ޙަޔާތުގެ ދެ ގޯލްއިންސާނާ ކުރަންޖެހޭ ދަތުރުގެ މެދުތެރޭ މަންޒިލަކީ، ދުނިޔެއޭ މިކިޔާ ތަނެވެ. ދަތުރުގެ އެ މަންޒިލަށް ދާންޖެހެނީ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ. އަދި އެ މަންޒިލުން އެނބުރި ދިޔުންއޮތީ ވެސް ހަމަ އެ މަތިވެރި ޙަޟްރަތަށެވެ.
(ދުނިޔޭގައި އިންސާނާގެމިސާލަކީ ވައިގެމަގުން މާލެ/ގަން/މާލެއަށް ދަތުރުކުރަންޖެހޭ މީހަކު ގަމުގައި މަޑުކޮށްލުން ފަދަ ކަމެކެވެ. ފުރަންޖެހެނީ މާލެއިންނެވެ. ގަމަށްގޮސް އެނބުރި ދާންޖެހެނީ ވެސް މާލެއަށެވެ. ގަމަކީ ހަމައެކަނި ކުރަންޖެހޭ ދަތުރުގެ މެދުތެރޭގެ މަންޒިލެކެވެ. އިންސާނީޙަޔާތާއި ކުރިމަތިލައި ރަނގަޅު ނަތީޖާ ޙާޞިލްކުރުމަށް ޢަޒުމު ކަނޑައަޅަންވީ އެ މަންޒިލުގަ އެވެ. އިންސާނާގެ ދުނިޔެވީ ޙަޔާތުގެ ހުރިހާ ކުޅުމެއް ކުޅެންޖެހޭ ދަނޑަކީ އެ މަންޒިލެވެ.)

ދުނިޔެވީޙަޔާތަށް އިންސާނާ ފޮނުއްވަނީ މަތިވެރި ﷲ އަށް އަޅުކަން ކުޅައުމަށެވެ. އެ އަޅުކަމަކީ ދުނިޔެއާއި އާޚިރަތުގައި އެ މީހަކަށް އޭގެ ފައިދާލިބެނެވި ހެޔޮ ބަހާއި ހެޔޮ ޢަމަލެވެ. ނުބައިކަމާއި ފާފަވެރިވުން ނެތް ބަހާއި ޢަމަލެވެ. ހެޔޮގޮތުގައި ދުނިޔެވީ ޙަޔާތާއި ކުރިމަތިލައި ތިމާއާއި ތިމާގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި އަފުރާދުންނާއި ތަނަށް ކޮންމެހެން ބޭނުންވާނޭ މަންފާކުރަނިވި ހެޔޮ ކަންކަމަށްޓަކައި ދުނިޔެ ތަޢުމީރު ކުރުމަކީ ވެސް، އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ މަގްޞަދުގެތެރޭ ހިމެނޭ ކަމެކެވެ

ދުނިޔެއާއި އާޚިރަތުގައި އިންސާނާއަށް މަންފާލިބެނެވި ކަންކަން ޙާޞިލްވުމަކީ، ދެ ދުނިޔޭގެ ބާއްޖަވެރިކަން(ނަޞީބުވެރިކަން) ލިބުމެވެ.
(މަންފާއަކީ ނަފާ އެވެ. ފައިދާ އެވެ. ލާބަ އެވެ. މަންފާކުރުމަކީ ފައިދާކުރުމެވެ. ލާބަވުމެވެ. ރަނގަޅުކަމެއް ވުމެވެ. ނަފާވުމެވެ.)

ދުނިޔެއާއި އާޚިރަތުގެ މަންފާ ލިބިގަނެވެން އޮތީ، އިންސާނާ ދުނިޔޭގެ ދަނޑުގައި ކުޅޭއިރު ދެ ގޯލަށް ވެސް "ބޯޅަ" ވައްދައިލެވޭ ނިސްބަތެއްގަ އެވެ. ދުނިޔޭގެ ދަނޑަކީ ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ދަނޑުގެ ދެ ގޯލުން އެއް ގޯލަކީ އަމިއްލަ ބައިގެ ގޯލަށްވާގޮތަށް އޮންނަ ދަނޑެއްނޫނެވެ.

ދުނިޔޭގެ ދަނޑުގެ އެއް ގޯލަކީ، ދުނިޔޭގެ ގޯލެވެ. ދުނިޔޭގެ ގޯލަށް ބޯޅަ ވެއްދުމުން ދަނޑުގެ ސިޑިބަރިންނާއި ގޮނޑިބަރިން ތަރުޙީބުގެ އަތްތިލަބަނޑި ޖަހާނެ އެވެ. ހިނގަމުންދާ މެޗު ސީދާ ވަގުތުން ބަލައިގެން ގެނެސްދޭ ކޮމެންޓޭޓަރުން ހައްޓަކު ހެޔެއް ނުހުންނާނެ އެވެ. ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ރަންބޫޓާއި ރިހި ފައިވާނާ އިނާމާ ދޭނޭ ބަޔަކު ވެސް އުޅޭނެ އެވެ. އެކަމަކު އެ ދަނޑުގެ ކުޅުންނިމި އެނބުރިދާއިރު، އެއިން އެއްވެސް އެއްޗެއް ނުގެންދެވޭނެ އެވެ. ދާންޖެހޭ ފަހު މަންޒިލްގެ ކައުންޓަރުން އެންމެ ކުޑަމިނުން މީހާގެ އައިޑީ ކާޑު ވެސް، ގެންދިޔަކަ ނުދޭނެ އެވެ.
 
ދުނިޔޭގެ ދަނޑުގެ އަނެއް ގޯލަކީ، އާޚިރަތުގެ ގޯލެވެ. މީހަކު އެ ގޯލަށް ބޯޅަ ވެއްދިކަން ނޫންކަން ވެސް، ސިޑިބަރިއާއި ގޮނޑިބަރީގައި ތިބޭ ބަޔަކަށް ގިނަ ފަހަރަށް ނޭނގޭނެ އެވެ. ވަގުތުން މެޗު ގެނެސްދޭ ޓީވީ ރޭޑިޔޯ ކޮމެންޓޭޓަރުންނަށް ޢަމުދުން ރޭކާ ވެސް ނުލާނެއެވެ. އެކަމަކު މި ގޯލަށް "ބޯޅަ" ވައްދާލެވޭތޯ ގަދައަޅައި މޮޅަށްކުޅެ އެކަންވެއްޖެ ނަމަ، އެ އޮތީ ފިސާރި ރަނގަޅަށް ކުޅެވިފަ އެވެ. އެ މީހަކަށް ލިބޭނޭ އިނާމުގެވާހަކަ ދައްކައި ދުވަހަކު ކޮޅަކުންނުލާނެ އެވެ. އިންސާނެއްގެ ޚިޔާލަށް ވެސް ނުގެނެވޭފަދަ ފުރިހަމަ ރަސްމިއްޔާތެއްގައި އެ މީހަކަށް އެންމެ އަގުބޮޑު "ޖަވާހިރު" ގެ ބޫޓް ލިބޭނެ އެވެ. އަދި އިންސާނެއްގެ ޚިޔާލަށް ވެސް ނުގެނެވޭފަދަ އެންމެހައި ކަމެއް ފުރިހަމަ ދުވަހު، ވަކިވުމެއް ނެތް ދޫކޮށްލުމެއް ނެތް ލާމަސީލް "ކްލަބަށް" އެންމެ ބޮޑު އަގުގައި ދާއިމީ ޓްރާންސްފަރ ވެސް ވީ އެވެ.

ދުނިޔޭގެ ދަނޑުގައި ކުޅޭއިރު މެޗް ކުޅުވާ ރެފްރީއާ ރޮނގު ބަލަހައްޓާ މީހުންނަށް ސިއްރުން ކުޅުމުގައި މަނާ ކަންކަމެއް ކުރެވިދާނެ އެވެ. އެހެން ކުޅުންތެރިންގެ ގައިގައި ބޫޓުންޖަހައި ލޮލަށް އިނގިލި ހެރިދާނެ އެވެ. އަދި ރެފްރީއަށް ސިއްރުން ދަނޑުން ފައިބައި ސިޑިބަރި ދަށުގެ ފިހާރަތަކުން ސޭޓަށް ސިއްރުން އެއްޗެހިތަކެއް ނަގައި އަންބޮނޑީގައި ވެސް ފޮރުވިދާނެ އެވެ. އެކަމަކު ކުޅުންތެރިއަކު ކުރާ އެއްވެސް ކަމެއް މުޅިދަނޑު ފެންނަ "ފަނޑިޔާރަށް" ސިއްރު ކުރެވޭކަށް ނޯންނާނެ އެވެ. އެކަމެއް ނުކުރެވޭނެ އެވެ. 

މިހެނީ، އެ ދަނޑު (ދުނިޔެ) ތައްޔާރުކޮށްފައި ވަނީ، ރޭގަނޑު ކަނު އަނދިރީގައި ބޮކި ނުދިއްލައި އެ ތާނގައި ބަޔަކު ކުޅުނު ނަމަވެސް މުޅި ދަނޑުމައްޗާއި ދަނޑުގެ އަރިއަރިމަތި ފިޔަވައި ދަނޑާއި ދިމާލުން މައްޗާއި ދަނޑުގެ އަޑީގައި ވިޔަސް މީހަކަށް ވިޔަސް ފަނިފަކުސައެއް ވިޔަސް އޮޔާއި ވަޔަށް ވިޔަސް ކުރާ އެއްވެސް ކަމެއް "ފަނޑިޔާރަށް" ކުޑަކޮށް ވެސް ސިއްރު ނުކުރެވޭ ގޮތަށެވެ. އެހާ މޮޅަށެވެ. އެހާ ފުރިހަމަކޮށެވެ. ދަނޑުގައިކުޅޭ އެއްވެސް ކުޅުންތެރިއަކަށް މި ޙަގީގަތާއި ދެކޮޅުހެދޭނޭ އެއްވެސް ގޮތެއް ނޯންނާނެ އެވެ.

ދުނިޔެވީ ޙަޔާތުގެ ދަނޑުގައި ކުޅެމުންދާއިރު ދުނިޔޭގެ އެދުމާ ހުރެ ހޭބޯނާރައި ދުނިޔެވީ މަންފާގެ ބޮނޑިބޮނޑި ބަނދެ، ކޮނޑަށްލައި ހިފޭ ނުހިފޭވަރުން އުޅެނިކޮށް އެ ދަނޑުގައި ކުޅުމުގެވަގުތު ހަމަވެ، "ރެފްރީ" ކަށިގަނޑު ފުމެލުމާއެކު ދަނޑުން ފައިބަންވީ އެވެ. އެ ދަނޑުގައި ކުޅުނުއިރު ދުނިޔޭގެ ގޯލަށް ޖެހި ގޯލުގެ ސަބަބުން ލިބުނު ރަންބޫޓާއި މެޑެލާއި ތައްޓާއި އިނާމާއި ސަނަދާއި ލިބިފައިހުރި ފައިސާތަކާއި ރެފްރީއަށް ސިއްރުން ދަނޑުންފައިބައި ސިޑިބަރި ދަށުގެ ފިހާރަތަކުން ސޭޓަށް ސިއްރުން ނެގި އެއްވެސް އެއްޗެއް ނުގެންދެވި ބޭނުމެއް ނުފުދި ބޭކާރުވީ އެވެ. ދަނޑުން ފޭބުމުން މަންފާކުރަނިވި އެއްޗަކަށް އޮންނަނީ ހަމަ އެކަނި އާޚިރަތުގެ ގޯލަށްވެއްދި ބޯޅަ އެވެ. ޖެހި ލަނޑެވެ. މި ޙަގީގަތާއި ދެކޮޅުހެދޭނޭ އެއްވެސް ގޮތެއް ނޯންނާނެ އެވެ.
                                  --------------

ޢަބުދުﷲ ޙިލްމީ