ބަންދުގައި ބެހެއްޓުމަށްފަހު ދެން ފޮނުވާލީ ފޯއްމުލަކަށެވެ. އެއިރު އެއީ "ސިންގަޕޫރު" ޖަލެވެ. ފޯއްމުލަކަށް ގެންދިޔައީވެސް ބަދެގެންނެވެ. އެރަށުގައި ބަންދުގައި ހުރިއިރު ވަރަށްތަޅާ އަނިޔާކުރެވުނެވެ. ތަންކޮޅެއް ރަގަޅު ގެޔެއްގައި ބަންދުކޮށްފައިހުރިއިރު މީހުންއައިސް އެއްޗެތިއުކާ ތަޅާވެސްހަދައެވެ. ފަހުންބަދަލުވީ އާދައިގެ ރާވެރިޔެއްގެ ގެޔަށެވެ. އެގޭ މީހުންނަކީ ވަރަށްހެޔޮ ބައެކެވެ. ނަމަވެސް އެގޭގައި މާގިނަދުވަހަކު ހުރެވޭގޮތެއް ނުވިއެވެ. އަޅުގަނޑުހުރި އަވަށުގެމީހުން ބަޣާވާތެއް ކުރަންއުޅެ ބޭޒާރުވީއެވެ. ނަތީޖާއަކަށްވީ އަވަށުގެ ހުރިހާފިރިހެނުންހެން ކުށްވެރިވެ ތަޅާފައި ހައްޔަރުކުރީއެވެ. އަޅުގަނޑު އަދަގޮޑިޖެހީއެވެ. އަދަގޮޑީގައި 4 މަސްދުވަހު ބާއްވައި ނަގައިފައި ދެން ލީ ގުދަނަކަށެވެ. އެއީ ރާވެރިޔެއްގެ ބަދިގެޔެއްކަހަލަ ތަނެކެވެ. ތަޅުންގަނޑުގައި ހުރީ ކުދި އަކިރިއެކެވެ. ފަތުރަން ދީފައިއޮތީ ދެ ތޮށަލިފަޅިއެވެ. އެތާގައި ދުވަސްކޮޅެއްވާއިރަށް އެކިބަލިތައް ޖެހި ކުރިމަތިފަރާތް ފާރުވެ ރިއްސާ ބަލިވެ ހިކި އަނަރޫފަވެގެން ހިގައްޖެއެވެ. އެއީ ކިޔައިދެން ދަތި ވާހަކަޔެއްކަމުގައިވެސް ވިދާޅުވިއެވެ. މުޅިމީހާ ފޮއްސިވެ މަރުވަނީޔޭ ހީވާދަރަޖައަށް ހިގައްޖެއެވެ. ރޮއިހޭރިހަދާ އަޑު އިވޭމީހެއްނެތެވެ. 7 މަސްދުވަސް ވީއިރު އެމީހުނަށްވެސް ދެން އަޅުގަނޑު މަރުވެދާނެކަމުގައި ހީވީކަހަލައެވެ.
އެތަނުން ނެރެފިއެވެ.
އަމިއްލަޔަށް ހިގާވެސް ނުގަނެވެއެވެ. މުޅިން އައްސިވެ ހިކި ކަށީގައި މަސް ތަތްލާފައެވެ.
ދެން އަޅުގަނޑު ކުރިންދެންނެވި މީހުން އަޅުގަނޑު އެގެޔަށް ގެންދިޔައީއެވެ. ދަންނަވަންތޯއެވެ.
އެއީ ހާދަހެޔޮ ބަޔެކެވެ. ފުރަތަމަ ދޭންފެށީ ކަރާފަންޏެވެ. ދެން ދޭންފެށީ ސާގުގައި ނުވަތަ
ޅަ ހަޑުލުގައި ބަތްޕެން ކައްކައިގެން ގެރިކިރު އަޅައިގެންނެވެ. އަޅުގަނޑު ރޫފަޖެހި
ވަރުޖެހެންދެން އަޅުގަނޑު އަލުން އައްޑުއަށް ގެންދަންދެން އެ ބެހެއްޓި އޯގާތެރިކަމެއް
ދުވަހަކުވެސް ހަދާނެއް ނުނެތޭނެއެވެ.
އައްޑުއަތޮޅަށް
އަލުން އަޅުގަނޑު ގެންދިޔަތަނާ ހުވަދުއަތޮޅު ދަވްލަތުން ފަތަޙަކުރެއްވި ޚަބަރު ލިބިއްޖެއެވެ.
އަޅުގަނޑުވެސް އެއިރުވަނީ އެރަށުން ބޭރަށް ނުދެވޭގޮތަށް ދޫކޮށްލައްވާފައެވެ. އެއްދުވަހަކު
އޮފީހަށްގެނަސް އަތޮޅަށް ދާން ބޭނުންވާބަޔަކީ ކޮބައިތޯ ޢަފީފު ސުވާލުކުރައްވައިފިއެވެ.
އަޅުގަނޑުމެންނަށް ހީވީ އެއީ އެތަނުން ރަގަޅުގޮތެއްގައި ފޮނުއްވުމަށް ކުރައްވާ
ސުވާލެއްކަމުގައެވެ. އެންމެފުރަތަމަ އަތޮޅަށްދާން ބޭނުންކަމުގައި ދެންނެވީ
އަޅުގަނޑުގެ ދަރިފުޅު މުޞްޠަފާއެވެ. އަޅުގަނޑުވެސް ދާން ބޭނުންވާހަކަ ދެންނެވީމެވެ.
އެއިރު އެތާ ހައްޔަރުވެފައި ތިބި ފޯއްމުލަކު މީހުނާ ހުވަދުއަތޮޅު އެއްމެންތިއްބެވެ.
ދެން އެވަގުތު އަޅުގަނޑުގެ ދެބަފައިންނާ ހުވަދުއަތޮޅު މީހަކު ބަހައްޓާފައި
އެހެންމީހުން ފޮނުވާލައިފިއެވެ. އަޅުގަނޑުމެންނަށް އެންގީ 12 ޖެހުމުގެ ކުރިން
ފުރަން ތައްޔާރުވެގެން ރަށުގެ އިރުމަތީކޮޅުގައި އޮންނަ ތަނަކަށް ދިޔުމަށެވެ.
އެތަނަށްދަމުން
ދިމާވި ވަރަށްބޮޑުރައްޓެއްސެއްގެ ގެޔަށް ވަދެ ޕްލާސްޓިކު ބާލިދީއަކަށް ފެންފޮދެއްއަޅައިގެން
އަދި ބޮޑު ފަލޮޅެއްހިފައިގެން އަންގާފައިވާތަނަށް ހިގައްޖައީމެވެ. 1 ޖެހިއިރު ބަޔަކު
އައިސް ކުޑަ ހަނޑޫކޮޅެއް ދީފައި އެންގީ އަހަރެމެންނަށް އޯޑަރުއޮތީ ކަލޭމެން
މިކަނޑުން ނެރޭށެވެ. އެއީ އިރުވައިމޫސުމްކަމަށް ވުމާއި އެކު ރޮއިގެންފައި ބުނެފީމެވެ.
މި މޫސުގައި އަޅުގަނޑުމެން މި ކަނޑުން ނުކުމެއްޖެނަމަ ހަމަ ބެހޭނީއެވެ. މީގައި ބޯ ފެންފޮދެއްވެސް
ނެތެވެ. ހުރި ކާއެއްޗަކަށްހުރި އެއްޗަކީ ހަމަ ހަޑޫކޮޅެކެވެ. މި މޫސުމުގައި ގައިމު
ރާއްޖެއިންތަނެއް ލައްވަޔެއް ނުލާނެއެވެ. މިހެން ހަމަ ބުނުމާއިއެކު އަޅުގަނޑުގެ މުޞްޠަފާ
"ވަރިހަމަ ރާއްޖެއިންތަނެއްލައްވާ ނުލިޔަސް" ބުނެފިއެވެ. އަޅުގަނޑުގެ
އާދޭސް އަހައިފައި އެދޯނީގައި ހުރި މުސްކުޅިއެއް- އެއީވެސް އަޅުގަނޑުމެންކަހަލަ އިސްލާމުންނެއްނުން.
އެމީހުންގެ އާދޭސް ވެރިންނާހަމަޔަށް ގެންގޮސްދޭން ޖެހޭނެޔޭ" ބުނެފިއެވެ.
އެތައް ވާހަކަޔެއް ދެއްކުމަށްފަހު އިހަށް ތިބޭށޭ ބުނެފައި ހިގައްޖެއެވެ. ދެންއައީ
ވަރަށް ހަވީރުވީ ފަހުންނެވެ. އައިސް އަނެއްކާވެސް އެރަށުގައި ތިބުމަށް ދޫކޮށްލީއެވެ.
އަޅުގަނޑަށް
ރަށަށްއާދެވުނީ ދެއަހަރާ އެތައްމަހަކު އެ އަނިޔާވެރި ޙާލުގައި އުޅުމަށްފަހުގައެވެ.
ރަށަށް އާދެވުނުއިރު ގެދޮރުވަނީ
ހުސްކޮށްލާފައެވެ. ހުރި އެއްމެ ފިރިހެން ދަރިފުޅުވެސް އަނިޔާގައި ގެއްލި ދިޔައީއެވެ.
މުސްޠަފާވެސް ފޯއްމުލަކު ޖަލު(ސިންގަޕޫރުޖަލު) އޮވެ ބަލިވެގެން ބޭސްކުރަން ނެރުނީއެވެ.
ދެން ރަގަޅުވެލީމާ، އޭނާޔާ ބައިވެރިވާ ޒުވާންކުދީން ކޮޅެއް ހޯދައިގެން
ފުރައިގެންއުޅެނިކޮށް ބެހުނީއެވެ. އަދިއަދަށްވެސް ވީތަނެއްނޭގެއެވެ.
ދިރިއުޅުމުގެ
ހުރިހާކަމެއް މިވަނީ އަލުން ފެށިފައެވެ.
ދަވްލަތުން މިއަތޮޅު ފަތަޙަ ކުރެއްވުމަށްފަހު، ކުރިން އަޅުގަނޑަށް އޮތް
ފަޅުރަށް މަރިޔަމް މަނިކެފާނަށް ދެއްވާފައިވެއެވެ. އަދި އަޅުގަނޑަށް އާދެވުމުން
އެހެން ދެ ރަށެއް އަޅުގަނޑަށްވެސް ދެއްވިއެވެ. ދާދިފަހުން (ޖުމްހޫރިއްޔަތަކަށް
ވެސް ބަދަލުވީފަހުން) ކަތީބުކަމުން ނުލިބިވީ މުސާރަވެސްވަނީ ލިބިފައެވެ.
ދުނިޔެއަކީ މިކަހަލަ އެއްޗެކެވެ. މިހާ ހިސާބަށް ވާހަކަދިޔައިރު 1.30 ވެއްޖެއެވެ.
އަޅުގަނޑުވެސް ނިދާލުމަށް އެބުރިގެންފީމެވެ. އެ ވާހަކަތަކުގެ އަސަރާއިއެކު ނިދުނީ ކިހާއިރަކުކަމެއް
ނޭގެއެވެ.
-----------------
ލިޔުއްވީ: "މީޒާން" (އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ މީޒާން، ޅ.ނައިފަރު)
"ގަލެހިރި" ކިޔުންތެރިންގެ
މަޢުލޫމާތަށްޓަކައި:
"ފިޔޯރީ އަޙުމަދުދީދީގެ ހަނދާނުގައި" މިސުރުޚީގެދަށުން މިހާތަނަށް ގެނެސްދީފައިވާ
ތިންބައިން އެދުވަސްވަރު ދެކުނުގެ ތިން އަތޮޅުގައި އޮތް "ހަމަނުޖެހުމުގެ"
ބައެއް ޙާލަތު ހުރިނެތް ގޮތް އެނގިވަޑައިގަތުން އެކަށީގެންވެއެވެ. މިބާވަތުގެ ގިނަ
ހަމަނުޖެހުންތަކަކީ އެހަމަނުޖެހުންތަކުގައި ގިނަ ފަރާތްތަކަށް ތަޙައްމަލުކުރަން ޖެހިފައިވާ
އުނދަގޫ ކަންކަމުގައި އުނދަގޫ އުފުލަންޖެހޭ ފަރާތްތަކާއި އެތަންތާނގެ އިސްވެރިންނާ
ދެމެދު އޮންނަ ޢާއިލީ ގުޅުމަކުން ނުވަތަ އެކުވެރިކަމެއްގެ ގުޅުމަކުން އެކަމަކަށް މާބޮޑު
އަސަރެއް ފޯރުވެން ނޯންނަ ކަންކަމެވެ. އެކަމަކަށް ޙާލަތު ތަން ނުދެނީއެވެ. އެކަން އެގޮތަށް
ކުރެވޭކަށް ނޯންނަނީއެވެ. އެހެން އެކަންވާން ނުޖެހުނަސް އެހެންވުމަށް އެތައް ކަމެއް
އެތައް ގޮތަކުން މަޖުބޫރުވަނީއެވެ. އެހެނީ އެދުވަސްވަރު ދެކުނުގެ ތިންއަތޮޅުގެ އެންމެ
އިސްވެރިންނަށް ތިއްބެވީވެސް ފިޔޯރީ ގުލްފާމްގޭ އަލްފާޟިލް އަލްމަރުޙޫމް އަޙުމަދު ޙުސައިންދީދީ
އާއި ޢާއިލީގޮތުން އެކިދިމާލުން ވަރަށްގާތް ބޭފުޅުންނެވެ. އަޙުމަދު ޙުސައިންދީދީ އާއި
މިބޭފުޅުންނަކީ އެއް ޢާއިލާއަކުން ބަލާނަމަ "ފުވައްމުލަކު ކުދުރަނިއަ އެދުރުގެ"
ޢާއިލާއިންވެސް ގުޅިވަޑައިގަންނަވާ ބޭފުޅުންނެވެ. ނަމަވެސް ކުރިންވެސް ދެންނެވި ގޮތަށް
ޢާއިލީ ގުޅުމަކީ ނުވަތަ އެކުވެރިކަމެއްގެ ގުޅުމަކީ އެފަދަ ޙާލަތުގައި އޭގެ މާބޮޑު އަސަރެއް
ފޯރުވެން ނޯންނަ ކަމެއްކަން ދިވެހިރާއްޖޭގައި ހިނގާފައިވާ މިކަހަލަ އެހެނިހެން ކަންކަމުންވެސް
އެނގެން އެބަ އޮތެވެ.