ތިން ސާދާގަރުން ޞަދަޤާތްކުރަން ނިންމި ގޮތް















މުށްބާރުކަމަށް މަޝްހޫރު، ތިން ސާދާގަރަކު މަޝްވަރާކުރި އެވެ. އެމީހުން ބުންޏެވެ. ތިމަންމެންނާމެދު މީހުން ފާޑުފާޑުގެ ވާހަކަތައް ދެއްކުން މިހާރު މާގިނަވެއްޖެ އެވެ. އެހެންވީމާ، ތިމަންމެންގެ މުދަލާއި ފައިސާއިން ކޮންމެވެސް ވަރެއް ފަޤީރުންނަށް ޞަދަޤާތްކުރަން އެބަޖެހެ އެވެ.

މި މޭރުމުން އެ ތިން ސާދާގަރުން އެތައް ވާހަކައެއް ދައްކައި މަޝްވަރާކުރުމަށްފަހު، އެއިން ކޮންމެ މީހަކު އޭނާގެ މުދަލުން ފަޤީރުންނަށް ޞަދަޤާތްކުރާނެ ބައި ކަނޑައަޅާނެ ގޮތް ބުންޏެވެ.

ފުރަތަމަ ސާދާގަރު ބުންޏެވެ.
ތިމަންނާ ހަދާނެ ގޮތަކީ، ބިންމަތީގައި ވަށްބޮޅެއް ކުރަހާނީ އެވެ. ދެން ތިމަންނާގެ މިލްކުގައިވާ ހުރިހައި ފައިސާއެއް ވައިގެ ތެރެއަށް އުކާލާނީ އެވެ. ވަށްބޮޅުގެ ތެރެއަށް ފައިބާނީ ތިމަންނާއަށް ވާ ފައިސާ އެވެ. ވަށްބޮޅުން ބޭރަށް ފައިބާ ފައިސާއަކީ ފަޤީރުންނަށް ޞަދަޤާތްކުރަންވީ ފައިސާ އެވެ.

ދެވަނަ ސާދާގަރު ބުންޏެވެ.
ތިމަންނާ ހަދާނެ ގޮތަކީ، ބިންމަތީގައި ތެދު ރޮނގެއް ކުރަހާނީ އެވެ. ދެން ތިމަންނާގެ މިލްކުގައިވާ ހުރިހައި ފައިސާއެއް ވައިގެ ތެރެއަށް އުކާލާނީ އެވެ. ރޮނގުގެ ކަނާތްފަރާތަށް ފައިބާނީ ތިމަންނާއަށް ވާ ފައިސާ އެވެ. ރޮނގުގެ ވާތްފަރާތަށް ފައިބާ ފައިސާއަކީ ފަޤީރުންނަށް ޞަދަޤާތްކުރަންވީ ފައިސާ އެވެ

ތިންވަނަ ސާދާގަރު ބުންޏެވެ.
ތިމަންނާ ބިންމަތީގައި އެއްވެސް އެއްޗެއް ނުކުރަހާނަމެވެ. ނަމަވެސް، ތިމަންނާގެ މިލްކުގައިވާ ހުރިހައި ފައިސާއެއް ވައިގެތެރެއަށް އުކާލާނަމެވެ. ބިންމައްޗަށް ފައިބާނީ ތިމަންނާއަށް ވާ ފައިސާ އެވެ. ވައިގެ ތެރޭގައި ހަރުލާފައިވާނީ ފަޤީރުންނަށް ޞަދަޤާތްކުރަންވީ ފައިސާ އެވެ.
             ----------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން