ރކ. ކޮމެޓީތަކުގެ އެނބުރިއައުން - ދޭއް


މިހާރު ހިނގަމުން މިދާ 3 އަހަރުގެ 2 ވަނަ ދަވްރަކީ، މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނު އަސާސީން ބާރު ލިބިގެން ވުޖޫދުކުރި ލޯކަލް ކައުންސިލުގެ ނިޒާމެކެވެ. ކުރީފަހަރު ހޮވުނު މެމްބަރުންގެ ތެރެއިން މިފަހަރު ހޮވުނީ މަދު ބައެކެވެ. މިފަހަރުވެސް އަދި ކުރީފަހަރުވެސް ހޮވުނު ގިނަ މީހުންނަކީ، ޢާމްދަނީ ހޯދުމަށްޓަކައި އެކިއެކި މަސައްކަތްތައްކުރަމުން އައި ބައެކެވެ. އެގޮތުން ކަނޑުފަޅުތަކުގައި ފީނުމުގެ މަސައްކަތާއި، ދަޑުފަނގުތަކުގައި އަތްފުނާއެޅުމުގެ މަސައްކަތާއި، މޫސުމީ ޙަރަކާތްތަކަށް ފައިހަމަކޮށް އަޑުއުފުލުމުގެ މަސައްކަތާއި، ދަރުވޭށީ މަސައްކަތާއި އަދި މިނޫންވެސް އެކިއެކި މަސައްކަތްތަކެވެ.


މިމީސްމީހުންނަކީ، އެމީސްމީހުންގެ މަސައްކަތަށް ފަހިކޮށް އޮނުއުރިޔާން ނިވާކޮށްގެން އުޅުނު ބައެކެވެ. އަދި އެމީހުންނަކީ، ތަންތަނާއި، ދޮރުތަކާއި، ފުރާޅުތަކާއި، ފެންޑާތަކަށް އަރައި ނުވަތަ ވަދެނިކުމެ އުޅުނު ބައެއްވެސް ނުމެ ނޫންމެއެވެ. އެހެން ނަމަވެސް ބައެއް މީހުންނަކީ، ގައްލަންދޫ އެތެރެވަރިއާއި، ބަރަވެލި ކަނޑާއި، ދެބުރި ދޭތެރެއާއި، ހުވަދޫކަނޑާއި، ކިއްސޭރެހާއި، ވަޑިނޮޅުކަނޑާއި އަދި މިނޫންވެސް މިފަދަ ތަންތަނުން ފަރިތަކަމާއެކު ނަފާ ހޯދަމުން އައި ބައެކެވެ. ކޮންމެއަކަސް މިފަދަ ގޮތަކަށް ކަންކަން ހިނގަމުންދަނިކޮށް އިންތިޚާބުގެ ބެރުޖަހަން ފެށުމާއެކު، އެބަޔަކު ގެންގުޅު ހަތިޔާރުތަކެއް ކޮނޑަށް ލައިގެން އެބައެއްގެ ލުޣަތާއި އެއްގޮތަށް އުޅެގަތުމުން ހޮވުނު ބަޔަކު ހޮވި ނުހޮވުނު ބަޔަކު ނުހޮވުނީއެވެ. މިޙާލަތަށް ދިޔައިރުވެސް މިމީހުންނަކީ، ސަރުކާރުގެ ދިދަ ނަގާފައި ހުންނަ އިދާރާތަކުގައި ލިޔެކިއުންތަކާއި، ކޮއްޓާ ފޮށިތައް ހުންނަ އަށިތަކުގައި މަސައްކަތްކުރަން ޖެހޭ ބައެއްކަމެއް އެމީހުންނަކަށް ނޭނގެއެވެ.

ކޮންމެއަކަސް ކަންވެ ނިމިއްޖެއެވެ. އޮފީސް އޮފީހުގައި ތިބި މީހުން ނިކުންނަން ޖެހުނީ މަގުމައްޗަށެވެ. މަގުތައްމަތީގައި ތިބި މީހުން ޖެހުނީ، އޮފީސްތަކަށް ވަންނާށެވެ. މިހާހިސާބުން ދެން ވީގޮތަކީ، ގިނި ދުއްމީހާ ރަތްމަލަށް ބިރުގަތް ފަދައިން އުޅޭނެ ނޫޅޭނެ ގޮތެއް ނޭނގި ޖެހުނީ ތެޅިފޮޅިގަންނާށެވެ. ތެޅިފޮޅިގަތްކަމަށް ވިއަސް އާޚިރުގައި ބަޅުވާން ފެއްޓީ އޮތް ގުދަށެވެ. ރިހާކުރު އުނގުޅައި އަލިފާނުން ހޫނުކޮށް އެއްވާނަކަށް ސީދާކޮށް ކަޑަޖަހައި ހިކެންދެން ބިންމަތީގައި ތިބުމަށްފަހު، ނަގައި އަތަށް ހެއުވަރުކުރުމުންވެސް ގިނަ އޮނުތައް ހަމަ އިޢާދަވީ ފީނީގައި އޮތް ގުދަށެވެ. އަނބުރަ އަނބުރާފައި މަސްބުޅި ޖެހުމުންވެސް އޮޑިއާ މަހާ ވާގޮތެއް ނުވިއެވެ. ވުމާއެކު، ގިނަ މެމްބަރުންނަށް ޖެހުނީ، ފިލަފިލައިގެން އުޅޭށެވެ. އޮފީސްތައް ކީއްކުރަންތޯ ދިދަ ފެންނަ ފަށަށްވެސް އައުން އެއީ ފައިފަލަބަލީގެ ހުން ޖެހުން ފަދަ ކަމަކަމަށް ވެއްޖެއެވެ. އާދީއްތަ ހޯމައާއި ބުދަ ބުރާސްފަތި މި ހަތަރު ދުވަހުވެސް ހުން އަންނަށް ފެއްޓީއެވެ. އަންގާރަ ދުވަހަކީ ދެހުމުގެ ދެމެދު ކަމަށްވާތީ އެއީ އަދި މާބޮޑު ވަރުބަލިކަމެއް އިހުސާސްވާ ދުވަހަކަށް ވެއްޖެއެވެ. ބޮޑަށް މިހެންވާންޖެހުނު ސަބަބުތަކުގެ ތެރޭގައި ސިވިސް ސާރވިސްގެ މުއައްޒަފުން އެ މެމްބަރުން އަރިހަށް ގެންގޮސްދޭ ލިޔެކިޔުންތަކުގެ މަފްހޫމްތައް ދޭހަނުވުމާއި، ރަސްމީ ބައެއްކަހަލަ ފޯނުކޯލުތަކަށް ޖަވާބުދާރީވާން ޖެހުމާއި، ތާޒާކުރުމުގެ ބައްދަލުވުންތަކަށް ރަށުންބޭރަށްދާން ބަރުހެލިވެ ފޫކެހުމާއި ކަންމުޑިޖަހަން ލަފާދޭން ޖެހުމާއި، ތަރައްޤީއޭ މިކިޔާ ކަންކަމަށް ލަފާދާރުވާން ޖެހުން ހިމެނެއެވެ.

އޮޔާއިވަޔަށް ފަހިކޮށް އޮޑިދަނީ ހަމަ ކުރިއަށެވެ. ޓަފަށް ދަތުރު ކުރެވިއްޖެކަމަށް މާލިމީ ބުނެފިއެވެ. ނަމަވެސް ކަރަގޮނޑެއް ނުފެނުނެވެ. ކުބަށްއެރި މީހާ ސަލާމެއް ނުގޮވިއެވެ. ފަޅުވެރިކުދީންނާއި، ފާސިންޖޯރުން ހާސްވެ މާޔޫސްވެއްޖެއެވެ. އަދި މީގެ އިތުރުން ފޮނިކާތަކެތީގެ އުންމީދުގައި ރަށުގައި ތިބި އަނބިދަރީންވެސް ހޭލަމޭލަވެ އުކުޅުގައި ދެފައި ވިއްދައި ކޮޅުމައްޗަށް ދުވެދުވެ ވާއެއްނުވާއެއް ނޭނގި އުޅެނިކޮށް ފުރަތަމަ ދަވްރުގެ 3 އަހަރު ފާއިތުވެ ހގައްޖެއެވެ. ދެވަނަ ދަވްރުގެ ތިން އަހަރު ފެށިއްޖެއެވެ. ނަމަވެސް 2 ވަނަ ދަވްރަށް ނުހޮވުނު ކުރީ ދައުރުގެ މެމްބަރުންނަށް ޖެހުނީ ފާއިތުވެދިޔަ 3 އަހަރަށް ލިބުނުމުސާރަ އުފުލި ދަނޑިމާރުތައް ބިތްބިތުގައި ލައްގާފައި ކުރީގެ މަސައްކަތަށް އެނބުރި ރުޖޫޢަވާށެވެ. ނަމަވެސް ލަދަކީވެސް ވާއެއްޗެއްކަމުން އޮފީސްކަރުމަޅި (ޓައީ) ނައްޓައި އިހުގެ މަސައްކަތަށް އަލުން ރުޖޫޢަވާކަށްވެސް ނުކެރުނެވެ. ސަހަރޯއެވެ.(ނުނިމޭ)
                --------------------------

ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
25 ޖުލައި 2014މ.