ޢާއިލީ ކައުންސިލަރުން ހަމަޖެއްސުން - 1










ދިވެހިރާއްޖެ މިދެކޭ ނަމޫނާ ޑިމޮކްރަސީގެ ތެރެއިން ލާމަރުކަޒީ އުޞޫލުން ޚިދުމަތްދިނުމަށްޓަކައި ކޮންމެ ޢާއިލާއަކަށް އެޢާއިލާއެއް ދިރިއުޅޭ ސިޓީއެއްގައި ނުވަތަ ރަށެއްގައި އެތަނެއްގެ ކައުންސިލްގައި ހިމެނޭ ޢާއިލީ ކައުންސިލަރެއް ހަމަޖެހިގެން ދިޔުމަކީ ނުހަނު ބޭނުންތެރިކަމެއްކަމަށް ފެންނާތީ ތިރީގައި ބަޔާންކުރެވިފައިވާ ކަންކަމާމެދު ގާނޫނު ހަދާފަރާތާއި ގާނޫނު ހިންގާ ފަރާތްތަކުން ވިސްނުންފުޅު ބެހެއްޓެވުމީ ނުހަނުބޮޑަށް އެދެވިގެންވާ ކަމެކެވެ. މިވާހަކަ ދަންނަވައިލީ ގާނޫނު ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިންނެވެ. އަދި ސިޓީކައުންސިލްތަކާއި ރަށުކައުންސިލްތަކުން ޚިދުމަތްހޯދުމުގައި ރައްޔިތުންނާއި ވީހާކައިރިން ޚިދުމަތްލިބިދިނުމުގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވީމައެވެ.


ޢާއިލީ ކައުންސިލަރުން ހަމަޖެއްސުމުގެ ބައެއްގަވާޢިދު

1- ލާމަރުކަޒީ އުޞޫލުން ކޮންމެ ޢާއިލާއަކަށް ކައުންސިލަރެއް ކަނޑައަޅާނީ އެޢާއިލާއެއްގެ ފެންނަ/ނުފެންނަ ވޯޓުން މަދުވެގެން 10 ވޯޓް ފެންނަކަމަށް ލިބިގެންނެވެ. ނަމަވެސް މިގޮތަށް ވޯޓްދޭން ތިބި ޢާއިލާގެމީހުންގެ ޢަދަދު މަދުވެގެން 10 ހަމަނުވާނަމަ އެޢާއިލާއެއްގެ ތިމާގެމީހުންގެތެރެއިން މީހުންލައްވައި ވޯޓް ދިނުން މިގަވާޢިދު ހުއްދަކުރެއެވެ.

2- ކޮންމެ ޢާއިލީ ކައުންސިލަރަކު މަސައްކަތްކުރާނޭ އެކަށީގެންވާ މާޙައުލަކާއި ތަނަކާއި މުވައްޒަފުންނާއި މުސާރައެއް އެޢާއިލާއެއް ދިރިއުޅޭ ސިޓީއެއްގެ ނުވަތަ ރަށެއްގެ ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ. މިގޮތަށް ހަމަޖެއްސުމުގައި އެތަނެއްގެ ކައުންސިލް އިދާރާ ނުވަތަ އެނޫންތަނެއް ކަނޑައެޅުމުގެ އިޚްތިޔާރު މިގަވާޢިދުގެދަށުން ޢާއިލީ ކައުންސިލަރަށް ލިބިގެންވެއެވެ. ނަމަވެސް ޢާއިލީ ކައުންސިލަރަށް އޭނާގެ މަހުމުސާރަ ކަނޑައެޅުމުގެ އިޚްތިޔާރު މިގަވާޢިދުގެ ދަށުން ލިބިގެނެއްނުވެއެވެ. އެހެނީ އޭނާގެ މަހުމުސާރައަކީ އެސިޓީއެއްގެ ނުވަތަ އެރަށެއްގެ ކައުންސިލަރުންގެ މުސާރައެވެ.

3- ކޮންމެ ޢާއިލީ ކައުންސިލަރަކު މަސައްކަތްކުރަންޖެހޭ ތަނަށާއި އަދި އޭގެއިތުރަށް ކަނޑާއި ވައިގެމަގުން އޭނާ ބޭނުންތާކަށް ގޮސް އައިސްވުމުގެ ޓްރާންސްޕޯޓްގެ އެންމެހައިކަމެއް ހަމަޖައްސައިދިނުމަކީ އެތަނެއްގެ ކައުންސިލްގެ ޚަރަދުގައި އެކައުންސިލުން ކުރަންޖެހޭނޭ ކަމެކެވެ.

4- ޢާއިލީ ކައުންސިލަރެއްގެ އަމިއްލަ ގޯތިގެދޮރު އެތަނެއްގައި ހުރިކަމަށްވިއަސް އޭނާ ބޭނުންނަމަ އޭނާ ފެންވަރައި ކައިބޮއި ނިދައި އުޅެވޭނޭ ތިންކޮޓަރީގެ އެކަމަޑޭޝަނެއް އެސިޓީއެއްގެ ނުވަތަ އެރަށެއްގެ ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ. މިގޮތުން އެސިޓީއެއްގެ ނުވަތަ އެރަށެއްގެ ކައުންސިލުން ހަމަޖައްސައިދޭ ތަނެއްގައި 1 ޖެނުއަރީ 2015މ. އިން ފެށިގެން އެ ޢާއިލީ ކައުންސިލަރަކު އިޚްތިޔާރުކުރާ ބޮޑުމިނެއްގެ ދިދައެއް ނަގަންވާނެއެވެ.

5- ޢާއިލީ ކައުންސިލަރަކު ލާމަރުކަޒީ އުޞޫލުން ޢާއިލާއެއްގެ ޚިދުމަތުގައި އުޅެނިކޮށް އެޢާއިލާއެއްގެ މީހަކާއި އެނޫން ޢާއިލާއެއްގެ މީހަކާ ދެމެދު ދެބަސްވެ އަރައިރުންވެއްޖެ ޙާލަތެއްގައި އޭގެ ސަބަބުން ޢާއިލީ ކައުންސިލަރަށް އެއްވެސްބާވަތެއްގެ ގެއްލުމެއް ކުރިމަތިވެދާނެކަމަށް އޭނާގެ ހިތުގައި ބިރާއި ވަހުމާއި ޝައްކު އުފެދޭނަމަ އޭނާއަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމުގެ އެންމެހައިކަމެއް އެސިޓީއެއްގެ ނުވަތަ އެރަށެއްގެ ކައުންސިލުން އެންމެ ފުރިހަމައަށް ހަމަޖައްސައިދޭންވާނެއެވެ.

6- ކޮންމެ ޢާއިލީ ކައުންސިލަރަކާއި އޭނާގެ އަނބިދަރީންނާއި އޭނާގެ ތިމާގެމީހުންނަށް އޭނާ ބޭނުން ގައުމަކުން ބޭސްފަރުވާކުރުމުގެ އެންމެހައިކަމެއް ހަމަޖައްސައިދޭންވާނެއެވެ.

7- ލާމަރުކަޒީ އުޞޫލުން ޢާއިލީ ކައުންސިލަރަކު ޚިދުމަތްކުރާ ޢާއިލާގެ މީހުންފިޔަވައި އެހެން ޢާއިލާއެއްގެ އެއްވެސްމީހަކު އޭނާގެ ކިބައިން އެއްވެސް ބާވަތެއްގެ އެހީތެރިކަމަކަށް އެދިގެންނުވާނެއެވެ.

8- ޢާއިލީ ކައުންސިލަރަކު ލާމަރުކަޒީ އުޞޫލުން ޢާއިލާއެއްގެ ޚިދުމަތުގައި އުޅޭ މުއްދަތާއި އަދި އޭގެފަހުންވެސް އޭނާކުރާ މެދުމިންވަރެއްގެ ކުށްތަކުގެ ތުހުމަތާމެދު އެއްވެސްފަރާތަކުން އޭނާއާއި ސުވާލުކުރެވޭނީ ގާނޫނު ލިބިދީފައިވާ ހަނުހުރުމުގެ އިޚްތިޔާރުގެ ބޭނުން އޭނާ ނުކުރާހާ ހިނދެއްގައެވެ.

9- ލާމަރުކަޒީ އުޞޫލުން ޢާއިލީ ޚިދުމަތްކުރާ ޢާއިލީ ކައުންސިލަރުންގެ މޯބައިލްފޯނާއި އޭނާގެ ގޭގެ ލޭންޑްލައިން ފޯނާއި ކަރަންޓްބިލާއި ފެންބިލާއި ކުނިއުކައިދިނުމުގެ ބިލް އަދާކޮށްދިނުމަކީ ލާމަރުކަޒީ އުޞޫލުން އެސިޓީއެއްގެ ނުވަތަ އެރަށެއްގެ ކައުންސިލުގެ ޒިންމާއެކެވެ.

10- ޢާއިލީ ކައުންސިލަރެއްގެ ކަންފަތަށް އުނދަގޫވާގޮތަށް އަޑުގަދަކުރާ ބާވަތުގެ އާލާތްތަކުން ގޮވުމާއި ބާރަށް ލަވަޖެހުމާއި ހަޅޭއްލެވުމަކީ ލާމަރުކަޒީ އުޞޫލުން ޢާއިލާއެއްގެ ޚިދުމަތުގައި އޭނާ އުޅޭހާ ދުވަހަކު އެސިޓީއެއްގެ ނުވަތަ އެރަށެއްގެ އެއްވެސްމީހަކު ކޮށްގެންވާނޭ ކަމެއްނޫނެވެ.

11- ޢާއިލީ ކައުންސިލަރެއްގެ ޢިއްޒަތާއި ގަދަރާއި ކަރާމަތާއި އަބުރަށް އުނިކަންލިބޭ އެއްވެސްކަމެއް އެސިޓީއެއްގެ ނުވަތަ އެރަށެއްގެ އެއްވެސްމީހަކު ކޮށްގެން ނުވާނެއެވެ.

12- ޢާއިލީ ކައުންސިލަރަކު ލާމަރުކަޒީ އުޞޫލުން ޚިދުމަތްކުރާ ޢާއިލާގެ ޚިދުމަތުގައި އޭނާ އުޅުނަސް އަދި ނޫޅުނަސް އޭނާއަށް ލިބޭ މަހުމުސާރައާއި އަދި އެއްވެސް ޢިނާޔަތަކަށް ކުޑަވެސް އުނިކަމެއް ގެނެސްގެންނުވާނެއެވެ.

13- ކޮންމެ ޢާއިލީ ކައުންސިލަރަކަށް އޭނާ ބޭނުންވާ އެއްފަރާތަކަށް ލާމަރުކަޒީ އުޞޫލުން ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ބިމެއް ނުވަތަ ފަޅެއް ނުވަތަ ގިރިއެއް ނުވަތަ ފިނޮޅެއް ހަމަޖައްސައިދިނުމުގެ އެންމެހައި ކަމެއް އެސިޓީއެއްގެ ނުވަތަ އެރަށެއްގެ ކައުންސިލުން ކޮށްދޭންވާނެއެވެ.

14- ލާމަރުކަޒީ އުޞޫލުން ޚިދުމަތްކުރުމުގައި ޢާއިލީ ކައުންސިލަރަކު ދެދައުރު ފުރިހަމަކޮށްފިނަމަ ޢާއިލީ ކައުންސިލަރެއްގެ މަހުމުސާރައާއި އެންމެހައި ޢިނާޔަތެއް އޭނާގެ މުޅި ޢުމުރަށް ލިބިދޭންވާނެއެވެ. އަދި އޭނާ ދުނިޔެ ދޫކޮށްފިނަމަ އޭގެފަހުން 20 އަހަރުވަންދެން އޭނާގެ ޢާއިލާއަށް އެމުސާރައާއި ޢިނާޔަތްތައް ރައްދުކޮށްދޭންވާނެއެވެ.

15- ލާމަރުކަޒީ އުޞޫލުން ޚިދުމަތްކުރާ ކައުންސިލަރަކު ނުވަތަ އޭނާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކު ދުނިޔެދޫކޮށްފިނަމަ އެމީހެއްގެ ޖަނާޒާގެ އެންމެހައިކަމެއް އެސިޓީއެއްގެ ނުވަތަ އެރަށެއްގެ ކައުންސިލުން އެންމެފުރިހަމައަށް ހަމަޖައްސައިދޭންވާނެއެވެ. (ނުނިމޭ)          
              --------------------------

ލިޔުއްވީ: އިބްރާހީމް އާދަމް
02 އޯގަސްޓް 2014މ.