އަލްމަރްޙޫމް ޢަބުދުއްޝުކޫރު ޒަކަރިއްޔާ "ތުއްތުދީދީ" ލ. މާބައިދޫ ފިނިހިޔާގެ









އަލްމަރްޙޫމް ތުއްތު ދީދީ އަކީ އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްސަ ޤަދަރަކާއި ލޯތްބެއް ދެވިފައިވާ އަޅުގަނޑުމެންގެ "ދޮންބޭބެ" އެވެ. (ދޮންބޭބެކިޔަނީ މާމަގެ އެއްބަނޑު އެއްބަފާ ކޮއްކޮއަށް ވާތީ މަންމަމެން މުޚާޠަބުކުރާގޮތް ކަމަށްވީމައެވެ.)  ތަޢުލީމު ޙާޞިލްކުރަން ދޮންބޭބެގެ ހިޔާވަހިކަމާއި ބެލެނިވެރިކަމުގައި ހޭދަކުރި 5 އަހަރު ދުވަހުގައި އަޅުގަނޑަށް ވަރަށް ބޮޑަށް އަޅާލައްވައި ލޯތްބާއި ކުލުނު ބެހެއްޓެވިއެވެ. ފުރާވަރުގެ އުމުރަށް އަޅައިގަތް ދުވަސްވަރު ކުރެވޭ ވިޔާނުދާކަންކަން ވިސްނައިދީ ހަމަމަގަށް އަޅުވައިދީ ތަރުބިއްޔަތުކުރުމުގައި މައިންބަފައިންނެތްކަމުގެ އިޙުސާސްކުޑަކޮށްދީ ކުޑަކުޑަ އަޅުގަނޑުގެ ހިތްހަމަޖައްސައިދިނީ ދޮންބޭބެއެވެ. އަދި ދޮންބޭބެގެ ދަރިންނެވެ. އެހެންކަމުން ދޮންބޭބެއަށް އަޅުގަނޑުގެ ހިތުގައި ދެވިފައިވަނީ ބައްޕައަކަށް ދެވޭނެ ފަދަ މަތިވެރި ދަރަޖައަކާއި ލޯތްބެކެވެ. 


މާބައިދޫ ފިނިހިޔާގޭ އަލްމަރްޙޫމް ތުއްތުދީދީ އަކީ މާބައިދޫގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރިއެކެވެ. ހިންގުންތެރި ވެރިއެކެވެ. ދަރިންނަށް ތަޢުލީމުދިނުމަށް ވަަރަށް ޚާއްޞަކަމެއް ބެހެއްޓެވި ބައްޕައެކެވެ. ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓެވި އޯގާތެރި އަޚެކެވެ.

ދިރިއުޅުމަށްޓަކައި ތުއްތުދީދީ އެންމެ ފުރަތަމަ ކުރެއްވި މަސައްކަތެއްކަމަށްވަނީ ރާވެރިކަމެވެ. ތިން މަސްދޯނި ދުއްވި އޮޑިވެރިއެކެވެ. ރޭނުން ފަދަ މަސައްކަތްތައް ވެސް ދެނެލައްވައެވެ.  އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކުގެތެރޭގައި މުދިންކަމާއި ކުޑަކަތީބު ކަންހިމެނެއެވެ. އެއަށްފަހު އޭނާގެ ބައްޕަ އިސްމާޢީލްދީދީގެ ޒަކަރިއްޔާދީދީ ފަދައިން  ކަތީބުކަން ކުރެއްވިއެވެ. އަދި ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމުގެ މަޤާމުވެސް އަދާކުރެއްވިއެވެ. ގާތްގަނޑަކަށް ތިރީހަކަށް އަހަރު ދައުލަތަށް ޚިދުމަތްކުރެއްވިއެވެ. މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތުތަކަށް ބުރަވާއިރު ތުއްތުދީދީއަކީ މާބައިދޫގައި ދެވަނައަށް ކުޑަކަތީބުކަން އަދި ފަސްވަނަ އަށް ކަތީބުކަން ކުރެއްވި ބޭފުޅާއެވެ.

ތުއްތުދީދީއަކީ މާބައިދޫގެ ސަޤާފީކުޅިވަރުތަކުގައި އިސްސަފުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަޑުމަޚްރަޖް ރީތިކަމުން ހަރުބީއަރާއިރު ލަވަކިޔާ ފަތީގެ އެންމެކުރީގައި ހުންނަ މުރީދަކީ އޭނާއެވެ. އެހެންކަމުން އަތޮޅުފެންވަރުގައި އޮންނަ އެކިއެކި ޙަރަކާތްތަކުގައިވެސް ސަޤާފީކުޅިވަރުތަކުގައި މާބައިދޫ ތަމްޘީލުކުރާ ޓީމުގެ މެމްބަރެއްގެ ގޮތުގައި އަތޮޅުވެރިކަންކުރާ ހިތަދޫގައި ހުރި ހުރުމެއްގައި ތުއްތުދީދީގެ އަޑުމަޚްރަޖް ފާހަގަކުރެވި އޭރުގައި ހުންނެވި އަތޮޅުވެރިން ތުއްތުދީދީއަށް މާބައިދޫގެ މުދިންކަންދެއްވަން ބޭނުންވެގެން ސަނަދުނަގަން މާލެ ފޮނުއްވައިދެއްވައިފިއެވެ. އަތޮޅުވެރިންގެ ވިސްނުންފުޅަކީ ތުއްތުދީދީއަކީ ކަތީބުކަން ކުރެއްވި ބޭފުޅެއްގެ ދަރިއަކަށްވީތީ އެފަދަ ކަމަކަށް ހަމައެކަށީގެންވާ މީހެއްކަމެވެ. ސަނަދު ނެގުމަށް މާލެފައިބާ ހުރީ ބޮއިކަޅުހުއްތުގޭގައެވެ. ސަނަދު ނަގަން ކިޔަވަމުންދަނިކޮށް މާބައިދޫ ކެޔޮޅުބޭގެ ޢަލީއަށް މުދިންކަން ދެއްވައިފިއެވެ. އޭގެ ދެތިންމަސްފަހުން މާބައިދޫގެ އޮޑިވެރިއެއްކަމުގައިވާ އިސްމާޢީލްފުޅުބޭ ލަފާދިނީ އޭނާގެ އޮޑިން އަނބުރާ ރަށަށް ދިޔުމަށެވެ. ނަމަވެސް ތުއްތުދީދީއަށް ފެނިލެއްވިގޮތަކީ، ފުރުމުގެ ކުރިން ކަޅުބޭ (ބޮއިކަޅުހުއްތު) އަށް ނަންގަނެ، މަޝްވަރާ ހޯދުމަށްފަހު ނޫނީ ނުފުރުމަށެވެ. ދެން ތުއްތުދީދީ ގޮވައިގެން ސަރުކާރުގެ ކަމާބެހޭ ވުޒަރާއަށް ބޮއިކަޅުބޭ ދުރުވުމުން އެތަނުގައި ދުވަސްކޮޅަކު މަސައްކަތްކުރުމަށް ބެހެއްޓީއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެވުޒާރާގެ އިސްވެރިންނަށް ތުއްތުދީދީގެ ކިޔަމަންތެރިކަމާއި ރިވެތި އަޚްލާޤް ފާހަގަކުރެވިއްޖެއެވެ. އެހެންކަމުން އެފަދަ ބޭފުޅަކު މާޔޫސްކޮށްލާފައި "ހުސްއަތާ" ރަށަށް ފޮނުވާނުލާންވެގެން މާބައިދޫގައި ދެ ކުޑަކަތީބުން ތިބޭގޮތަށް ހަމަޖައްސަވާ ތުއްތުދީދީ އަށް ކުޑަކަތީބުކަން ދެއްވާ ރަށަށް ފޮނުވާދެއްވީއެވެ. އޭރު މާބައިދޫ ކުޑަކަތީބަކީ ރެއްކުބޭގެ އަލިފުޅު (ފަހުން އަލީ ކަލޭގެފާނު) އެވެ. މިވާހަކަ މިހާތަފްޞީލްކޮށް އަޅުގަނޑު މިބަޔާންކުރާ ސަބަބަކީ، ދާދިކުޑަދުވަސްކޮޅަކު އޭނާއާއިއެކު ހޭދަކުރި މީހަކަށްވެސް ތުއްތުދީދީގެ ރަނގަޅު ސިފަތައް ފާހަގަކުރެވޭހާ ރިވެތި ސިފަތަކުން ޖަރީވެގެންހުރި ބޭފުޅެއްކަން މިކަމުން ސާބިތުކޮށްދޭތީއެވެ.

އަޅުގަނޑަށް ފެނިފައިވާ ގޮތުން ދަންނަވަންޖެހެނީ އޭނާގެ މޮޓޯއަކަށް ހައްދަވާފައިވަނީ "އެއްޗަކީ ބަހެއް ނޫނެވެ. ޢަމަލެވެ." ހަމައެއާއެކު ނަމޫނާ މިސާލުން މަގު ދައްކައިގެން މީހުން ގޮވައިގެން މަސައްކަތްކުރެއްވި ލީޑަރެއްކަން ފާހަގަކުރެވެއެވެ. 1980 ގެ އަހަރުތަކުގެ ކުރީކޮޅު ރައީސް މައުމޫން ހައްދުންމައްޗަށް ކުރެއްވި ދަތުރުގައި ނަންގަވާފައިވާ ފޮޓޯތަކުގެތެރެއިން ފޮޓޯއެއްގައި މަގުހުރަހަށް ދަމާފައިވާ ފޮތިގަނޑެއްގައި ލިޔެފައިވާ ޢިބާރާތެއްގައި އޮވެއެވެ. "އަޅުގަނޑުމެން މިރަށް ތަރައްޤީކުރެވޭތޯ މަސައްކަތްކުރާނަމެވެ". ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި މިއަދުވެސް މާބައިދޫގެ ރައްޔިތުން ފުށުން ފެންނަ އެއްބައިވަންތަ ރޫޙް އުފައްދާ ދެމެހެއްޓުމުގައި ވަރަށް ބޮޑަށް މަސައްކަތްކުރެއްވިއެވެ. މިވިސްނުމުގައި ރައްޔިތުންނާއެކު ބޮޑެތި މަސައްކަތްތަކެއްގައި ފޫހިކަމެއް ވަރުބަލިކަމެއްނެތި ހިއްވަރާއެކު މަސައްކަތްކުރިތަން އަޅުގަނޑުވެސް ދުށީމެވެ. އޭގެތެރެއިން އެއް މިސާލަކީ، މާބައިދޫގެ ފަޅުކޮނެ ފުންކުރުމުން ތޮށިލުމުގެ މަސައްކަތް ރައްޔިތުން ކުރަމުންދިޔަ ދުވަސްވަރު އެމަސައްކަތުގައި ދެއްކެވި ނަމޫނާއެވެ. އޭރުގައި ހުންނެވީ ކުޑަކަތީބުކަމުގެ މަޤާމުގައެވެ. ޢަމަލީގޮތުން ތޮށީގައި ގާޖެހުމުގައި ރަތްދަކަ އަވީގައި ގިނަވަގުތު އުޅުއްވިއެވެ. ހަމައެފަދައިން، ފުރަތަމަފަހަރަށް މާބައިދޫއަށް ކަރަންޓްލުމުގެ މަސައްކަތާއި މާބައިދޫ މިސްކިތް ބޮޑުކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރެވެމުން ދިޔައިރުވެސް ރައްޔިތުން ކުރި މަސައްކަތްތަކުގައި އިސް ސަފުގައި ވަރަށް ސާބިތުކަމާއެކު ހުންނެވިއެވެ. މިސްކިތް ރޭނުމާއި ވަޑާމުގެ މަސައްކަތްކުރަމުންދިޔަ މީހުންގެ ކެއުން ހަމަޖެހިފައި އޮންނަނީ އޭރު ފިނިހިޔާގޭގައެވެ. ހިލޭސާބަހަށެވެ.

ގިނަ ބަޔެއްގެ ލޯތްބާއި ޤަދަރު ލިބުނު ނަމަވެސް އޭނާ ފާހަގަކުރެވެނީ މީހުންނާއިގުޅޭ، ހިތްހެޔޮ، ހިތްތިރި އަދި މަޑުމައިތިރި މިޒާޖެއްގެ ވެރިއެއްގެ ގޮތުގައެވެ. ކަތީބުކަމުގައި ހުންނެވި ދުވަސްވަރުގައި ރަށުގެ ސިޔާސީ ވެއްޓަށް އައި ހަލަބޮލި ކަމުގެ ތެރޭގައި ސިޔާސީ ވާދަވެރިންގެ ފަރާތުން ކުރިމަތިވި އުނދަގޫތަކަށް ކެތްތެރިވެލެއްވި ގޮތް އެއީ ލާމަސީލެވެ.


ނަސަބު:

އަލްމަރްޙޫމް ތުއްތުދީދީ (ޢަބުދުއްޝުކޫރު)ގެ  ބައްޕައަކީ، އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ އައިޝަތުދީދީ އާއި އައްސުލްޠާން އިބްރާހިމް މުޒުހިއްދީންގެ މުޙައްމަދު މަނިކުފާނުގެ ކޮނޑޭ މޫސާމަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނު ކައިވެނި ބައްލަވައިގެން ލިބިލެއްވި މުޙައްމަދު ދީދީ (ތުއްކަލާ ދީދީ)ގެ ދޮންދީދީ އާއި މުންޑޫ ޙުސައިންކަލޭގެފާނު ކުރެއްވި ކައިވެނިން ލިބިލެއްވި އިސްމާޢީލްދީދީ (މާބައިދޫ ހަންދަރައްގޭ އިސްމާޢީލް ދީދީ) ގެ ޒަކަރިއްޔާދީދީއެވެ. ތުއްތުދީދީގެ މަންމައަކީ، މުންޑޫ އީސާގެ އައިމިނައެވެ.

ތުއްތު ދީދީ އާއި އެއްބަނޑު އެއްބަފާ ތިބީ 3 ބޭފުޅުންނެވެ. އެއީ،  މަރިޔަމްދީދީ (ނިޔައުވެފައި)،  ސަންފާދީދީ (ކަރަންކާގެ. ލ.ގަން)، ފާޠިމަތުދީދީ (ނޫރާނީވިލާ، ލ.މާބައިދޫ) އެވެ. ތުއްތުދީދީ އާއި އެއްބަފާ ވަކިބަނޑު ބޭފުޅުންނަކީ ޢަބުދުއްރަޙުމާން (އަތަމާގެ، ލ.މާބައިދޫ)، މޫސާދީދީ (އަޅިވިލާގެ، ލ.މާބައިދޫ)، އިބްރާހިމްދީދީ (އިރުދޭމާގެ، ލ.މާބައިދޫ)، އަދި ޙައްވާދީދީ (ކަނީރުމާގެ، ލ.މާބައިދޫ) އެވެ.

ޒަވާޖީ ޙަޔާތް:

ތުއްތު ދީދީ (ޢަބުދުއްޝުކޫރު) ކައިވެނިކުރެއްވީ ލ.ހުޅިޔަންދޫ ބަނޑޭރި ދޮންއާދަނަށް މުންޑޫ މުޙައްމަދުގެ ކުޑަފުތުގެ ދޮންމަންޖެގެ ބަނޑުން ލިބުނު އިދުރީސްގެ ދޮންކަނބުލޯ(ސަލީމާ އިދުރީސް) އާއެވެ. ދޮންކަނބުލޯގެ މަންމައަކީ ހުޅިޔަންދޫ ވާރުގޭ ޔޫސުބުގެ ޙަސަނުގެ އާމިނާމަނިކެއެވެ. ދޮންކަނބުލޯއަކީ ދިވެހިބޭސްހެދުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިލައްވާފައިވާ މަޝްހޫރު ދިވެހިބޭސްވެރިއެކެވެ.

ތުއްތުދީދީގެ ދަރިން:

ތުއްތުދީދީގެ ދަރިންނަކީ، އަޙުމަދު ރަޝީދު، މުޙައްމަދު ރަޝީދު، ފާޠިމަތު ރަޝީދާ، މަރިޔަމް ރަޝީދާ، ޢަބުދުﷲ ރަޝީދު، ޢަލީ ރަޝީދު، އިސްމާޢީލް ރަޝީދު އަދި އައިޝަތު ރަޝީދާއެވެ. 
އަޙުމަދު ރަޝީދުއަކީ ޤާޟީކަމާއި އަތޮޅުވެރިޔާގެ އެހީތެރިޔާކަން ކުރެއްވި ޚިދުމަތްތެރި ޚަޠީބުއެކެވެ. ތުއްތުދީދީގެ ދަރިންކުރެ ތުއްތުދީދީއާއި އެންމެ ސިފަ ވައްތަރީ އަޙުމަދު ރަޝީދެވެ. 
މުޙައްމަދު ރަޝީދުއަކީ ހެޑްމާސްޓަރކަމާއި ޕްރިންސިޕަލްކަމާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރެއްވި ބޭފުޅެކެވެ. 
ފާޠިމަތު ރަޝީދާއަކީ އޭނާގެ މަންމަ އަރިހުން ދިވެހި ބޭސްވެރިކަން ދަސްކުރައްވައިގެން އޭނާގެ މަންމަ ފަދައިން އެޚިދުމަތްދެމުން ގެންދާ ބޭފުޅެކެވެ. 
ޢަބުދުﷲ ރަޝީދު ވަނީ ވަގުތީ ޓީޗަރެއްގެ ގޮތުގައި ލ.އަތޮޅު މަދަރުސާގައި މަސައްކަތް ކުރައްވާފައެވެ. އަދި 2004ގެ ސުނާމީގައި ހާލުގައިޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބްރިޓިޝް ރެޑްކްރޮސް އިން ލ.އަތޮޅުގައި ހިންގި ހަރަކާތްތަކުގައި ކޮމިއުނިޓީ މޮބިލައިޒޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. 
އިސްމާޢީލް ރަޝީދުވަނީ ލ.އަތޮޅު މަދަރުސާގެ  ޑެޕިއުޓީ ޕްރިންސިޕަލްކަން ކުރައްވާފައެވެ.

ނިޔައުވުން:

ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދެތިން އަހަރު ދުވަސްވަންދެން ބަލިވެއުޅުއްވުމަށްފަހު ތުއްތުދީދީ މިފަނާވަނިވި ދުނިޔެ ދޫކޮށް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 25 އޯގަސްޓް 2000މ. ވަނަ ދުވަހުގެ ރޭ 07:30 ހާއިރު ލ.މާބައިދޫގައެވެ. 

މާތްﷲ މިމަރްޙޫމްގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން.
                  ----------------

ލިޔުއްވީ: ޠާހާ އަބޫބަކުރު/ ލ. ގަން

މަޢުލޫމާތުގެ މަސްދަރުތައް:
އަލްފާޟިލް ޢަބުދުﷲ ޙިލްމީ، ޖަނަވަރީގެ، ގދ. ތިނަދޫ
އަލްފާޟިލް މޫސާ ޒަކަރިއްޔާ، އަޅިވިލާގެ، ލ.މާބައިދޫ
އަލްފާޟިލް ޢަބުދުﷲ ރަޝީދު، ފިނިހިޔާގެ، ލ.މާބައިދޫ
އަލްފާޟިލް އަޙުމަދު ރަޝީދު، ނަލަހިޔާގެ، ލ.މާބައިދޫ
އަލްފާޟިލް ޢަލީ އިބްރާހިމް، މުކުރިމަގު. ފޮނިމާގެ، ލ.ގަން