
ސިޔާސީ ރެސްލިންގއަކީ ބޭރުގެ ބައެއް ގައުމުތަކުން ފެންނަ ކުޅިވަރެއްކަމަށްވާ ސްޕޯޓްސް ރެސްލިންގ ފަދަ ކުޅިވަރެއްނޫނެވެ. މިއީ ސިޔާސީ ކުޅިވަރެކެވެ. ނުވަތަ މުޑުދާރު ސިޔާސީ ކަންތައްގަނޑެކެވެ.
ސިޔާސީ ރެސްލިންގ
ދިވެހިރާއްޖެއަށް ތަޢާރަފުވީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ޑިމޮކްރަސީގެ ބާވަތްތައް
ލައްގަން ފެށިއިރު އޭގެތެރޭގައެވެ. އެފަހަރު ސިޔާސީ ރެސްލިންގގެ ބާބުތަކެއް ލިޔެފައިވާ
ކަރުދާސްތަކެއް ލެއްގިއެވެ. ޙީލަތްތެރިކަމާއެކު ފުރެތިކާލުންގެ ބަޔަކު ލިޔެފައިވާ މިކަރުދާސްތަކުގައި
ސިޔާސީ ރެސްލިންގ ކުޅޭނޭގޮތާއި އޭގެ ފަންނީ އުކުޅުތަކާއި މަކަރުވެރި ހަމަތަކާއި އަދި
އޭގެއިތުރަށް މިކުޅިވަރު ފެންނަ ބުއްދިމަދު އާދަމުގެދަރިންގެ ތަލިން ކުޅުހިކި އެބައިމީހުން
އާސޯޚުކުރުވާ ފަދަ އެންމެހައިކަމެއް ލިޔެފައި ހުއްޓެވެ.
މިކަރުދާސްތައް ހުރީ ދެކޮޅުގައި
ލާޖަހައި އެތެރެއަށް ފެން ނުވަންނަ ގޮތަށް ބަންދުކޮށްފައިވާ ސަންފާ އޮނުބަދައެއްގެ
ތެރޭގައެވެ. ރާޅާކުޅެމުން ގޮނޑުދޮށަށް އަންނާތީ މިއޮނުބަދަ ފެނުނީ އަތަމަނަހުރާގެ ގޮނޑުދޮށުގައި
ގަޟޯޙާޖަތްކުރަން އިން މުސްކުޅި އަންހެނަކަށް ކަމަށް ބުނެވެއެވެ. ޑިމޮކްރަސީގެ ނަމުގައި
ރާއްޖޭގެ އެކި ދިމާލުން އެކިގޮތަށް ސިޔާސީ ރެސްލިންގ ފެންނަމުން ދާންފެށީ
އޭގެފަހުންނެވެ.
ސިޔާސީ ރެސްލިންގއަކީ
ކޮންމެކޮންމެ މީހަކަށް އެކަށީގެންވާ ގޮތެއްގައި ކުޅެވޭނޭ ކުޅިވަރެއްނޫނެވެ. މިވާހަކަ އެކުޅިވަރު
ކުޅޭނޭގޮތް ބަޔާންކޮށްފައިވާ ބާބުގެ ބައްތިރީސްވަނަ މާއްދާގެ ނޫނުގެ އެންމެފަހަތުގައި
ކަޅާއި ހުދުން ފެހިކުލައިން ލިޔެފައިވެއެވެ. އެމާއްދާގައި ބުނެފައިވާގޮތުން ސިޔާސީ
ރެސްލިންގ ރަނގަޅަށް ކުޅެ މިކުޅިވަރުން އެންމެކުޑަމިނުން ބާ ދަނގަޑުމެޑެލެއް ލިބޭވަރުވާނީވެސް
ބަޅެއްގެ ނަގޫ ސަންފާ އޮނަކަށްލައިފައި އޮތަސް ތެދެއްނުވާނެއޭ އެބުނެވޭ ބުއްދިވެރި
މިސާލުބަސް ރައްދުކުރެވިދާނެ ފަދަ ލުއްޗާ އާދަމުގެދަރިންނަށެވެ. އެނޫންބަޔަކަށް އެމެޑެލެއްވެސް
ނުލިބޭނެއެވެ. މިއީ ނުބައިއާދަތައް ހިފި އަޚުލާގު ނުބައިވެފައި ހުރިމީހަކަށް ނަޞޭހަތެއް
ދިނަސް އަދި ކިތަންމެ ރީތި ނަމޫނާއެއް ދެއްކިއަސް އެ އާދަތަކާއި އެމީހަކަށް ދުރުނުވެވޭނެއޭ
ބުނެއުޅޭފަދަ މިސާލުބަސް ރައްދުކުރެވޭ އާދަމުގެދަރިންނެވެ.
ސިޔާސީ ރެސްލިންގ
ކުޅުމުގެ ސައުރަތިރީސް ކެޓަގަރީގައި ތަފާތު ފަންސަތިރީސް ގޮތެއްވެއެވެ. އޭގެތެރޭގައި:
ކެޓެގަރީ - އޭ ގައި
ކުޅެވޭނީ، މީހަކުދެކެ ނުވަތަ ބަޔަކުދެކެ ހިތުގައި އޮންނަ ޒަމާންވީ ޙަސަދަވެރިކަމާއި
އަމިއްލައެދުމުގެ ރުޅިގަނޑު ހައްދުންނެއްޓި ކޮޅުމަޑުލުވެސް އަތުނުވާހިސާބަށް ގޮސްފައިވާ
މަތީދަރަޖައިގެ މުނާފިގުންނަށެވެ.
ކެޓެގަރީ - ބީ ގައި
ކުޅެވޭނީ، އަމިއްލައެދުން ބޮޑުވެ އަތްފައިން ގޯސްހެދޭ ގޯސް ހަދައިފައިވާ ބޮޑެތި މައްކާރުންނަށެވެ.
ކެޓެގަރީ - ސީ ގައި
ކުޅެވޭނީ މީހަކުދެކެ ނުވަތަ ބަޔަކުދެކެ އަންނަ ރުޅީގައި އެފަރާތެއް ދެރަކޮށް ނިކަމެތިކޮށް
އެފަރާތެއްގެ ބާރު ނައްތާލެވިދާނެކަމަށް ހީވާ ދަނޑިވަޅުތަކުގައި އޭގެ ބޭނުންހިފުމަށްޓަކައި
އަމިއްލަ ޖާނާއި އަދި އަމިއްލަ އަތުގައިހުރި ތަށިތެލި ސަމުސާ އުނދުޅިފަދަ އެންމެހައި
ތަކެތީންވެސް ފިދާވާން ތައްޔާރުގައި ތިބޭ މޮޔައިންނަށެވެ.
ކެޓެގަރީ - ޑީ ގައި
ކުޅެވޭނީ ފައިސާކޮޅެއް ނޫނީ ކާއެތިކޮޅެއް ދިނުމުން ޖެހިލުމެއް ބިރެއްނެތި ބޮޑެތިދޮގުހަދަން
ކެރޭ ބިރުކުޑަ ޖާހިލުންނަށެވެ.
ސިޔާސީ ރެސްލިންގގެ
ސައުރަތިރީސް ކެޓަގަރީގެ ތަފާތު ފަންސަތިރީސް ގޮތުގައިވެސް ފެންނަ އެއްގޮތް ކަމެއްވެއެވެ.
އެއްވެސް ބަދަލެއްނެތިއެވެ. އެއީ އެކަކު އަނެކަކު ދެކެ ކިތަންމެ ހިތްމަނުޖެހި އަދި ރުޅިއައިކަމަށް ވިއަސް
މި އެންމެން އެކީގައި އެއްބައެއްގެ ގޮތުގައި ނުނިދައި ދުވަސްކޮޅަކަށް މިކުޅިވަރު ކުޅެވިދާނެކަމެވެ.
ނަމަވެސް މިބަޔަކަށް ލާޒިމުކަމެއް އޮވެއެވެ. އެއީ ސިޔާސީ ރެސްލިންގގެ ވަކި ހިސާބަކުން
މިއެންމެން ވަކިވަކިވެ ތަޅައިފޮޅައި އެކަކު އަނެކަކު އުކުޅަށް އަރުވައި ވަތަކުތޯޖެހުމަށް އުޅެގަތުމެވެ.
އެއާއެކު އެކަކު އަނެކެއްގެ ބަނޑަށް ފައިންއަރައި ގޮހޮރުގައި ހުރި ކާއެތިކޮޅުވެސް ނެރެވޭތޯ
އުޅުމެވެ.
މިއާއިއެކު އެކަކު އަނެކެއްގެ އަނގައަށް އަތްބާނައިގެން އެމީހާގެ ކުޑަދޫވެސް ދަތިގޮތަކަށް
ދަމައި ބޭރުކުރެވޭތޯ ގަދަ ހިތްވަރުން ހިތްވަރުކުރުމަކީ ސިޔާސީ ރެސްލިންގގައި ކޮންމެހެން
ލާޒިމްކަމެކެވެ.
ކޮންމެއަކަސް ސިޔާސީ
ރެސްލިންގއަކީ އިސްލާމުންގެ ތެރެއިން އީމާންތެރި ޞޯލިޙު އަޅުތަކުންނަށް ރަނގަޅަށް ކުޅެވިދާނޭ
އަދި ކުޅޭހިތްވާނޭވެސް ކުޅިވަރަކަށް ނުވާތީ މިކުޅިވަރު ކުޅޭގޮތުގެ ސައުރަތިރީސް ކެޓަގަރީގައިވާ
ތަފާތު ފަންސަތިރީސް ގޮތް ބަލައި ދަސްކުރުމަކީ ކޮންމެހެން އެމީހުންނަށް ބޭނުންވާނޭ
ކަމެއްނޫނެވެ. މިކަމަށް ބޭނުންވާނީ ޑިމޮކްރަސީގެ ޙީލަތްތެރި ނަމުގައި މިކަންކުރަން
ބޭނުންވާ ލުއްޗާ މީހުންނެވެ. އެމީހުން އެކަން ކުރާނެއެވެ.
---------------------
ލިޔުއްވީ: މީމު
ނޫނު