ޙަމީދުގެ ހަނދާނުގައި - 1


ހަނދުގެ އަލިކަން މޫނުފުޅުގައި ތާއަބަދު ވީ ސާހިބާ!
          ސާފު ފެން އަރަމުން ދިޔައި ތިޔަ ދޫފުޅާއި ޤަލަމުގެ ތުނޑުން!

ހުށަހެޅުން

بِسْمِ اللهِ الرَّحْمَنِ الرَّحِيم، الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

މި ފޮތަކީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އޮނަރަބްލް އަލްމަރްޙޫމު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނާއި ޒިކުރާ އާކޮށް ދެމެހެއްޓުމަށްޓަކައި ލިޔެފައިވާ ފޮތެކެވެ. މިހެންވެ، މި ފޮތަށް ކިޔާފައިވާ ނަމަކީ، "ޙަމީދުގެ ހަނދާނުގައި: އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) ގެ ޒިކުރާ" އެވެ. އެމަނިކުފާނު މިދުނިޔެއަށް ދޫކުރައްވާފައިވާ ދެމިހުންނަނިވި ހަނދާންތަކާއި ހެޔޮ ޒިކުރާ ޖަމާކުރުމަށް މި ފޮތުގައި މަސައްކަތްކޮށްފައި ވާނެ އެވެ.

މި ފޮތުގައި، އެމަނިކުފާނުގެ ނަސަބުފުޅާއި، އެމަނިކުފާނާމެދު އެކިއެކި ބޭބޭފުޅުން ވިދާޅުވެފައިވާ ބަސްފުޅުތައް ހިމަނާފައި ވާނެ އެވެ. އަދި އެމަނިކުފާނު ފުރުއްވި މަޤާމުތަކާއި، އެމަނިކުފާނު ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅުތައް ވެސް ވާނެ އެވެ. މީގެ އިތުރުން އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ދިވެހި ބަހުގެ އެކެޑަމީން ހުޅުވައިލެއްވި ތަޢުޒިޔާގެ ދަފުތަރުގައި އެކިއެކި ބޭބޭފުޅުން ލިއުއްވި އަގުހުރި ބަސްފުޅުތަކުގެ ތެރެއިން ބުރަދަންހުރި މިންވަރެއް ވެސް ވާނެ އެވެ.

އޮނަރަބްލް އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) އަކީ، ވަރަށް ދިގު މުއްދަތެއް ވަންދެން ސަރުކާރުގެ ތަފާތު ދާއިރާތަކުގައި، ތަފާތު މަޤާމުތައް ފުރުއްވައި، ތަފާތު ރޮނގުރޮނގުން މިރާއްޖެއަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤައުމީ ބަޠަލެކެވެ. އެމަނިކުފާނު އިސްލާމްދީނަށާއި، ދިވެހި ރާއްޖޭގެ ޤައުމިއްޔަތަށާއި، ތަޢުލީމަށާއި، ތަރައްޤީއަށާއި، ދިވެހި އަދަބިއްޔާތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަކީ ދުވަހަކުވެސް ފަނޑުވެގެންދާނެ ޚިދުމަތްތަކެއް ނޫނެވެ. މިހެންވެ، މި ފޮތް ލިއުނީ، އެމަނިކުފާނުގެ ޒިކުރާ އާކޮށް، އެއިން ޢިބްރަތް ޙާޞިލުކުރުމަށްޓަކަ އެވެ.
والله ولي التوفيق.
7 ސެޕްޓެމްބަރ 2015
                                - ޢަބުދުލްމުޢީދު ޙަސަން -

ކުރު ތަޢާރަފެއް

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 31 މާރޗް 1939 ގައެވެ. އެމަނިކުފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 18 އޯގަސްޓް 2015 ވީ އަންގާރަ ދުވަހު އެވެ. އެމަނިކުފާނު، މިދުނިޔެއާ ވަކިވެ ވަޑައިގަތުމުން، ދިވެހިރާއްޖެއަށް ގެއްލިގެން އެދިޔައީ، ދިވެހި ބިމުން އުފެދުނު ޚިދުމަތްތެރި، ހިންގުންތެރި، ހީވާގި، މުރާލި، ތޫނުފިލި، ބުއްދިވެރި، ވިސްނުންތެރި، ޙިކުމަތްތެރި ލާމަސީލު ޝަޚުޞިއްޔަތެކެވެ.

އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) އަކީ، ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤައުމީ ބަޠަލެކެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުގެ ހަރުފަތްތައް ފަށްޓަވާފައިވަނީ އާދައިގެ މަޤާމުތަކުންނެވެ. އެ މަޤާމުތަކުގައި އެމަނިކުފާނު ކުރެއްވި އިޚުލާޞްތެރި މިންނެތް މަސައްކަތްޕުޅުތަކުގެ ނަތީޖާއަކީ، ދިވެހި ދައުލަތުގެ އެންމެ މަތީ މަޤާމުތަކަށް އެމަނިކުފާނު ވާޞިލުވެވަޑައިގަތުމެވެ.

އެމަނިކުފާނަކީ، ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ބިޔަ ތަނބުތަކުގެ ތެރެއިން ތަނބެކެވެ. އެމަނިކުފާނަކީ، ފުރުއްވި ކޮންމެ މަޤާމެއް ނުހަނު ތެދުވެރިކަމާއެކު ފުރުއްވާފައިވާ އިޚުލާޞްތެރިއެކެވެ. އެމަނިކުފާނަކީ، މިރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރުއްވެވުމަށް މިންނެއް މަސައްކަތްޕުޅުތަކެއް ކުރެއްވި މުޖައްދިދެކެވެ. އެމަނިކުފާނަކީ، މި ޤައުމުގެ ޤައުމީ ބިނާ އާރާސްތުކުރެއްވި ބާނީއެކެވެ. އެމަނިކުފާނަކީ، ދިވެހި ރާއްޖޭގެ މިޒަމާނުގެ ރަށްވެހިކަމުގެ ތަރައްޤީގެ މުއައްސިސެކެވެ. އެމަނިކުފާނަކީ، ދިވެހި އަދަބިއްޔާތުގެ އުދަރެހުން ދުވަހަކުވެސް ފަނޑުވެގެން ނުދާނެ އަލިގަދަ އުޖާލާ ތަރިއެކެވެ. އެމަނިކުފާނަކީ، މި ޤައުމު އެބަޔަކަށްޓަކައި ފަޚުރުވެރިވުން ޙައްޤު ބޭފުޅުންތަކެއް ތަރުބިއްޔަތުކުރެއްވި މާތް ބައްޕާފުޅެކެވެ.

މާތްﷲ، އެމަނިކުފާނު، ޖަންނަތުލްފިރުދައުސްގެ މަތިވެރި ނިޢުމަތުގައި ލައްވާށި އެވެ! އާމީން!

ނަސަބުފުޅު

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ، އައްޝައިޚު ޢަބްދުލްޤައްޔޫމް (ދޮންސީދީ) އާއި، ޚަދީޖާ މޫސާ އަށް ލިބިވަޑައިގެންނެވި ދަރިކަލެކެވެ. ތިރީގައި މިވަނީ އެމަނިކުފާނުގެ ބައްޕާފުޅާއި މަންމާފުޅުގެ ނަސަބުފުޅެވެ.

ބައްޕާފުޅު

އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) ގެ ބައްޕާފުޅަކީ، އަލްމަރްޙޫމް އައްޝައިޚް ޢަބްދުލްޤައްޔޫމް (ދޮންސީދީ) އެވެ.
އައްޝައިޚް ޢަބްދުލްޤައްޔޫމް ދޮންސީދީގެ ބައްޕާފުޅަކީ، އަލްވަޒީރު އިބްރާހީމް މާފަތްތަކުރުފާނު (ނުވަތަ ދޮންތުއްތު) އެވެ.
އަލްވަޒީރު އިބްރާހީމް މާފަތްތަކުރުފާނު (ނުވަތަ ދޮންތުއްތު) އަކީ، ސާލިމުލް ޙަބްޝީ ޒަންޖަބާރީގެ، ނާއިބު މުޙައްމަދު ޢަފީފުއްދީނުލްޙަބްޝީ (ބަބުރު ނައިބު ކަލޭފާނު) ގެ، ކަޅުޢަލިމަނިކުގެ، ޢުމަރުމަނިކު (ދޮންމަނިކު) ގެ ދަރިކަލެކެވެ.
ޢައްޝައިޚް ޢަބްދުލްޤައްޔޫމްގެ މަންމާފުޅަކީ، ކަހަނބުގޭ ސިއްތި އެވެ.
ކަހަނބުގޭ ސިއްތި އަކީ، އައްސައްޔިދު ޢަބްދުﷲ (ގަލޮޅުސީދީ) ގެ ދަރިކަނބަލެކެވެ.
އައްސައްޔިދު ޢަބްދުﷲ (ގަލޮޅުސީދީ) އަކީ، އައްސައްޔިދު އިބްރާހީމް ދޮށީކަލޭގެފާނަށް، ޅަދީދީގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި ދަރިކަލެކެވެ. 
އައްސައްޔިދު އިބްރާހީމް ދޮށީކަލޭގެފާނަކީ، އައްސައްޔިދު މުޙައްމަދު، އައްޝައިޚުލްފަޤީހު މުޙައްމަދުލް މަރަދުވިއްޔު (މުދިންގޭ ބޮޑުކަތީބު) ގެ ދަރިކަނބަލުން އާމިނާފާނާއި ކާވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ދަރިކަލެކެވެ.
އައްސައްޔިދު މުޙައްމަދަކީ، ޔަމަނުކަރައިގެ ބާޢަލަވީ ދަރިކޮޅުން ވަޑައިގަތް އައްސައްޔިދު މޫސާގެ ދަރިކަލެކެވެ. މިހާހިސާބުން، މި ނަސަބުފުޅު، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަހުލުބައިތުންގެ ނަސަބުފުޅާ ގުޅެ އެވެ. އެހެނީ، ބާޢަލަވީ ދަރިކޮޅަކީ، އިތުރުއެކަލޭގެފާނުގެ ފާޠިމަތުގެފާނުގެ ޙުސައިނުގެފާނުގެ ޒައިނުލްޢާބިދީންގެ ދަރިކޮޅުގެ ގޮތްޕެކެވެ. މި ގޮފީގެ އަހުލުން މަޝްހޫރުވެވަޑައިގެންފައިވަނީ، ދެކުނު އޭޝިއާގެ ޤައުމުތަކުގައި އިސްލާމްދީނަށް ގޮވައިލުމުގެ ރޮނގުންނެވެ. މާތް ﷲ މި އެންމެ ބޭފުޅުންނަށް ރުއްސުން ލައްވައި ރަޙުމަތް ލައްވާށި އެވެ! އާމީން!
އައްޝައިޚް ޢަބްދުލްޤައްޔޫމް (ދޮންސީދީ) ގެ ބައްޕާފުޅު، އަލްވަޒީރު އިބްރާހީމް މާފަތްތަކުރުފާނުގެ މަންމާފުޅަކީ، ދިއްފުށީ ޙުސައިން ހަނދޭގިރި ތަކުރުފާނުގެ މާކޮށާރު ޢަލިމަނިކުގެ މާކޮށާރު އިބްރާހީމް މަނިކުގެ މާކޮށާރު އާއިޝާ މަނިކެ އެވެ.

މަންމާފުޅު

އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) ގެ މަންމާފުޅަކީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭގެފާނު ޚަދީޖާ މޫސާ (ޚަދީޖާ ދީދީ ނުވަތަ ކަތްދައިދީ) އެވެ.
ޚަދީޖާ ދީދީ (ބޮއިގަސްދޮށުގޭ ކަތްދައިދީ) އަކީ، މާލޭ ބޮއިގަސްދޮށުގޭ މޫސާ ކަލޭގެފާނު، މަރްޔަމް ދީދީ އާ ކުރެއްވި ކާވެނިން ލިބިވަޑައިގެންނެވި ދަރިކަނބަލެކެވެ.
މަރްޔަމް ދީދީ އަކީ، ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ ޙަސަން މަނިކުފާނު (ތުއްކަލާ)، ކޮނޑޭދީދީ (ދޮންދީދީ) އާ ކުރެއްވި ކައިވެނިން ލިބިވަޑައިގެންނެވި މުޙައްމަދުދީދީގެ ޢާއިޝާދީދީއާއި ވިލިގިލީ ދޮންމަނިކުފާނު ކަތީބު ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ދަރިކަނބަލެކެވެ.
ވިލިގިލީ ދޮންމަނިކުފާނު ކަތީބަކީ، ކޮނޑޭ ޢަލިމަނިކުފާނުގެ ޢާއިޝާދީދީއާއި، ކޫއްޑޫ ޢީސާ ކަތީބުގެ ވިލިގިލީ ދޮންޢަލިތަކުރުފާނު ކަތީބު ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ދަރިކަލެކެވެ.
ކޮނޑޭދީދީ (ދޮންދީދީ) އަކީ، ކޮނޑޭ ޢަލީމަނިކުފާނު، ޢާއިޝަތުދީދީ (ދޮށީދީދީ) އާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ދަރިކަނބަލެކެވެ.
ޢާއިޝަތުދީދީ (ދޮށީދީދީ) އަކީ، އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، މުލަކު ކުޑަރަނިޔައެދުރުގޭ މަރިޔަމް މަނިކުފާނާއި ކައިވެނި ކުރައްވައިގެން ލިބިވަޑައިގަތް ދަރިކަނބަލެކެވެ.
އިބްރާހީމް ފާމުލަދޭރި ކިލެގެފާނަކީ، މުޙައްމަދު މަނިކުފާނު ނުވަތަ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީން (ޙާޖީ ބަންޑާރައިން/ޝަހީދުކުޅަ ބަންޑާރައިން) އަށް ސިއްކަ ތަކުރުފާނުގެ އާމިނާމަނިކުފާނުގެ ކިބައިން ފުރަސޫތާވި (މާތް ބަހުން ގަރުބަގަތް) ދަރިކަލެކެވެ.
މުޙައްމަދު މަނިކުފާނަކީ، ސުލްޠާން އިބްރާހީމް އިސްކަންދަރު 2، ފަސްމަންދޫ ކޮއިގެ ފާޠިމާ މާވާކިލެގެފާނުގެ ޢާއިޝާ މަނިކުފާނާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ދަރިކަލެކެވެ.

ސުލްޠާން އިބްރާހީމް އިސްކަންދަރު 2 އަކީ، ދިޔަމިގިލީ ދަރިކޮޅުގެ ސުލްޠާން މުޡައްފަރު މުޙައްމަދު އިމާދުއްދީން 2 އާއި، އާމިނާކަނބައިދިކިލެގެ ގެ ދަރިކަލެކެވެ. (ނުނިމޭ)
               --------------------


މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން