ޤާރޫނުގެ ނިމުމަކީ ޢިބްރަތްތެރި ނިމުމެއް










މާތް ﷲ، ކީރިތި ޤުރުއާނުގައި، އިހުގެ އުންމަތްތަކުގެ މީހުންގެ ވާހަކަ، ވަޙީކުރައްވާފައިވެ އެވެ. އެކަލާނގެ އަޅުތަކުން، އެވާހަކަތަކުން ޢިބުރަތް ޙާޞިލުކޮށް، ތެދުމަގުގައި ފައިތިލަ ސާބިތުކުރުމަށްޓަކަ އެވެ. އެއިން އެއް ވާހަކައަކީ، ޤާރޫނުގެ ވާހަކަ އެވެ. އަލްޢަންކަބޫތު ސޫރަތާއި، ޣާފިރު ސޫރަތުގައި، ޤާރޫނުގެ ވާހަކަ ނަންގަނެވިފައިވެ އެވެ. އަދި އަލްޤަޞަޞް ސޫރަތުގެ 76 ވަނަ އާޔަތުން 83 ވަނަ އާޔަތަށް، އިތުރު ތަފުޞީލާއެކު ބަޔާންކުރައްވާފައިވެ އެވެ. އެ އާޔަތްތަކުން އެނގޭ ގޮތުގައި، ޤާރޫނަކީ، މޫސާގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން މީހެކެވެ. އޭނާ މޫސާގެފާނަށް އީމާންވެ، އެކަލޭގެފާނުގެ ރިސާލަތު ޤަބޫލުކުރިއިރު، އޭނާއަކީ، ފަޤީރެކެވެ. އެއަށްފަހު އޭނާ މުއްސަނދިވުމުން، މޫސާގެފާނަށް ފުރަގަސްދީ، ފިރުޢައުނާ އެއްބައިވި އެވެ. އަދި މޫސާގެފާނުގެ ޤައުމުގެ މީހުންނަށް އަނިޔާވެރިވުމުގައި، އޭނާގެ މުދަލުން ހޭދަކުރި އެވެ.

މާތް ﷲ، ޤާރޫނަށް މުއްސަނދިކަން ދެއްވައި އޭނާ އިމްތިޙާނުކުރެއްވި އެވެ. އޭނާގެ މިލްކުގައި އެތައް ޚަޒާނާތަކެއް ލެއްވި އެވެ. އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް ބަރުކަމުން، ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް ވެސް އެ އުފުލުން ވަނީ ނުހަނު ބުރަކަމަކަށް ވެފަ އެވެ. މިއިން އެނގޭ އެއްޗަކީ، މާތް ﷲ އޭނާއަށް ދެއްވި މުއްސަނދިކަމުގެ ބޮޑުކަމެވެ. އެ މުއްސަނދި ކަމަށްޓަކައި އޭނާ ކިބުރުވެރިވެ ބޮޑާކަން ފާޅުކުރި އެވެ. ޤާރޫނުގެ ވާހަކައިން އެނގޭ ގޮތުގައި، މާތް ﷲ މީހަކަށް މުދާވެރިކަން ދެއްވައި، އެމީހަކު މުއްސަނދިކުރެއްވުމަކީ، އެކަލާނގެ އެމީހަކު ދެކެ ރުހިވޮޑިގަންނަވާ ކަމުގެ ދަލީލެއް ނޫނެވެ. އެކަމަކު އެ މުއްސަނދިކަމަކީ، އޭނާގެ ހަލާކު ކަމުގައި ވެސް އެކަލާނގެ ލައްވައިފާނެ އެވެ. 

ޤާރޫނު ގަބޫލުކުރި ގޮތުގައި، އޭނާއަށް މުދާވެރިކަން ލިބި، މުއްސަނދި މަހުޖަނަކަށްވީ ހަމައެކަނި އޭނާގެ މަސައްކަތާއި އޭނާގެ މޮޅުކަމުންނެވެ. އެއީ، މާތް ﷲ އޭނާ އިމްތިޙާނުކުރެއްވުމަށްޓަކައި ދެއްވި މުދާވެރިކަމެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރި އެވެ. އެހެންކަމުން، އޭނާ އެއިން ހޭދަކޮށް އުޅުނީ، އާޚިރަތް ދުވަސް ހަނދާން ނައްތާލާފައި، ހަމައެކަނި ދުނިޔެއަށްޓަކަ އެވެ. ދުނިޔޭގެ ޢިއްޒަތާއި ޖާހު ހޯދުމަށްޓަކަ އެވެ.
 
މޫސާގެފާނުގެ ޤައުމުގެ މީހުންނަށް، ޤާރޫނުގެ މުއްސަނދިކަން ފެނުމުން، އެމީހުން ވެސް ޤާރޫނު ފަދަ މުއްސަނދީންނަށް ވުމަށް އުންމީދުކުރި އެވެ. ޤާރޫނަކީ ބޮޑުވެގެންވާ ނަޞީބުވެރިއެއް ކަމަށް ވެސް ހީކުރި އެވެ. ނަމަވެސް ޢިލްމުވެރިން އެމީހުންނަށް ވިދާޅުވެ އެވެ. "އީމާންވެ ޞާލިޙު ޢަމަލުކުރި މީހަކަށް، މާތް ﷲ ގެ ޘަވާބާއި ދަރުމަ، ޤާރޫނުގެ މުދާވެރިކަމަށްވުރެ މާ ހެޔޮކަން ބޮޑެވެ." އެހެނީ، ޤާރޫނު ދިޔައީ، އޭނާގެ މުދަލާއި ތަނަވަސްކަން ބޭނުންކޮށްގެން، ބިމުގައި ފަސާދައުފައްދަމުންނެވެ.

މާތް ﷲ ގެ ދީނުގައި ފައިތިލަ ސާބިތުކޮށް، ހެޔޮ ގޮތުގައި މުދާ ހޭދަކުރުމަށް، މޫސާގެ ފާނު، ޤާރޫނަށް ގޮވައިލެއްވި އެވެ. އެކަލޭގެފާނުގެ ގޮވައިލެއްވުމަށް ޤާރޫނު ދިނީ ބީރު ކަންފަތެކެވެ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅުގައި ބޮޑު ބަދުނާމެއް އަޅުވަން ވެސް ޤާރޫނު ރޭވި އެވެ. އެކަމަށްޓަކައި، އޭނާ ތައްޔާރުކުރީ ފާފަކުރާ އަންހެނެކެވެ. އެކަނބުލޭގެ ކިބައިން އޭނާ އެދުނީ، މޫސާގެފާނު އެ ކަނބުލޭގެއާއެކު ފާޙިޝް ޢަމަލު ހިންގި ކަމަށް ބުނުމަށެވެ. އެކަމަށްޓަކައި އޭނާ އެކަނބުލޭގެއަށް ރަނުން އުޖޫރަ ދިނެވެ. އެކަންތައް ރަނގަޅަށް ރޭވުމަށްފަހު، ޢީދު ދުވަހެއްގައި ޤާރޫނު، ނިކަން ހެޔޮއެދޭ މީހެއް ކަމަށް ހެދިގެންހުރެ، މޫސާގެފާނަށް ދެންނެވި އެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނު އަމުރުކުރައްވާ ކަންތައްތަކާއި، ނަހީކުރައްވާ ކަންތައްތައް އަޑުއެހުމަށް އެދިގެން އެއްވެ އެބަތިއްބެވެ. ދެން މޫސާގެފާނު ވަޑައިގެން އެމީހުންނާ މުޚާޠަބުކުރައްވައި ވިދާޅުވި އެވެ.

"
މީހަކު ވައްކަންކޮށްފިނަމަ އޭނާގެ އަތް ކަނޑުއްވާނަމެވެ. ކާވެނިނުކުރާ މީހަކު ޒިނޭކޮށްފިނަމަ، އޭނާގެ ގައިގައި ހައްދު ޖައްސަވާނަމެވެ. ކާވެނިކޮށްގެންހުރި މީހަކު ޒިނޭކޮށްފިނަމަ އޭނާ ރަޖަމްކުރައްވާނަމެވެ." މޫސާގެފާނު މިހެން ވިދާޅުވުމުން، ޤާރޫނު ދެންނެވި އެވެ. "ކަލޭގެފާނުގެ މައްޗަށް ވެސް އޮތީ ތިޔަ ޙުކުމްތޯ އެވެ؟" މުސާގެފާނު ވިދާޅުވި އެވެ."ތިމަންކަލޭގެފާނަކީ، އެފަދަ ފާޙިޝް ޢަމަލުތަކާ ގާތްވެވަޑައިގަންނަވާ ބޭކަލަކީމެއް ނޫނެވެ." ދެން ޤާރޫނު އެއްކަލަ ކަނބުލޭގެ ގެނެސް، މޫސާގެފާނު ފާޙިޝް ޢަމަލު ހިންގެވިކަން ސާބިތުކޮށްދޭން އުޅުނެވެ. އެހިނދު، އެކަނބުލޭގެ ތައުބާވެ، މޫސާގެފާނު ބަރީއަކުރި އެވެ. އަދި އެކަމަކީ، ޤާރޫނު، އެކަނބުލޭގެއަށް އުޖޫރަދީގެން މޫސާގެފާނުގެ އިސްތަށިފުޅުގައި ބަދުނާމެއް އެޅުވުމަށްޓަކައި ހިންގި ޖަރީމާއެއްކަން ވެސް ހާމަކުރި އެވެ. ދެން މާތްގެ ޙަޟުރަތަށް މޫސާގެފާނު ސަޖިދަކުރެއްވި އެވެ. އެކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވީ، އެކަލޭގެފާނު ބޭނުންފުޅު ކަމެއް ކުރުމަށް ބިމަށް އެންގެވުމަށެވެ. އެހިނދު، އެކަލޭގެފާނު ބިމަށް އެންގެވީ، ޤާރޫނާއި އޭނާގެ އަޢުވާނުންނާއި، އޭނާގެ ޚަޒާނާތަކާއި، އޭނާގެ ގެދޮރު ބިމުގެ އަޑިއަށް ގަންބާލުމަށެވެ. ޤާރޫނުގެ ކަންތައް ނިމިދިޔައީ، އެގޮތުގެ މަތިން ކަމަށް ވާހަކަތަކުގައި ވެ އެވެ.

މިއަދާ ހަމައަށް ވެސް މިޞްރުގެ ބިމުގައި ޤާރޫނުގެ ނަމުން ނަންދެވިފައިވާ ވަރަށް ބިޔަ ލޭކެއް (ފެންގަނޑެއް) އޮވެ އެވެ. އެތަނަށް ކިޔަނީ، ޤާރޫނު ލޭކެވެ. އެ ލޭކް އޮންނަނީ، މިޞްރުގެ ފައްޔޫމު ސަހަރުގެ އުތުރުން 27 ކިލޯމީޓަރު ދުރުގަ އެވެ. ތާރީޚީ ވާހަކަތައް ބުނާ ގޮތުގައި، އެއީ ވަރަށް އިހުޒަމާނުއްސުރެ އުފެދިފައިވާ ބިޔަ ލޭކެކެވެ. ދީނީ ވާހަކަތައް ބުނާ ގޮތުގައި، އެ ލޭކް އުފެދިފައިވަނީ، ޤާރޫނާއި އޭނާގެ ޚަޒާނާތައް ގަންބަވައިގަތް ތަނުގަ އެވެ. އެތަން ވެފައިވަނީ، ޤާރޫނަށްފަހު ދުނިޔެއަށް އަންނަ ކޮންމެ އަނިޔާވެރި މަހުޖަނަކަށް އޮތް ޢިބްރަތްތެރި ދަރުސެއް ކަމަށެވެ. ޤާރޫނު ނިމިގެންދިޔަ ޢިބްރަތްތެރި ނިމުމުގެ ހަނދާންތައް މިއަދާހަމައަށް ވެސް އެތަނުން ލިއްބައިދެ އެވެ. 

                 ލޭކް ޤާރޫނު ގެ ފޮޓޯއެއް

  
               މިޞްރުގެ ބިމުގައި ލޭކް ޤާރޫނު އޮންނަތަން

                -------------------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން
މަސްދަރު: ކީރިތިޤުރުއާން/ކީރިތިޤުރުއާނުގެ ތަފްސީރު