ މަސައްކަތް ނުކުރުން، މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވެ އެވެ. އެކަމުގައި ވަރަށް ބޮޑެތި ފަސާދަތައް ހިމެނެ އެވެ.
                ------------------

ޖަވާބުދެއްވީ: ފަޟީލަތުއްޝައިޚު މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން
ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން