އެކަނިވެރި މައިންގެ ނަމުގައި ހަރާމް ފައިސާ ކަނީ















ބޮޑުފާލަން ކައިރިން ދިމާވި ރާއްޖެތެރޭގެ ރައްޓެއްސަކު ބުންޏެވެ. "އިބްރޭގެ ލިޔުންތައް ވަރަށްކަމުދެއެވެ. ގިނަބަޔަކު އެލިޔުންތައް ކިޔައިއުޅެނީ ބައެއް ނޫސްތަކާއި ޓީވީތަކުން އެކުރާގޮތަށް ވަކިމީހަކު ނޫނީ ބަޔަކުގެ ވަކިކަހަލަ އެޖެންޑާއެއްގެ ކަންތައްގަޑެއް ޕްރޮމޯޓްކުރުމުގެ މަސައްކަތްތަކެއް ނުކޮށް މުޖުތަމަޢުގައި ހިގަމުންދާ ބައެއްކަހަލަ ނޭދެވޭ ގޯސް ކަންތައްތައް ހިގަމުންދާގޮތް އޮޅުންފިލުވައިދީ އެކަންކަން ރަގަޅުކުރުމަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރާތީއެވެ.

ޢުމުރުން ފަސްދޮޅަސް ފަސްއަހަރު ވެއްޖެކަމަށް ހަދަންވެގެން އެކަން ކޯޓްތަކަށް ހުށަހަޅައިގެން ބަޔަކުލައްވައި ދޮގުހެކިދީގެން ދިވެހިރައްޔިތުންގެ ފައިސާއިން ކޮންމެމަހަކު ފަސްހާސް ރުފިޔާ ހޯދައިގެން އެފައިސާއިން ކާބޯތަކެއްޗާއި ތަކެތި ހޯދައިގެން އެތަކެތި އެމީހެއްގެ އަމިއްލަދަރިންނަށް ދީގެން އުޅޭ މީހުންނެކޭ އެކަނިވެރި މައިންގެ ނަމުގައި ހަރާމް ފައިސާ ހޯދައިގެން އޭގެ ބޭނުންކުރާ މީހުންނެކޭ ނުބައިކަމާއި ފާފަވެރިވުވުމުގައި ތަފާތެއް އެބަ އޮތްހެއްޔެވެ. ނެތެއްނޫންހެއްޔެވެ.


އިދެގެން އުޅޭތާ އެތައްދުވަހެއްވެފައިވާ ދެމަފިރިންވެސް ސައްލާކޮށް އެކަނިވެރި މައިންގެ ނަމުގައި އެމަޔަކާއި އެމައިގެ ކައރީގައި ތިބިހާ ދަރިންނަކަށް ހަރާމް ފައިސާ ހޯދުމަށް ވަރިކޮށްފައި އެކަނިވެރި މައިންގެ ފައިސާ ލިބޭން ފެށުމުން އަނެއްކާ ސިއްރުސިއްރުން ކައިވެނިކޮށް ކަމާއިބެހޭ ފަރާތްތަކަށް އެކަން ނާންގާ މީހުންވެސް އެބަ އުޅެއެވެ. ރާއްޖެތެރޭގެ ބައެއް ރަށްރަށާއި މާލޭގައިވެސް މިފަދަ ނުބައިކަންބޮޑު ފާފަވެރިން އެބައުޅެއެވެ. އަދި އެކަނިވެރި މައިންނޭ ކިޔައިގެން އެމީހުންނަށް ފައިސާ ދޭން ފެށުމުން އެކަމުގެ ސަބަބުން ވަރި އިތުރުވާތަންވެސް އެބަ އާދެއެވެ. ކިރިޔާ ކަމެއް ދިމާވާއިރަށްވެސް ހީލަތްތެރި އަންހެނުން ފައިސާގެ ބޭނުމުގައި ވަރިއަށް ކިޔައި ފިރިމީހާގެ ގާތުން ގަދަކަމުންވެސް ވަރިވެގަނެއެވެ. މިކަމަކީވެސް އިބްރޭގެ ލިޔުންތަކުން ފެންނަގޮތަށް ބަޔަކުމީހުން ގަދަކަމުން މިރާއްޖެއަށް ގެނައި ޑިމޮކްރަސީއޭ ކިޔާ އެއްޗަކުން ނުކުތް ހެޔޮވަރެއްގެ ގިލަންވެރިކަމެކެވެ.

އިބްރޭއެވެ. ހެޔޮވާނީ ކިހިނެއްހެއްޔެވެ. މިގޮތަށް ހަރާންކުރެއްވި މަގުމަގުން ހޯދާ ފައިސާއެކޭ މީހެއްގެ ގެއިން ވަގަށް ފައިސާ ނަގައިގެން ތިމާއާއި ތިމާގެދަރިން އޭގެ ބޭނުންކުރުމެކޭ އެއްވެސް ތަފާތެއް ނޯންނާނެއެވެ. އިބްރޭ މިވާހަކަ ލިޔަންވީ ނޫންހެއްޔެވެ."

މިވާހަކައިގެ އިތުރަށްވެސް އަޅުގަޑުގެ ރައްޓެހިމީހާ ބައެއްކަހަލަ ވާހަކަތައް ކިޔައިދިނެވެ. ފުޓްބޯޅަ މެޗެއްގައި އެހިގާކަހަލަ ހުއްދަ މާރާމާރީއެކޭ އެއްގޮތަށް ހުއްދަމަކަރާއި ހުއްދަހީލަތުގެ ތެރެއިން މީސްމީހުން ފައިސާހޯދައިގެން އެމީހަކާއި އެމީހެއްގެ ދަރިން އޭގެ ބޭނުންކުރާ ގޮތެވެ. އެވާހަކަތައް އެހެން ލިޔުމެއްގައި ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ.

ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ޙަލާލު ތަކެތި ފިޔަވައި އެހެން އެއްޗެއްގެ ބޭނުންނުކުރުމަށް ސަމާލުވެލައްވާށެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. أَيُّهَا النَّاسُ إِنَّ اللهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا وَإِنَّ اللهَ أَمَرَ الْمُؤْمِنِيْنَ بِمَا أَمَرَ بِهِ الْمُرْسَلِيْنَ فَقَالَ { يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ} (المؤمنون: 51 ) وَقَالَ { يَا أَيُّهَا الَّذِينَ آمَنُواْ كُلُواْ مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُواْ لِلّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ} (البقرة: 172 ) ” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲ ތަޢާލާއަކީ ހުރިހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ. އަދި އެއިލާހު ހެޔޮ (ރަނގަޅު) އެއްޗެއް މެނުވީ ޤަބޫލެއްނުކުރައްވަތެވެ. އެއިލާހު މުއުމިނުންނަށްވެސް އަމުރުކުރައްވަނީ އެއިލާހުގެ ރަސޫލު ބޭކަލުންނަށް އަމުރު ކުރެއްވެވި ކަންތައްތަކެވެ. (ރަސޫލު ބޭކަލުންނާއި މުޚާޠަބު ކުރައްވަވައި) ވަޙީ ކުރައްވަވާފައިވެއެވެ. އޭ އެންމެހައި ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ. އަދި ޞާލިހު ޢަމަލު ކުރައްވާށެވެ. ހަމަކަށަވަރުން ތިމަންއިލާހީ، ތިޔަބޭކަލުން ކުރައްވާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.  

އަދި (މުއުމިނުންނާއި މުޚާޠަބު ކުރައްވަވައި) ވަޙީކުރައްވަވާފައިވެއެވެ. "އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތިމަން އިލާހު ދެއްވަވާފައިވާ ޙަލާލު ރިޒުޤުން ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ.’ ثُمَّ ذَكَرَ الرَّجُلَ يُطِيْلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبُّ يَا رَبُّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِّيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ ؟ އެއަށްފަހު އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. ބޯހޭވި ހިރަފުހުންތަތްތެޅިފައިވާ މީހަކު އޭނާގެ ދެއަށް މައްޗަށް ނެގުމަށްފަހު، އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! ބުނެ ދުޢާ ކުރެތެވެ. ނަމަވެސް އޭނާގެ ކާއެއްޗެއްސަކީ ޙާރާމް އެއްޗިއްސެވެ. އަދި އޭނަ ބޯންގެންގުޅެނީ ޙަރާމް އެއްޗިއްސެވެ. އޭނަ ލާން ގެންގުޅޭ ފޭރާމަކީ ޙަރާމް ގޮތުގައި ހޯދާފައިވާ އެއްޗިއްސެވެ. އަދި އޭނާގެ ޖިސްމު ހެދިބޮޑުވެފައިވަނީ ޙަރާމް އެއްޗެހި ކައިގެންނެވެ. އެފަދަ މީހެއްގެ ދުޢާ އިޖާބަކުރެވޭނީ ކިހިނަކުންހެއްޔެވެ؟ (ޞަޙީހް މުސްލިމް)

ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! އިންސާނާ މުދާ ދެކެ ލޯބިވާ ކަމުގައި ވިޔަސް، ﺣﺮﺍﻡ އެއް ﺣﻼﻝއެއް ނުބަލާ މުދާ ހޯދުމަކީ، އަދި ފައިސާވެރިވުމަކީ، ދުނިޔެއާއި ﺁﺧﺮﺓގެ ބާއްޖަވެރިކަން ގެއްލިގެންދާ ކަމެކެވެ. އެމީހެއްގެ އަޅުކަންތައްވެސް އަރަހުށި މާތް ﷲ، ﻗﺒﻮﻝ ނުކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނޭކަމެކެވެ. މިކަން ތާއަބަދު ހަދުމަކުރައްވާށެވެ. ދުނިޔޭގެ އެދުމާއި ދަހިވެތިކަމުގައި ޣާފިލުވެ ތިއްބަވައިގެން ދިރިހުރުމުގެ ވަގުތުތައް ނަންގަވައި ނުލައްވާށެވެ. އެހެނީ މަރުގެ ދަޢުވަތު އަންނާނީ ކުރިން އެގުމަކާއި ނުލައެވެ. މިކަމަށް ވިސްނުން ބަހައްޓަވާށެވެ.
                    -----------------------

ލިޔުއްވީ: އިބްރާހީމް އާދަމް