އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ
ޙަމީދު (ނޢޢވ) އާ ބަދަހި ގުޅުންތަކެއް އޮންނަ ޅ. ނައިފަރުގެ ބޭކަލެއް ކަމަށްވާ، ޢަބްދުﷲ
ޖަމީލު ލިއުއްވާފައި ވެ އެވެ.
"އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ،
ދިވެހިރާއްޖެ އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް
އަޅުގަނޑު ހަނދާން ހުންނަނީ، އަޅުގަނޑު މަދްރަސާގައި އުޅުނުއިރު، ތަޢުލީމީ ދާއިރާއަށް
ގެންނެވި އިންޤިލާބީ ބަދަލުތަކެވެ. ސްކޫލްތަކުގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރުއްވުމަށާއި،
ދަރިވަރުން އަޅާ ހެދުމަކީ އިސްލާމީ ހެދުމެއް ކަމަށް ހެއްދެވުމަށް ޙަމީދު ކުރެއްވި މަސައްކަތްޕުޅެވެ.
އޭގެ ފަހުން އެޓޮލްސް މިނިސްޓަރަކަށް ހުންނަވައި، ރަށްރަށަށް ވަޑައިގެން، ރަށްރަށުގެ
ތަރައްޤީ އަށް ކުރެއްވި ހަރުދަނާ މަސައްކަތްޕުޅެވެ. މިހާރު ގިނަ ރަށްރަށުން މިފެންނަ
ތަރައްޤީއަކީ، އޮނަރަބްލް ޙަމީދުގެ ދުރު ވިސްނެވުމާއި، ކުރެއްވި ޢަމަލީ މަސައްކަތްޕުޅުގެ
ނަތީޖާ އެވެ. މީގެ އިތުރުން ޙަމީދަކީ އަޚުލާޤު ރަނގަޅު، މީހުންނަށް ކަމޭހިއްތެވި ބޭފުޅެއްވެސްމެ
އެވެ. އަޅުގަނޑު އެދެނީ ޢަބްދުﷲ ޙަމީދުގެ ފުރާނަފުޅަށް މާތް ﷲ މަޣުފިރަތު ލެއްވުމަށާއި،
ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުމެވެ. އަދި ޢަބްދުﷲ ޙަމީދުގެ ޢާއިލާއަށް ކެތްތެރިކަން
މިންވަރުކުރެއްވުމެވެ.
ތަޢުޒިޔާގެ ދަފުތަރުން މި ފޮތުގައި ނަކަލުކުރާ
ފޮޅުވަތްތައް ނިންމައިލާނީ، ފުންނާބުއުސް ލިއުންތެރިޔާ، ކުޅަދާނަ ޝާޢިރު އަދި އެތައް
ދަރިވަރުންނެއްގެ އިޙްތިރާމާއި ޤަދަރު ލިބިވަޑައިގެން ހުންނެވި ދިވެހި ބަހުގެ އުސްތާޛު
އަލްފާޟިލް ޢަބްދުﷲ ޞާދިޤްގެ ދަރިކަލުން އަލްފާޟިލް ޢަލީ ރައުފަތު ޞާދިޤު (ހ. އާމުލީގެ)
ލިއުއްވާފައިވާ ޢިބާރާތްތަކަކުންނެވެ.
"އަޅުގަނޑުމެން ފަދަ ޒުވާނުންނަށް އަލްއުސްތާޛު
ޢަބްދުﷲ ޙަމީދަކީ ކިހައި ހިންގުންތެރި، މި ޤައުމަށާއި މުޖުތަމަޢަށް ކިހައި ބޭނުންތެރި
ބޭފުޅެއްކަން ރަނގަޅަށް ނޭނގިދާނެ އެވެ. ނަމަވެސް އެމަނިކުފާނު ދެމިއޮތުމުގެ ޢާލަމަށް
ދަތުރުކުރެއްވި ދުވަހު މި ޤައުމުގެ އެކި ކަންކޮޅުތަކުން އިވެންފެށި ފުރާވައިގެ އަޑުތަކަކީ
އަޅުގަނޑު ދުވަހަކުވެސް ހަނދާނުން ނައްތާލާނޭ އަޑުތަކެއް ނޫނެވެ. އިސް ބޭބޭފުޅުން،
ޚުދު އަޅުގަނޑުގެ ބައްޕަގެ ދެލޮލުން ވެސް އޮހޮރެން ފެށި ކަރުނަތަކަކީ އެއިން ކޮންމެ
ކަރުނަ ތިއްކެއްގެ ފަހަތުގައި އަގުހުރި ހަނދާންތަކެއް އެކުލެވިގެންވާނޭ ތިއްކެއް ކަމާމެދު
އެއްވެސް ޝައްކެއް ނެތެވެ."
"މުޅި އަދަބީ ޖައްވު ފެންކަޅިވެފައި، މުޅި
ބައްރު ހަމަހިމޭންވެފައި ވާނީ ސަބަބަކާ ނުލާ ނޫންކަން ޔަޤީންވި އެވެ. ކޮންމެ އިންސާނަކަށް
ވެސް ނިމުމެއް އަންނާނެކަން ހަނދާންވި އެވެ. ކޮންމެ ފެށުމަކަށް ނިމުމެއް އަންނާނެ ކަން
ވެސް ހަނދާންވި އެވެ. ނަމަވެސް އިންސާނެއްގެ ހަށިގަނޑު ފަނާވެގެން ދިޔަޔަސް އޭނާގެ
"ފުރާނަ" ގެއްލިގެން ނުގޮސް ހުރެދާނެ އެވެ. ކިހިނަކުންތޯ އެވެ؟ އޭނާ ދުނިޔޭގައި
ހޭދަކުރި ވަގުތުކޮޅުގައި ކޮށްފައިވާ ޚިދުމަތްތަކުގެ ޒިކުރާއިންނެވެ. ހަށިގަނޑު ނިމިގެން
ދިޔަޔަސް އެ ޒިކުރާތަކުގެ ރޫޙު ގެއްލިގެން ނުދާނެ ވަރަށް ކޮށްދީފައިވާ މަސައްކަތްތަކުގެ
އާރާއި ބާރުންނެވެ."
"މި އަގުލޯށިން އަޅުގަނޑަށް ވަރަށް އަގުހުރި
ފިލާވަޅެއް ލިބިއްޖެ އެވެ. ޖޯން އެފް ކެނެޑީ ވިދާޅުވި ބަސްފުޅުގެ ފުން މާނަ ވެސް ނުހަނު
ރަނގަޅަށް ވިސްނިއްޖެ އެވެ. ޝައްކެއް ނެތެވެ. ޤައުމު، ތިމާއަށް ކޮށްދޭނީ ކޮން ކަމެއްތޯ
ނުބަލައި، ތިމާގެ ފުށުން ޤައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބެލުމުގެ މުހިންމުކަން
މިވަނީ ނުހަނު ރަނގަޅަށް ސާފުވެފަ އެވެ. އަޅުގަނޑުމެންނަށް މިހާރު ކުރެވެން އޮންނާނެ
ކަމަކީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ޒިކުރާ އާކޮށް، އެމަނިކުފާނުގެ ދިރިއުޅުއްވުމުން
ޢިބްރަތް ޙާޞިލުކުރުމެވެ. އެމަނިކުފާނުގެ ޙަޔާތްޕުޅުގެ "ފޮތް" ކިޔައި، އެއިން
މުހިންމު ނުކުތާތައް ފާހަގަކުރުމެވެ. އަދި އެ ނުކުތާތަކުގެ ވާހަކަތައް އަންނަން އޮތް
ޖީލުތަކަށް ކިޔައިދިނުމެވެ."
ނޯޓް: އަލްފާޟިލް ޢަލީ ރައުފަތު ޞާދިޤު ލިއުއްވާފައިވާ
މި ޢިބާރާތްތަކުން ބޯދާ ދެ ލަފުޒެއް ފާހަގަކުރެވުނެވެ. އެއް ލަފުޒަކީ، "ފުރާވަ"
އެވެ. އަނެއް ލަފުޒަކީ، "އަގުލޯށި" އެވެ. ސިޔާޤަށް ބަލާއިރު ފުރާވައިގެ އަޑުތަކުގެ
މާނައަކީ، ހިތާމަވެރި ރުއިމާއި ގިސްލުމުގެ ގަދަ އަޑުތައް ކަމަށް މާނަކުރެވިދާނެ އެވެ.
އަގުލޯށީގެ މާނައަކީ، ހިތާމަވެރި ހާދިސާ ކަމަށް މާނަކުރެވިދާނެ އެވެ.
ތަޢުޒިޔާގެ ދަފުތަރުގައި ލިއުއްވާފައިވާ ބޭފުޅުންގެ
ގަލަންކޮޅު އެ ދަފުތަރާ ވަކިކުރައްވާފައިވަނީ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު
ޢަބްދުﷲ ޙަމީދު (ނޢޢވ) ގެ ޢާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވައި، އެމަނިކުފާނުގެ
ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދިވަޑައިގެން ދުޢާފުޅު ކުރައްވަމުންނެވެ.
މިހެންވެ، އެހެން ބޭފުޅުން ނިންމެވި ހިސާބުން ފެށުމުގެ ނިޔަތުގައި މި ފޮތުގެ މުއައްލިފު
އެ ދަފުތަރުގައި ލިޔަންފެށީ ހޫދު ސޫރަތުގެ 73 ވަނަ އާޔަތުގައިވާ ވަޙީބަސްފުޅަކުންނެވެ.
ބިސްމިއަށްފަހު ލިއުނު އެ ވަޙީބަސްފުޅަކީ، (رَحْمَتُ الله وَبَرَكَاتُهُ عَلَيْكُمْ) މިއެވެ. މާނައީ، "ތިޔަބޭކަލުންގެ މައްޗަށް
ﷲ ގެ ރަޙުމަތާއި، އެކަލާނގެ ބަރަކާތް ހުށްޓެވެ."
މި މަޒުމޫނު ނިންމައިލާނީ، ތަޢުޒިޔާގެ ދަފުތަރުގައި
ލިއުއްވި އެންމެ ބޭފުޅުން ލިއުއްވަމުން ގެންދެވި ހެޔޮ ދުޢާފުޅުގެ މުޖުމަލުންނެވެ. އާދޭހެވެ.
މާތް ﷲ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ފުރާނަފުޅަށް ސުވަރުގޭގެ
ޖަންނަތުލްފިރުދައުސްގެ މަތިވެރި ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި އެވެ! އާމީން!
* * * * *
ހަވީރުގެ ތަޢުޒިޔާ
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަވުމާ ގުޅިގެން ދިވެހިރާއްޖެ މީޑިއާތަކުން ފަށްފަށުން އެމަނިކުފާނަށް ތަޢުޒިޔާ ދަންނަވަމުން ގެންދިޔަ އެވެ. އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވުމަށާއި، އެމަނިކުފާނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދި ދުޢާކުރެވެމުން ދިޔަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް މީޑިއާ އަކީ ހަވީރު ނޫހެވެ. އެނޫހުގެ ތަޢުޒިޔާގެ ލިއުމުގައި ވެ އެވެ.
"ޢަބްދުﷲ ޙަމީދަކީ، ހަމައެކަނި ރައީސް މައުމޫންގެ
ކޮއްކޯފުޅެއް ނޫނެވެ. އަދި ދައުލަތަށް އެހާ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ މައުމޫނަށް
ޓަކައެއް ވެސް ނޫނެވެ. އެކަމަށް އެމަނިކުފާނުގެ ޚިދުމަތުގެ ތާރީޚު ހެކި ދެ އެވެ. ފަންސާސް
އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރެއްވި އެވެ. އަދި ގައުމުގެ އެތެރޭގެ
ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް އިސްކަން ދެއްވި އެވެ. ޚާއްޞަކޮށް ރައްޔިތުންގެ
މަޖިލިސް ކަހަލަ ސިޔާސީ ބޮޑު މުއައްސަސާއެއް އެމަނިކުފާނު ހިންގެވި ގޮތް އެއީ މިހާރު
ވެސް އެ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަމުން ގެންދަވާ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ
ރައީސްކަން އެމަނިކުފާނު ކުރެއްވީ ސިޔާސީ ހަލަބޮލިކަން އެއްފަރާތް ކުރެއްވުމަށްފަހު
އެވެ."
ހަވީރު ނޫހުން ބުނެފައިވާ ގޮތުގައި، އެމަނިކުފާނު
އަވަހާރަވި ދުވަހަކީ، ޙަޤީޤަތުގައި ވެސް ވަރަށް ހިތާމަވެރި ދުވަހެކެވެ. އެހެނީ، އެމަނިކުފާނަކީ،
އެމަނިކުފާނު ފަދަ ދެވަނައެއް ނެތް ލާމަސީލު ޝަޚުޞިއްޔަތެކެވެ. ޤައުމަށް އަގުހުރި ދަރިއެކެވެ.
އެމަނިކުފާނު ދުނިޔެއަށް އަލްވަދާޢު ވިދާޅުވުމަކީ ޤައުމަށް ލިބުނު ނިކަމެތި ކަމެކެވެ.
ހަވީރު ނޫހުގެ ބަޔާން ނިންމާލާފައިވަނީ، މަރްޙޫމް
ޢަބްދުﷲ ޙަމީދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދެމުންނެވެ.
އަދި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށް ކެތްތެރިކަމާއި ހެޔޮ ގޮތްތައް މެދުވެރިކޮށްދެއްވުން
އެދި ދުޢާ ކުރަމުންނެވެ. އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ޢާއިލާ
އަށް ތަޢުޒިޔާ ފޮނުވަމުންނެވެ. (ނުނިމޭ)
------------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން