ނިޝާން ޢިއްޒުއްދީނުގެ
ޢިއްޒަތްތެރި ވެރިޔާ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ، ނުހަނު ހިތްވަރުފުޅު
ގަދަ ބޭފުޅެކެވެ. ކަންކަމާ ކުރިމަތިލައްވަން ކެރިވަޑައިގެންނެވި ހުށިޔާރު ބަޠަލެކެވެ.
އެހެނަސް އެމަނިކުފާނުގެ ކިބައިގައިވާ މިފަދަ ހަރުދަނާ އައުދާނަ ސިފަފުޅުތައް ފަނޑުކޮށްލުމަށްޓަކައި
ބައެއް މީހުން ހަދަހަދައިގެން ވާހަކަ ދައްކަ އެވެ. އެއިން އެއްވާހަކައަކީ، އެމަނިކުފާނު
ހުންނެވި ތަނެއް ނޭނގޭ ކަމަށް ހީކުރެވޭ ފަދަ ގޮތަކަށް ދައްކަމުންދިޔަ ދޮގު ވާހަކަ އެވެ.
މިދެންނެވި ވާހަކަ،
ބައެއް ލިޔުންތެރިންގެ ޤަލަމުން ނަގުލުވަމުން ވެސް ދެ އެވެ. އެފަދަ ލިއުންތެރިން ލިޔެފައިވާ
ގޮތުގައި، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ
ވެރިކަން، 2008 ވަނަ އަހަރު ނިމުމާއެކު، މަރްޙޫމް ޢަބްދުﷲ ޙަމީދު، އޮޅުދޫކަރަ (ނުވަތަ
ސްރީ ލަންކާ) އަށް ދިރިއުޅުއްވުން ބަދަލުކުރެއްވި އެވެ. އަދި އެއަށްފަހު، އެމަނިކުފާނު
އެނބުރި މާލެ ވަޑައިގަތީ، 2013 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ކަމަށް ވެސް އެފަދަ
ލިއުންތެރިން ލިއުއްވާފައި ވެ އެވެ. މިވާހަކަ މިގޮތަށް ދެއްކުމުން، މޭރުންވަނީ، އެމަނިކުފާނުގެ
ބޭބޭފުޅުގެ ވެރިކަން ނިމުމާއެކު، އެމަނިކުފާނު އުޅުއްވާ ތަނެއް ނޭނގޭ ގޮތަށް ރާއްޖެއިން
ބޭރުގައި އުޅުއްވި ކަމަށެވެ. މިވާހަކަ އުފެއްދި ބަޔެއްގެ މަޤުޞަދަކީ، ކުށްހީއެއް ޙަޤީޤަތަކަށް
ހެދުން ކަމަށްވެދާނެ އެވެ. އެހެންކަމުން، މި މަޒުމޫނު ލިއުނީ ޙަޤީޤަތް ހާމަކުރުމުގެ
މަޤުޞަދުގަ އެވެ.
ޙަޤީޤަތުގައި އެމަނިކުފާނު،
އޮޅުދޫކަރަ އަށް އަށް ދިރިއުޅުއްވުން ބަދަލުކުރެއްވީއެއް ނޫނެވެ. އެކަމަކު، އެމަނިކުފާނަށް
ކާފަ ވިދާޅުވާ ތުއްޕުޅު އަންހެން ބޭފުޅަކު، ދިގު މުއްދަތެއް ވަންދެން ބޭސްފުޅު ކުރައްވަންޖެހޭ
އާލާސްކަންފުޅެއްގައި އުޅުއްވާތީ، އެ ދަރިކަނބަލުންގެ ކަންކަމުގައި މަޝްޣޫލުވެ ވަޑައިގެން
އުޅުއްވީ އެވެ. އެ ދަރިކަނބަލުންނަކީ، ފާތިން ޙަމީދުގެ ތުއްޕުޅު އަންހެން ބޭފުޅެކެވެ.
އެ ދަރިކަނބަލުންނަށް ފަރުވާކުރެއްވުމަށްޓަކައި، އޮޅުދޫކަރަ އާއި އުތުރުކަރަ (ނުވަތަ
އިންޑިއާ) އާ ދެމެދުގައި އެމަނިކުފާނާއި، އެމަނިކުފާނުގެ ލޮބުވެތި އަނބިކަނބަލުން ވަނީ
ގިނަ ދަތުރުފުޅުތަކެއް ކުރައްވާފަ އެވެ. ތުއްޕުޅު ދަރިކަނބަލުންނަށް ފަރުވާ ހޯއްދެވުމުގެ
އިތުރުން އެމަނިކުފާނުގެ ލޮބުވެތި އަނބިކަނބަލުންގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށްޓަކައި
ވެސް އޮޅުދޫކަރަ އާއި، އުތުރުކަރަ އާ ދެމެދުގައި އެތައް ދަތުރުފުޅެއް ވަނީ ކުރައްވާފަ
އެވެ. އެހެންކަމުން، އެމަނިކުފާނު އޮޅުދޫކަރަ އަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ކަމަށާއި،
ހުންނެވި ތަނެއް ނޭނގޭ ގޮތަށް އުޅުއްވި ކަމަށް މޭރުންވާނެހެން ދެކެވޭ ވާހަކަތަކަކީ،
އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބިނާވެފައިވާ ތެދު ވާހަކަތަކެއް ނޫނެވެ. އެމަނިކުފާނު
ހުންނެވި ތަނާއި، އެޑްރެސް، ކަމާބެހޭ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެނގެ އެވެ.
އޮނަރަބްލް އަލްއުސްތާޛު
ޢަބްދުﷲ ޙަމީދު (ނޢޢވ) އަކީ، ސަރުކާރުގެ އިސް މަޤާމުތަކުގައި ނުހަނު ބުރަކޮށް އުޅުއްވަމުން
ވެސް، ޢާއިލާގެ އެންމެހައި ބޭފުޅުންގެ ކަންތައްތައް ނުހަނު ގާތުން ބައްލަވަމުން ގެންދެވި
ބޭފުޅެކެވެ. އޭރުވެސް، ހުސްވަގުތު ހޯއްދަވައިގެން، އެމަނިކުފާނަށް ކާފަ ވިދާޅުވާ ތުއްޕުޅު
ބޭފުޅުންނާ އެކުގައި ވެސް ވަގުތު ހޭދަކުރައްވައި، އެބޭފުޅުންގެ ތަރުބަވީ މުރުޝިދެއްގެ
މަޤާމު އަދާކުރެއްވި އެވެ. ސަރުކާރު ބަދަލުވެ، ސަރުކާރުގައި އެމަނިކުފާނު އަދާކުރައްވަން
ޖެހިވަޑައިގަންނަވާ ބުރަ މަސްއޫލިއްޔަތުތަކެއް ނެތުމާއެކު، ޢާއިލީ ކަންކަމުގައި އެމަނިކުފާނު
ގިނަ ވަގުތު ހޭދަކުރެއްވި ކަމީ، މީހަކު ޙައިރާންވާންޖެހޭ ވަރުގެ ކަމެއް
ނޫނެވެ. އެމަނިކުފާނަކީ، އަބަދުވެސް ޢާއިލީ ކަންތައްތައް ރަނގަޅަށް ބަލަހައްޓަވައި،
ދަރިދަރިކަލުންގެ ކަންކަމުގައި ވަގުތު ހޭދަކުރެއްވި ބައްޕާފުޅެކެވެ. އަދި އެހައިމެ
ހެޔޮފުޅު ކާފާފުޅެކެވެ.
އެމަނިކުފާނު، އޮޅުދޫކަރަ
އަށް ވަޑައިގެންނެވުމަށްފަހު، އެނބުރި ރާއްޖެއަށް ވަޑައިގެންނެވީ، 2013 ވަނަ އަހަރުގެ
އޮގަސްޓް މަހުގައި ކަމަށް ދެކެވޭ ވާހަކައަކީ ވެސް ބުހުތާން ދޮގެކެވެ. މި ވާހަކައިން
ވެސް ބުނެދޭން އުޅެނީ، އެމަނިކުފާނުގެ ކޮއްކޯފުޅުގެ ވެރިކަން ފެށެންދެން ރާއްޖެއިން
ބޭރުގައި އުޅުއްވި ކަމަށެވެ. ޙަޤީޤަތުގައި، އެމަނިކުފާނުގެ ކޮއްކޯފުޅުގެ ވެރިކަން ފެށުމުގެ
މާކުރިން ވެސް އެމަނިކުފާނު ވަނީ، 2009 ވަނަ އަހަރުގެ ޖެނުއަރީ މަހު، ރާއްޖެއަށް ވަޑައިގެން
ދިވެހިންގެ ތެރޭގައި، މި ޤައުމުގައި ދިރިއުޅުއްވާފަ އެވެ. އަދި ކިއެއްތޯ އެވެ. އެމަނިކުފާނު
ހުންނެވީ، އޭރު ސަރުކާރުގެ ފަރާތްޕުޅުން ކުރެއްވި ދަޢުވާގެ ޝަރީޢަތަށް ވަޑައިގެންނެވުމަށް
ވެސް ތައްޔާރަށެވެ. އެހެނަސް، ޙާލަތު ނިޔާކުރި ގޮތުން އެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައިނުގަތީ
އެވެ. އެއީ، ތަޤުދީރުގެ ނިޔާ އެވެ. ތަޤުދީރުގެ ނިޔާގައި އަނިޔާއެއް ނުވާނެކަން ކަށަވަރެވެ!
އޮނަރަބްލް އަލްއުސްތާޛު
ޢަބްދުﷲ ޙަމީދު (ނޢޢވ) އަކީ، ކަންކަމާ ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ ކުޅަދާނަ
ބޭފުޅެއްކަން އެމަނިކުފާނުގެ ޙަޔާތްޕުޅުގެ ޞަފުޙާތަކުން ވަރަށް ސާފުކޮށް އެނގެ އެވެ.
އެމަނިކުފާނުގެ ހިތްވަރުފުޅު ފެނިގެންދިޔަ އެއް ހާދިސާއަކީ، ބަޑިބުރާސްފަތީގެ ނަމުން
މަޝްހޫރުވެފައިވާ ނޮވެމްބަރ 3 ގެ ހާދިސާ އެވެ. އެ ހާދިސާގައި އެމަނިކުފާގެ ގެކޮޅަށް
ބަޑިޖަހައި، އެމަނިކުފާނު ގެކޮޅުން ނުކުމެވަޑައިގަތުމަށް ބާޣީން ގޮވާލި ހިނދު، އެމީހުންނާ
ކުރިމަތި ލެއްވުމަށް އެމަނިކުފާނު ތެދުވަޑައިގެންނެވި އެވެ. އެދުވަހު، އެމަނިކުފާނު
ވިދާޅުވީ، ތިމަން މަނިކުފާނު ނުކުމެވަޑައިނުގެންފިނަމަ، ޢާއިލާގެ އެހެން ބޭފުޅުންގެ
ފުރާނަފުޅަށް ނުރައްކާވެދާނެ ކަމަށެވެ. މިހެން ވިދާޅުވެ، އެމަނިކުފާނުގެ ފުރާނަފުޅަށް
ބާޣީން ކުރިމަތިކޮށްފާނެ ނުރައްކަލަކާމެދު ކުޑަކޮށް ވެސް ޖެހިލުންވެވަޑައިގަތުމެއް
ނެތި، ޢާއިލާގެ އެހެން ބޭފުޅުންގެ ސަލާމަތަށްޓަކައި، ގެކޮޅުން ބޭރަށް ނިކުމެވަޑައިގަންނަވަން
އުޅުއްވި އެވެ. އެދުވަހު އެމަނިކުފާނުގެ ހަށިކޮޅުގައި ހިފަހައްޓަވައި، އެކަން މަނާކުރެއްވީ،
އަރިހުގައި ތިއްބެވި އެމަނިކުފާނު ބޭފުޅުންނެވެ. އެމަނިކުފާނަކީ، އެ ޢާއިލާއަކުން އެމަނިކުފާނު
ވަޑައިގެންނެވި މާތް ޢާއިލާގެ ހައިބަތުހުރި އެހެން ބޭފުޅުންނެކޭ އެއްފަދައިން، ބޮޑެތި
ކަންކަމާ ކުރިމަތިލައްވައި، ކާމިޔާބު ހޯއްދަވާފައިވާ ހިތްވަރުފުޅު ގަދަ ބޭފުޅެކެވެ.
އާދޭހެވެ. އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) ގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައި އާލާސްކަންފުޅާ އުޅުއްވިއިރު
ވެސް އެމަނިކުފާނުގެ ހިތްވަރުފުޅަކަށް ބަދަލެއް ނާދެ އެވެ. އެމަނިކުފާނު ފަރާތްޕުޅުން
ފެނިގެންދިޔައީ، ހިތްވަރުފުޅު ގަދަ ޤައުމީ ބަޠަލެއްގެ ލާމަސީލު ސިފަފުޅުތަކެކެވެ. މާތް
ބައްޕާފުޅެއްގެ އަޢުލާ މިސާލެވެ. އޯގާވެރި ކާފާފުޅެއްގެ ދެވަނައެއް ނެތް ނަމޫނާ އެވެ.
ވަފާތެރި ފިރިކަލެއްގެ ހިތްޕުޅުގައިވީ ހަހަރުވެތި ޝުޢޫރުތަކެވެ. އެމަނިކުފާނުގެ ޢާއިލާގެ
ފަރާތްޕުޅުން ވިދާޅުވެފައިވާ ގޮތުގައި، ފާހަގަކުރެވޭވަރަށް އެމަނިކުފާނުގެ ޞިއްޙީ ޙާލުކޮޅު
ދަށްވަމުން ދިޔައީ ވެސް، އެމަނިކުފާނުގެ ލޮބުވެތި އަނބިކަނބަލުން އަވަހާރަވުމާ ވިދިގެންނެވެ.
މާތް ﷲ އެމަނިކުފާނަށާއި، އެކަމަނާ އަށް ޖަންނަތުލްފިރުދައުސްގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި
އެވެ! އާމީން! އެކަމަނާ އަވަހާރަވީ 1 ޖުލައި 2013 ގަ އެވެ. އެހެނަސް، އެއަށްފަހުވެސް
އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ ހަމަ އާދައިގެ ގޮތެއްގަ އެވެ. 1436 ވަނަ އަހަރު
ރަމަޟާންމަހު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، ޢާއިލާގެ
ބޭފުޅުންނަށް ދެއްވި ތަރާވީހަކަށް ވެސް އެމަނިކުފާނު ވަޑައިގެންނެވި އެވެ.
އޮނަރަބްލް އަލްއުސްތާޛު
ޢަބްދުﷲ ޙަމީދު (ނޢޢވ) ގެ ހިތްވަރުފުޅު ގަދަކަން ސާބިތުކޮށްދެއްވާފައިވާ ގިނަގުނަ ޙާދިސާތަކަކީ،
ލިއުންތެރިންނާއި ޝާޢިރުންގެ ޤަލަންކޮޅުތަކަށް ދިރުން ދޭނެ އިލްހާމުތަކުން ފުރިގެންވާ
ހާދިސާތަކެކެވެ. އުންމީދުކުރެވެނީ، މިރާއްޖޭގެ ކުޅަދާނަ އަދީބުންނާއި ޝާޢިރުންގެ ގަލަންކޮޅުތަކުން
އެ ހާދިސާތައް ބަޔާންކުރެވޭނެ ކަމަށެވެ. ދިވެހި އުންމަތުގެ މުސްތަޤުބަލުގެ ޖީލުތަކުގައި
އުފަންވާނެ ހިންމަތްތެރި ދަރީންނަށްޓަކަ އެވެ. އެ ދަރީން އެއިން ޢިބްރަތް ޙާޞިލުކޮށް،
ޙަޔާތުގެ މައިދާނުގައި ސާބިތުކަންމަތީ ދެމިތިބެ، ކާމިޔާބު ޙާޞިލުކުރުމަށްޓަކަ އެވެ.
މާތް ﷲ، މަރްޙޫމް ޢަބްދުﷲ
ޙަމީދުގެ ހިތްވަރުފުޅު ގަދަކަން، ދާއިމަށް ދެމިއޮންނާނެ ޙަޤީޤަތެއް ކަމުގައި ލައްވާށި
އެވެ! އާމީން!
* * * * *
އާލާސްކަންފުޅާއި
އަވަހާރަވުމާއި ފަސްދާނުލުން
2015 ވަނަ އަހަރުގެ
ޖުލައިމަހުގެ ކުރީކޮޅުގައި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޙޫމް އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އެމަނިކުފާނަށް
ޖެހިވަޑައިގަތް އާލާސްކަންފުޅަކީ، މައިނަރ ސްޓްރޯކެކެވެ. އެ އާލާސްކަންފުޅަށް ފަރުވާކުރެއްވުމަށްޓަކައި
އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކުރެވި، އައިސީޔޫ ގައި ފަރުވާ ދެވުނެވެ. އެ ފަރުވާއިން
ޙާލުކޮޅު ރަނގަޅުވަމުން ދިޔަކަން ވަނީ ފާހަގަކުރެވިފަ އެވެ. އެހެނަސް އާލާސްކަންފުޅުގެ
ގޮތުން އިތުރަށް ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.
އޭޑީކޭ ހޮސްޕިޓަލުގައި
ފަސްވަރަކަށް ދުވަހުގެ ފަރުވާއަށްފަހު، އާލާސްކަންފުޅަށް އިތުރު ފަރުވާ ކުރެވުމަށްޓަކައި،
އިންޑިއާގެ ބެންގަލޫރަށް އެމަނިކުފާނު ގެންދެވުނީ، 15 ޖުލައި 2015 ވީ ބުދަ ދުވަހު އެވެ.
އެމަނިކުފާނު އިންޑިއާގެ ބެންގަލޫރަށް ގެންދެވުނީ، ކުރިއަށްވުރެ ޙާލުކޮޅު ރަނގަޅުވުމުންނެވެ.
މިކަން ބަޔާންކުރައްވަމުން އެމަނިކުފާނުގެ ޢިއްޒަތްތެރި ދަރިކަލުން، މަޝްހޫރު ޤާނޫނީ
ވަކީލު، މައުމޫން ޙަމީދު ވިދާޅުވެފައި ވެ އެވެ.
"ބައްޕަގެ
ޙާލުކޮޅު ކުރިއަށް ވުރެ ރަނގަޅު. ބައްޕަގެ ޙާލުކޮޅު ބެއްލެވުމަށް ފޯނު ކުރެއްވި ބޭފުޅުންނަށާއި
ހޮސްޕިޓަލަށް ވަޑައިގެން ޙާލުކޮޅު ބެއްލެވި ހުރިހާ ބޭފުޅުންނަށް ޢާއިލާގެ ފަރާތުން
ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ބައްޕަގެ ޙާލުކޮޅު ރަނގަޅުވުމަށް އެދި އެ ބޭފުޅުން
ކުރެއްވި ދުޢާގެ މަތިން އަޅުގަނޑުމެން ޢާއިލާއިން ހަނދާން ކުރަން."
އެމަނިކުފާނު އޭޑީކޭ
ހޮސްޕިޓަލުގައި އޮންނެވިއިރު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި،
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް،
އެމަނިކުފާނުގެ އަރިހަށް ވަޑައިގެން ޙާލުކޮޅު
ބައްލަވަމުން ގެންދެވި އެވެ. އަދި ތިމާގެފުޅު ބޭފުޅުންނާއި، އާންމުންގެ ތެރެއިން އެތައް
ބަޔަކު އެމަނިކުފާނުގެ ޙާލުކޮޅު ބަލާފައި ވެ އެވެ. (ނުނިމޭ)
--------------------
މުޞަންނިފު:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން