ނިޝާން ޢިއްޒުއްދީނުގެ
ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަވުމުން އެމަނިކުފާނުގެ
ހެޔޮ ޒިކުރާ ދަމަހައްޓައިދެނިވި އެތައް ބަސްފުޅުތަކެއް އެތައް ބޭފުޅުންނެއް ވިދާޅުވެފައި
ވެ އެވެ. ތިރީގައި މި ނަކަލުކޮށްލަނީ އެއިން މަދު މިންވަރެކެވެ.
އަލްމަރްޙޫމް އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) އަކީ ޤައުމަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި
ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް އޮނަރަބްލް އަލްފާޟިލް އަޙްމަދު އަދީބް
ޢަބްދުލްޣަފޫރު ވިދާޅުވެފައި ވެ އެވެ. އެމަނިކުފާނު އެހެން ވިދާޅުވެފައިވަނީ، މަރްޙޫމް
ޢަބްދުﷲ ޙަމީދު އަވަހާރަވުމާ ގުޅިގެން ފޮނުއްވި ތަޢުޒިޔާގެ މެސެޖުގަ އެވެ. "ޢަބްދުﷲ
ޙަމީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވެވުން އެދި ދުޢާކުރަން.
ޢާއިލާއަށް ކެތްތެރިކަން މިންވަރުފުޅު ކުރައްވަވާށި!" އެމަނިކުފާނުގެ މެސެޖުގައި
ވިދާޅުވެފައި ވެ އެވެ. މާތް ﷲ، އެމަނިކުފާނު ކުރެއްވި މި ހެޔޮ ދުޢާފުޅު އިޖާބަކުރައްވާށި
އެވެ! އާމީން!
އަލްމަރްޙޫމް އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ)، ދިވެހި ޤައުމަށް ކޮށްދެއްވި ގިނަގުނަ ޚިދުމަތްތަކުގެ
ޒިކުރާ އަބަދުވެސް އާވަމުންދާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި
މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވެފައި
ވެ އެވެ.
އަލްމަރްޙޫމް އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) ގެ ޒިކުރާ އާކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ
ކުރީގެ ރައީސް އޮނަރަބްލް އަލްފާޟިލް އަޙްމަދު ޒާހިރު ވިދާޅުވެފައިވަނީ، މަރްޙޫމް ޙަމީދަކީ،
ކަންކަން ކުރައްވަން ކެރިވަޑައިގަންނަވާ ބޭފުޅުންނަށް ފުރުސަތު ދެއްވި އަދި މުވައްޒަފުންނަށް
ވެސް ފުރިހަމައަށް އިތުބާރު ކުރެއްވި ލީޑަރެއް ކަމަށެވެ. އަދި ޒާހިރަށް ފެނިވަޑައިގެންނެވި
ތަނުގައި ނަމަ، ކަންކަމަށް ނޫނެކޭ ވިދާޅުނުވާ ބޭފުޅެއް ކަމަށެވެ.
އޮނަރަބްލް އަލްފާޟިލް
އަޙްމަދު ޒާހިރު ވިދާޅުވެފައި ވެ އެވެ.
"މަޖިލީހުގެ
އިދާރާގެ މުވައްޒަފަކު ހޭންޑްލް ކުރަން، އިސް ބޭފުޅަކަށް ތަންކޮޅެއް ދަތިވި. އެއީ އޭނާގެ
މިޒާޖު ހުންނަ ގޮތުން. ޙަމީދު ވިދާޅުވީ ހުރިހާ ވައްތަރެއްގެ ބޭފުޅުން ވެސް ތިމަންނަމެންނަށް
ގެންގުޅެވެން ޖެހޭނެއޭ. އޭނާއާ ބެހޭ ގޮތުން މީގެ ފަހުން ކަންތައް ކުރައްވާނީ ޒާހިރާއި
ތިމަންނައާ ދެ މީހުންނޭ. އެއީ ވެސް މަޖިލީހުގެ އިދާރާގެ ސީނިއަ މުވައްޒަފެއް."
ރައްޔިތުންގެ މަޖިލީހުގައި
މަރްޙޫމް ޢަބްދުﷲ ޙަމީދު މަސައްކަތްޕުޅު ކުރެއްވިއިރު ދުވަހަކު ވެސް މެމްބަރުންނާއި
މުވައްޒަފުން އެކަހެރި ނުކުރައްވާ ކަމަށާއި، އެކުވެރިކަން ޤާއިމްކުރައްވައި، އެކުގައި
މަސައްކަތް ކުރައްވަން އެމަނިކުފާނު ވަރަށް ބޮޑަށް އުޅުއްވި ކަމަށް، އޮނަރަބްލް އަލްފާޟިލް
އަޙުމަދު ޒާހިރު ވިދާޅުވެފައި ވެ އެވެ.
"ޓޫރިޒަމް
މިނިސްޓްރީގެ އިސް މީހަކަށް އަޅުގަނޑު ހުރިއިރު ވެސް ބައެއް ކަހަލަ ކަންތައްތައް ޙަމީދު
އަރިހުގައި ދަންނަވާއިރަށް ވަރަށް ބޮޑަށް ތަރުޙީބު ދެއްވާނެ. މިސާލަކަށް އެއް ދުވަހު
އަޅުގަނޑު ދެންނެވީ ރަށްރަށުގައި އަތްތެރި މަސައްކަތްކުރާ މީހުން، ތަކެތި ވިއްކަނީ
ނުއަގުގައޭ. އެކަމަކު މާލެ ގެނެސް އެ ވިއްކާލަނީ އޭގެ ޑަބަލް އަގުގައޭ. ވީމާ، އަޅުގަނޑުމެން
ބަލަމާތޯއޭ އެޓޮލްސް މިނިސްޓްރީން މާލޭގައި އެކަމަށް ހޯލްސޭލް ސެންޓަރެއް ހުޅުވައި،
ރަށްރަށުން ގެންނަ އެ ބާވަތުގެ ތަކެތި ވިއްކަން. ޙަމީދު ވަރަށް ތަރުޙީބު ދެއްވެވި.
އެކަމާ ބެހޭ ގޮތުން ޙަމީދު ޖަލްސާތަކެއް ވެސް ބޭއްވެވި، އެކަމަށް ފިޔަވަޅުތަކެއް އެޅުއްވެވި."
މަރްޙޫމް ޢަބްދުﷲ ޙަމީދަކީ، އެހެން މީހުން ދައްކާ ވާހަކަތައް އަޑުއައްސަވާ ޚުލްޤުފުޅު
ހެޔޮ ބޭފުޅެއްކަން ހާމަކޮށްދެއްވަމުން އޮނަރަބްލް އަލްފާޟިލް އަޙުމަދު ޒާހިރު ވިދާޅުވެފައި
ވެ އެވެ.
ކަނޑިތީމު ދާއިރާގެ
ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް މުޙައްމަދު ޙުސައިނަކީ، ރައީސް އޮފީހުގަ އާއި ރައްޔިތުންގެ
މަޖިލީހުގައި ވެސް މަރްޙޫމް ޢަބްދުﷲ ޙަމީދާ އެކު ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވާ
ބޭފުޅެކެވެ. މަރްޙޫމް ޢަބްދުﷲ ޙަމީދުގެ ފަރާތްޕުޅުން ފެނިވަޑައިގެންނެވި އެންމެ ޚާއްޞަ
އެއް ކަމަކީ ވަގުތަށް ފަރުވާތެރިވެވަޑައިގަތުން ކަމަށާއި، ކެބިނެޓްގެ ބައްދަލުވުމަށް
ދުވަހަކު ވެސް ގަޑިޖެހިވަޑައެއް ނުގަންނަވާ ކަމަށް އަލްފާޟިލް މުޙައްމަދު ޙުސައިން
ވިދާޅުވެފައި ވެ އެވެ.
"މަޖިލީހަށް
ވިޔަސް، ސަރުކާރުން ބާއްވާ ކަމަކަށް ވިޔަސް ދުވަހަކު ވެސް ޙަމީދު ލަހުން ވަޑައެއް ނުގަންނަވާނެ.
ގަޑިއަށް ހުންނަވާނެ އެތަނެއްގައި. ތިން ހަތަރު މުއައްސަސާއާ ޙަވާލުވެވަޑައިގެން ހުންނަވާއިރު
ވެސް އެތަނަކަށް ދެއްވަން ޖެހޭ ވަގުތު ބަރާބަރަށް ދެއްވި. އެހެން އެ ވަނީ ވަރަށް ބޮޑަށް
ގަޑިއަށް ފަރުވާ ބަހައްޓަވާ ބޭފުޅަކަށް ވާތީ." އަލްފާޟިލް މުޙައްމަދު ޙުސައިން
ވިދާޅުވެފައި ވެ އެވެ.
ޢިއްޒަތްތެރި މެމްބަރު
އަލްފާޟިލް މުޙައްމަދު ޙުސައިން އިތުރަށް ވިދާޅުވެފައި ވެ އެވެ.
"ޙަމީދަކީ
އެ އުޅުއްވާ ކަމެއްގައި ވަރަށް ބޮޑަށް އުޅުއްވި ބޭފުޅެއް. އަރިހުގައި އުޅުއްވާ އިސް
ބޭފުޅުންނަށް ކަންކަން ގެންދަންވާ ގޮތް ވަރަށް ރަނގަޅަށް ވިދާޅުވެ ދެއްވާނެ. ރާއްޖޭގެ
ރަށްރަށަށް ވަރަށް ގިނަ ފަހަރު ވަޑައިގެންފައި ޙަމީދު ހުންނަވާނެ. އަދި ޖަސްޓިސް މިނިސްޓްރީއާ
ޙަވާލުވެވަޑައިގެން އެތައް ދުވަހެއް ވަންދެން ހުންނެވިއިރު، ކޯޓުތައް ހިނގާ ނުހިނގާ
ގޮތް ބައްލަވަން ވަރަށް ގިނައިން ރަށްރަށް ވަޑައިގެންނެވި. ކުރުކޮށް ބުނާ ނަމަ ޙަމީދަކީ
24 ގަޑިއިރު ޤައުމީ ޚިދުމަތުގައި އުޅުއްވި ބޭފުޅެއް."
ރައްޔިތުންގެ މަޖިލީހުގެ
ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް މުޙައްމަދު ޙުސައިން ވިދާޅުވި ގޮތުގައި އޭރު އޭނާ
ވެސް ރައީސް އޮފީހުގައި މަސައްކަތް ކުރެއްވުމާ އެކު، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ
ޙަމީދުގެ އަރިހަށް ޔައުމިއްޔާ ލިޔުއްވަން ވަޑައިގަންނަވަ އެވެ. އެކަމަކު އޭރު ވެސް
އެމަނިކުފާނުގެ ފަރާތްޕުޅުން މުޙައްމަދު ޙުސައިނަށް ފެނިވަޑައިގެންފައިވަނީ، އެހެން
މީހުންނަށް އިޙުތިރާމްކުރެއްވުމުގެ ރިވެތި އާދަ އެވެ.
"އޭރު އަޅުގަނޑަކީ
ކުޑަކުއްޖެއް. އެކަމަކު އަޅުގަނޑަކީ ޖޫނިއަ ކުއްޖަކަށް ވިޔަސް ދެއްވަން ޖެހޭ މަޤާމު
ދެއްވިކަން ފާހަގަކުރެވޭ. އަޅުގަނޑަކީ ކުޑަކުއްޖަކަށް ވެފައި ޙަމީދަކީ ވަރަށް ތަޖުރިބާހުރި
ބޭފުޅަކަށް ވާތީ، އެ މީހަކަށް ދެއްވަން ޖެހޭ މަޤާމު ދެއްވައިގެން ގެންދެވީ. އެއީ އަޅުގަނޑު
ދުވަހަކު ވެސް ހަނދާން ނެތޭނެ ކަމެއް ނޫން." ޢިއްޒަތްތެރި މެމްބަރު ވިދާޅުވެފައި
ވެ އެވެ.
އަލްމަރްޙޫމް އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) އަވަހާރަވުމާ ގުޅިގެން، އިންފޮމޭޝަން ކޮމިޝަނަރ،
ފުންނާބު އުސް ލިއުންތެރިޔާ އަދި ޙިކުމަތްތެރި ޝާޢިރު، ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޅެންބަހުން ވިދާޅުވެފައި ވެ އެވެ.
"ޙަމީދުގެ
ޚިދުމަތުގެ އަގުހުރި ޙަޔާތްޕުޅު ވެއްޖެ ތާރީޚަށް
ޟަމީރު ބުނޭ ފުރައިލާށޭ ދެލޯ ކަރުނައިގެ ފައްވާރުން.
އެކަނި އެއް ޚިދުމަތެއް
ނޫނޭ މި ޤައުމަށް ގެއްލިގެން ދިޔައީ
މިކަމުގައި އިޚުތިލާފެއް ނެތް ގުނައި ނުނިމޭނެ އެއް ދުލަކުން.
ސިޔާސީ ނަޒަރަކުން
ބެއްޔަސް އެއީ އެއް ވަނަ މުޙައްނިކެކޭ
މިޔާއެކު ޝާޢިރިއްޔަތުގައި ދެވަނަ
ތަރިއެއް ނެތޭ އުފުޤުން.
ގުޅުންތެރިކަން...
އުޅުންތެރިކަން... ސުލޫކާ މާތްވި އަޚުލާޤާ
ދުލުން ސިފަކޮށް ދިނުން އުނދަގޫ ތެދޭ
ފުރިހަމަކަމުގެ ލިސްޓުން.
ވަކީން ޤައުމީ އެ
މަރުކަޒުގައި ރައީސެއް، ބަރުލަމާނުގެ ވެސް
ވަކީން ވަކި ދާއިރާއެއް ނެތް ގުނާށޭ
"ކުރިރުކުގެ" ލިސްޓުން.
އިލާހީ! ދެއްވަވާ،
މަރުޙޫމް ޙަމީދުގެ މާތް ފުރާނަފުޅަށް
ފިލައި ނުމެދާނެ ނިޢުމަތްތައް، އެތާ
މަތިވެރި ސުވަރުގެތަކުން."
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެފައި ވެ އެވެ.
"ޙަމީދު އެޑިއުކޭޝަން
މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިރު، ރާއްޖޭގެ ސްކޫލުތަކުގައި ކީރިތި ޤުރުއާނާއި
އިސްލާމީ ތަޢުލީމު އުނގަންނަވައިދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި. އަދި
ދަރިވަރުންގެ ޢަޤީދާ ވަރުގަދަކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ މިއަދާ ހަމައަށް
ވެސް ސްކޫލުތަކުން ފާހަގަ ކުރާ ކަމެއް."
"ރާއްޖެއަށް
މިހާބޮޑު ޚިދުމަތްތަކެއް ކުރައްވާފައިވާ، ޢިލްމީ ބޭފުޅަކު އަވަހާރަ ވުމަކީ ތަޢުލީމީ
ދާއިރާއަށް ވެސް އަދި މުޅި ޤައުމަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް. އަޅުގަނޑުމެން
އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރަން." (ނުނިމޭ)
-----------------
މުޞަންނިފު:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން