އިސްލާމީ ވަޙުދަތާ ދެކޮޅަށް ކުރާ ހަނގުރާމަ

މާތްވެގެންވާ އިސްލާމް ދީނުގައި ވަނީ ޖަމާޢަތަށާއި އެއްބައިވަންތަކަމަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފަ އެވެ. އެހެންކަމުން މި ދީނުގެ ގިނަ ރުކުންތައް ލައްވާފައިވަނީ، އިޖުތިމާޢީ ރުކުންތަކެއްގެ ގޮތުގަ އެވެ. އާދޭހެވެ. އިސްލާމް ދީނުގެ ވަރަށްގިނަ ފަރުޟުތަކާއި ދީނީ ކަންތައްތަކަކީ އިޖުތިމާޢީ ގޮތެއްގައި ނޫނީ އަދާނުކުރެވޭނެ ކަންތައްތަކެވެ. ޖަމާޢަތެއްގެ ތެރޭގައި ނޫނީ އެއިން ކަމެއް އަދާނުކުރެވޭނެ އެވެ. ކީއްތޯ އެވެ. އެކަންތައްތައް އަދާކުރުމަށްޓަކައި އުންމަތަކާއި ޤައުމަކާއި ދައުލަތް ހިންގުމުގެ ނިޒާމެއް ވެސް ބޭނުންވެ އެވެ. މިހެންވެ، އިސްލާމް ދީނުގައި އަންގަވާފައިވަނީ، ކޮންމެ ފަރުދަކުމެ މުސްލިމުންގެ ޖަމާޢަތާ ގުޅިގެން ދިރިއުޅުމަށެވެ.

މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި އެކަހެރިވެ އިނދެ ޢުމުރު ހޭދަކުރުމަކީ، އިސްލާމް ދީނުގައި އޮތްކަމެއް ނޫނެވެ. ކްރިސްޓިއަން ދީނާއި ބާޠިނީ ޞޫފި މަޒުހަބުތަކުގައިވާ ފަދައިން، އެބާވަތުގެ ޢަމަލުތައް ކުރުމަކަށް އިސްލާމް ދީނުގައި އަންގަވާފައެއް ނެތެވެ.

އިސްލާމީ އުންމަތުގެ އަފުރާދުންގެ މައްޗަށް އޮތް ރަހުބާނިއްޔަތަކީ، ޖިހާދުކުރުމެވެ. އެއީ ޖަމާޢީ ގޮތެއްގައި ނޫނީ ނުކުރެވޭނެ ކަމެކެވެ. އެހެން ދީންތަކުގައިވާ ރަހުބާނިއްޔަތު ފަދައިން ޖަމާޢާތާ ވަކިވެ، އެކަހެރިވެގެން ތިބެންޖެހޭފަދަ ރަހުބާނިއްޔަތެއް އިސްލާމް ދީނުގައި ނެތެވެ. ޖަމާޢަތަށް ފުރަގަސްދީ، އިޖުތިމާޢީ ކަންތައްތަކުން އެއްކިބާވެ، ދުންޔަވީ ޙަޔާތާ ވަކިވެގެން ތިބުމަކަށް އިސްލާމް ދީނުގައި އަންގަވާފައެއް ނެތެވެ.

އިސްލާމްދީނުގައިވާ މި ޙަޤީޤަތް ޢަމަލީ ގޮތުން ސާބިތުކޮށްދިނުމަށް އޮތީ އިސްލާމީ ވަޙުދަތެވެ. އެ ވަޙުދަތު ނަގަހައްޓާނެ ފަސް ތަނބެއް އިސްލާމް ދީނުގައި ވެ އެވެ. އިސްލާމީ ދިގު ތާރީޚުގައި މުސްލިމުން ވަނީ އެ ތަނބުތަކުގެ މަތީގައި އިސްލާމީ ވަޙުދަތު ނަގަހައްޓާފަ އެވެ. އެ ފަސް ތަނބަކީ، ޢަޤީދާއާއި، ޝަރީޢަތާއި، އުންމަތާއި، ޙަޟާރަތާއި، ދާރުލްއިސްލާމެވެ. މިއިން ކޮންމެ ތަނބެއްގެ ތެރޭގައި ތަފާތުވުމުގެ މުއްސަނދިކަން ހިމެނިފައިވެ އެވެ. އެކަން ތަމްސީލުވެފައިވަނީ، ފަރުޢީ ކަންތައްތަކުގައި އޮންނަ އިޚުތިލާފާއި، އިޖުތިހާދާއި، މަޞްލަޙަތާއި، އާދަކާދައާއި، ޢުރުފުގަ އެވެ.

އިސްލާމްދީނުގެ ބައިނަލްއަޤުވާމީ ވަންތަކަން ވަނީ، މިނިވަންވުމުގެ އިންޤިލާބެއް ގެނެސްފަ އެވެ. ހަތަރު ޚަލީފާއިންގެ ޒަމާނުއްސުރެ އެ އިންޤިލާބު ވަނީ، އަޅުވެތިވެފައިވާ ޤައުމުތައް މިނިވަންކުރުމުގެ ޙަރަކާތެއް ފަށާފަ އެވެ. އޭރު ޤައުމުތައް އަޅުވެތިކޮށްގެން އުޅުނީ ފާރިސީންނާއި ރޫމީންނެވެ. މިނިވަންކުރުމުގެ އިސްލާމީ ޙަރަކާތަށް ކިޔަމަންވެ، ފާރިސީންވަނީ އިސްލާމްދީނަށް ވަދެފަ އެވެ. ނަމަވެސް ރޫމީންނާއި އެމީހުންގެ ފަހަތުގައިވާ ޔޫރަޕުގެ ގިނަބަޔަކު ވަނީ، އިސްލާމްދީނާ ދުޝްމަންވެފަ އެވެ. މީލާދީން ހަތްވަނަ ޤަރުނުން ފެށިގެން މިއަދާ ހަމައަށް ވެސް އެމީހުން ދަނީ، އިސްލާމީ ދައުލަތާ ހަނގުރާމަކުރުމަށް ބޮޑެތި ލަޝްކަރުތައް އުފައްދައި، ހަނގުރާމަކުރަމުންނެވެ.

އަޅުގަނޑުމެންގެ ތެރޭގައިވާ ހުޅަނގުގެ ތަހުޒީބުގެ އަސީރުން މި ޙަޤީޤަތް ޤަބޫލެއް ނުކުރެ އެވެ. ނަމަވެސް، އިނގިރޭސި ވިލާތުގެ ކޮމާންޑަރަކު ލިޔުއްވާފައިވާ މިދަންނަވާ ޢިބާރާތުން އެކަނި ވެސް މި ޙަޤީޤަތް ހާމަވެ އެވެ. އޭނާ ލިޔުއްވާފައިވެ އެވެ. "މެދުއިރުމަތީގެ މައްސަލައަކީ، މީލާދީން ހަތްވަނަ ސައްތައާ ހަމައިން ފެށިފައިވާ މައްސަލައެކެވެ." ނިދާފައިވާ ބަޔަކު ހޭލައްވާލަން ހަމައެކަނި މިޢިބާރާތް ވެސް ފުދެ އެވެ. އޭނާގެ މި ޢިބާރާތުން އެނގޭ ގޮތުގައި، ހުޅަނގުގެ ބާރުތަކާ އިސްލާމީ އުންމަތާ ދެމެދުގައިވާ މައްސަލައަކީ މިޒަމާނުގައި އުފެދުނު މައްސަލައެއް ނޫނެވެ. އެކަމަކު އެއީ އިސްލާމީ އުންމަތުގެ ބިންގާ އެޅުނު ހިސާބުން ފެށިގެން އުފެދިފައިވާ މައްސަލައެކެވެ.

ހުޅަނގުގެ ހަނގުރާމަވެރިން ދަނީ، އިސްލާމީ ވަޙުދަތުގެ ތަނބުތަކާ ހަނގުރާމަކުރަމުންނެވެ. އެ ހަނގުރާމަވެރިން އިސްލާމީ އުންމަތުގެ ތަފާތު ތަންތަނުގައި ބޭނުންކުރަނީ ތަފާތު ހަތިޔާރާއި ތަފާތު ވަސީލަތްތަކެވެ. ނަމަވެސް އެ ހުރިހައި ހަތިޔާރަކާއި ވަސީލަތްތަކުގެ އަމާޒަކީ އެއް އަމާޒެކެވެ. އެއީ އިސްލާމީ ވަޙުދަތު ފުނޑުފުނޑުކޮށްލުމެވެ. އިސްލާމީ ވަޙުދަތު އުފުލާލެވޭ ފަސްތަނބު ކަމުގައިވާ، ޢަޤީދާއާއި، ޝަރީޢަތާއި، ޙަޟާރަތާއި، އުންމަތާއި، ދާރުލް އިސްލާމް ސުންނާފަތިކޮށްލުމެވެ. މުސްލިމުން ބަލިކޮށްލެވެން އޮތީ އެކަން ކޮށްގެން ކަމަށްވާތީ އެވެ.

އިސްލާމީ ދުނިޔޭގެ ޗާޓަށް ބަލައިލާއިރު ފެންނަނީ، ކްރިސްޓިއަން ދީން ފަތުރާ މީހުން، އިސްލާމީ ޢަޤީދާއާ ހަނގުރާމަކުރާ ތަނެވެ. ޢަލްމާނީން، އިސްލާމީ ޝަރީޢަތާ ހަނގުރާމަކުރާ ތަނެވެ. ހުޅަނގުގެ ޙަޟާރަތު، އިސްލާމީ ޙަޟާރަތާ ހަނގުރާމަކުރާ ތަނެވެ. އިސްތިޢުމާރީ ބާރުތައް، އިސްލާމީ އުންމަތާއި، ދާރުލްއިސްލާމާ ހަނގުރާމަކުރާ ތަނެވެ. މި ހަނގުރާމަތަކުގައި އިސްލާމީ އުންމަތް ބައިބައިކޮށް ނިކަމެތިކުރެވިދާނެ ހުރިހައި ވަސީލަތެއް އެބަ ބޭނުންކުރެވެ އެވެ. އެންމެ ކުޑަމިނުން، އިސްލާމީ ޤައުމުތަކުގައި ދިރިއުޅޭ އަޣުލަބިއްޔަތެއް ނެތް، މީސްކޮޅު މަދު ގިންތިތައް ވެސް ހަދާފައިވަނީ ހަތިޔާރަކަށެވެ. އެމީހުންނަށް އެމީހުންގެ ޙައްޤުތައް ހޯދައިދިނުމުގެ ނަމުގަ އެވެ. އަދިވެސް މުސްލިމުން ހޭއަރާކަށް ނުވޭތޯ އެވެ؟
                 ------------------

މުޞަންނިފު: ޑރ. މުޙައްމަދު ޢިމާރާ
ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން