އެންމެލުއްޗާ ޙީލަތްތެރި ބާވަތުގެ ސަލާންޖެހުން













ސަލާންޖެހުން ކަމަށް ޢާއްމު ގޮތެއްގައި ބެލެވެނީ މީހެއްގެގާތަށް ގޮސް އެއްޗަކަށް އެދި ސަލާން ގޮވުމެވެ. ސަލާންޖެހުމޭ ބުނެވޭ ބަހުގެ އަޞްލު މާނަނޫން އެހެން މާނައެއް ދޭހަވާ ބަހަކުން ބުނާނަމަ އެއީ އާދޭސް ކުރުމެވެ.

މީގެ އަހަރުތަކެއްގެ ކުރިން ރާއްޖޭގައި ކާބޯތަކެއްޗަށް ސަލާންޖަހައި އުޅުން ނިމުމާއި ހަމައަށް ސަލާންޖަހައި އުޅުނު މީހުންގެތެރޭ ގިނައީ "އައްސަލާމް ޢަލައިކުމް ކާއެތިކޮޅަކަށް ސަލާން" މިފަދަ ޢިބާރާތަކުން ގޮވައި ކާއެތިކޮޅަކަށް ސަލާންޖަހައި އުޅުނު މީހުންނެވެ. މި މީހުންނަކީ އެމީހުންގެ މައިންބަފައިން ދުނިޔޭގައި ނެތުމުން ނުވަތަ އެމީހުންނާއި އެހީތެރިވެ އަޅައިލާނެ ބަޔަކު ނެތުމުން ހަމައެކަނި ބަޑުފުރާނަ މުއްތިކުރުމަށް ސަލާންޖަހައި އުޅުނު ބަޔެކެވެ. މީގެތެރޭ ގިނައީ ކުޑަ ކުދިންނެވެ. ކާއެއްޗިއްސަށް ސަލާންޖަހާ މީހުންނާއި ކުދީން ގޭގެއަށް ގޮސް ސަލާންޖަހާއިރު އެގެއިން ކާއެތިކޮޅެއް ދީފިނަމަ އެއެއްޗެއް އަޅާނެ ނާށިގަނޑެއް ފަދަ އެއްޗެއް އެމީހެއްގެ ނުވަތަ އެކުއްޖެއްގެ އަތުގައި އޮންނާތީ ބައެއް ފަހަރު ފެނެއެވެ. މިގޮތަށް ގެންގުޅޭ ނާށިގަޑަށް ކާއެތިކޮޅެއް އަޅައިދީފިނަމަ ބައެއް ފަހަރު އެ ތަނެއްގައި ހުރެގެން ކާލައެވެ. އަދި ބައެއް ފަހަރު ކާއެތިނކޮޅު ހިފައިގެން އެބުރި ދާނީއެވެ.

ކާންބޯން ނުލިބިގެން ސަލާންޖެހުން ނިމުމަކަށް ދިޔަތާ ގިނަ އަހަރުތަކެއް ނުވަނީސް ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ޒަމާނީ ޑިމޮކްރަސީގެ އެކި ބާވަތްތައް ލައްގަން ފަށައިފިއެވެ. މިތަކެތީގެތެރޭ އިންސާނުންގެ ތެރެއިން އިސްލާމުން ބޭނުންކުރުން ހުއްދަ ހަލާލު ތަކެއްޗާއި ހަރާން ތަކެއްޗާއި މަކުރޫހަ ތަކެއްޗާއި ނަޖިސް ތަކެތިވެސް ހުއްޓެވެ. ހަރާން ތަކެތީގެ ތެރޭ އެކައްޗަކީ އެންމެލުއްޗާ ހީލަތްތެރި ބާވަތުގެ ސަލާންޖަހާނެ ގޮތުގެ ބާބުތައް ލިޔެފައިވާ މަކަރުވެރި ވޮށުފިލާއެވެ. މިވޮށުފިލާ ނެގިބަޔަކު ނެގީ އެންމެލުއްޗާ ހީލަތްތެރި ބާވަތުން ސަލާންޖަހާނެ ގޮތް ދަސްކޮށްގެން ސަލާން ޖެހުމަށެވެ. އެކަން އެބަ ކުރެއެވެ. 

 ބާބު އެކެއް – ގުރުދާ ސަލާންޖެހުން

ގުރުދާ ސަލާންޖެހުމަކީ ގުރުދާއަށް ފަރުވާކުރުމުގެ ނަމުގައި ސަލާންޖެހުމެވެ. ގުރުދާއަކީ އިންސާނުންނާއި ހައިވާނުންގެ އެތެރެހަށީގައިވާ ކުޑަކަމުދާ އެއްޗެހި ސާފުކޮށްދޭ އެއްޗެވެ. ނުވަތަ ކިޑްނީއެވެ. ގުރުދާ ސަލާންޖަހާ މީހުންގެ ތެރޭ ގިނައީ ގުރުދާގެ ކޮންމެވެސް ކަމެއް ހުރި މީހުންނަށްވުރެ އެފަދަ ކަމެއް ނެތް މީހުންނެވެ. މިމީހުންގެ ކަމަކީ ތަނަވަސްކަން ހުރި މީހުންނާއި ތަނަވަސްކަމެއް ނެތް މީހުންގެގާތަށް ގޮސް ގުރުދާގެ ނަންބޯޑް ބޭނުންކޮށްގެން ޒަމާނީ ޑިމޮކްރަސީގެ ފެންވަރުން އެބައިމީހުންގެ ދިރިއުޅުން ތަރައްގީކުރުމެވެ. މިއީ އެންމެލުއްޗާ ހީލަތްތެރި ބާވަތުން ސަލާންޖެހުމުގެ ޗެޕްޓަރެކެވެ.

ބާބު ދޭއް – އަލިފުބާ ސަލާންޖެހުން

އަލިފުބާ ސަލާންޖެހުމަކީ ކުޑަކުދީންނަށް އަލިފުބާ ނުވަތަ އަކުރު އަންގައިދިނުމުގެ ނަމުގައި މީސްމީހުންގެ ގާތަށް ސީދާ ގޮސްގެންނާއި ފޯނުކޮށްގެންނާއި ސިޓީ ފޮނުވައިގެން ސަލާން ޖެހުމެވެ. ބައެއް މީހުންގެ ގާތުގައި މިބަޔަކު ބުނާނީ ތިމަންނާ މިހާރު ކުޑަކުދީންނަށް އަކުރު އަންގައިދޭން ފަށައިފީމޭ މިއުޅެނީ އެކުދީން ތިބޭނޭ ކުޑަވަރެއްގެ ތަނެއް ހެދުމަށްޓަކައި ބޭނުންވާނޭ އެއްޗެހި ނުލިބިގެންނޭ، އެކަމަށް މިވެނި ޢަދަދެއްގެ އެޅިގަލާއި ސިމެންތިއާއި ޓިނާއި ލަކުޑިގަތުމަށް ފައިސާ އެބަ ބޭނުންވެއެވެ. އަނެއް ބަޔެއްގެ ގާތުގައި ބުނާނީ ހެޔޮއެދޭ ފަރާތަކުން ބައެއް ތަކެތި ލިބިއްޖެޔޭ ދެން ބޭނުންވާނީ ގޮޑިމޭޒު ގަތުމަށް ބޭނުންވާ ފައިސާއެވެ. އަނެއް ބަޔެއްގެ ގާތުގައި ބުނާނީ މިއުޅެނީ އުގަންނައިދޭ ކުދީންގެ ގިނަކަމުން އިތުރު ޓީޗަރުން ބޭނުންވެގެންނޭ އެކަމަކު އެމީހުންނަށް މުސާރަދެވޭނޭ ގޮތެއް ނެތޭ، ކޮންމެވެސް އެހީއެއް ވެދެއްވާށެވެ. މިއީ އެންމެލުއްޗާ ހީލަތްތެރި ބާވަތުން ސަލާންޖެމުގެވެސް ނުބައިކަމާއި ފާފަވެރިކަން ބޮޑު ޗެޕްޓަރެކެވެ.

ބާބު ތިނެއް – ޖަމްޢިއްޔާ ސަލާންޖެހުން

ޖަމްޢިއްޔާ ސަލާންޖަހާ މީހުން ގިނައީ ރާއްޖެތެރޭގެ ބައެއް ރަށްރަށުގައެވެ. މީގެތެރޭ ބައެއް މީހުންނަކީ ރަށުގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކަމަށް ބުނެ ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮންނަ ޖަމްޢިއްޔާ ޖަމާޢަތެއް ކްލަބެއް ހަދައިގެން އެކިއެކި ފަރާތްތަކުން ފައިސާއާއި ތަކެތި ހޯދައިގެން އަމިއްލަ އަމިއްލައަށް އޭގެ ބޭނުންކުރާ މީހުންނެވެ. އަދި މީގެތެރޭ ބައެއް މީހުންނަކީ ބޭރުބަހާއި ބޭރު ތަންތާގެ ކަންހުރި ނެތްގޮތް އެގޭ މީސްމީހުންލައްވައި ބޭރުގެ ހިލޭ ސާބަހަށް އެހީވެދޭ ތަންތަނަށް ލިޔެގެން ފައިސާއާއި ތަކެތީގެ ބޮޑެތިބޮޑެތި ފުނިވަރުތައް ހޯދާ މީހުންނެވެ.

ބާބު ހަތަރެއް – އާސަންދަ ސަލާންޖެހުން

އާސަންދަ ސަލާންޖެހުމަކީ އެ ސަލާންޖަހާ މީހުންނާއި ދޮޅު މޭލަށްވުރެ ކައިރިއަށް ލަޢުނަތްލެއްވި އިބްލީހަށްވެސް ގާތްވާންނުކެރޭ ފަދަ މަކަރުވެރި ލުއްޗާ ބަޔަކު ޖަހާ ސަލާން ޖެހުމެކެވެ. ދިވެހީންގެތެރެއިން ހަގީގީ ބައްޔަކަށް ފަރުވާކުރުމަށްޓަކައި ދިވެހީންގެ ކޮންމެ ބޮލަކަށް އަހަރަކު އެތައްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވެން އޮންނަ މިނިޒާމުގެ ބޭނުންކުރާ މީހުންގެތެރޭ ހަގީގީ ބައްޔަކަށް ފަރުވާކުރާ މީހުން ތިބިކަމަށް ވިއަސް ނުޖެހޭ ބައްޔެއް ޖެހުނުކަމަށް ކޮންމެވެސް ގޮތަކުން ހަދައިގެން އެ ނިޒާމުގެ ތެރެއިން ޒަމާނީ ޑިމޮކްރަސީގެ ފެންވަރުން އެބައިމީހުންގެ ދިރިއުޅުން ތަރައްގީކުރާ މީހުން އެބަ އުޅޭކަމީ މަދުނޫން ބަޔަކު ރަނގަޅަށް ދަންނަ ކަމެކެވެ. ދިވެހީންގެ ހަށި ދުޅަހެޔޮކަމަށްޓަކައި ދިވެހި އެންމެހައި ރައްޔިތުންގެ ފައިސާގެ ތެރެއިން ބައެއް ހަމަޖެހިފައި ވަނިކޮށް ބައްޔެއް ޖެހުނު ކަމަށް ހަދައިގެން އޭގެ ތެރެއިން ފައިސާހޯދާ މީހުންނަކީ އެންމެބޮޑެތި ލުއްޗާ މަކަރުވެރިންގެ ތެރެއިންވެސް އަރައިތިބި މީހުންނެވެ. (ނުނިމޭ)
             ----------------

ލިޔުއްވީ: އިބްރާހީމް އާދަމް
09 ސެޕްޓެމްބަރ 2014މ.