
އިދާރީ ނޯޓެއް:
"ގަލެހިރި" ވެބްސައިޓްގެ ނަން ހުވަދުއަތޮޅުގެ
ތިނަދޫއަށް ނިސްބަތްވިޔަސް މިސައިޓްގެ މުއައްސިސުންނާއި އިދާރީ އެންމެހާ ހިންގުންތެރިންގެ
ޢާއިލީ ސިލްސިލާ (ކާކުގެ ދަރި ކާކުކަން އެނގޭގޮތަށް) އައްޑުއަތޮޅުގެ މީދުއާއި
ގުޅިފައިވެއެވެ.
މީދޫއަކީ ކުޑަ ތަނެއްކަމުގައިވިޔަސް
އަދި މީސްކޮޅު މަދުތަނަކަށްވިޔަސް ލިޔެކިޔުމާ ފޮތްތެރިކަމުގެ ގޮތުން އެކިދުވަސްވަރު
އެކި މިންވަރަށް ދިވެހި އަދަބީ މަސައްކަތްކުރި އަދީބުން މީދޫގެ ތާރީޚުން ފާހަގަކުރެވެއެވެ.
ދިވެހިބަހުން އެންމެފުރަތަމަ
ފޮތެއް ލިޔުނުކަމަށް ތާރީޚުން ފެންނާން އޮތީ އަލްގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު
ތަކުރުފާނެވެ. އޭނާއަކީ މީދޫ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ނުވަތަ އައްޑޫ ބޮޑުފަނޑިޔާރު
ތަކުރުފާނުގެ ދޮންދަރިކަލުން ކަޅިހާރު ދޮންބުއި ނާއިބުތަކުރުފާނުގެ ދަރިކަލުންނެވެ.
އެދުވަސްވަރު ރާއްޖޭގެ ފަނޑިޔާރުކަންކުރެއްވި މިތަކުރުފާނަކީ ދިވެހި ތާރީޚުގައި ފޮނަދޫ
ޚަތީބު ތަކުރުފާނުގެ ނަމުން މަޝްހޫރުވެފައިވާ އަލްޢައްލާމާ މުހައްމަދު ސިރާޖުއްދީނުގެ
ބަފައިކަލުންނެވެ.
ފޮނަދޫ ޚަތީބު ތަކުރުފާނާއި
އޭނާގެ ދަރިވަރު އަލްގާޒީ ހަސަން ތާޖުއްދީނަކީ ދިވެހި ލިޔުންތެރިކަމުގެ އެހާރުގެ އެންމެ
އަލިގަދަ ދެ ދަންމަރެވެ. ފޮނަދޫ ޚަތީބު ތަކުރުފާނު ދިވެހިބަހުން ދީނީ ތަޢުލީމު އުނގަންނަވާ
ދެއްވުމަށް އެތައް ފޮތެއް ތައުލީފު ކުރައްވައި އަދި މާލޫދު ފޮތްތަކެއް ލިއުއްވި އެވެ.
ފޮނަދޫ ޚަތީބު ތަކުރުފާނުގެ ދަރިވަރު އަލްގާޒީ ޙަސަން ތާޖުއްދީނަކީ ދިވެހިރާއްޖޭގެ
ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން ދިވެހިރާއްޖޭގެ ތާރީޚު އަރަބިބަހުން ލިއުއްވާން
ފެއްޓެވި ކަލޭގެފާނެވެ. ހަސަންތާޖުއްދީނުގެ ފަހުން ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި
ކޮންމެ ބޭފުޅަކު ވެސް ދިވެހިތާރީޚު ލިޔުއްވަމުން ގެންދެވިއެވެ. މިގޮތުން ދިވެހިތާރީޚު
ޢަރަބިބަހުން އެންމެފަހުން ލިޔުއްވި ފަނޑިޔާރު ބޭކަލަކީ މީދޫ އައިސާދަރު މޫސާ ބެއްޔާ
ނުވަތަ އަލްގާޒީ މޫސާ ބަދުރުއްދީނެވެ.
ދިވެހި އަދަބިއްޔާތުގެ
އެންމެ އަލިގަދަތަރިއަކީ ބަނޑޭރި ޙަސަން މަނިކުފާނެވެ. ބަނޑޭރި ޙަސަން މަނިކުފާނަކީ
މީދޫ އަލްގާޒީ މުހައްމަދު ޝަމްސުއްދީނުގެ ދަރިކަލުން އަލްގާޒީ ޙުސެން ގުތުބުއްދީނުގެ
ދަރިކަލުން އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތްތަކުރުފާނުގެ ދަރިކަނބަލުން ޙައްވާފާނުގެ
ދަރިކަނބަލުން ފާތުމާފާނު، ހިތަދޫ ޢަލި މަނިކުފާނާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް
ދަރިކަލެކެވެ. ބަނޑޭރި ޙަސަން މަނިކުފާނުގެ ދިޔޯގެ ރައިވަރާއި އަރިއަތޮޅު އަރުމާޒަކީ
ދިވެހި އަދަބަށް އެމަނިކުފާނު ދޫކުރައްވާފައިވާ އަގުނުކުރެވޭފަދަ ޚަޒާނާއެކެވެ. އެއީ
ދިވެހި ވަޒަންބަހުރުވައިގެ ހަމައާއި ދިވެހި ބަހުގެ އަދަބިއްޔާތު އުނގެނުމަށް ބޭނުންވާ
ކޮންމެ ދަރިވަރަކު ދިރާސާކުރުން ލާޒިމް ލިޔުއްވުންތަކެކެވެ.
ދީނީ ރޮނގުން ލިޔެވިފައިވާ
ފޮތްތަކުގެ ތެރެއިން ދިވެހިބަހުން ލިޔެވުނު ދެވަނަ ފޮތަކީ އައްޑޫ މީދޫ ނާއިބުގޭ އަލްޢައްލާމާ
އަޙުމަދުދީދީ ލިއުއްވި އަހުމަދުދީދީ ތަރުތީބެވެ. މިފޮތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކާއި
މަލިކުގައި ދީނުގެ އިލްމު އުނގެނުމަށް އެތައްބަޔަކު ބޭނުންކުރި ފޮތެކެވެ.
ދިވެހިބަހުން އެންމެބޮޑު
ފޮތެއް މިޒަމާނުގެ ފޮތްލިއުމުގެ އުސޫލުތަކާއި އެއްގޮތަށް ލިއުއްވި ޢިލްމްވެރިއަކީ މީދޫ
އައިސާދަރު ދޮންބެއްޔާގެ ދަރިކަލުން އައްޝެއިޚު އަޙުމަދު ދީދީ އެވެ. އޭނާ ލިއުއްވި
ފޮތަކީ ތިއްބުލް ފުގުރާއި ފީ ޙިކްމަތިލް އުމަރާއި އެވެ. މިފޮތަކީ ދިވެހި ބޭސްވެރިކަމުގެ
ރޮނގުން ލިޔެވިފައިވާ އެންމެފުރިހަމަ ފޮތެވެ. މިފޮތް ލިޔުއްވާފައިވަނީ ޢަރަބި ބަހުގެ
ތަފާތު އެތައް ފޮތްތަކެއް ބައްލަވައިގެންނާއި ދިވެހިންގެ ގަދީމީ ބޭސްވެރިކަން ދިރާސާކުރައްވައިގެންނެވެ.
އައްޝައިޚު އަޙުމަދު ދީދީ އަކީ މިނޫންވެސް ތަފާތު އެތައް ފޮތްތަކެއް ލިއުއްވައިފައިވާ
ވަރަށްމޮޅު ލިޔުންތެރިއެކެވެ.
ދިވެހިރާއްޖޭގައި
އެކިޒަމާންތަކުގައި ތަފާތު މޮޅެތި ލިއުންތެރިން އުފެދުނު ނަމަވެސް އެބޭބޭފުޅުންގެ ލިޔުންތައް
ލިޔެވެމުން ދިޔައީ އަތުންނެވެ. ޗާޕެއް ނުކުރެވެއެވެ. މިއުނިކަން ފޫބައްދައިދެއްވި ބޭފުޅަކީ
މީދޫ އަލްގާޒީ އިސްމާއީލް ބަހާއުއްދީންގެ ދަރިކަލުން އައްޝައިޚު އިބްރާހިމް ބަހާއުއްދީން
ނުވަތަ ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކެވެ. އެއީ އެތަކުރުފާނު ކަލްކަތާއިން ޗާޕްމެޝިނެއް
ބައްލަވައިގެން ގެނެސް އޭނާގެ ގެ ހުޅުދޫ އެޅެހިށިގޭގައި ޗާޕްކުރައްވާން ފައްޓަވައިގެންނެވެ.
ދިވެހިރާއްޖޭގައި ޗާޕްގެ މަސައްކަތް ފުރަތަމަ ކުރައްވާން ފެއްޓެވި ފަރާތަކީ މިއީއެވެ.
އެޅެހިށިގޭ ދޮންމަނިކަކީ
ދިވެހިރާއްޖެއަށް ޗާޕްގެ މަސައްކަތް ތަޢާރަފް ކުރެއްވުމުގެ އިތުރުން ދިވެހި ލިޔުންތެރިކަމާއި
އަދަބިއްޔާތައް ވެސް ތަފާތު ގިނަގުނަ ޚިދުމަތްތައް ކުރެއްވި ބޭފުޅެކެވެ. ދޮންމަނިކު
ލިއުއްވި ޖައްނާތުލް ފިރުދައުސް އާއި ރިސާލާ އަކީ ފާހަގަކޮށްލެވޭ
ފޮތްތަކެކެވެ.
ރާއްޖޭގެ މިޒަމާނުގެ
ލިޔުންތެރިކަމުގައިވެސް މީދޫއަށް ނިސްބަތްވާ ލިޔުންތެރިން ވަރަށް ކުރީސަފުގައި ހިމެނެއެވެ.
ލިޔުންތެރިކަމުގެ ރަން ގަލަމާއި ލިޔުންތެރިކަމުގެ ރޮގުން ހިތްވަރުދިނުމުގެ ގައުމީ އިނާމް
ހާސިލްކޮށްފައިވާ ލިޔުންތެރިން މީދޫގައި އެބަތިއްބެވެ.
-----------------------
ލިޔުއްވީ: އަލްފާޟިލް އަޙުމަދު ނާޞިޙު ޢަންބަރީވިލާ/ ސ.މީދޫ