މައްކާގެ ކުތުބުޚާނާ














މައްކާގެ ކުތުބުޚާނާ ބިނާކުރެވިފައިވަނީ ކީރިތި ރަސޫލާ ރައްކައުވެވަޑައިގަތް ގެކޮޅު ހުރިތާގައެވެ. މިކުތުބުޚާނާ ހުރީ އިތުރު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބު ދިރިއުޅުއްވި ގެކޮޅު ފެށޭތާގެ އުތުރުގައެވެ. ޞަފާފަރުބަދަ އާއި ގާތްގަނޑަކަށް އެއް ކިލޯމީޓަރު ދުރުމިނުގައި ސުޤް އަލް ލައިލް މަގުގައެވެ. މި ކުތުބުޚާނާ ބިނާކުރެއްވީ ހިޖުރައިން 1370 ވަނަ އަހަރު ޝައިޚް އައްބާސް ޤަޙްޠާން އެވެ. މިހާރު ހުރި ޢިމާރާތުގެ ކުރީގައި އެތާގައިހުރީ ކުޑަ ކުޑަ ޢިމާރާތެކެވެ.

ހިޖުރައިން 71 ވަނަ އަހަރު އަލް ޚައިޒަރާން ބިންތި ޢަޠާއު ޙައްޖަށް ވަޑައިގެންނެވިއިރު މުޙައްމަދު އިބްނުއް ޘަޤަފީ އަތުން އެގެކޮޅު ބައްލަވައިގެން އަޅުކަންކުރާ މިސްކިތަކަށް ގެކޮޅު ބަދަލުކުރެއްވިއެވެ. ޚައިޒަރާންއަކީ ޚަލީފާ ހާރޫނުއްރަޝީދު އާއި ޚަލީފާ އަބޫ އަބްދުﷲ މޫސާ އިބްނު މަހްދީ އަލްހާދީގެ މަންމާފުޅެވެ. ދެފަންގިފިލައަކަށް ޢިމާރާތްކުރެވި ގަދަ މުށިކުލައިގެ ކުޑަދޮރުތައްލެވިފައިވާ މި ޢިމާރާތުން ދައްކުވައިދެނީ ކުރީ ޒަމާނުގައި މައްކާގެ މީހުން އެބައިމީހުންގެ ގެދޮރު އިމާރާތް ކޮށްފައިވާގޮތުގެ ސާދާ ކަމެވެ.

އިތުރު އެކަލޭގެފާނު މަދީނާއަށް ހިޖުރަ ކުރެއްވުމުން އެގެކޮޅު އެކަލޭގެފާނުންގެ ތިމާގެ ބޭފުޅެއްކަމުގައިވާ އަޤީލް އިބްނު އަބީޠާލިބްގެ މިލްކިއްޔާތަކަށްވިއެވެ. އެހެންކަމުން އަޤީލް މިގެކޮޅު މުޙައްމަދު އިބްނުއް ޘަޤަފީ (އަލް ޙައްޖާޖް ގެ ބޭބެ) އަށް ވިއްކެވިއެވެ. މުޙައްމަދު އިބްނުއް ޘަޤަފީ މިގެކޮޅު ބައްލަވައިގަތުމަށްފަހު ދަރްއުލްބައިދާގެ ގޮތުގައި ހެއްދެވުމާއި ހަމަޔަށް މިގެކޮޅު ދެމިއޮތީ އަޤީލް އިބްނު އަބީޠާލިބް އާއި އޭނާގެ ފިރިހެން ދަރިފުޅުގެ މިލްކިއްޔާތެއްގެ ގޮތުގައެވެ.

ކީރިތި ރަސޫލާ އުފަންވެވަޑައިގަތް ގެކޮޅަކާއިމެދު އިލްމުވެރިންނާއި ތާރީޚް ދިރާސާކުރައްވާ ބޭފުޅުންގެ ޚިޔާލު ތަފާތުތަކެއްވެއެވެ. އެއްބަޔަކު ޤަބޫލް ކުރާ ގޮތުގައި މިކުތުބުޚާނާ ހުރިތަނަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ރައްކައުވެވަޑައިގަތް ގެކޮޅުހުރިތަނެވެ. އަނެއްބަޔަކު ޤަބޫލް ކުރާގޮތުގައި އެކަލޭގެފާނު ރައްކައުވެވަޑައިގަތީ މިގެކޮޅަށް ކަމާއިމެދު ޔަގީންކުރެވޭވަރުގެ ސާފުހެއްކެއް ލިބިފައި ނުވެއެވެ.

ކީރިތި ރަސޫލާ ރައްކައުވެވަޑައިގެންނެވި ގެކޮޅު ހޯއްދެވުމަށްޓަކައި ދިރާސާތަކެއްކުރެއްވި އަބޫ ސާލިމް އަލް ޢައްޔާޝީ ނަމަކަށް ކިޔުނު ދަތުރުވެރިޔަކު، ރަސޫލާ ރައްކައުވެވަޑައިގަތް ގެކޮޅާއިމެދު ދަންނަބޭކަލުންގެ ޚިޔާލުތަކުގެ ތަފާތު ވިދާޅުވެދެއްވައި އެއަށް ފާޑުކިޔުއްވައި ލިޔުއްވާފައިވާ ގޮތުގައި، ހައިރާންވާން ޖެހޭކަމަކީ އެންމެ މީހަކަށް ދިރިއުޅެވޭވަރުގެ ކުޑަ ކުޑަ ގެއެއްގެ ކުޑަ ތަންކޮޅެއްގައި ކީރިތި ރަސޫލާ ދިރިއުޅުއްވި ގެކޮޅު ކަމަށް އައިޑެންޓިފައި ކުރުމެވެ. އެގެކޮޅު ހުރީ މައްކާގައި ކަމަށްވާއިރު މައްކާގެ ކޮން ހިސާބެއްގައި ކަމާމެދު ސުވާލު އުފައްދައެވެ. އަދި ވަކި ހިސާބެއް އެނގޭއިރު އެއީ ކޮން ގެއެއް ކަމާއިމެދު ސުވާލު އުފައްދައެވެ. އެއީ ކޮން ގެއެއްކަން އެނގޭއިރު ޔަޤީން ކުރެވޭވަރުގެ ހެއްކެއްނެތްކަމުގައި ސުވާލު އުފައްދައެވެ. މިހެން ވާންޖެހޭ ސަބަބަކީ އެއަށްފަހު އެތައް ހާސް ޤަރުނެއް ފާއިތުވެގެން ދިޔުމާއި ބިމުގެ ޖޯގްރަފީވެސް މުޅިން ބަދަލުވެފައިވުމެވެ.

މަޝްހޫރު ތާރީޚީ އިލްމުވެރިޔާ ޙަމަދު އަލް ޖާސިރު ވިދާޅުވެފައިވަނީ ކީރިތި ރަސޫލާ ރައްކައުވެވަޑައިގަތް ތަނާއި މެދު އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުތަކެއް ހުއްޓަސް އަދި އެތަނުގެ ތާރީޚީ ހެއްކެއް ފެންނާން ނެތަސް އެކަލޭގެފާނު އުފަންވެވަޑައިގަތް ގެކޮޅު އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ މަތީމީހާއަށްވެސް އެޒަމާނުގައި އެނގި ކަށަވަރުވެއެވެ.

މިކުތުބުޚާނާ މިހާރު ބަލަހައްޓަނީ މައްކާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިންނެވެ. މި ޢިމާރާތުގައި ގިނަ އަދަދެއްގެ ޢިލްމީ ފަތްފޮތްތަކާއި ތާރީޚީ ޚަޒާނާތައް ހުރެއެވެ. މިކުތުބުޚާނާއިން ޢިލްމީ ތަފާތު އެތައް ފޮތްތަކެއް ހިލޭ ބައްސަވައެވެ.
                 -------------------

ލިޔުއްވީ: "އުނިސާރު"
http://www.meedhoo.com/?p=1563