ބަލާބެލުމަށް މުންޑު ރީއްޗަސް އެއީ ބަރުމާޕީސް










ކުރުމުއްދަތެއްގެ ތެރޭގައި އާހި ވަރަކަށް އޮރިޖިނަލް، އެކަމަކު ފޭކު ޑޮކްޓަރުން ދިވެހިރާއްޖޭގައި މަސައްކަތްކޮށް ނިންމައިފިއެވެ. އޭގެ ސަބަބުން ވާނެއެއްޗެއްވެ ނިމިއްޖެއެވެ. މިކަހަލަ ކަންކަމާއި ރައްޔިތުން "ވިޔަރި"ވެފައި (ކުޑަކުދިން ކުއްލިގޮތަކަށް އަންނަ ގަދަރުޅިގަނޑެއްގައި) ތިބޭތާ އެތައް އަހަރެއް ވެއްޖެއެވެ. ބުނާބަހާއި ކުރާކަމާއި އެބަ ދިމާވޭތޯއެވެ؟ މިއީ ޤަވްމުގެ އެންމެ އިސްވެރިޔާ އާއި، މުއައްސަސާ ތަކުގެ އެންމެ އިސްވެރިންގެ އެކަނި ޒިންމާއެއް ނޫނެވެ.


ސަރުކާރަކީ، ޤަވްމުގައި އެންމެ އިސްކޮށް ހުންނަވާ ވެރިއެއްގެ ސަރުކާރެއް ނޫނެވެ. ސަރުކާރަކީ ދިވެހި ރައްޔިތުންގެ "ދިވެހި" ސަރުކާރެވެ. ރައްޔިތުން ބަލަނީ، ފޯރުކޮށްދޭ ޚިދުމަތަށެވެ. ޒަޢާމަތަކަށް ނޫނެވެ. ސިޔާސީ ބޭފުޅުން އަބަދުވެސް އަވަދިނެތި އުޅުއްވާނީ މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް "މުހާވިރާ" ތައް ފޯރުކޮށް ދެއްވުމަށެވެ. އެއީ ފޮއިދުވަހުގެ ކެޔޮޅުން ކަހަލަ ބޭފުޅުންކޮޅެކެވެ. ކަންކަން ކުރައްވަން ތިއްބަވަނީ "ނާޖާއިޒް" ފައިދާއަށް ބަރޯސާވެގެން ތިއްބަވާ އެހެން ބޭފުޅުންކޮޅެކެވެ.

ޢިލްމީ ބޭފުޅުންނަކީ، ލޭބަރުންގެ ގޮތުގައި ގެންނަ ބައެއް ނޫނެވެ. އެފަދަ ބޭފުޅުން ގެނައުމުގެ ޒިންމާދާރީންނަކީވެސް ލޭބަރުންނެއް ނޫނެވެ. ބޮޑުޚަރަދުކޮށްގެން ބަޖެޓް ސެކްޝަނާއި، އެނޫން ސެކްޝަންތަކުން ޓީމުތައް ފޮނުވައިގެން ކޮންމެ ތިންމަހަކުން އެއްފަހަރު ޢިމާރާތްތަކާއި، އެހެނިހެން ވަޞީލަތްތަކުގެ ޙާލަތު (މަޑިމީދާ ރިޕޯރޓްކަހަލަ) ރިޕޯރޓެއް މީޑިއާ މެދުވެރިކޮށް ފޮނުއްވަމުން ގެންދަވާތާ އެތައް އަހަރެއް ވެއްޖެއެވެ. ބަލާބެލުމަށް މުންޑު ރީއްޗަސް އެއީ ބަރުމާޕީސް މުންޑެކެވެ. ބަރުމާޕީސް ނުވަތަ ބަރުމާޕީސް ފޮތީގެ މުންޑު ވިޔެފައި ހުންނަނީ އުއިފަލަ ދޯހަޅި ފޮތިންނެވެ. އެފަދަ މުންޑު އަނދެގެން އުޅޭއިރު އޭގެދަށުން ޖަނގިޔާއެއް ނޫނީ ހަރުވާޅެއްނުލާނަމަ ޢައުރަ ނިވާވުން ދުރެވެ.

މިކަމުގައި ވާހަކަދައްކަން ޖެހޭ ކަންތައްތައް ވަރަށްގިނައެވެ. އާދެ! ކުރިންވެސް މިހާރުވެސް ހެލްތް މިނިސްޓްރީގައި އެކަންކަން ކުރައްވަން އިސްކޮށް ތިއްބެވީ "ދެހަލަށް" ހެޔޮވަރުވެގެން ތިއްބަވާ "ބޭސްވެރިކަމުގެ ޢަމަލީ ބައި ހަނދުމަފުޅު ނެތިފައި ތިއްބެވި" ހެލްތް ވޯކަރުންނެވެ. އެބޭފުޅުންނަކީ، ޕީއެސްއާއި، ސިޔާސީ ބޭފުޅުންގެ ލަފާދާރުންނެވެ. ނަސްލު އޮންނާނީ، އަސްލު އޮތްގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވައިފިނަމަ، ބޭސްވެރިކަމުގެ ޢިލްމަށް އަދި މާބޮޑަށް ކުޅަދާނަވާނެއެވެ. ނަވާރަސަތޭކަ ނުވަދިހަވަނަ އަހަރާއި ހަމައަށް ފަހަތަށް ސޮއްސާލައްވާފައި "ދުރުމި" އަޅުއްވާށެވެ. ބުރުސޫރަ ބައްލަވާލައްވާށެވެ. ހޭނައްތާ ޑޮކްޓަރުން ބަލިމީހުންނަށް ބޭސްފަރުވާ ކުރައްވަން ލަފާދެއްވި ބޭފުޅުން އެތިއްބެވީއެވެ. ދެމަފިރީންކުރެ އެކަކީ ޑޮކްޓަރެއްނަމަ، އަނެއްމީހާ އަކީވެސް ޑޮކްޓަރެކެވެ.

އާދެ! ކޮންމެ ޑޮކްޓަރޭޓްކަމަކީ، މެޑިކަލް ޑޮކްޓަރޭޓްކަމެއް ނޫނެވެ. އައި.ޖީ.އެމް.އެޗް. ގައި އިސްކޮށް ހުންނަވަން އެންމެ ޤާބިލުވާނީ ހަމަ ކަށީގެ ޑޮކްޓަރެކެވެ. ޑޮކްޓަރުންގެ ޑިއުޓީ ރޯސްޓާ ހައްދަވަން އެންމެ ކަމުދާނީ، އެމް.ބީ.ބީ.އެސް ޑޮކްޓަރެކެވެ. އޮޕަރޭޝަން ޑޮކްޓަރުން ތިއްބަވަން ރަނގަޅީ ކޮންމެވެސް ކޮމިޝަނެއްގައެވެ. އިންސާނިއްޔަތަށް ބޭސްފަރުވާ ކުރައްވަން ކިޔަވައިވިދާޅުވި ނަމަ، އެބޭފުޅަކު ހުންނަވަންވާނީ، ހެލްތުމިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރަކަށެވެ. ޕްރޮފެޝަނަކީ މުހިންމު އެއްޗެއްނޫނެވެ. މުހިންމީ އެފަހަރެއްގެ މޫސުމުގެވައެކެވެ.

އެތައްފަހަކު ހޮޑުލެވި ހަށިގަނޑުން ލޮނާއި ފެން މަދުވެ، ޚަބަރުހުސްވެގެން ދިވެހީންގެ ބޮޑު ހޮސްޕިޓަލަށް ގެންދިޔަ އަހަރުނުވާ ކުއްޖާގެ ގަޔަށް ސްޓެމެޓީލް އާއި ފެނަގަން އިންޖެކްޝަނެއް ޖަހާފައި ގެއަށް ފޮނުވާލުމުން އެ ފޮނުވާލެވުނީ ދިރި ހުރެވޭގޮތަށް ގެއަށްތޯއެވެ. ނުވަތަ ދިރި ނުހުރެވޭގޮތަށް އެހެންތާކަށްތޯއެވެ.

އޮޕަރޭޝަންކުރުމުގެ ތެރޭގައި އިތުރު ނުރައްކަލެއް ފާހަގަކުރެވިގެން މަސައްކަތް ހުއްޓާލުމަށްފަހު، ޢާއިލާއަށް މަޢުލޫމާތު ފޯރުކޮށް ދެއްވީ އެހެން ޓީމެއް އައުމުންނެވެ. ކަންކުރެއްވީ އުޞޫލާއި އެއްގޮތަށްކަމަށް ވިއަސް މަޢުލޫމާތު ފޯރުކޮށް ނުދެއްވައި ލަސްކުރެއްވި އެވެ. މީޑިއާ މެދުވެރިކޮށް ސްޓޭޓް މިނިސްޓަރު ވިދާޅުވީ، އެކަން ހިނގާފައިވަނީ، އުޞޫލާއި އެއްގޮތަށް ކަމަށެވެ.  މީގެ ދެތިން މަސްދުވަސްކުރިން (އޭނާގެ ދެވަނަ ދަރިފުޅު) ވިހެއި މާބަނޑުމީހާ، ތިމަންނާއަށް މި ވިހެވެނީއޭ ބުނުމުންވެސް ނަރުހުންނާއި، ޑޮކްޓަރުން އަދި ނުވިހާނެކަމަށް ބުނެބުނެ ތިއްބައި އެކަނިއޮވެ އެ މާބަނޑުމީހާ، ވިހެއުމުގެ ސަބަބުން ލިބުނު ގެއްލުމަށް ދެވަނަ ފަހަރަށް ފަރުވާހޯދުމަށް އެ ހޮސްޕިޓަލަށް ދިއުމުން އެއްވެސް ކަމެއް ނުވެޔޭ ދާށޭ ބުނެ ފޮނުވާލުމުން، އެމީހުން މާލެއަށް ގޮސް ފުރަތަމަފަހަރަށް އެތައް އަންދާލީ އެވެ. މި ރޯދަމަހު އަނެއްކާ ދިއުމުން އޮޕަރޭޝަންކޮށްފައި ޑޮކްޓަރު ދެން ލަފާދެއްވީ، ދެން ބަލިވެ އިދެފިނަމަ، ޖެހޭނީ ސިޒޭރިއަން ހަދާށެވެ. މީގެ ހައެއްކަ ދުވަސްކުރިން ޑޮކްޓަރަށް ދެއްކި މާބަނޑު މީހާ ބައްލަވާފަ ރަނގަޅޭ ދުވަސް އަދި ނުފުރެއޭ ވިދާޅުވުމުން ރަށަށް ދިޔައީއެވެ. ރަށަށް ދިޔަތަނާ މާގިނައިން ލޭ ފައިބާތީވެ، ޖެހިގެން އައި ދުވަހު އަނެއްކާވެސް އައީއެވެ. ވަގުތުން ސިޒޭރިއަން ހެދިއިރު މަސް އޮތީ މުޅިން ގިރިފައެވެ. ދަރިފުޅު ވަގުތުން މާލެ ފޮނުވީއެވެ. މައިމީހާ މާލެ ފޮނުވޭވަރުވީ 6 ޕައިންޓް ލޭ އެޅުމަށްފަހުގަ އެވެ. ހަވަނަ ޕައިންޓް އަޅަން ތައްޔާރުވިތަނާ އެމީހުންގެ ގާތުގައި ބުނީ ކުރިން ކްރޮސްމެޗް ހެދި ޑޯނަރ ހޯދާށެވެ. މި ހޮސްޕިޓަލުގައި ދެން ހުރީ 6 މީހުންގެ ކްރޮސްމެޗް ހެދޭހާ ކެމިކަލްއެވެ. އެއަޑު އަޅުގަނޑު އެހީމެވެ. ބަލިމީހާ ބެއްލެވުމަށްފަހު، އަވަހަށް އެކްސްރޭ އާއި އީސީޖީ ހަދައިގެން ގެންނަށް ޑޮކްޓަރު ވިދާޅުވުމުން ބައިގަޑިއެއްހާ އިރުގެތެރޭގައި އެކަން ނިންމައިގެން ދިޔައިރު އެ ޑޮކްޓަރު ޑިއުޓީ ނިމިގެން ގެއަށް ވަޑައިގެންފިއެވެ. ކައުންޓަރުން އެންގީ، އަލުން ނަންބަރެއް ނަގައިގެންގެން އެހެން ޑޮކްޓަރަކަށް ދެއްކުމަށެވެ. އެއީވެސް ހަމަ ބަރާބަރު އުޞޫލެކެވެ.

އަޅުގަނޑު ދެކޭގޮތުގައި އަވަހަށް އެފަދަ ޓެސްޓެއް ހަދަން ބުނެފިނަމަ، އެ ޑޮކްޓަރުގެ ޑިއުޓީ ނިމުނުކަމަށް ވިއަސް އެ ޓެސްޓްތައް ހިލޭ ދެއްކޭނެ އުޞޫލެއް ހަމަޖެހިފައި އޮންނަންވާނެއެވެ. އާދެ! އަދި މިލިޔުނީ މިފަދަ އެތައްކަމެއްގެ ޒައްރެއްގެ މިންވަރުގެ ބައިކުޅަ ބައެކެވެ. ކޮންމެއަކަސް ތަންތަނާއި ތަކެއްޗަށް ލިބޭ ގެއްލުން އިޢާދަ ކުރެވިދާނެއެވެ. ނަމަވެސް އިންސާނުންގެ ގުނަވަންތަކަށް ދެވޭ ނުވަތަ ލިބޭ ގެއްލުން އެއީ އިޢާދަ ކުރެވޭނެ ކަންކަމެއްނޫނެވެ.

މިހެންވުމާއެކު، އިހަކަށްދުވަހު ހެދި ކޯޕަރޭޝަންތަކުން ގެނައި ވަގުސަނަދުގެ "އާހި" ޑޮކްޓަރުން ފޮނުއްވާލީމޭ ވިދާޅުވުމުން އެކަމުގައި ވަރަށް ގިނަ ސުވާލު އުފެދެއެވެ. ގޯހީ ކޯޕަރޭޝަންތޯއެވެ؟ ނޫނީ އެތަންތަނުގައި ތިއްބެވި މުއައްޒަފުންތޯއެވެ؟ ނަގައިގަތް ކަތީބުގެ ބޮލުގައި އަޅުވާފައި ހަށިފޮޅާލުން އެއީ ވެސް އުޞޫލެއްތޯއެވެ. ރައްޔިތުން ބަލަނީ މުޅި ނިޒާމަށެވެ. ކަތީބަކަށް ނޫނެވެ. ނުވަތަ ހުކުރު ހަތްދުވަހުގެ ޑިއުޓީ އަދާކުރައްވާ އިސް ބޭފުޅާއަކަށް ނޫނެވެ. ވެރިމީހާއަށް ހެއުވެރިކަމެއް ކުރެއްވޭނީ ފުރަދާނައިން އެކަން ކުރުވީމައެވެ. ނަތީޖާ ނުނެރެވޭ ހުސް ވާހަކަ ދެއްކުމަކީ ރައްޔިތުންނާއި ސަރުކާރާއި ދެމެދު ހަލަބޮލިކުރުމަށްޓަކައި ކުރާ ކަމެކެވެ. އެއީ ޒިންމާދާރުގޮތެއް ނޫނެވެ. މިފަދަ ކަންކަން ވާންވީގޮތަކަށް ދާނެމަގަކުން ދާން ދޫކޮށްލެއްވުމަކީ ޤަވްމުގެ އެންމެ އިސް ވެރިޔާވެސް ރައްޔިތުންނަށް ވެވަޑައިގަންނަވާ ބޭ އިންޞާފެކެވެ. އެއީ ކުރެއްވި ހުވަޔާއި ޚިލާފުވެވަޑައިގަތުމެކެވެ.
                   ----------------------------

ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
24 ޖުލައި 2014މ.