ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ މަޒުހަބުތައް














ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ވެސް ބެހިގެންވަނީ މަޒުހަބުތަކަކަށެވެ. އޭން ކޮންމެ މަޒުހަބެއްގެ ބަޔަކުމެ ގަބޫލުކުރަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެބަޔަކު ތަބާވާ މަޒުހަބުގައި އޮތް ގޮތް ކަމަށެވެ. އަޅުގަނޑުގެ ރަޙުމަތްތެރިންގެ ތެރޭގައި ވެސް ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އުޅެ އެވެ. އޭން އެކަކީ، ހަސަނެވެ. އޭނާގެ މަޒުހަބަކީ، ސިނގިރޭޓްގެ އެއްބައެއް ވަންތަކަމުގެ މަޒުހަބެވެ. އެ މަޒުހަބުގެ އަހުލުވެރިން މާނަކުރާ ގޮތުގައި، "ސިނގިރޭޓުގެ އެއްބައެއް ވަންތަކަމުގެ" މާނައަކީ، ރެއާއި ދުވާލު އެންމެ ސިނގިރޭޓެއް ރޯކޮށް، އެ ސިނގިރޭޓް ނިވުމުގެ ކުރިން އޭން އެހެން ސިނގިރޭޓެއް ރޯކޮށްލައިގެން، ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ފުލުފުލުގައި ބޮމުން ގެންދިއުމެވެ!!! އެ މަޒުހަބުގެ އެހެން މީހުންނެކޭ އެއްފަދައިން، ސިނގިރޭޓް ބުއިމަކީ ޞިއްޙަތަށް ގެއްލުންހުރި ކަމެއް ކަން ހަސަނަށް ވެސް އެނގެ އެވެ.

އޭނާގެ ފުއްޕާމޭ ވަނީ ދުމުން ކަޅިވެފައިކަން ވެސް އޭނާއަށް އެނގެ އެވެ. އަދި ހާޓް-އެޓޭކެއް ޖެހިގެން އޭނާ މަރުވެދާނެ ކަމަށް ވެސް ގަބޫލުކުރެ އެވެ. އެންމެފަހުން، އޭނާ މަރުވީ ހަމަ އެގޮތަށް ކަމަށް އަޅުގަނޑުގެ ގާތުގައި މީހަކު ބުންޏެވެ! 

ސިނގިރޭޓުގެ އެއްބައެއް ވަންތަކަމުގެ މަޒުހަބުގެ އަހުލުން ގަބޫލުކުރާ ގޮތުގައި، އަލިފާނުން އިސްރާފުނުކުރާ ބަޔަކީ ވެސް އެމީހުންނެވެ! އެހެނީ އެ މީހުން ރެއާއި ދުވާލު އަޅަނީ އެންމެ އަލިފާން ދަނޑިއެކެވެ! އޭން މީހަކަށް އެންމެ އަލިފާން ފޮށްޓަކުން މަސްދުވަހަށް ފުދެ އެވެ! އެންމެ ލައިޓަރަކުން އަހަރު ދުވަހަށް ފުދެ އެވެ!!!

އަޅުގަނޑުގެ އެކުވެރިއެއް ކަމަށްވާ، އަބޫ ކާތިޔާ ގެ މަޒުހަބު މުޅިން ތަފާތެވެ. އޭނާގެ މަޒުހަބުގައި އޮންނަނީ، ހަމައެކަނި، މި ދުނިޔޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމެއް ނޫނެވެ. ކަށްވަޅުގައި އޮންނައިރު ވެސް ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، އޭނާގެ މަޒުހަބުގައި އެއްވެސް ޚިލާފެއް ނެތް މައްސަލައެކެވެ. އޭނާ ބުނެއުޅެ އެވެ. "މަރުވުމަށްފަހު، ސިނގިރޭޓެއް ނުބޮއި ކަށްވަޅުގައި ވެސް ނޯވެވޭނެ އެވެ." ބައެއް މީހުން އޭނާގެ ގާތުގައި ބުނެއުޅެ އެވެ. ތިބާ މަރުވެއްޖެނަމަ، ތިބާގެ މަހާނައިގައި ދުންފަތް ގަހެއް އިންދަން ވަޞިއްޔަތްކުރާށެވެ! އޭރުން އެ ގަހުގެ މޫތައް އަޑިއަށް ފައިބައިގެންގޮސް ތިބާގެ ކަށިތަކުގެ ތެރެއަށް ވަދެ، އެއާއެކު ދުންފަތުގެ މޫތަކުން ވިއުގައެއް ގަތައިލާނެ އެވެ! އޭރުން ތިބާގެ ކަށްވަޅަކީ، ނިކޮޓިންގެ ދާނެއް ކަމުގައި ވެގެންދާނެ އެވެ!

ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ މަޒުހަބުތައް ވެސް ވަރަށް ތަފާތެވެ. އަބޫ ޙާމިދުގެ މަޒުހަބު ބުނާ ގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް އޮތް އެންމެ އަރާމު ގޮތަކީ، ފާޚާނާ ތަށިމަތީގައި އިނދެ ސިނގިރޭޓު ބުއިމެވެ! އަބޫ ޢަލީގެ މަޒުހަބުގައި އޮންނަނީ، ކެއުމަށްފަހު ސިނގިރޭޓެއް ބުއިމަށެވެ. އެކަމަކު، ސިނގިރޭޓްގެ ދުންތައް ފުއްޕާމޭގެ ތެރޭގައި އިރުގަނޑެއް ވަންދެން ހިފަހައްޓައިލައިގެން ހުރުމަކީ އެ މަޒުހަބުގައި މުއައްކަދު ސުންނަތެކެވެ! ދުން ހޮޅިއަކުން ދުން ބޭރުވާހެން ނޭފަތުގެ ދެ ހިނދުރިން ދުން އެރުވުމަކީ އެ މަޒުހަބުގައި ޢައިނިއްޔަ ފަރުޟެކެވެ!!!

އަޅުގަނޑުގެ ބޮޑުބޭބެ، ފަހުމީ އަކީ ވެސް ދުންފަތުގެ އިސްތިޢުމާލުކުރުމުގައި ފުންނާބުއުސް ބޭކަލެކެވެ. އޭނާ ސިނގިރޭޓް ބޯއިރު އިންނަނީ އެއްފައި މައްޗަށް އަނެއް ފައި ލައިގެންނެވެ. ސިނގިރޭޓެއް ރޯކޮށްލަން އަލިފާން ދަނޑިއެއް އަޅައިލަނީ ވެސް ޖާދޫގަރެއްގެ ބަހުލަވާނީ ޙަރަކާތަކުންނެވެ! ސިނގިރޭޓެއްގެ ދެބައިކުޅަ އެއްބައި ބޯލަނީ ވެސް އެއް ނޭވައިންނެވެ! އެއަށްފަހު، ސިނގިރޭޓް ބޯން އިނދެގެން ދައްކާނީ ހުސް ސިޔާސީ ވާހަކަ އެވެ. އެ ވާހަކަތައް ބިނާވެފައިވާނީ، ބީބީސީގެ ޢަރަބި ރޭޑިޔޯއިން އޭނާއަށް އިވެމުންދާ އާ ޚަބަރުތަކުގެ މައްޗަށެވެ. އަޅުގަނޑުގެ މަރްޙޫމު ބައްޕަ، އޭނާ ދައްކާ ވާހަކަ އަޑުއައްސަވަން އިންނަވަ އެވެ. އެ ދެ ބޭކަލުންނަކީ ވެސް ލިޔަންކިޔަން ނުދަތުމުގެ ދުނިޔޭގައި ބޮޑު ޝުހުރަތެއް ލިބިފައިވާ ފުންނާބުއުސް ދެ ޢާލިމުންނެވެ!!! އެ ބޭކަލުންގެ ދުނިޔޭގައި ފޮތަކީ ނެތް އެއްޗެކެވެ! ޢިލްމުގެ މަޞްދަރަކީ، ކަންފަތަށް އިވޭހައި އަޑުތަކެކެވެ! އެ ބޭކަލުން ބަހުސްކުރައްވާ ގިނަ މައްސަލަތަކަކީ، އެއްވެސް ތާކުންތާކު ނުޖެހޭ ޔޯލަވާހަކަތަކެއް ކަމުގައި މެނުވީ ނުވެ އެވެ!!!

އަބޫ ޢާމިރަކީ ވެސް އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން ސިނގިރޭޓް ބުއިމަށް އަރާހުރި މާރިދެކެވެ! ދުންފަތުގެ އިސްތިޢުމާލު ނުކުރުމަށް އަޅުގަނޑު އޭނާއަށް ވަރަށް ބޮޑަށް ނަސޭހަތްދެމެވެ. ވީނުވީ ތަނެއް ނޭނގި ދުވަސްތަކެއްވަންދެން އޭނާ ގެއްލުނެވެ. އެކަމާމެދު އަޅުގަނޑު ކަންބޮޑުވެފައި ހުއްޓައި، އެއްދުވަހަކު އައިސް ބުންޏެވެ. "ޑަކުޓަރުން ތިމަންނާގެ މޭ ފަޅާލާފައި، އާ ލޭ ހޮޅިތަކެއް ހިތަށް ލައްވައިފި އެވެ!" އެކަން ކުރީ ކިހިނަކުންތޯ އެހީމައި، ބުންޏެވެ. "ޑަކުޓަރުން އެކަން ކުރިއިރު ތިމަންނާގެ މޭ އޮތީ ފޮތެއް ހުޅުވައިލާހެން ހުޅުވައިލާފަ އެވެ." ދެން ދުވަހަކު ވެސް ސިނގިރޭޓަކާ ދިމާއަށް ލޮލުގެ ހިމަކޮޅުން ވެސް ބަލައިނުލާނެ ކަމަށް ބުނެ، އެދުވަހު އަބޫ ޢާމިރު މަތިމައްޗަށް ހަތް ހުވާކުރި އެވެ. ނަމަވެސް ޖެހިގެން އައި ހަފުތާގައި، ރޭލެއްގެ ދުންހޮޅިން ދުން އަރަމުންދާހެން، ނޭފަތުން ދުންއަރުވަމުން ދިޔަތަން ދުށީމެވެ!

ހިތުގެ ޑަކުޓަރެއް ކަމަށްވާ، ޑރ. ޢައުދާގެ އަރިހުން އެހީމެވެ. "ދުންފަތުގެ އިސްތިޢުމާލުކުރާ މީހެއްގެ އަޖަލު ގާތްވެއްޖެކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވަނީ ކިހިނަކުންތޯ އެވެ؟" އޭނާ ޖަވާބުދެއްވި އެވެ. "ހިތުގެ ވިންދު ބެލީމާ، މަލަކުލްމައުތު ހުންނެވި ހިސާބު، ހިތުގެ މާހިރުންނަށް އެނގޭނެ އެވެ!!!"

އަބޫ ޢައްބޫދަށް ހާޓް-އެޓޭކެއް ޖެހުނު ދުވަހު އޭނާގެ އަނބި ފާތުމައަށް ގޮވާލާފައި ރޮއިހޭރެމުން ބުންޏެވެ. "މަގޭ މެޔަށް ޖިންނި ޝައިޠާނުން ވަޅި ހަރަނީ އެވެ! ނިކަން އަވަހަށް ފަންޑިތަވެރިއަކު ގެނެސްދީބަލާށެވެ!" ފާތުމައަކީ، ނަރުހެކެވެ. އެހެންކަމުން، އަބޫ ޢައްބޫދު ލަވާ ހަޅޭކަކަށް ނުބަލައި، އެންމެ ކައިރީގައި ހުރި ހިތުގެ ފަރުވާދޭ ހޮސްޕިޓަލަށް އޭނާ އަވަހަށް ގެންދިޔަ އެވެ. ދުންހޮޅިއަކުން ގެދަބުޅި ކަހައި ސާފުކުރާހެން، އޭނާގެ ހިތުގެ ލޭ ހޮޅިތައް ކަހައި ސާފުކުރުމަށްފަހު، ޑަކުޓަރުން އޭނާގެ ހިތަށް ބެލޫނެއް ލެއްވި އެވެ!!! އަދި އޭނާއަށް ބޭސް ހަންދަރެއް ވެސް ދިނެވެ!!!

އަބޫ ޢައްބޫދަށް ގޮވާލަން ދިޔަ ދުވަހު، އޭނާ ކުރެން އެހީމެވެ. "މިހާރު ދުވާލަކު ކިތައް ކާޓޫނު ހުސްކުރަން ހެއްޔެވެ؟" ދެބުމަ ގޮށްޖަހާލާފައި އޭނާ ޖަވާބުދިނެވެ. "ކާޓޫނެއް ކީއްކުރަން ހެއްޔެވެ؟ ދުވާލަކު އެންމެ ދެ ސިނގިރޭޓަށްވުރެ ގިނައިން ބޯކަށް ހުއްދައެއްނެތެވެ. ހެނދުނު ނާސްތާކޮށްގެން ބޯލާ އެއްޗަކާއި، ރޭގަނޑު ބަތް ކައިގެން ބޯލާ އެއްޗެކެވެ!"

ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި، އެމީހުންގެ މަޒުހަބުތަކަށް ނަޒަރު ހިންގައިލުމުން އެނގޭ އެއްޗަކީ، ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް، ބޯ މީހަކު، ބޯ އެއްޗެއް، ހުއްޓައިނުލައި ބޯނެ ކަމެވެ! ކޮންމެ މަޒުހަބެއްގެ މީހަކު ވެސް އެމީހެއްގެ މަޒުހަބުގައި ބޯން އޮތް އެއްޗެއް، ބޯން އޮތް ގޮތަކަށް ބޯނެ އެވެ! ބުއިމަކީ، ދެވިހިފައިފި މީހަކު ހުއްޓައިލާނެ ކަމެއް ކަމުގައި ނުވެ އެވެ!!! ދުން ބުއިމަކީ، ކްރިސްޓޮފަރ ކޮލަމްބަސް "ދުނިޔޭން ބޭރަށް" ގޮސްފައި އެނބުރި އައިއިރު، ބޭރު ދުނިޔެއިން ރަނާއި، ރިއްސާއި، ޕޮޓޭޓޯ އާއި، ޓޯމާޓޯ ގެނައިއިރު އެ ތަކެއްޗާ އެކު ގެނައި ބިދުޢައެކެވެ!!! ކޮންމެ ބިދުޢައަކީ މަގުފުރެދުމެއް ކަމަށްވިޔަސް، ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައި ކަމަށްވިޔަސް، ދުން ބުއިމުގެ ބިދުޢައަށް ދެވިހިފައިފި މީހަކު އެ ބިދުޢައިން މިންޖެއް ނުވާނެ އެވެ!!! ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ މީހަކުމެ އެމީހެއްގެ މަޒުހަބުގައި ބޯން އޮތް ގޮތަކަށް އެކަން ކުރާނެ އެވެ!!!
                    ------------------
ލިޔުއްވީ: ޑރ. ޚާލިޞް ޖަލަބީ
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން