ލާމަރުކަޒީ ގާނޫނުގައި ފަރުޟް ހިނެއުން ހިނައިގަންނާނެ ގޮތް ބަޔާންކުރުން














ލާމަރުކަޒީ ގާނޫނުގައި ފަރުޟް ހިނެއުން ހިނައިގަންނާނެ ގޮތް ބަޔާންކުރާ ވާހަކަ މީހަކު ދައްކައިފިނަމަ މިއީ ބޮޑު ޖޯކެއްކަމަށް ބަޔަކަށް ހީވުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް މިއީ ޖޯކެއް ނޫނެވެ. މިވާހަކަ ދައްކަން ޖެހެނީ މުސްލިމުންގެ ބަޔަކު ނަރަކައިގެ ގިނީން މުއްތިކުރެއްވުން އެދި އެބައިމީހުންގެ ސަލާމަތަށްޓަކައެވެ.

ލާމަރުކަޒީ ގާނޫނުގައި ފަރުޟް ހިނެއުން ހިނައިގަންނާނެ ގޮތް ބަޔާންކުރާ ވާހަކަ ދައްކަންޖެހެނީ އެ ގާނޫނުގެ ތެރެއިން އުފައްދާއިފައިވާ އިދާރާތަކާއި މަޤާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބުކުރެވިފައިވާ ބައެއް މީހުންނަކީ ފަރުޟު ހިނެއުން ހިނައިގަންނާނެ ގޮތް ވެސް ނޭނގޭ ބަޔެއްކަމުގެ އަޑުތަކެއް އުޅޭތީވެއެވެ. 

ލާމަރުކަޒީ އުޞޫލުން ވިޔަސް ނޫނީ ލާމަޒުހަބީ އުޞޫލުން ވިޔަސް ދިވެހި މުސްލިމް ރައްޔިތުންގެ ކަންކަމާއި މަތިކޮށް، ރައްޔިތުންގެ މައްޗަށް ބަސްބުނާން ތިބޭ ބަޔަކީ ފަރުޟު ނަމާދުކުރުމަށްޓައި ގައިން ޠޯހިރުވާނޭ ގޮތް ނޭނގޭ ބަޔަކަށް ވެގެންނުވާނެއެވެ. ފަރުޟު ނަމާދުކުރަން ނުދަންނަ، ނަމާދުނުކުރާ ބަޔަކަށް ވެގެން ނުވާނެއެވެ. އަދި ޖުނުބުވެރިވުމާއި ނިފާސްވެރިވުމުން އެޙާލަތުން ޠޯހިރުވާން ނޭނގޭ ބަޔަކަށް ވެގެން ނުވާނެއެވެ. ފަރުޟު އަޅުކަން އަދާކުރުމަށްޓަކައި ފަރުޟު ހިނެއުން ހިނައިގަންނާން އެނގެން ޖެހޭނެއެވެ.

ލާމަރުކަޒީ ގާނޫނާ އެއްގޮތަށް އިންތިޚާބުކުރެވިފައިވާ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތިމާމެން ޖަވާބުދާރީވާން ޖެހެނީ ހަމައެކަނި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އެނޫން އެހެން ފަރާތެއްނުވާ ކަމަށެވެ. ނަމަވެސް މިއީ ވަރަށްބޮޑު ކުށް ހީއެކެވެ. އެކަންއޮތީ އެހެނެއް ނޫނެވެ. ކޮންމެ އިންސާނަކުމެ ޖަވާބުދާރީވާން ޖެހޭ އެންމެ މުގައްދަސް ފަރާތްޕުޅެއްވެއެވެ. 

ދިވެހިރާއްޖޭގެ ލާމަރުކަޒީ ގާނޫނާ އެއްގޮތަށް އިންތިޚާބުކުރެވިފައިވަނީ ޣައިރު މުސްލިމުންގެ ގޮތުގައި ލޭބަލްކުރެވިފައިވާ އިންސާނުންގެ ބަޔެއް ނޫނެވެ. އަދިކީއްތޯއެވެ. އިންސާނުންގެ ތެރެއިން މުސްލިމުންގެ ބަޔެކެވެ. މުސްލިމުންނަކީ އާޚިރަތުގައި އެކަންކަމާ ފުރިހަމައަށް ޖަވާބުދާރީވެ މަސްއޫލިއްޔަތުތަކެއް އުފުލާންޖެހޭ ކަންކަމެއް ހުރި ބަޔެކެވެ. 

ކޮންމެ އިންސާނަކުމެ އެއިންސާނާ ހެއްދެވި ފަރާތްޕުޅުގެ ޙަޟްރަތުގައި ޖަވާބުދާރީވެ މަސްއޫލިއްޔަތު އުފުލާން ޖެހޭ ކަންކަމެއް އެބަ ހުއްޓެވެ. މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ މެނުވީ ޙައްގުވެގެން އަޅުކަމެއްވެވޭ އިލާހަކުނެތް ކަމަށާއި މުޙައްމަދު (ޞ.ޢ.ވ) އަކީ، މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވި މާތް ރަސޫލާކަމަށް ގަބޫލުކޮށް ހެކިވުމާއި ނަމާދު ގާއިމްކުރުމާއި ޒަކާތްދިނުމާއި ރަމަޟާންމަހު ރޯދަ ހިފުމާއި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭވަރުގެ މީހުން ޙައްޖުވުމާއި މިއީ އެކަންކަމާ ފުރިހަމައަށް ޖަވާބުދާރީވެ މަސްއޫލިއްޔަތު އުފުލާންޖެހޭ އެންމެ މުހިއްމު އަސާސެވެ.

ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުންގެ ކަންކަން، ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކުރުމާއި އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޘަޤާފީ ގޮތުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކުރުން ކަމަށްވާ އިރު ލާމަރުކަޒީ އުޞޫލުން ވިޔަސް ނޫނީ ލާމަޒުހަބީ އުޞޫލުން ވިޔަސް ދިވެހި މުސްލިމް ރައްޔިތުންގެ ކަންކަމާއި މަތިކޮށް، ރައްޔިތުންގެ މައްޗަށް ބަސްބުނާން ތިބޭ ބަޔެއްގެ ކިބައިގައި ކޮންމެހެން ހުންނާން ޖެހޭ ޝަރުޠުތަކަކީ ކޮބައިތޯއާއި  ލާމަރުކަޒީ ގާނޫނުގައި ކޮންމެހެން ބަޔާންކުރަން ޖެހޭ ކަންކަމަކީ ކޮބައިތޯ ގާނޫނު ހަދާ ފަރާތާއި ވެރިކަން ހިންގާ ފަރާތާއި ޢަދުލު އިންޞާފު ހިންގާ ފަރާތުން ވަރަށްބޮޑަށް ވިސްނަވަންވެއްޖެއެވެ.  
                ------------------------

ލިޔުއްވީ: މީމު ނޫނު