ޤަރުނުގެ ލާމަރުކަޒީ ސިފަކޮށްދެއްވުމުގެ އެވޯޑް












އާދަނު ގެއަށް އައިއިރު އޭނާގެ އަތުގައި ފޮޓޯ ލޯގަނޑެއް އޮތުމުން ތިޔައީ ކީއްކުރާ އެއްޗެއްތޯ އޭނާގެ އަންހެނުން ސަންޕާފުޅު އެހީމާ "މިއީ ޤަރުނުގެ ލާމަރުކަޒީ ސިފަކޮށްދެއްވުމުގެ އެވޯޑްދިނުމަށް އަހަރެމެން އެންމެންގެ އިއްތިފާގުން ހޮވުނު ތިމަރަފުށީ މުޞްޠަފާބޭގެ ފޮޓޯއެކޭ" އާދަނު ބުނީމާ ސަންޕާފުޅު ބުންޏެވެ.

"މުޅި ޤަރުނަށް ނިސްބަތްވުމުގެ އިތުރަށް އޭގެތެރެއަށް ލާމަރުކަޒީއެއް ވެސް ގެނެސްގެން އެވޯޑެއް ދިނުމަކީ އާދަނުމެން ކަހަލަ ޢާއްމުންނަށް ކުރެވިދާނެ ކަމެއްހެއްޔެވެ. ސަރުކާރަށްނޫނީ ތިޔަކަމެއް ނުވާނެއެވެ. މާރަމަޟާން ރޯދަމަހުގެ ދުވާލުގައި ގޯސް ނުގޮވާށެވެ."

ސަންޕާފުޅު މިހެން ބުނުމުން އާދަނުގެ އެހުންނަ ރަސްމީ ރުންކުރު ޒާތަށް އޭނާ ބުންޏެވެ.

"ބަލަ! މާރަމަޟާން ރޯދަމަހުގެ ދުވާލުގައި އެހެންމީހުންނަށް ގޯސް ނުގޮވޭގޮތަށް ޙައްގު މުޠުލަގަށް މި ލާމަރުކަޒީއެއްގެ ބަލިހާލާއި އޭގެ ސިފަ މިހާރުހުރި ގޮތުގެ އިތުރަށް މި ލާމަރުކަޒީ ގާނޫނަކީ ރާއްޖޭގެ ސަގާފަތާ އެއްވެސް ގުޅުމެއް ނެތް "ރޮބިސްގަނޑެއް" ކަމަށް 06 ޖުލައި 2015މ. ދުވަހު، މިރާއްޖޭގެ ރައްޔިތުންގެ ބޮޑުވެގެންވާ މަޖިލީހުގައި ހާމަކޮށްދެއްވީ ތިމަރަފުށީ މުޞްޠަފާބެއެވެ. އެހެންމީހެއްނޫނެވެ. އެހެންވީމާ މުޞްޠަފާބެއަށް ޤަރުނުގެ ލާމަރުކަޒީ ސިފަކޮށްދެއްވުމުގެ އެވޯޑް ޙައްގުނުވާނޭގޮތެއް ހަމައެއް މިދުނިޔޭގެ އެއްވެސް ފޮތެއްގައި ލިޔެފައިނުވާނެއެވެ.

މި އެވޯޑަކީ މުޞްޠަފާބެއަށް ޙައްގުން ޙައްގު އެއްޗެކެވެ. އަނެއްކާ އެކި ކަންކަމަށް އެވޯޑް ދިނުމަކީ ކޮންމެހެން ސަރުކާރުން އެކަނި ކުރަންވީ ކަމެއްނޫނެވެ. މިކަހަލަ ކަންކަމުގައި ސަރުކާރަށް އޭގެ ބުރަ މާބޮޑުނުކޮށް އެކަމުގައި އަހަރެމެން ޢާއްމުންގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ދޭންވާނެނޫންހެއްޔެވެ. އަހަރެމެން މިކަމާ އުޅުނީވެސް އެހެންވެއެވެ. އޭގެ އިތުރަށް މިބާވަތުގެ ކަންކަމަކީ ތަޞްރަފު ފުދި ބާލިޣުވެފައިވާ އެންމެހައި ދިވެހީންނަށްވެސް އެބަޔަކު ބޭނުންވެއްޖެ ހާލަތެއްގައި ކުރެވިދާނެ ކަމެއްކަމަށް ޑިމޮކްރަސީގެ އޮނަހައްޓިވަނަ ބާބުގެ ތޭރަވަނަ ފޮޅުވަތުގައި ކަޅާއި ހުދުންވެސް ލިޔެފައިއެވަނީއެވެ.

މުޞްޠަފާބެ އެބަޔާންކުރެއްވި ލާމަރުކަޒީ ގާނޫނެއް އައިފަހުން ރަށްރަށުގައި ދިރިއުޅެމުންދާ ދިވެހި މުސްލިމުންގެ އެންމެހައި ކަންކަމާއި މަތިކޮށް މިމީހުންނަށް އަމުރު މަޢުރޫފު ހިންގަން ވެރިންނަށް ތިބެންޖެހުނު ގިނަބަޔަކީ ދީނީގޮތުން ރޯފިލާމިންވަރަށް ތަންދޮރު އޮޅުންފިލައި ސުވަރުގެއާއި ނަރަކައަށް ދެވޭނޭ މަގާއި އީމާން އިސްލާން އިޙުސާން އޮޅުންފިލުން ވެސް ކޮންމެހެން ލާޒިމުނޫން ބަޔެކެވެ. މުސްލިމުން ގޮވައިގެން އިމާމްވެ ނަމާދުކުރާން އެބަޔަކަށް ނޭނގުނަސް ވަރިހަމައެވެ. މައްޔިތާގެ ޖަނާޒާގެކަމެއް ކުރާނޭގޮތް ކޮންމެހެން އެނގުންވެސް އެބަޔަކަށް ލާޒިމެއްނޫނެވެ. އެކަންކުރާ ބަޔަކު އެކަންކުރާނީއެވެ. މިކަންކުރާ ބަޔަކު މިކަން ކުރާނީއެވެ. އެކަމަކު މިއީ މުސްލިމުންގެ ރާއްޖެއެކޭ ކިޔައިގެން މުސްލިމުންގެ ނަމުގައި އިންސާނުންގެ ބަޔަކު އުޅެމުންދާ ތަނެކެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮތްގޮތުން ދީނީ ކަންކަންވެސް ބަލިކަށިވެ ވަޅުޖެހިއްޖެއެވެ. މި ގާނޫނެއް ގެނައީ ރައްޔިތުންނަށް ފަސޭހައާއި އެބައިމީހުން ބާރުވެރިކުރުމުގެ އޮފުދާރު ޙީލަތްތެރި މަކަރުވެރި ނަމެއްގައެވެ. މިބުނާ ގާނޫނެއް އެކުލަވައިލުމުގައި ތިބި ލަފާދާރުންގެ ބަޔަކީ ޣައިރު މުސްލިމުންގެ ބަޔަކަށްވީއިރު މިބަޔެއްގެ ލަފާ ނުލަފާ އޮންނާނޭގޮތް މިއަދު ދުނިޔޭގެ ކަންކޮޅުތަކުންވެސް އެފެންނަނީއެވެ. މިބުނާ ގާނޫނެއް އެކުލަވައިލުމުގައި އިސްވެ ކުރިއަށް ނުކުތް ދިވެހި ބަޔެއްގެ ނިޔަތާއި ގަޞްދާމެދު އެއިރުވެސް މިރާއްޖޭގައި ދިރިތިބި ދުރުވިސްނޭ ބުއްދިވެރިންގެ ބަޔަކު ވާހަކަދެއްކިއެވެ. އެއީ އެ ގާނޫނެއް އޮތްގޮތުން މިރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމްދީނުގެ ކަންކަން ފުރޮޅިގެން ހިނގައިދާނެ މަގާ މެދުއެވެ. މިއަދު މިއޮތީ އެމަގުގައެވެ. އެމަކަރުވެރި ޙާލަތުގައެވެ. މިބުނާ ގާނޫނެއް އެކުލަވައިލުމުގައި ތިބި ލަފާދާރުންގެ ލަފާއަކީ ބޮޑުވެގެންވާ ނުލަފާއެވެ. އެނުލަފާ އޮތީ މާތްވެގެންވާ އިސްލާމްދީން ބަލކަށިވެ ނިކަމެތިވާނެ ގޮތަށެވެ. އެގޮތް މިފެންނަނީއެވެ.

މިބުނާ ގާނޫނެއް އެކުލަވައިލުމުގައި އިސްވެ ކުރިއަށްނުކުތް ދިވެހިބަޔަކުވެސް އުޅުނީ ޣައިރުމުސްލިމުން ރުހޭގޮތަށް އެއެތި ބައްޓަންކުރުމާއެކު އަދި އޭގެތެރެއަށް އެމީހުންގެ އަމިއްލަކަންކަމެއް ވެސް ގެނައުމަށެވެ. މީގެ އެއްކަމަކީ މިރާއްޖޭގެ ރަށްރަށުގެ މުސްލިމުންގެމައްޗަށް އިސްކޮށްފައިވާ މީސްމީހުން އެކަންކަމުން ދުރުކޮށް ވެރިންނަށް އިސްވެގަނެ ހިތުހުރިކަމެއް ހިތުހުރިގޮތަކަށް ކުރާން މަގުފަހިކުރުމެވެ. މިމަގު ފަހިވާންއޮތީ ޒަމާނުއްސުރެ ރަށްރަށުގައި ތިބި މާތްވެގެންވާ އިސްލާމްދީނާއި ކާބަފައިން ދެމެހެއްޓި ދިވެހިގައުމިއްޔަތު ދަމަހައްޓަން ރަށްރަށުގެ ރައްޔިތުންގެ މައްޗަށް ވެރިންގެ ގޮތުގައި އިސްކޮށްފައިވާ ބަޔަކު ނަގައި ހޫރާލައި އެހެން ބަޔަކަށް ވެރިންނަށް އާދެވޭނޭ ގޮތްވީމައެވެ. އެ ގޮތް މިފެންނަނީއެވެ.

އާދަނު ދެއްކި ވާހަކަތައް އަޑުއަހަން ހުރެފައި ސަންޕާފުޅު ބުންޏެވެ. "މުޞްޠަފާބެ ވިއަސް އެހެން ބެއެއް ވިއަސް ތެދެއް ހާމަކުރެއްވިނަމަ އެއެއް ދޮގަކަށް ނުވާނެއެވެ. ވާނީ ތެދަކަށެވެ. އެހެންވީމާ އެހާބޮޑު ތެދެއް ހާމަކުރެއްވި ފަރާތަކަށް ޤަރުނުގެ ލާމަރުކަޒީ ސިފަކޮށްދެއްވުމުގެ އެވޯޑް ޙައްގެވެ."
                       ------------------

ލިޔުއްވީ: މީމު ނޫނު