ކާޑެއްދޫ/މާލެ ފްލައިޓް ކައްދޫގައި ޖައްސާފައި ދާތީ ހައްވައަށް މާބޮޑަށް ލަސްވެއްޖެ







ކާނޑެއްދޫ ވައިގެ ބަނދަރުން ފުރާ ފްލައިޓް، ކައްދޫ ވައިގެ ބަނދަރުގައި ޖައްސައިފިނަމަ، މާލެއަށްދެވޭނީ، ސީދާ ކާނޑެއްދޫން ފުރައިގެން މާލެއަށް ދާ ފުލައިޓަކަށްވުރެ، ފަނަރަވަރަކަށް މިނިޓް ފަހުންނެވެ. އެހެންވެ، އެކަމަކީ، ހައްވައަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އެވަރު މާބޮޑަށް ލަސްވަނީ އެވެ. ހައްވަ ބޭނުންވަނީ (މާލެއަށް އަވަހަށް ދިއުމުގެ ބޭނުމުގައި) ކައްދޫގައި ނުޖައްސާ ސީދާ ކާނޑެއްދޫން ފުރައިގެން މާލެއަށް ދަތުރުކުރާ ފްލައިޓަކުން ޓިކެޓް ހޯދުމަށެވެ. އެއީ އެކަން ވާނޭ ވެސް ގޮތެވެ. ވާންވީ ވެސް ހަމަ އެގޮތެވެ. އެނޫންގޮތެއް ވާކަށް ބޭނުމެއް ނޫނެވެ. އެއީ ޒަމާނީ ތަރައްގީ "ހައްވައާއި" ފުރިހަމައަށް ބައްދަލުކުރީމާ ވާންވީ ގޮތެވެ. 

ކަނޑުމަގުން ބާރަށް ދަތުރުކުރާ ބޯޓެއްގައި 12ގަޑި ނުވަތަ 18ގަޑި ނުވަތަ 24 ވަރަކަށް ގަޑިއިރުތެރޭ، ހުވަދު އަތޮޅުން މާލެ ދެވުމަކީ، ހައްވައާއި ބައްދަލުކުރި ތަރައްގީ އޭނާއަށް ކިޔާފައިވާ މަރުޙަބާއާއި އަދާކުރި ތަހުނިޔާއަށް ފުށުއަރާނޭ ބޮޑުހުތުރެއްކަމަށް ހައްވަ ދެކެއެވެ. އެއީ އޭނާގެ ލަނގޮޑިއަށް ކެތްކުރެވޭނޭވަރުގެ ކަމެއްވެސް ނޫނެވެ. ސަބަބަކީ، މީހުން މަލާމާތްކޮށް އޭނާ ލަދުގަންނަވާލާނެތީ އެވެ. އެހެންވީމާ، ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ ދާންޖެހުނީކަމަށް ބުނެގެން ތަނަވަސްކަން ހުރި އެތައްފަރާތަކަށް ގޮސްގެން ވެސް ކާޑެއްދޫ / މާލެ ޓިކެޓަށް ހައްވައަށް ލިބުނީ ޖުމްލަ 600 ވަރަކަށް ރުފިޔާ އެވެ. ދެން ޓިކެޓަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސީ، ފަގީރުންނާއި މިސްކީނުންގެ ބައިން އިހަށްދުވަހު އޭނާއާއި، އޭނާގެ ނުހިނގޭ ފިރިމީހާއަށް ލިބިފައިވާ ފައިސާގެ އިތުރުން އަވައްޓެރި ކަތްދަގެ ފިރިމީހާގެ ގާތަށްގޮސް މާލެ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާނެކަމަށް ޑޮކްޓަރު ބުނާކަމަށް ބުނެކިޔައިގެން ލިބުނު ފައިސާއިންނެވެ. ލިބުނީވެސް ދެދުވަސްވަންދެން ރޮއި އާދޭސްކޮށްގެން ފަހުން ފައިސާދޭ ގޮތަށެވެ. ހައްވަ އެހެން ބުންޏަސް އޭނާ ބަލިވެގެން ދެއްކީމާ އަވަހަށް މާލެދާން ބުނި ޑޮކްޓަރެއް އިންސާނެއްގެ ޞޫރައިގައި މިދުނިޔޭގައި ނެތްކަން ވެސް އެނގޭނީ، ހަމަ ހައްވައަށްތާ އެވެ. އަދި ދެވުނުގޮތަކުން ހައްވަ މާލެ މިދަނީ، މަގުމަތީ ބާޒާރު ފެށިގެން އުޅޭތީ އެތަނުން އެއްޗެއް ގަނެވޭނޭ ގޮތެއް ފައިސާއެއް ނެތަސް ހަމައެކަނި އެތަނަށް ޖައްސާލާ ކުޑަކޮށް އުނގުޅިލާން ޖެހުނަސް އެގޮތްވެސް ހެޔޮކަމުގެ ބޭނުމުގައިކަން ވެސް އެނގޭނީ ހަމަ ހައްވައަށްތާ އެވެ. އެހެންމީހަކަށް އެކަމެއް ނޭނގޭނެ އެވެ. މިގޮތުން ވިއަސް ވައިގެމަގުން ދަރަނީގެމަގުން އާދޭހުގެ މަގުން މާލެ ގޮސްލުމަކީ، ހައްވަ ދެކެމުންދާ އަދި އޭނާ ބޭނުންވާ ތަރައްގީ އެވެ.

ތަރައްގީގެ އާގޮތްތަކާއި އާކުލަތައް ބޭނުންކުރަންވާނީ، އެމީހެއްގެ ކުޅެދުންތެރިކަން ހުރި ވަރެއްގެމައްޗަށެވެ. އޭގެ ނިސްބަތުންނެވެ. އެމީހަކަށްލިބޭ މިންވަރު އެމީހަކު ރަނގަޅަށް ދަނެގެންނެވެ. ތަރައްގީގެ ވަސީލަތެއްގެ ބޭނުންކޮށްގެން ދުނިޔެވީގޮތުންނާއި އުޚްރަވީގޮތުން އެމީހަކަށް ލިބޭނޭ ނަފަޔަކީ ކޮބައިކަން އެނގިހުރެގެންނެވެ. އެހެންނޫނީ އެއީ ހެޔޮގޮތުގައި ލިބިގަންނަ ތަރައްގީއެއް ނޫނެވެ. އެއީ ހަލާކާއި ގެއްލުމުގެތެރެއަށް ތިމާ ހިނގައިދާނޭ ނުބައި ތަރައްގީ އެވެ. ލަދުގަންނަނިވި ތަރައްގީ އެވެ. ތަރައްގީގެ ފަސޭހައެއް ހޯދުމަށްޓަކައި އަދާނުކުރެވޭނޭ ދަރަންޏަކަށް ތިމާ ވެއްޓިގަތުމަކީ، ހެޔޮވެގެންވާނޭ ކަމެއް ނޫނެވެ. އަދި ތަރައްގީގެ ފަސޭހައެއް ހޯދުމަށްޓަކައި މީހެއްގެ ހެޔޮހިތުން ދީފާނެ އެއްޗަކަށްނޫނީ އެމީހެއްގެ ގާތަށްގޮސް ސަލާންޖަހައިގެން ނުވާނެ އެވެ.

މީގެ އަހަރުތަކެއްގެކުރިން ރާއްޖޭގައި ކަނޑުދަތުރުކޮށް އުޅުނީ ފަންރިޔަލާއި ފޮތިރިޔަލާއި ފައްޔާއި ރިތާއި ބޭނުންކޮށްގެން އެކިވަރުގެ އުޅަނދުތަކުގަ އެވެ. އެދުވަސްވަރު ރާއްޖޭގައި އިންޖީނު އުޅަނދުތަކެއް ނުހުރެ އެވެ. އުތީމު މަހާރަދުން ޕޯޗްގީޒުންގެ ވަރުގަދަ ކާފިރުންނާއި ދެކޮޅަށްކުރެއްވި ޖިހާދުގައި ކަނޑުމަގުން ދަތުރުކޮށް އުޅުއްވީ ފަންރިޔާނެގި އާދައިގެ އަނގަމަތި މަސްދޯންޏެއްގަ އެވެ. ކަޅުއޮށްފުންމީގަ އެވެ. ވަޔާ އެއްކޮޅަށާއި ދެކޮޅަށާއި ބައެއްފަހަރު ފަލިޖަހައި ބައެއްފަހަރު ރިތުން ކަނބައިގެންނެވެ. ނަމަވެސް އެރަދުންގެ މަތިވެރި ޖިހާދު ކާމިޔާބުކުރައްވައި އިސްލާމީ މަތިވެރި ބަޠަލެއްގެ ދަރަޖަ ލިބިވަޑައިގަތެވެ.

ދެން ފޮތިރިޔާނެގި އުޅަނދުތަކުގައި އަތޮޅުތަކާ، މާލެއާ ދެމެދު ދަތުރުފަތުރުކޮށް އުޅުނު ދުވަސްވަރެވެ. މާލެއާއި އެންމެދުރު އަތޮޅެއްކަމަށްވާ އައްޑުއަތޮޅުން ވެސް ރިޔާނެގި އޮޑިފަހަރުގައި މާލެއަށް އައިސް ގޮސް އުޅުނެވެ. އަތޮޅުން ނުވަތަ މާލެއިން ފުރާތާ 2 މަހާއި 4 މަހާއި ދެމެދުގެ ދުވަސްތަކެއް ބައެއްދަތުރުގައި އެދާތަނަކަށް ނުދެވި ހޭދަވެފައި އެބަހުއްޓެވެ. ފުރިފަހުން މޫސުމް ގޯސްވެ ވިއްސާރަވުމާއި ވައި ނުބައިވުމާއި ވައި ނުލިބުމާއި މިކަހަލަ ކަމެއް މެދުވެރިވެގެންނެވެ. ހަވަރުތިނަދޫގެ މޮޅު މާލިމީއެއްކަމަށްވާ ރަންގަލް އަލްފާޟިލް ޢަލީ ޙުސޭން ބުނުއްވީ، އެއްދަތުރު ހަވަރުތިނަދޫން މާލެއަށް ދެވުނީ 2 މަހާއި 15 ދުވަހުންކަމަށެވެ. އެއީވެސް މާލެ ދަތުރެކެވެ. 1974މ. ވަނަ އަހަރު އޮޑިއަކުން މާލެ ދިޔަ މީހަކު ބުނީ، އޭނާ މާލެދިޔަ ފުރަތަމަ ދަތުރު މާލެ ދެވުނީ ރަށުން ފެށިގެން ފަލިޖަހާފައި ކަމަށާއި، ދަތުރުމަތީގައި 15 ދުވަސް ހޭދަވި ކަމަށެވެ.

އޭގެފަހުން ކަނޑުމަގުން އިންޖީނު އުޅަނދުތަކުން 12 ގަޑިއިރުން ވެސް މާލެ ދަނީ އެވެ. އެއީވެސް މާލެ ދަތުރެކެވެ. އަދި 18 ނުވަޔަ 24 ގަޑި، ނުވަތަ އެއަށްވުރެ ކުޑަތަންކޮޅެއް ލަހުން ވިއަސް، ކަނޑުމަގުން މާލެ އެބަދެވެ އެވެ. ޙަގީގަތުގައި ތިމާއަށް ދިމާވާ ވަރަށްމުހިއްމު ކަމެއްގައި ނޫނީ ކޮންމެހެން ހައްވަ އެބުނާހެން ކައްދޫގައި ނުޖެއްސިއަސް ޖެއްސިއަސް ނެތްފެންވަރަކުން ނުލިބޭ އެއްޗަކުން ނެގި ދަރަންޏަކުން ވައިގެމަގުން މާލެ ދިޔުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ވިސްނާލުމަކީ ވެސް ނެތްކަމެއް ނޫނެވެ. ތެދެކެވެ. ކުރިންނުދެކޭ ތަރައްގީ އަތުވެއްޖެ އެވެ. އެއާއި އެއްވަރަށް ފައިހަމަކުރަން ޖެހެ އެވެ. އެކަމަކު ފައިހަމަކުރަންޖެހެނީ (ހަމަހަމަކުރުމުގެ ގޮތުން) ފައި ބުރިކޮށްގެންތޯ އެވެ؟ މީހާގެ އުކުޅުވަޅުން ފައި ނެއްޓިގެންދާހާ ބާރަށް ދުވެފައިތޯ އެވެ؟ މީހާގެ ދިރިއުޅުމުގެ މުޅި ހަކަތަ އެކަމަށް ދޫކޮށްލައިގެންތޯ އެވެ؟ މީހާ ދަރަނިވެރިވެ މުޅިން އިފްލާސްވެގެންތޯ އެވެ؟ ދެއްވި މިންވަރަށް އީމާންވުމެއްނެތް ނުބައި މަގަކުން ގޯޅި އަޅައިގެންތޯ އެވެ.

އާދެ! އިސްލާމް ދީނާއި، ދިވެހި ޤަވްމަށް ހުތުރުއަރާ ކަމަކަށް ލާހިގު ވެގަތުމަށް "އެއްތަންވުމަށް" މާލެ ގެންދަން ބޭނުންވާ ބަޔަކަށް އަޅުވެތިވެ، ޓިކެޓު ހޯދައިގެން މާލެއަށް ދިޔަކަމަށްވިއަސް ހަމަ އެދެވުނީ މާލެ އަށެވެ. ނިދާލާނެ ކަންފަސޭހަ ވެއްޓަކީ، އަދި އެހެންކަމެއްކަމަށް ވިއަސް ވެހެވެ! އެކަމަކު އިންސާނުން އަވީގައި ނިދައި ކައިބޮއި އުޅޭތީ އަދި ފެނިފައެއް ނެތެވެ.

މިއީ ތަރައްގީގެ ކަންފަސޭހަކަމާއި ހަށި ފަސޭހަކަމުގައި ހުރިހާއެންމެން ހުރިހާވަގުތެއްގާ ވިސްނަންޖެހޭ ކަމެކެވެ. ދިރިއުޅުމަކީ ހަނގުރާމައެކެވެ. އެ ހަނގުރާމައިގެތެރެއިން ހިތްހަމަ ޖެހުމާއި ނުޖެހުމާއި އުފާވެރިކަމާއި ހިތްދަތިކަމާއި ފަސޭހައާއި އުނދަގޫތައް ވެސް ތަޙައްމަލު ކުރަން ޖެހޭނެ އެވެ. އެކަމަކު އެންމެބޮޑު ނަޞީބުވެރިއަކީ، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަންނަ މީހާ އެވެ. އެއީ މިލިޔުމުގެ މަގްޞަދަށްޓަކައި ނުއުފަންނަ ޙައްވައެއްގެ ނަމުގައި މިސާލު ގެނެސްދީފައިވާ ކަހަލަ ކަންކަމަށް ވިސްނައިގެން ދުނިޔެއާއި އެދުނިޔޭގައިވާ ތިމާ އަތްނުފޯރާފަށުގެ ކަންކަމަށް ހިތް ނުކިޔައި އެއަށް ސަލާން ނުޖަހައި އެއަށް ދަރަނިވެރިނުވެ އެއަށް އަޅުވެތިވުމެއް ނެތް އިސްލާމީ ބާއްޖަވެރިކަން ލިބިގަންނަ މީހާ އެވެ.
                 ---------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި