ޙަބުޝްކަރައިގެ
ރާޖާއިން ކުރެ ދާވޫދު ރަސްގެފާނުގެ ރަސްކަމުން މިތައްވަނަ އަހަރުގެ ޞަފަރުމަހުގެ ސޯޅަވީ
އަންގާރަ ދުވަހު އިރު މެދުޖެހި އެއެއްޗެއްގެ ހިޔަނި އެއެއްޗަކާއި އެއްވަރުވި
ވަގުތު މިރަސްގެފާނުގެ ދަރުބާރަށް މަޙަލްދީބުގެ ޖަމާޢަތެއްގެ ބަޔަކު
ޙާޒިރުކޮށްފޫއެ.
މިޖަމާޢަތީ ކަޑުދަތުރެއްގައި
މިއުރެން އުޅެނިކޮށް ބެހިގެން ގޮސް ކައިބޮއި އުޅޭ އެންމެހައިތަކެއްޗެއް ހުސްވެ
ނުހަނު ދަތިހާލުގައި ޙަބުޝްކަރައިގެ ކަރަގޮޑާއި ގާތްވެފައި ވަނިކޮށް މަސްވެރިކަމުގައި
އުޅޭ ބަދަވީންގެ ބަޔަކަށް މިބައިމީހުން ފެނިގެން އެކަރަޔަށް ގެނެވުނު ބަޔެކޭ.
ފަހެ، ބަދަވީންގެ
މީހުން މިބައިމީހުންގެ ހާލަށް ނުހަނު އޯގާތެރިވެ އެބައިމީހުން ގެނެސް ބަދަވީންގެ
ގަބީލާގެ މުސާފިރުޚާނާގައި އެމީހުން ބައިތިއްބައި މެހުމާންދާރީ އަދާކޮށް
އެބައިމީހުންގެ ހަށިގަޑުގައި ވަރުޖެހި ހިގައިބިގައި އުޅެވޭވަރު ވުމުން މިޚަބަރު
އެކަރައިގެ ރާޖާ ދާވޫދު ރަސްގެފާނުގެ ދަރުބާރަށް ފޮނުވިއްޔޭ.
މިދުވަހު ދާވޫދު
ރަސްގެފާނުގެ ދަރުބާރަށް މިބައިމީހުން ޙާޒިރުކުޅައުމުން މިއުރެންގެ ތެރެއިން
އިސްކޮށްހުންނެވި މޫސާތަކުރުފާނު ކުރިޔަށް ޖެހިލައްވައި އިސްލާމީ ރިވެތި ސަލާމުން
ސަލާމް ދެންނެވުމަށް ފަހު، ރާޖާއަށް އަދަބު ތަޢުޡީމު އަދާކުރެއްވޫއޭ.
ރާޖާ - (ދިވެހި ޖަމާޢަތުގެ ސަލާމް ބަލައިގެންނެވުމަށް ފަހު) ތިޔަބައިމީހުން މިކަރަޔަށް ގެނެވުނީއްސުރެ ތިޔަބައިމީހުންގެ އެންމެހައިކަމެއް ހިގުންހުށީ ތިޔަބައިމީހުން އުހައުވާނޭގޮތުން ކަމަށް އަހުރެން އެބަ ހީކުރަމޭ. ތިޔަބައިމީހުނީ ކޮންފަދަ މުހުތާދެއްގައި ކަޑުދަތުރަކަށް ނުކުމެ އުޅުނު ބަޔަކީހޭ. އަހުރެން އަހާގޮތުގައި ތިޔަބައިމީހުންގެ މަޙަލްދީބަކީ ބައެއް މޫސުމުގައި ކަޑުދަތުރުފަތުރުކޮށް އުޅުމުގައި ނުހަނު ރައްކާތެރިވެ އުޅެންޖެހިފައިވާ ތަނެކޭ. މިކަން މިމަގަށް އޮތްއިރު އެހައި ކުޑަ ކިސްތީގަޑެއްގައި ތިޔަބައިމީހުން ކަޑުދަތުރަކަށް ނުކުތުމުގެ މުހުތާދަކީ ކޮބައިބާއޭ ހިތަށް އަރަޔޭ.
ރާޖާ - (ދިވެހި ޖަމާޢަތުގެ ސަލާމް ބަލައިގެންނެވުމަށް ފަހު) ތިޔަބައިމީހުން މިކަރަޔަށް ގެނެވުނީއްސުރެ ތިޔަބައިމީހުންގެ އެންމެހައިކަމެއް ހިގުންހުށީ ތިޔަބައިމީހުން އުހައުވާނޭގޮތުން ކަމަށް އަހުރެން އެބަ ހީކުރަމޭ. ތިޔަބައިމީހުނީ ކޮންފަދަ މުހުތާދެއްގައި ކަޑުދަތުރަކަށް ނުކުމެ އުޅުނު ބަޔަކީހޭ. އަހުރެން އަހާގޮތުގައި ތިޔަބައިމީހުންގެ މަޙަލްދީބަކީ ބައެއް މޫސުމުގައި ކަޑުދަތުރުފަތުރުކޮށް އުޅުމުގައި ނުހަނު ރައްކާތެރިވެ އުޅެންޖެހިފައިވާ ތަނެކޭ. މިކަން މިމަގަށް އޮތްއިރު އެހައި ކުޑަ ކިސްތީގަޑެއްގައި ތިޔަބައިމީހުން ކަޑުދަތުރަކަށް ނުކުތުމުގެ މުހުތާދަކީ ކޮބައިބާއޭ ހިތަށް އަރަޔޭ.
މޫސާތަކުރުފާނު – މަސާހިބާގެ ވެރިކަމުގައި ބަރަކާތްލައްވާނެތޭ. އަޅުގަޑުމެންގެ އެދަތުރަކީ ހުޅުލޭގައި އިން ބޭކެނބި ދައިތައެއް ބަލައި މާލެއިން ހުޅުލެއަށް ކުރި ދަތުރެކޭ. އެދަތުރަށް މާލެއިން ފުރައިގެން އުޅެނިކޮށް ވިއްސާރަކޮޅިގަޑެއްގައި ޖެހި ގާދޫކޮލުން ބެހުނިއްޔޭ.
ރާޖާ – ދިރިލެހެއްޓެވި
އަޅުތަކުނީ އެއަޅުތަކުން ގެންދެވުމާއި ހަމަޔަށް ދިރިތިބޭހުށި އަޅުންކަމުގައި ނޫނީ
ނުވެޔޭ. ފަހެ. މިއަޅުތަކުން ގެންދެވުން ހުށީ އެކަމުގެ ވަގުތުޖެހުމުންނޭ.
ތިޔަބައިމީހުންގެ މަޙަލްދީބުގެ ބައެއް ބައެއް ޚަބަރުދަބަރު އަހުރެންނަށް އަތުވައޭ.
މިކަމާއެކުމެ އަހުރެންގެ ހިތުގައި އެކި ބާވަތުން ސުވާލުތައް އުފެދިފައިވޭމެއަ.
އަހުރެންގެ ސުވާލުތަކަށް ތިޔަބައިމީހުންނަށް އެނގިހުރި މިންވަރަކުން ޞިދުގަށް
ޖަވާބުދޭހުށިކަމޭ. ތިޔަބައިމީހުންނަށްވެސް އެގި ބަޔާންވާނެ ހެން މިފަދަމިފަދަ
ރަހުންގެ ދަރުބާރުގައި ކުރެވޭ ސުވާލުކިތާބު ވާހުށީ ރަހުންގެ ފުރަމާނަތެރެއިންނޭ.
އެއިގެތެރެއިން ކަމެއް އަރައެރުން ކުޅަނަމަ ރަހުންގެ ފުރަމާނަ ދަނެ، އެއިގެފަހުން
ވެދާނެގޮތީ ތިޔަބައިމީހުންނަށް ފަހުމްވެފައި ވާނެ އެއްޗެއްކަމުގައި އަހުރެން އެބަ
ހީކުރަމޭ.
މޫސާތަކުރުފާނު
– އެގިހުރި އެއްޗެއް ކޮންމެހެން ބަޔާންކުރަން ޖެހޭ ޙާލަތެއްގައި އެއެއްޗެއް ވަންހަނާކުޅައުމީ
އިސްލާމުންގެ ގޮތެއްނޫނޭ. ރަސްގެފާނު ކުރައްވާ ކޮންމެ ސުވާލަކަށް އަޅުގަޑުމެންނަށް
އެގިހުރި މިންވަރަކުން ޞިދުގަށް ޖަވާބު އެރުވުމުގައި ފިލައިނުދާނަމޭ.
ރާޖާ – ތިބާ ކަރަޔަށް
ޒާތެއްގެ ޑިމޮކްރަސީއޭ ކިޔުނު އެއްޗެއްގެ ވަންނިވަންނީގެ ބާވަތްތައް ލައްގައި
އެއިގެ ބެއިނުން ހަމަގޮތުންނާއި ނުހަމަގޮތުން ތިޔަބައިމީހުން ހިފަމުން ދޭހޭ؟
މޫސާތަކުރުފާނު
– ލައްބައި. އެކަންކުރާމީހުން ހަމަނިދި ނުނިދައި އެކަކުއަނެކަކަށް އެކަމާއި
ބަޑުމުސާރައަށް އޮޅުލުމުގައި ފިލާނުދެޔޭ. ރަސްގެފާނު ތިޔަ ވިދާޅުވިގޮތަށް
އަޅުގަޑުމެންގެ މަޙަލްދީބަށް އައީ ޑިމޮކްރަސީގެ ތެރެއިންވެސް ޚުންސާ ވައްތަރުކަމަށާއި
އެޔަކީ ދަރިމައިވުމުގެ ކަންފުޅެއްވެސް ނުވާނެ އެއްޗެއްކަމަށް ކުރިން ހީކުރެވުނޭ.
އެކަމަކު އާޚިރުގައި އެކަންވީ އެހެނެއްނޫނޭ. ޑިމޮކްރަސީ އައިތާ ދޮޅުމަހެއްހާ ދުވަހުގެތެރޭ
ދަރިއަކު ފުލު ދަރިއަކު ވިހަމުން އެބަ ދެޔޭ. އަޅުގަޑުމެންގެ މިދަތުރަކީވެސް
ޑިމޮކްރަސީގެ ބައްތިރީސް ވަނަ ދަރިފުޅު ވިއްސަންވެގެން ހުޅުލޭގައި އިން ބޭކެނބި ދައިތައެއް
ބަލައި އެރަށަށް ކުރި ދަތުރެކޭ.
ރާޖާ - ދަރިއަކު
ފުލު ދަރިވިހާ ޑިމޮކްރަސީގެ ތިބާ ބާވަތަކީ އެއެތި ދަރިމައިވުމުގައި ކޮންމެހެން އެޔަކަށް
މަތީކިބައެއް (ޔަޢުނީ ފިރިހެންވައްތަރެއް)ގެ ބެއިނުމެއް ނެތް ވައްތަރެކޭ. އަދި
ކިޔެއްހޭ. ވަތުކިބަޔާއި މަތީކިބަވެސް ވާހުށީ ހަމަ އެޑިމޮކްރަސީގައި
ޖާމިނުވެގެންނޭ. މިބާވަތުގެ ދަރިއަކު ފުލު ދަރިވިހާ ޑިމޮކްރަސީއެއް
އެތަނެއްގައިވާނަމަ އެއިގެ ސަބަބުން މީސްތަކުން އާސޯޚުވެ ތަލިން ކުޅުހިކޭވަރުގެ
އެކިކަހަލަ ކަންކަން އެތަނަކުން ފާޅުވާހުއްޓޭ.
މޫސާތަކުރުފާނު
– ލައްބައި
ރާޖާ – ތިޔަ
ޑިމޮކްރަސީއެއްގެ ސަބަބުން އަނެއްކާ ތިޔަ ކަރައިގައި ނަބީކަމަށް ދަޢުވާކުރުން ކަހަލަ
ނުބައިކަމެއް އަދި ނުހިގާހޭ؟
މޫސާތަކުރުފާނު
– ނަބީކަމަށް ދަޢުވާ ނުކުރިއްކަމަކު ވެރިކަމަށް ދަޢުވާކުރުން ހިދުކޮޅަކަށްވެސް
އަޅުގަޑުމެންގެ ތެރެއިން ފިލައިނުދެޔޭ. އެކަން އެބަ ހިގަޔޭ. މިބައިމީހުންގެ
ކަންކަމަކީވެސް ޢަޖައިބުން ފުރިގެންވާ ކަންކަމޭ. ރަސްގެފާނު ތިޔަ ވިދާޅުވިހެން އެއިގެ
ސަބަބުން މީސްތަކުން އާސޯޚުވެ ތަލިން ކުޅުހިކި ވާހަކަދެއްކުމަށްވެސް އުދަގުލާ
ދުއްތުރާ ކުރިމަތިވެޔޭ. ކުރީގައި މީހުނާއި
އިދެ ދަރިން ވިހާފައިތިބި އަންހެންނުންވެސް ކުއްލިއަކަށް ފިރިހެނުންނަށް ބަދަލުވެ
ލިބިފައި ތިބި ދަރިންގެ ގާތުގައި އަހުރެންނަށް ބަފަޔޭ ކިޔާށޭވެސް ބުނަމުން އެބަ
ގެންދެޔޭ.
ރާޖާ – ތިބާއީ ފަހުޒަމާނުގެ
ޢަލާމަތެކޭ
މޫސާތަކުރުފާނު
– ލައްބައި.
(ނުނިމޭ)
-------------------
ލިޔުއްވުން: އަލިފު
ރާ (އީ މެއިލް)