
މީލާދީން 1492 ން 1529 އާއި ދެމެދު 3 ފަހަރުމަތިން ރާއްޖޭގެ ރަސްކަންކުރެއްވި ކަޅުމުޙައްމަދު ރަސްގެފާނަށް ރަސްކަން ހޯއްދަވައިދެއްވުމުގެ އެންމެ އިސް މޭތިރިއަކީ، އެރަސްގެފާނު އަނބިކަމަނާ ބުރަކި ރަނީންގެ ޢާއިލާގެ ޚާއްޞަ ޚާދިމު ގާފަރު ކަޅުއިބްރާހީމެވެ. އޭނާ އެކަންކުރީ (ކަޅުމުޙައްމަދަށް ރަސްކަން ލިބިއްޖެނަމަ، އޭނާއަށް ދޮށިމޭނާކަމަށް ކޮލިލައިދޭނެކަމަށް ބުނެގެން) ދޮންބުޅާފާށިނާގެ ހަށިފާރަވެރިޔަކަށް ހުރި ނިލަންދެ އަތޮޅު ހުޅުދެލީ ދޮންޔޫސުފަށް ލައްވައެވެ. (ދޮންބުޅާފާށިނާއަކީ، ބުރަކިރަނީންގެ ބޭބެއެވެ.)
ކަޅުމުޙައްމަދު
ރަސްގެފާނުގެ ދެވަނަ ރަސްކަމުގެ ދުވަސްވަރު "ޕޯޗްގީޒުގެ ގުރާބެއް" ހުވަދުއަތޮޅު
ފަރަކަށް އުރުނެވެ. ގާފަރު ކަޅުއުނބުށޭމު އެގުރާބުދޮށަށްދިޔައީ ރަސްގެފާނުގެ އަމުރުވެސް
ނުހޯދައި މުޅިން އަމިއްލަ ގޮތުންނެވެ. އޭނާއަށް އަމުރުކުރެއްވުމުގެ މާބޮޑު ބާރެއް ރަސްގެފާނަށްވެސް
ނޯވެއެވެ.
ކަޅުއުނބުށޭމު އެ ގުރާބުދޮށަށްގޮސް އޭގައި ތިބި އެންމެން ގަތުލުކޮށް، އޭގައިހުރި
މުދާ ފޭރިގަތެވެ. ގަތުލުނުކުރަނީ ހަމައެކަނި އޭގެ ކައްޕިތާނުގެ އަންހެނުންނެވެ. (ކައްޕިތާނަކީ،
ގޯވާގައި ހުންނަ ޕޯޗްގީޒް ވައިސްރޯއީގެ ތިމާގެ މީހެކެވެ.)
ކައްޕިތާނުގެ އަންހެނުން
ޚާދުޖްޒީ (ކާންޒީކަމަނާ) އޭރުއިނީ މާބަނޑުވެފައެވެ. އޭނާ ވިހެއިކުއްޖަކީ އަނދިރި އަނދިރީންނެވެ.
މިކަމަނާއާއި ކައިވެނިކޮށް ކަޅުއުނބުށޭމު އަމިއްލަގޮތުން ދެކުނުގެ 3 އަތޮޅުގެ އަތޮޅުވެރިކަމަށް
އަތްގަދަކޮށްގެން އެތަނުގައި އުޅުމަށްފަހު މާލެއައީ އަނދިރިއަނދިރީންނާއި ފަހުން ކާންޒީކަމަނާގެ
ބަނޑުން ލިބުނު މަތުއްކަލާ ގޮވައިގެންނެވެ. މަތުއްކަލާ ގަތުލުކުރުމަށްފަހު، އަނދިރިއަނދިރީން
ފިލައިގެން ގޯވާއަށް ދިޔައީ އެވެ. އޭގެފަހުން ރާއްޖެއާއި ހަނގުރާމައަށް ކިތަންމެފަހަރަކު
އޭނާ އައެވެ. އެގޮތުން އޭނާއައި 3 ވަނަ ފަހަރު ރާއްޖޭގައި އޭރު ހުންނެވި 6 ވަނަ އަލިރަސްގެފާނު
ޝަހީދުކޮށް ރާއްޖޭގެ ސިންގާސަނާ އޭނާގެ ބާރުގެ ދަށަށް ގެންދިޔައެވެ. ފަނަރަ އަހަރާއި
ހަމަސްދުވަހު ވަރަށް ލާދީނީ، ވަރަށް އަނިޔާވެރި ވެރިކަމެއް ކުރިއެވެ. މިއީ ދިވެހި ތާރީޚް
ކަރުނައަޅާފައިވާ ތާރީޚީ ޞަފްޙާ ތަކެކެވެ.
ރާއްޖެއާ ތޮޅެން
ތިންވަނަފަހަރަށް އަނދިރިއަނދިރީން އައިއިރު ރާއްޖޭގެ ދާޚިލީ ޙާލަތުއޮތީ ވަރަށް ނާޒްކު
ޙާލަތެއްގައެވެ. އެދުވަސްވަރަކީ، މީލާދީން 1388 ގައި ފެށުނު ހިލާލީދަރިކޮޅުން އެންމެފަހުން
ރަސްކަންކުރެއްވި ނުވަވަނަ ހަސަން ރަސްގެފާނު ރާއްޖެދޫކޮށް ގޯވާއަށްވަޑައިގެން ރަސްކަން
ޙިމާޔަތް ކުރެއްވުމަށްޓަކައި ކިރިސްތިއަން ދީނަށް ވަދެވަޑައިގަތުމަށްފަހު ރާއްޖޭގެ އަހުލުތަކުންވެސް
އެދީނަށްވައްދައި އަދި ރާއްޖެއިން "ޖިޒީ" ނެންގެވުމަށްޓަކައި، ރާއްޖެއާއި
ތޮޅެން ގުރާބުތައް ފޮނުއްވަމުންދިޔަ ދުވަސްވަރެކެވެ. އެރަދުންގެ ރަސްކަންނިމުނީ މީލާދީން
1552 ވަނަ އަހަރުއެވެ. އެދަރިކޮޅަށް ނިސްބަތްނުވާ ބައެއް ބޭފުޅުން ދޭތެރެދޭރެއިން ތަޚުތުގައި
ރެދަލިކުރެއްވި ނަމަވެސް އެދެމެދުގައި ވޭތުވެފައިވާ 164 ވަރަކަށް އަހަރުގެ މުއްދަތު
ނިސްބަތްކުރަނީ ހިލާލީ ދަރިކޮޅަށެވެ.
މިދުވަސްވަރު ރާއްޖެއާއި
ތޮޅެން އަންނަ ގުރާބުތަކާއިދެކޮޅަށް ދިވެހީންވެސް ގެންދިޔައީ ގަދައަށް ރައްދު ދެމުންނެވެ.
އެކަމުގައި އެންމެ އިސްކޮށްތިއްބެވި ބޭފުޅުންގެތެރޭގައި އަބޫބަކުރު އާއި ޢަލީ ހިމެނިވަޑައިގަންނަވަ
އެވެ. މިދެންނެވި ދުވަސްވަރު ކުރަމުންދިޔަ ހަނގުރާމަތަކުގެތެރޭގައި (ނުވަވަނަ ޙަސަން
ރަސްގެފާނަށްފަހު) ތަޚުތުގައި އިށީނދެވަޑައިގަތީ، އަބޫބަކުރު (އައްސުލްޠާން އަބޫބަކުރު 1554 ން 1557 ށް) އެވެ.
ތާރީޚުގައި ލިޔެފައިވަނީ، އެރަދުން އަވަހާރަވީކަމުގައެވެ. މިރަދުންނަށްފަހު ތަޚުތުގައި
ދެން އިށީނދެވަޑައިގަތީ ޢަލީ (އައްސުލްޠާން ޢަލީ ހަވަނަ 1557 ން 1558 ށް ) އެވެ. އަނދިރިއަނދިރީން
ރާއްޖޭގެ ސިންގާސަނާއަށް އަތްގަދަކުރީ މިރަދުން ޝަހީދުކުރުމަށްފަހުގައެވެ.
އިސްވެ މިދެންނެވި
ދުވަސްވަރު ރާއްޖޭގެ ސިންގާސަނާގެ މައްޗަށް ވެރިވެގަތުމަށްޓަކައި ގިނަބަޔަކުތިބީ ދަހިވެތިވެފައެވެ.
ގޯވާގައި ހުންނަވައިގެން ނުވަތަ ޙަސަން ރަސްގެފާނު ގެންދެވީ އޭނާއަށް ކުރެއްވެންހުރި
ހުރިހާކަމެއް ކުރައްވަމުންނެވެ. ރާއްޖޭގައި ތިބި އޭނާއަށް ތާއީދުކުރާ މީހުންވެސް ކޮންމެވެސް
ކަންތައްތަކެއް ކުރާނެކަން ކަށަވަރެވެ. ހަމައެއާއެކު އަބޫބަކުރު ރަސްގެފާނު ތަޚުތުގައި
އިށީދެވަޑައިގަތުމާއި ގުޅިގެން ރަސްކަން ބޭނުންވާ އެނޫން ފަރާތްތަކުން އޭނާއާއިމެދުވެސް
ނުނިޔަތް ލާނެކަމަށް ޤަބޫލުކުރެވެއެވެ. ކޮންމެއަކަސް ގިނަދުވަހު ރަސްކަމުގައި ހުންނެވޭނެ
ގޮތެއް އޭނާއަކަށް ނުވިއެވެ. ނަމަވެސް އޭނާއަށް ތާއީދުކުރާ ބަޔަކުވެސް އޭރު ތިބޭނެކަމަށް
ލަފާ ކުރެވެއެވެ. ރާއްޖޭގެތަޚުތުގައި އަލިރަސްގެފާނު ރެދަލިކުރެއްވުމާއި ގުޅިގެން ކުރިން
މިދެންނެވި ދެފަރާތަށް ތާއީދުކުރާ މީހުންނާއި އަދި މީގެއިތުރަށް ރަސްކަންބޭނުންވާ އެހެން
ފަރާތަކެއްގެ ހިތްތައްވެސް އަލި ރަސްގެފާނާއިމެދު އެހާ ސާފުނޫންކަމަށް ބެލެވޭނެ ޖާގަ
އެބައޮތެވެ. މިހެން މިދެންނެވީ "އަނދިރިއަނދިރީން" ނާއި ހަނގުރާމަކުރެއްވުމަށް
ޢަލިރަސްފާނު ނިކުމެވަޑައިގަތްއިރު އެރަދުންނާއެކު، މާލޭގެ ރައްޔިތުން ނިކުތްކަމަށް
ވިއަސް އެންމެ ނާޒުކުވަގުތު އާދެ! ޕޯޗްގީޒް ލަޝްކަރު އެރަދުން ވަށާލުމުން "ޢަލިރަސްގެފާނެކޭ،
އަނދިރި ރަސްގެފާނެކޭ" އަހަރުމެންނަށް ވާނީ ހަމަ އެއްގޮތެކޭ ބުނެ އެމީހުން ފިލީއެވެ.
އަލިރަސްގެފާނު،
އެރަދުންގެ ވަފާތެރި ދެ ޚާދިމުންނާއެކު ޝަހީދުވީއެވެ. މިއަށްފަހު 15 އަހަރާއި 6 މަސްވަންދެން
ދިވެހީންނަށްޖެހުނީ ކަރުނައިގައި ފަތާށެވެ. މިއީ ދިވެހި ތާރީޚުންފެންނަ ވަރަށް އަނދިރި
ޞަފްޙާ އެކެވެ. ހުރިހާ ދެރައެއް ލިބުނީ ނިކަމެތި ރައްޔިތުންނަށެވެ. މިޙާލަތަށް ރާއްޖެ
ދިއުމަށް ދިވެހީން އެދުނުހިނދު އެޙާލަތަށް ޤަވްމު ދިޔައީއެވެ. އެޙާލަތު ބަދަލުވުމަށް
ދިވެހީން އެދުނުހިނދު އެ ޙާލަތުވެސް ބަދަލުވީއެވެ. ނުވަތަ ކޮށްދެއްވީއެވެ. އާދެ! ޤުދުރަތުންނެވެ.
އެކަމަށް މެދުވެރިކުރެއްވީ އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްއެވެ. ތާރީޚުގެ
ޢިލްމުވެރީން ވިދާޅުވާގޮތުގައި، ތާރީޚަކީ އިޢާދަވާ އެއްޗެކެވެ. ނަމަވެސް ވަގުތާއި،
ތަނާއި، ޒަމާނުގެ ޙާލަތު އެކަމުގައި އެކުލެވިގެންނެވެ. (ނިމުނީ)
----------------
ލިޔުއްވާފައިވަނީ:
އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި