
މޮހޮނަށް އޮޑި ދިނީ މޮހޮނުގެ ރަށުގެ ކަތީބެވެ. މިކަން އެއްވެސް އޮޅުމެއްނެތި އެނގެއެވެ. އެހެންނަމަވެސް ނޭނގެނީ ދިވެހިންނަށް ގާނޫނުއަސާސީ ދިނީ ކާކުކަމެވެ. ނޫނީ ކޮން ބަޔެއްކަމެވެ. އެއްވެސްމީހަކަށް މިކަން ރަނގަޅަށް ބުނެދޭކަށް ނޭނގެއެވެ. އެކިމީހުން ބުނަނީ އެކި ގޮތަށެވެ.
މޮހޮނަށް ދިން އޮޑި:
ދިމާވާ އެކި ކަންކަމާ ގުޅުވައިގެން "މޮހޮނަށް އޮޑިދިން ގޮތް"
މިސާލުބަހެއްގެ ގޮތަށް ދިވެހިންގެ ބައެއްމީހުން ބޭނުންކުރާ ގޮތްތަކެއް ހުރެއެވެ.
އޭގެތެރޭ އެންމެ ފާހަގަކުރެވެނީ އެއްޗެއް،
ނުވަތަ ކަމެއް،
ނުވަތަ ބާރެއް ލިބިފައި އޮވެމެ އޭގެ ބޭނުން އެދެވޭގޮތެއްގައި ކުރެވޭނެގޮތެއް ނެތުމެވެ. އޮޑިޔެއް ނޫނީ ދޯންޏެއް ބޭނުވެގެން މޮހޮނު އުޅުނު ނަމަވެސް އޭނާއަށް އެ
އެއްޗެއް ނުލިބެއެވެ. މާކެޔޮޅުކަމު ދާން ބޭނުންވެގެން އޭނާއަށް އެފަދަ އުޅަނދެއް ބޭނުންވާތީ
ރަށުގެ ކަތީބާއި މޮހޮނު ބައްދަލުކޮށް އެވާހަކަ ނަންގަތުމުން ކަތީބު ބުނުއްވީ، އަވަހަށް ދޯނި ގެންދާށެވެ. ލަސްކުރާނެކަމެއް ނެތެވެ. ދޯނި ބަންނާނޭ ލަކުޑި މިރަށުގެ ވަލުގައި ހުންނާނެއެވެ. އަދި އެކަމަށް
ބޭނުންވާނޭ ހުރިހާ ތަކެއްޗެއް އެވެނި މިވެނި ތަންތާނގައި ހުންނާނެއެވެ. ލަސްނުކޮށް
އަވަހަށް ދޯނި ގެންދާށެވެ.
ރަށުގެ ވެރިމީހާގެ ގާތަށް ރަށުގެ ރައްޔިތަކު ކަމަކަށް ބޭނުންވެގެން ދިޔުމުން ކަތީބު އެވަނީ އެކަން ކޮށްދެއްވާފައެވެ. ކަތީބު އެވަނީ މޮހޮނަށް ނުހަނު ރަނގަޅު ދޯންޏެއް ދެއްވާފައެވެ. ދޯނި ގެންދިޔުމަކީ މޮހޮނުގެ ކަމެކެވެ. ކަތީބުގެ ކަމެއްނޫނެވެ. މިކަންއޮތީ މިހެންނެވެ. އެހެންނަމަވެސް ކަތީބު ދެއްވި ދޯނި މޮހޮނަށް ގެންދެވޭނީ ސަލާމަތުން ހުރި އޭނާގެ ދެލޮލަށް ދޯނި ފެނިގެންތާއެވެ. މޮހޮނު ފިޔަވައި އޭނާ ނޫނަސް އިންސާނުންގެ ބަޔަކަށް ކަތީބު ދެއްވި މިދޯންޏެއް ނުފެނެއެވެ.
ރަށުގެ ވެރިމީހާގެ ގާތަށް ރަށުގެ ރައްޔިތަކު ކަމަކަށް ބޭނުންވެގެން ދިޔުމުން ކަތީބު އެވަނީ އެކަން ކޮށްދެއްވާފައެވެ. ކަތީބު އެވަނީ މޮހޮނަށް ނުހަނު ރަނގަޅު ދޯންޏެއް ދެއްވާފައެވެ. ދޯނި ގެންދިޔުމަކީ މޮހޮނުގެ ކަމެކެވެ. ކަތީބުގެ ކަމެއްނޫނެވެ. މިކަންއޮތީ މިހެންނެވެ. އެހެންނަމަވެސް ކަތީބު ދެއްވި ދޯނި މޮހޮނަށް ގެންދެވޭނީ ސަލާމަތުން ހުރި އޭނާގެ ދެލޮލަށް ދޯނި ފެނިގެންތާއެވެ. މޮހޮނު ފިޔަވައި އޭނާ ނޫނަސް އިންސާނުންގެ ބަޔަކަށް ކަތީބު ދެއްވި މިދޯންޏެއް ނުފެނެއެވެ.
ދިވެހިންނަށް ދިން ގާނޫނުއަސާސީ:
ދިވެހިންނަށް ގާނޫނުއަސާސީ ދިނީ ކާކުކަމެއް، ނޫނީ ކޮން ބަޔެއްކަމެއް، އެއްވެސްމީހަކަށް ބުނެދޭކަށް
ނޭނގެއެވެ. އެކިމީހުން ބުނަނީ އެކި ގޮތަށެވެ.
އެއްބަޔަކު ބުނަނީ، އެއީ ރައްޔިތުންގެ ޚާއްޞަ
މަޖިލީހޭ ކިޔުނު ބޮޑުވެގެންވާ ޖަމާޢަތަކުން އެކުލަވާލި އެއްޗެއް ކަމަށެވެ.
އެހެންބަޔަކު ބުނަނީ، އެއީ ވިލާތުގެ ކޮންމެވެސް
ތަނަކަށް ކަމުދާގޮތަށް އެތަނަށް ބޭނުންހިފޭ ގޮތަށް އެތާކުން އެކުލަވާލި އެއްޗެއް
މުދާއުފުލާ ކޮންޓޭނާއެއްގައި މިރާއްޖެ ގެނެސް އެ އެތި ދިވެހިބަސްކަމަށް ހީވާ
ބަހަކުން ގޮތަކަށް ތަރުޖަމާކުރުމުން ފެންނަން އޮތް އެއްޗެއްކަމަށެވެ. ވިލާތުގެ
ކޮންމެވެސް ތަނަކަށް ކަމުދާގޮތަށް އެތާކުން އެކުލަވާލި އެއްޗެކޭ ބުނާބަޔަކު
އެބުނަނީ، އެގާނޫނު އަސާސީއަކީ
ދިވެހިރާއްޖޭގައި އޭގެ ބޭނުންކުރަން ޖެހޭ އެއްޗަކަށްވާއިރު، ރާއްޖޭގެ ވެއްޓާއި ގުޅުންކުޑަ އުނދަގޫ އަދި އުފުލައިގަތުން ޚަރަދުބޮޑު
އެތައްކަމެއް އެތައްގޮތަކުން ހުރި އެއްޗެއްގެ ގޮތުގައި ބެލެވޭތީއެވެ. މިހެންމެ ވިލާތުގެ
ކޮންމެވެސް ތަނަކަށް ކަމުދާގޮތަށް އެތާކުން އެކުލަވާލި އެއްޗެއް ދިވެހިބަސްކަމަށް
ހީވާ ބަހަކުން ގޮތަކަށް އެވަނީ ތަރުޖަމާކުރެވިފައޭ ބަޔަކު އެބުނަނީ، އޭގެ ޢިބާރާތެއް ނޫނީ މާއްދާއެއްގައި ބުނާ އެއްޗެއް ފުށުއެރުން ބޮޑު ތަފާތު
އެތައް ގޮތަކަށް އެކި މީހުންނަށް އެކި ގޮތަށް މާނަކުރެވޭ ގޮތަށް ހުރުމުންކަމަށް
ވެދާނެއެވެ.
ދިވެހިންނަށް ލިބިފައިވާ ގާނޫނުއަސާސީއާ މެދު އަނެއްބަޔަކު ބުނަނީ، އެވަރުވީކަން ވެސް ނަސީބުތާއެވެ. އެފަދަ އެއްޗެއް ދައްކަވައިތޯ މަގުތަކުގައި
ދުޢާކޮށްކޮށް ތިއްބައި ވަކިވަކިން ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނދުދޮށްތަކަށް އޭގެ
ބައިތައް ވަކިވަކިން ވިއަސް އެވަނީ ލައްގާފައެވެ. ލެއްގިއިރު އޭގެ ބައެއް ޢިބާރާތްތަކާއި
މާއްދާތައް ގިރިގެން ކިޔަން ނޭނގޭވަރުވުމަކީ މުޅިން އެހެންކަމެކެވެ. އެހެންވީ
ނަމަވެސް ފެންނަން ހުރި އެއްޗެއްގެ ބޭނުންތެރިކަން ސައްތައިން މަތީގައި ހުރުމުން
އެ ހުރިހާ އެއްޗެއް އެއްކޮށް އެއްފޮތަކަށް ހެދުމަށްޓަކައި ބައިއިންޗި ކޮންކްރީޓް
ދަގަނޑުން ހީރަސްޖަހައި ދިވެހި އެންމެތަކުން އެއަށް ބޯލަނބައި ޢަމަލުކުރުމަށް
ބަންޑާރައިންގެ ހިރިއާފާތުރާގެ ދަށުން ގަދަވެގެންވާ އަމުރުން އަމުރުކުރައްވައި
ސިއްކަޖައްސަވާފައި އެވަނީވެސް އެހެންވެއެވެ.
މޮހޮނަށް ދިން އޮޑިޔާއި ދިވެހިންނަށް ދިން ގާނޫނުއަސާސީ އާ ދެ އެތީގެ
ގޮތްބާވަތާއި ދެ އެތީގެ ފުށުއެރުންތަކެއް ހުއްޓަސް މި ދެ އެއްޗަކީވެސް މިހާރު
ދިވެހިންގެ އެއްޗިއްސެވެ. މޮހޮނަށް ދިން އޮޑިޔާއި ދިވެހިންނަށް ދިން ގާނޫނުއަސާސީ
އެވަނީ މިސާލާއި ތާރީޚުގެ ފަތްފުށްތަކުން ޖާގަ ހޯދާފައެވެ.
---------------------
ލިޔުއްވީ: މީމު ނޫނު