އަވަހާރަވުން -
ނިޝާން ޢިއްޒުއްދީނުގެ
ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، އިންޑިއާގެ
ބެންގަލޫރުގައި އަވަހާރަވީ، 18 އޮގަސްޓް 2015 ވީ އަންގާރަ ދުވަހު އެވެ. އެމަނިކުފާނު
އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން އިންޑިއާގެ ބެންގަލޯރުގެ
ހަސްފަތާލެއްގެ އައިސީޔޫގައި އޮންނަވަނިކޮށެވެ. އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި،
19 އޮގަސްޓް 2015 ވީ ބުދަ ދުވަހުން ފެށިގެން 21 އޮގަސްޓް 2015 ވީ ހުކުރު ދުވަހުގެ ނިޔަލަށް
(ތިން ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ
އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމަޖެއްސެވި އެވެ.
އަލްއުސްތާޛު ޢަބްދުﷲ
ޙަމީދު (ނޢޢވ) އަވަހާރަވިއިރު އެމަނިކުފާނުގެ ބޭބޭފުޅު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ
އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ހުންނެވީ، މިޞްރުގައި ބޭއްވުނު ދެ ދުވަހުގެ
ބައިނަލްއަޤުވާމީ ކޮންފަރެއްސެއްގަ އެވެ. ދީނީ ގޮތުން ހައްދުފަހަނަޅައިދިއުމާ ދެކޮޅަށް
ބޭއްވުނު އެ ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު، އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވީ
20 އޮގަސްޓް 2015 ވީ ބުދަ ދުވަހު އެވެ. އެއަށްފަހު، އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ
ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޙަމީދަކީ ވަރަށް ގިނަ ދުވަސްތަކެއް
ވަންދެން ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ރައްޔިތުންނަށް ވަފާތެރި
ބޭފުޅެއް ކަމަށެވެ. އެހާ ޤާބިލު، ޢިލްމީ ބޭފުޅަކު ގެއްލިގެން ދިޔުމަކީ މުޅި ޤައުމަށް
ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. "މިއީ އަޅުގަނޑަށާއި އަޅުގަނޑުގެ
ޢާއިލާއަށް އަދި މުޅި ޤައުމަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް" ކަމަށް އެމަނިކުފާނު
ވިދާޅުވި އެވެ.
އޮނަރަބްލް އަލްއުސްތާޛު
ޢަބްދުﷲ ޙަމީދު (ނޢޢވ) އިންޑިޔާގައި އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ
ހަށިކޮޅު ރާއްޖެ ގެންނެވުމަށާއި، އެމަނިކުފާނުގެ ހަށިކޮޅު ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް
ސަރުކާރުން ހަމަޖެއްސެވި އެވެ.
ހަށިކޮޅު ރާއްޖެ
ގެންނެވުން
ނިޝާން ޢިއްޒުއްދީނުގެ
ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހަށިކޮޅު،
އިންޑިއާގެ ބެންގަލޫރުން ދިވެހިރާއްޖެއަށް ސަރުކާރުން ގެނެސްދެއްވީ، 20 އޮގަސްޓު
2015 ވީ، ބުރާސްފަތި ދުވަހު ހެނދުނު 10:15 ހާއިރު، އެއާ އިންޑިއާގެ މަތިންދާބޯޓަކުންނެވެ.
އެމަނިކުފާނުގެ ސަންދޯއްޕުޅު އެ މަތިންދާބޯޓުން ބޭލެއްވީ ފުރިހަމަ ޢިއްޒަތުގަ އެވެ.
އެ ސަންދޯއްޕުޅު ހުޅުލެއިން މާލެއަށް ގެންދެވުނީ، އެކަމަށް ޚާއްޞަ ކުރެވިފައިވާ އުޅަނދުގައި
ޢިއްޒުއްދީން ފާލަމަށެވެ.
އަލްމަރްޙޫމު އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) ގެ ހަށިކޮޅު ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށްޓަކައި
މާލެ ގެންނެވުމުގެ ރަސްމިއްޔާތުގައި، ދިވެހި ދައުލަތުގެ ޢިއްޒަތްތެރި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި
އެވެ. އެ ބޭފުޅުންގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި،
އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ
ނާއިބު އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް
އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުން ހިމެނިވަޑައިގެންނެވި
އެވެ.
މޫނުފުޅު ދެއްކެވުން
ނިޝާން ޢިއްޒުއްދީނުގެ
ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ މޫނުފުޅު
ދެއްކެވުން އޮތީ، 20 އޮގަސްޓު 2015 ވީ، ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 އިން
އެ ދުވަހުގެ ރޭ 19:00 އަށެވެ. އެކަން އޮތީ އިސްލާމީ މަރުކަޒުގެ ތިރީބުރީގަ އެވެ. އެމަނިކުފާނުގެ
ކަށުކަމާކެމީގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދެވީ މިނިސްޓްރީ އޮފް އިސްލާމިކް
އެފެއާޒުންނެވެ.
އެމަނިކުފާނުގެ
މޫނުފުޅު ދެކެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް،
އިސްލާމީ މަރުކަޒަށް ވަޑައިގެންނެވި އެވެ. މަރްޙޫމްގެ މޫނުފުޅު ދެކެވަޑައިގަތުމަށްޓަކައި
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ދައުލަތުގެ
ބައެއް އިސް ބޭފުޅުން އިސްލާމީ މަރުކަޒަށް ވަޑައިގެންނެވި އެވެ. އަދި އެމަނިކުފާނުގެ
މޫނުފުޅު ދުށުމަށްޓަކައި ޢާންމުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ޒިޔާރަތްކުރި
އެވެ. އެކަމަށްޓަކައި ދިޔަ ޢާންމުންގެ ސަފުތައް، މެދުކެނޑުމެއްނެތި ކުރިއަށްދިޔަ އެވެ.
ކަށުނަމާދު ކުރެއްވުމާއި
ފަސްދާނުލެއްވުން
އަލްމަރްޙޫމް އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) ގެ މައްޗަށް ކަށުނަމާދު ކުރެއްވުން އޮތީ، 20 އޮގަސްޓު
2015 ވީ، ބުރާސްފަތި ދުވަހުގެ ރޭ ޢިޝާ ނަމާދަށްފަހު، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގަ އެވެ.
އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު
މައުމޫން ޢަބްދުލްޤައްޔޫމެވެ.
އެމަނިކުފާނުގެ
ކަށުނަމާދަށްފަހު ފަސްދާނުލެއްވުމަށްޓަކައި މަރްޙޫމްގެ ހަށިކޮޅު ގެންދެވުނީ ގަލޮޅު
ސަހަރާއަށެވެ. ސަންދޯއްޕުޅު ގަލޮޅު ސަހަރާއަށް ގެންދެވުނީ، ރަސްމީ ޢިއްޒަތުގައި މޯލްޑިވްސް
ނޭޝަނަލް ޑިފެންސް ފޯސްގެ މޮޓޯކޭޑުގަ އެވެ. އެމަނިކުފާނުގެ ސަންދޯއްޕުޅު ގަލޮޅު ސަހަރާއަށް
ގެންދެވުމާއެކު، ސަންދޯއްޕުޅުގެ މަތީގައިވާ ދިދަ ފަށްޖަހައިލެވުނެވެ. އަދި އެ ދިދަ
އެމަނިކުފާނުގެ ޢިއްޒަތްތެރި ދަރިކަލުން އަލްފާޟިލް ޙަމްދޫން ޙަމީދުގެ އަތްޕުޅަށް، ބެއާރަރ ޕާޓީގެ
ކޮމާންޑަރ އެރުވި އެވެ.
އެމަނިކުފާނުގެ
ކަށުނަމާދުގަޔާއި ޖަނާޒާގައި އެމަނިކުފާނުގެ ޢާއިލާގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ
އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޟިލް
އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ
މަސީޙް މުޙަންމަދާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި،
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި،
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން
ބައިވެރިވެވަޑައިގެންނެވި އެވެ. ކަށުނަމާދުގަޔާއި ޖަނާޒާގައި ޢާންމުންގެ ވަރަށްގިނަ
ޢަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
މާތް ﷲ، މަރްޙޫމް
ޢަބްދުﷲ ޙަމީދުގެ ފުރާނަފުޅަށް ޖަންނަތުލްފިރުދައުސްގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި
އެވެ! އާމީން!
* * * * *
ޒިކުރާ ދަމަހައްޓައިދެނިވި
ނުކުތާތަކެއް
ނިޝާން ޢިއްޒުއްދީނުގެ
ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަވުމާ
ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޔާނެއް ނެރުއްވި އެވެ. އެ ބަޔާން ނެރުއްވާފައިވަނީ،
19 އޮގަސްޓު 2015 ވީ ބުދަ ދުވަހު އެވެ. އެމަނިކުފާނުގެ ހަނދާންތަކާއި ޒިކުރާ ދެމެހެއްޓުމަށްޓަކައި
ނުހަނު ބޭނުންތެރި ނުކުތާތަކެއް އެބަޔާނުގައި ޝާމިލުވެފައި ވެ އެވެ. ތިރީގައި މިވަނީ،
އެ ބަޔާނުގެ އަލީގައި ޖަމާކޮށްފައިވާ ނުކުތާތަކެކެވެ.
އަލްމަރްޙޫމް އޮނަރަބް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ)، 56 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް
ޚިދްމަތް ކުރައްވާފައި ވެ އެވެ.
އެމަނިކުފާނަކީ
ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ތަފާތު އެހެން އެތައް ދާއިރާއެއް ހިންގެވުމުގެ ބުރަ
މަސްއޫލިއްޔަތު އުފުއްލަވައި، ސަރުކާރުން ޙަވާލުކުރެއްވި ކޮންމެ މަސައްކަތެއް ވަރަށް
ހީވާގިކަމާއި މުރާލިކަމާއެކު ކުރެއްވި ބޭފުޅެކެވެ.
އެމަނިކުފާނުގެ
ޚިދްމަތް އެންމެ ބޮޑަށް ފާހަގަކުރެވިގެންދާ އެއް ދާއިރާއަކީ، ރާއްޖޭގެ އަތޮޅުތައް ހިންގުމުގެ
ދާއިރާއެވެ.
އެމަނިކުފާނު، ފާދިއްޕޮޅު
އަތޮޅުވެރިކަމަށް ޢައްޔަންކުރެވުނީ، ޢުމުރުފުޅުން އެންމެ 19 އަހަރުގަ އެވެ.
އެމަނިކުފާނު، މިނިސްޓަރ
އޮފް ޕްރޮވިންޝަލް އެފެއާޒްގެ ނައިބުގެ މަޤާމު ފުރުއްވަން ފެށްޓެވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ
އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމުންނެވެ.
އެއަށްފަހު، މިނިސްޓަރ
އޮފް ޕްރޮވިންޝަލް އެފެއާޒްގެ މަޤާމު ފުރުއްވައި، ރާއްޖޭގެ އަތޮޅުތަކަށް އިންޤިލާބީ
ހެޔޮ ބަދަލުތަކެއް ގެންނަވަން ފެށްޓެވި އެވެ.
އެއަށްފަހު، މިނިސްޓަރ
އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމު ފުރުއްވި އެވެ.
އެ މަޤާމުތަކުގައި
ހުންނަވައިގެން ރާއްޖޭގެ އަތޮޅުތައް ހިންގެވުމުގައި އެމަނިކުފާނު ކުރައްވާފައިވަނީ
ބުރަ މަސައްކަތްޕުޅުތަކެކެވެ. އެ މަޤާމުތަކުގައި ހުންނަވައިގެން އެމަނިކުފާނު މަސްއޫލިއްޔަތު
އުފުއްލަވާފައިވަނީ ނުހަނު ޒިންމާދާރުކަމާއެކުގަ އެވެ.
ރާއްޖޭގެ ރަށްރަށަށް
ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދެއްވި އެވެ.
ރާއްޖޭގެ ޙާލަތު
އެވަގުތަކު އޮތް ގޮތެއްގެ މައްޗަށް ބައްލަވައި، އަތޮޅުތަކުގެ ތަރައްޤީއަށް ވަރަށް ބޮޑު
އަހަންމިއްޔަތެއް ދެއްވި އެވެ.
ރަށްރަށް ތަރައްޤީ
ކުރެއްވުމަށްޓަކައި ޙިކުމަތްތެރިކަމާއެކު ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އެވެ.
މިނިސްޓަރ އޮފް
އެޑިޔުކޭޝަން ކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ތަޢުލީމުގެ ފެންވަރު މަތިކުރައްވައި
ކުރިއެރުއްވުމަށްޓަކައި ނުހަނު ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި އެވެ.
އެމަނިކުފާނުގެ
ވަޒީރުކަމުގައި، ރާއްޖޭގެ ސްކޫލްތަކުގެ ހިންގުމަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް
ގެންނެވި އެވެ.
އެމަނިކުފާނު ޚާއްޞަ
ގޮތެއްގައި ފާހަގަކުރެވިގެން ދިޔައީ، ދަރިވަރުންނަށް ހެޔޮ ނަޞޭޙަތާއި އިރުޝާދުތައް
ދެއްވަމުން ގެންދެވި، ހިތްޕުޅުހެޔޮ މުރުޝިދެއްގެ ގޮތުގައެވެ.
1964 ވަނަ އަހަރު،
ރައީސް އިބްރާހީމް ނާޞިރު ފެށްޓެވި އެއަރޕޯޓް ހެދުމުގެ މަސައްކަތުގައި ޢަމަލީގޮތުން
ބައިވެރިވެވަޑައިގެންނެވި އެވެ.
އެ މަސައްކަތުގައި
އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ހީވާގިކަމާއެކު ކުރައްވާފައިވަނީ، ނުހަނު
އަގުހުރި ބުރަ މަސައްކަތްޕުޅުތަކެކެވެ.
އަލްމަރްޙޫމް އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފާހަގަކުރެވިފައިވަނީ:
ޤައުމުގައި އެއިރަކު
ހުންނެވި ވެރިޔަކު އެމަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް ފުރިހަމައަށް
އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
އެއްވެސް ކަމެއްގައި
ފަސްޖެހިވަޑައިނުގެން، ސަރުކާރުން ޙަވާލުކުރެއްވި ކަމަކަށް ނޫނެކޭ ވިދާޅުނުވެ، ތެދުވެރިކަމާއެކު
ޚިދްމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
އަލްމަރްޙޫމް އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ، ރާއްޖޭގެ ސިޔާސީ ދާއިރާގެ މުހިންމު ޝަޚްޞިއްޔަތެކެވެ.
ޢުމުރުފުޅުން
22 އަހަރުގައި، ރައްޔިތުންގެ މަޖިލީހުގެ ކ. އަތޮޅު މެންބަރުކަން ލިބިވަޑައިގަތެވެ.
ރައްޔިތުންގެ މަޖިލީހުގެ
މެންބަރެއްގެ ގޮތުން 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ މަޖިލީހަށް ޚިދްމަތް ކުރައްވާފައި
ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ
ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން، އެ މަޖިލީހުގެ ކުރިއެރުމަށާއި ތަރައްޤީއަށް
އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ވެ އެވެ.
އެމަނިކުފާނަކީ، ޤާނޫނީ ރޮނގުންވެސް
ޚިދްމަތްތަކެއް ކުރައްވައި، ބައެއް މައްސަލަތަކުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ.
އަލްމަރްޙޫމް އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ، ދިވެހިބަހާއި އަދަބިއްޔާތަށްވެސް އިޚްލާޞްތެރި ޚިދްމަތްތަކެއް
ކުރެއްވި ބޭފުޅެކެވެ.
ދިވެހިބަހާ ދޭތެރޭގައި
އެމަނިކުފާނުގެ ހިތްޕުޅުގައި ޚާއްޞަ ކުލުނަކާއި ލޯތްބެއް ވަނީ އުފެދިފައެވެ.
ބަހުގެ ހަމަތަކާއި
އުޞޫލުތަކާ ޚިލާފަށް ލިޔާ ލިޔުންތަކާ ދޭތެރޭގައި ފުންކޮށް ވިސްނާވަޑައިގެން، އެކަންކަން
އިޞްލާޙު ކުރެއްވުމަށް ޢަމަލީގޮތުން އެމަނިކުފާނު ވަނީ މަސައްކަތްޕުޅު ކުރައްވާފަ އެވެ.
ދިވެހިބަހުގެ ބަސްމޮށުންތެރިކަމުގެ
ރޮނގުންވެސް ޚާއްޞަކޮށް، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން އެމަނިކުފާނަކީ، ފަހަކަށް އައިސް
ރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް މުޤައްރިރެވެ.
ވާހަކަފުޅު ދެއްކެވުމުގައި
ބަހުގެ ގަވާއިދުތަކާއި ހަމަތައް ހިފަހައްޓަވައި، ބަހުގެ ފަށުވިކަމާއި ބަލާޣާތްތެރިކަން
ގެންގުޅުއްވި އެވެ.
އެހެން މީހުންނަށް
މި ފަންނު ދަސްކޮށްދެއްވައި ކުރިއަށް ގެންދެވުމަށް އެހީތެރިވެވަޑައިގެން މަސައްކަތްޕުޅު
ކުރެއްވި އެވެ.
ދިވެހިބަހާއި ތާރީޚަށް
ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން، ބަހާއި އަދަބިއްޔާތުގެ
ދާއިރާ ތަރައްޤީ ކުރައްވައި ފުޅާކުރެއްވުމަށް ކުރައްވާފައިވަނީ މިންނެތް މަސައްކަތްޕުޅުތަކެކެވެ.
އަލްމަރްޙޫމު އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ ލިޔުންތެރިކަމުގެ ރޮނގުން ވެސް ވަރަށް ފުންނާބު އުސް
ބޭފުޅެކެވެ.
އެރޮނގުން ތަފާތު
އެތައް މައުޟޫޢަކަށް ވަރަށް ފުރިހަމަ ލިޔުއްވުންތަކެއް ވަނީ ދިވެހި އަދަބިއްޔާތަށް
ދޫކުރައްވާފަ އެވެ.
ދިވެހިބަހަށް ޚިދްމަތް
ކުރެއްވުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު، 1991 ވަނަ އަހަރު އެމަނިކުފާނަށް
ވަނީ ލިބިވަޑައިގެންފަ އެވެ.
އަދި ދިވެހިބަހުން
ވާހަކަދެއްކުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ވެސް، 2000 ވަނަ އަހަރު އެމަނިކުފާނަށް
ވަނީ ލިބިވަޑައިގެންފަ އެވެ.
އަލްމަރްޙޫމު އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފުރުއްވާފައިވާ ބައެއް ޚާއްޞަ މަޤާމުތަކުގެ ތެރޭގައި:
ވުޒާރަތުއް ދާޚިލިއްޔާގެ
ސެކްރެޓަރީ ކަމާއި،
ހިންގާ ސެކްރެޓަރީ
ކަމާއި،
ވުޒާރަތުއް ދާޚިލިއްޔާ
(ހ) ގެ ޚާއްޞަ ވަކީލު ކަމުގެ މަޤާމާއި،
އެއަރޕޯޓް އޮފީހުގެ
ވެރިޔާ ކަމުގެ މަޤާމާއި،
ވަޒީރުންގެ މަޖިލީހުގެ
ސެކްރެޓަރީ ކަމުގެ މަޤާމާއި،
ހެންވޭރު އަވަށު
އޮފީހުގެ ވެރިޔާ ކަމުގެ މަޤާމު ހިމެނެ އެވެ.
އަދި ސްޕެޝަލް އެޑްވައިޒަރ
ޓު ދަ ޕްރެޒިޑެންޓް ކަމުގެ މުހިންމު މަޤާމު ވެސް ހިމެނެ އެވެ.
އެންމެފަހުން އެމަނިކުފާނު
ފުރުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރ ކަމުގެ މަޤާމެވެ.
އަލްމަރްޙޫމް އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފާހަގަކުރެވިފައިވަނީ، ޢިލްމާއި ހުނަރުވެރިކަމުގެ ރޮނގުން
ޤައުމަށް ޚިދްމަތްތެރި ވަރަށް ޢިލްމީ ހަރުދަނާ ޢާއިލާއެއް ބިނާކުރެއްވި ބޭފުޅެއްގެ
ގޮތުގައެވެ.
އެމަނިކުފާނުގެ
ބޭފުޅުންގެ ޚިދްމަތްތައް، ތަފާތު އެކި ރޮނގުތަކުން މިއަދުވެސް ދިވެހި ޤައުމަށް ދަނީ
ލިބެމުންނެވެ.
އަލްމަރްޙޫމު އޮނަރަބްލް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ
ލޮބުވެތި ބޭބޭފުޅެވެ.
އެހެންކަމުން، އެމަނިކުފާނު
އަވަހާރަވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ވަރަށް ފުން ހިތާމައެއް ލިބިވަޑައިގެންނެވި
ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ ބަޔާން ނިންމަވާލައްވާފައިވަނީ، އަލްމަރްޙޫމު އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ
ޙަމީދު (ނޢޢވ) ގެ ޢާއިލާއަށް ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ދިވެހި ސަރުކާރު
ބައިވެރިވާކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ބޭބޭފުޅު ރައީސް އަލްއުސްތާޛު މައުމޫން
ޢަބްދުލްޤައްޔޫމަށާއި، ޢާއިލާގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް
އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމުންނެވެ. އަދި މާތް ﷲ، އެ މަރްޙޫމުގެ ފުރާނަފުޅަށް
ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، ޢާއިލާއަށް ލިބިވަޑައިގެންނެވި
ފުން ހިތާމައިގައި ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުޢާކުރައްވަމުންނެވެ. (ނުނިމޭ)
------------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން