މަޑަވެލީގެ
ފުރަތަމަ ކަތީބު "ދޮންނެއިގެ މުޙައްމަދު (މުޙައްމަދު ކަތިއަކަލޭގެ) އާއި
ބެހޭ ގޮތުން އިސްވެ ގޮސްފައިވާ ބަޔާނެއްގައި އަޅުގަނޑު ލިޔެފައިވާނެއެވެ. މިހެންވެފައި ވަނިކޮށް ތިރީގައި އެވާ ފަތްކޮޅު ގައުމީ އަރުޝީފުން (15 މެއި 2014މ.
ގައި) ލިބުމާއި ގުޅިގެން، މިބަޔާނުގައި އިތުރަށް ވާހަކަ ދައްކާން ޖެހިއްޖެއެވެ.
އާދެ! 1978މ.
ވަނަ އަހަރު ރައީސްކަން ލިބިވަޑައި ގެންނެވި އަލްއުސްތާޒު މައުމޫން
ޢަބްދުލްޤައްޔޫމުގެ ވެރިކަމާއި ހަމަޔަށްވެސް ހުކުރު ނަމާދު ކުރަނީ، އެރަށެއްގެ
ރަށްވެހީންގެ ތެރެއިން ބާލިޣުވެފައިވާ 40 މީހުން އެޖަމާޢަތަށް ޙާޟިރުވުމުން ނެވެ.
އޭގެ ކުރިންވެސް ސަރުކާރުން އަލަށް (އެންމެ ފުރަތަމަ) އެއްވެސް ޚަޠީބަކު
ހަމަޖައްސަވަނީ މިދެންނެވި ޢުމުރުފުރައިގެ، މިދެންނެވި ޢަދަދަށް މީހުން
ތިބިނަމައެވެ. "ޚަޠީބު"ނަގާފައިވާ "ޚުޠުބާ" މިޖުމްލައިން ކަމަށް
ލަފާކުރެވެއެވެ. ޚަޠީބުކަށް ދެއްވާ ބޭކަލުންގެ ޝަރުޠުތަކާއި، އެބޭކަލުންނަށް
އުޖޫރަ ދެއްވާ ގޮތުގެ ތަފްޞީލުވެސް މަތީގައި އެވާ ފަތްކޮޅުން ވަރަށް ސާފުކޮށް
އެނގެއެވެ. ޚަޠީބުންގެ ނަން ކަތީބުންނަށް ބަދަލުކުރެއްވީ ފައިސާއިން (ރައްޔިތުންގެ
ބައިތިލްމާލުން) ރަށްރަށުގެ ވެރީންނަށް މުސާރަދެއްވަން ސަރުކާރުން
ހަމަޖެއްސެވުމާއި ގުޅިގެން (1958މ.ވަނަ އަހަރު ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި
އަލްފާޟިލް އިބްރާހީމް
ނާޞިރު އެވެ.
އެގޮތަށް
ހަމަޖެއްސެވީ މަޤާމުތައް ތަފާތުކުރުމަށްޓަކައެވެ. ހުކުރުޚުޠުބާ ކިޔަން މެމްބަރަށް
އަރުއްވާ ކޮންމެ ބޭކަލަކީ (މުދިމަކަށް ވިއަސް، ނާއިބު ބޭކަލަށްވިއަސް އަދި ރަށުގެ
ވެރިއެއްކަމަށްވިއަސް އެބޭކަލަކީ އެކަމަށް ނިސްބަތްކޮށް) ޚަޠީބެކެވެ. އެކަން
މިތަނުގައި ފާހަގަ މިކޮށްލީ ރަދުން ހުކުރަށް ވަޑައިގަތުމުން ކަތީބު މެމްބަރަށް
އަރުއްވާ ވާހަކަ ބައެއް މީޑިއާ ތަކުން ކިޔާތީވެ، ރަސްކަލުން ތިއްބެވި ޒަމާނުގައި
"ކަތީބު" މި ނަމުން މުޚާޠަބުކުރާ މީހުން ނުތިބޭނެތީއެވެ.
ކުރިންވެސް
ލިޔެފައިވާނެ ފަދައިން މަޑަވެއްޔާއި ބެހޭގޮތުން ކެޕްޓަށް މޯރސްބީ އެގޮތަށް
ލިޔުއްވާފައި އެވަނީ އޭނާއަށް ލިބިލައްވާފައިވާ މަޢުލޫމާތުގެ އަލީގައި ކަމަށްވުން
އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް އަޅުގަނޑު ދެކޭތީވެ އެކަން އަލުން ތަކުރާރު
ކޮށްލީއެވެ.
އެތައްގޮތަކުން
އެނގި ކަށަވާގޮތުގައި މަޑަވެލީގެ ފުރަތަމަ ކަތީބަކީ ދޮންނެއިގެ މުޙައްމަދު އެވެ.
އޭނާއަށް ދެއްވި ފަތްކޮޅު އެއީ ބަރުތީލަ ކުރި ފަތްކޮޅެއް ކަމަށް އަޅުގަނޑު
ލިޔެފައިވާ ލިޔުމަށްވެސް ތިރީގައިވާ ފަތްކޮޅުން ބާރު ލިބިދެއެވެ. މިހެނީ
ރަދުންނަށް ވެދުން ބަރުތީލަ ކުރިކަން އެ ފަތްކޮޅުން އެނގޭތީއެވެ. ވެދުން ބަރުތީލަ
ކޮށްގެން ފަތްކޮޅެއް ދެއްވާނަމަ، އެފަތްކޮޅެއްގައި ރަދުން ސިއްކަ ޖައްސަވާނެއެވެ.
މުދި ގެއްސުން އެއޮތީ އެހެން ވެގެންނެވެ. މިތަނުގައި "މުދި" ކިޔާފައި
އެއޮތީ އިނގިލީގައި އަޅާ އަގޮޓި އަށެވެ. (ކަންފަތުގައިވެސް މުދި ލައެވެ. ނަމަވެސް
ފައިގައި އަޅަނީ ތަކަހޮޅިއެވެ. ކަރުގައި އަޅަނީ ގިލަ ފައްޗެވެ.)
އާދެ! ހޯޑެއްދޫ
ރައްކަލާއަކީ ކާކުކަމެއް އެނގޭނެ ގޮތެއް ނުވިއެވެ. ހޯޑެއްދޫ ބޮޑު ކަލޭފާނަކީވެސް
ރައްކަލާ އެކެވެ. އަދި އޭގެ ކުރިން ތިބި އެރަށުގެ ދެމީހުންކަމަށްވާ ބިއްދަރު
ކަލޭފާނާއި، ދޮރުމަތު ކަލޭފާނަށް ޢާއްމުކޮށް ކިޔާ ނަމަކީވެސް ރައްކަލާއެވެ.
ކުރިންވެސް އަޅުގަނޑު ލިޔެފައިވާނެ ފަދައިން ދޮންނެއިގެ 7 ބެއިންގެ ޢާއިލާ
އެންމެފަހަށް އުޅުނުކަމަށް ބުނެވެނީ ކޮނޮންޓާގައެވެ. އެ ޢާއިލާއަކީ، ފުވައްމުލަކު
މުދިންގެއިން ފެށިފައިވާ، ފަހުން ހުޅުވާރުލު އަދި އޭގެ ފަހުން ކޮނޮންޓާގައި އުޅުނު
ޢާއިލާ އެކެވެ.
އާދެ!
ހީވާގޮތުން ދޮންނެއި އަކީ އަންހެނެކެވެ. އެއީ ކުޑަކުދީން ދޮންނަ، ދޮންތަ ކިޔާ
އުޞޫލުން ކިޔާފައިވާ ނަމެއް ކަމަށް ބުނެވެ އެވެ. އެގޮތުގެމަތީން ދޮންނެއި 7
ފިރިހެން ކުދީންގެ ބައްޕަ އަކީ، ހޯޑެއްދޫގެ ކޮންމެވެސް ރައްކަލާއެއް ދޮންނެއި އާއި
ކައިވެނިކޮށްގެން ލިބުނު ދަރީންކަމަށް ވެދާނެއެވެ.
ހޯޑެއްދޫ
ބޮޑުކަލޭފާނުގެ ބޮޑުގޭ އާދަމްފުތު (ހީނާމާގެ) އަޅުގަނޑު ގާތު ބުނީ މަޑަވެއްޔަށް
ކަތީބަކު ހަމަޖެއްސުމާއި، އެރަށުގައި ހުރި ވާރުގެ ހަވަރުތިނަދޫ އަށް
ބަދަލުކުރުމުގައި ރަދުން ލަފާ އެއްސެވީ އޭނާގެ ބައްޕަގެގާތުން ކަމަށެވެ. އެކަމަކީ،
ޙަގީގަތެއްކަމަށް ވުމަށް ބާރުލިބޭ ހެކިތަކެއް އެބަހުއްޓެވެ. އެހެކިތަކަކީ މިލިޔާ
ޙަޤީޤަތާއި، ފޯކުލޯރެވެ.
ކޮނޑޭ ބޮޑު
ދޮންމަނިކުގެ ރައްކަލާ މާލެއަށް ދިޔައިރު އެއަތޮޅު މާފުށީގައި ހުރި ހެވިކަމަށް
(އޮޅުލުމަށް) މަޝްހޫރު މީހެއްގެ ގާތަށް ގޮސް އޭނާ އެކަން ދަސްކުރީ އެވެ.
އެދުވަސްވަރު ރަސްގެފާނުގެ ގަނޑުވަރުގައިވެސް އޮޅުލާން ދަންނަ
"ބަބުރުކަރައިގެ ބަބުރަކު" ހުއްޓެވެ. މިބަބުރާއި ރަސްގެފާނާއި ދެމެދު
ހިނގި ކަމަކާއި މެދު ކުދި ބޭކަލުންނާއި މަޝްވަރާކުރުމަށްފަހު އެ ބަބުރު
ނައްތާލުމަށްޓަކައި ކޮނޑޭ ރައްކަލާ މާލެއަށް ގެނެސް އެވާހަކަ ދެއްކުމުން އޭނާ
އެކަމަށް އެއްބަސްވީ ބަބުރު މަރާލާނެ ކަމަށާއި އެހެންނަމަވެސް އެކަމުގެ އަދަބެއް
އޭނާއަށް (ރައްކަލާއަށް) ނުދިނުމަށެވެ.
އެގޮތަށް
އެއްބަސްވެ، އޮޅުލުމުގެ ތެރޭގައި ބަބުރު އުކުޅަށް އަޅުވައި ބިންމައްޗަށް ޖަހަން
ހިއްލާލުމާއެކު އިނގިލި ހަރައި ރައްކަލާގެ އެއްލޯ ކަނުކޮށްލީއެވެ. (ރައްކަލާ
ދެކެފައިވާ މީހުން އަޅުގަނޑު ގާތު ބުނީ ރައްކަލާގެ އެއްލޯ ކަނުކަމަށެވެ.)
މިއަށްފަހު ރައްކަލާވެސް މާލެއިން ބޭރުކުރުމަށްޓަކައި ހުވަދުއަތޮޅުގެ ވާރުކުރާ
ރަށް ކަމަށްވާ ހޯޑެއްދޫއަށް އޭނާ ފޮނުވާލީ ސަރުކާރުގެ މުއައްޒަފެއްގެ ގޮތުގައެވެ.
އޭނާ އެރަށަށް އައީ އޭނާ ކައިވެނިކުރި އައްޑުއަތޮޅު މީހަކަށް ލިބިފައިވާ،
ހޯނޑެއްދޫ ބޮޑު ފާތުމާފާނު ގޮވައިގެންނެވެ. މި ފާތުމާފާނުގެ ޢާއިލާ އެބަ އޮތެވެ.
އޭނާ ނިޔާވީ ދާދި ފަހުންނެވެ. އަޅުގަނޑުވެސް އޭނާގެ ހެޔޮ ޙަޔާތުގައި ދުށީމެވެ.
ނަމަވެސް މިޙާދިސާގެ ވާހަކަ ތާރީޚުން އަދި އަޅުގަނޑެއް ނުދެކެމެވެ.
ހޯނޑެއްދޫ
ވައިހުގޭ ލަޠީފު އަޅުގަނޑު ގާތު ބުނުއްވީ ހޯނޑެއްދޫ ބޮޑު ކަލޭފާނަކީ، ކޮނޑޭ ބޮޑު
ދޮންމަނިކާގެ ރައްކަލާ ކަމަށާއި، އޭނާއަކީ، ހުވަދުއަތޮޅު ދެބައި ކުރުމަށްފަހު
(1962މ. ން 1970މ. ށް) އެއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި ގައްދޫ ޙުސައިން
މަނިކުގެ އަންހެނުން ދޮން އައިސަގެ ބޮޑުބޭބެ އެއް ކަމަށެވެ. އެއީ ހުޅުވާރުލު ޢާއިލާއެއް
ކަމަށެވެ. ގައްދޫ ފޫޅުމާގޭ އަޙުމަދު ސައީދު ބުނުއްވީ ގައްދޫގައި އެންމެ ފުރަތަމަ
މިސްކިތެއް ބިނާކުރެއްވީ މި ދޮންއައިސަގެ ޢާއިލާއިންކަށެވެ.
ހޯޑެއްދޫ
ބޮޑުކަލޭފާނު ކައިވެނިކޮށް ކުދިން ލިބުނު ދެމީހުންނަކީ މަޑަވެލީ އިސްމާޢީލުކަލޭގެ
ކަމަލޭ އާއި ދޮންބީފާނެވެ. އިސްމާޢީލުކަލޭގެ ބައެއް އަންހެން ކުދީން ކައިވެނިކުރީ
ދޮންނެއިގެ ކުދީންނާއިއެވެ. ބޮޑުކަލޭފާނާއި ވަރަށްގާތް ގުޅުމެއް އޮންނަ އިސްމާޢީލު
ކަލޭގެ މޫސިއާ އަކީ ހޯނޑެއްދޫގައި ހުރި ވާރުގެ ހަވަރުތިނަދޫ އަށް ބަދަލުކުރެއްވި
އިރު ހުންނެވި ވާރުވެރިޔާ މުޙައްމަދު ޢަލީ (ޙާޖީ މުޙައްމަދު ކަލޭގެފާނު)ގެ
މާފައެވެ. (ވާރުގެ ބަދަލުކުރި ތާރީޚުގެ އެހެން ބަޔާނެއްގައި ލިޔެފައިވާނެ އެވެ.)
މި މޫސިއާ މަޑަވެލި ދޫކޮށްލައްވައި ހަވަރުތިނަދޫ އަށް ހިޖުރަކުރެއްވީވެސް ސިޔާސީ
ފިއްތުންތަކުގެ ސަބަބުންނެވެ. މއ. ތިނަދޫގޭ މުޙައްމަދު ޖަމާލުގެ ކާފަ ދޮންނެއިގެ
ދޮން ހުސައިނުވެސް އެރަށަށް ހިޖުރަކުރެއްވީ މޫސިއާ އާއި އެކު މިދެންނެވި
ސަބަބުތަކާ ހެދިއެވެ. ހޯޑެއްދޫ ބޮޑު ކަލޭފާނުގެ ކުދީންނާއި އިސްވެ މިދެންނެވި
މީސްމީހުންނާއި ޅިޔަން ފަހަރި ކަމާއި، ދެބޭންގެ ދެދަރިކަމުގެ ޢާއިލީ ގޮޅުން
އޮތުމާއެކު އޭނާއަކީ ރަދުންގެވެސް ވަރަށް އަރިސް ބޭކަލެކެވެ. ސަރުކާރުގެ
މުއައްޒަފެކެވެ. ކެޕްޓަން މޯރސްބީ އާއި އެކު ހުވަދު އަތޮޅުގައި މާލމީއަކަށް ނުވަތަ
ސަރުކާރުގެ އޮފިޝަލަކަށް އުޅުއްވީވެސް ބޮޑުކަލޭފާނެވެ. އޭނާއަށް ކަލޭފާނުކަމާއި،
އެއަތޮޅުގެ ދެފަޅުރަށް ކަމަށްވާ ކެދެރާ އާއި ފެނެހުއްޓާ ވަރުވާއަކާއި ނުލައި
ދެއްވީވެސް (އެދަތުރަށްފަހު) މުޙައްމަދު ޝަމްސުއްދީން ރަދުންނެވެ. ޢުމުން
ގާތްގަނޑަކަށް 25 ވަރަކަށް އަހަރު ނުވަނީސް ހުވަދުއަތޮޅުގެ ވާރުވެރިކަން އޭނާއަށް
ލިބިވަޑައިގަތުމުގައި ބޮޑުކަލޭގެފާނުގެ ދައުރެއް އޮތުމަކީ ދުރުގައިވާ ކަމެއް ނުމެ
ނޫންމެވެ. ޚޮދު ރަދުންނާއި ވާރުވެރިޔާ (ފަހުން ޙާޖީ މުޙައްމަދުކަލޭފާނު) އާއި ވެސް
ވަރަށް ގަތް ގުޅުމެއް އޮތްކަމަށް އެއަތޮޅުގެ ވަރަށްގިނަ މީހުން ބުނެއެވެ.
އާދެ!
އަޅުގަނޑު ދެކޭގޮތުގައި ހޯޑެއްދޫގައި ހުރި ވާރުގެ ހަވަރުތިނަދޫ އަށް ބަދަލުކުރި
މައިގަނޑު ސަބަބަކީ، ޒަރޫރަތު އެކަމަށް ތަންދީފައިވާތީއެވެ. އެހެންނަމަވެސް
އެފަދަކަމެއް ސަރުކާރުން ކުރެއްވުމުގެ ކުރީން އެކަންކަމާއި ގުޅުން ހުރި ހަރުދަނާ
މީހުންގެ ލަފަޔާއި އިރުޝާދުވެސް ސަރުކާރުން ހޯއްދަވާނެއެވެ. ޢާއްމުކޮށް ކަންކަން
ގެންދަވާ އުޞޫލަކީ ވެސް މިއީ އެވެ.
ފަތްކޮޅު
"ސުވަސްތީސިރީ
މަތަމަހާ ސިރީ ބަރިކުސަ ފުރަދާނަ ސިރީކުލަސަދައިރަ ސިޔާކަ ސާސްތުރަ އައުދަ ކީރިތި
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ކައްތިރި ބޮވަނަ މަހާރަދުން
ރެދަލި ކުރައްވައި ސައްބީސްވަނަ އަވެރުދު.. މަގޭ ހިރިޔާފާތުރާ ދަށަށް ހޯޑެއްދޫ
ރައްކަލާގެ ފުތް މަޑަވެލީ މުޙައްމަދު އަޅާ ވެދުން ބަރުތީލާ އާއި، އައިހިދު، މި
އަޅާގެ ވެދުން އަރައި ބަރުތީލަ ޤަބޫލުކުރައްވައި ވޮޑިގެނިދެ ވިދާޅީން..
މަގޭ ވޮނަދަނަ
ރާއްޖެއި ހުވަދުންމަތީ ހޯޑެއްދޫ ރައްކަލު އަޅާގެ ފުތް މަޑަވެލީ މުޙައްމަދު އަޅާ
އަށް، މަޑަވެލީ ޚަޠީބުކަން މަތިކުރައްވައި ވިދާޅު ފަތާއި ދީ ތިބާ ފޮނުއްވީމު.
މިއަޅާ ދަނި ކޮންމެ ރަށު އެންމެ އަޅުތަކުން މިއަޅާ އަށް ޚަޠީބު ކަމާއި ރުހި
ޤަބޫލުކޮށްފަނީ ކޮށު.. އަންދުވަހު އާދަމަގުން ތިބާ ރަށު ޚަޠީބަކަށް ހުންނަ ކޮންމެ
ކަމެއްމެ މިއަޅާ އަށް އުނިއިތުރު ނުކުރަނީ ކޮށު.. މިއަޅާ އަށް ޚަޠީބުކަންމައްޗަށް
ރަށު ކުޅަ ކޮންމެ ކެއުޅުކަމަކުން މަސްބައެއް ހުންނަނީ ކޮށު.. މިއަޅާއި އެހެން އެކަކާއި
ދެމީހުން ވާރު ކޮޑި ހުންނަނީ ކޮށު..
މިއަޅާ ނުކުމެ
ބަންޑާރައި މަސައްކަތުވިއަސް ރަށުމީހުންގެ ކަމަކުވިއަސް ގޮވައިފިނަމަ ރަށު އެންމެ
އަޅުތަކުން ނުކުމެ އެކަމެއް ކޮށްފަނީ ކޮށު.. ދުޢާ މައުލޫދު ޞަލަވާތް ފާތިޙާ
ކަށުކަމާކެމީގެ ކަންތައް ކުރެއްވުން މިއަޅާ މަތިކުރައްވައިފީ ކޮށު.. ތިބާ ރަށު
ތިން މީހުން ދާ ޖަމާޢަތް ކޮންމެ ކަމެއްމެ މިއަޅާ ނުލައި ނުކުރަނީ ކޮށު..
ހިރިޔާފާތުރާ ދަށުން ދެއްވި މި ވިދާޅު ފަތް އުވައި މިއިން ކަމަކަށް ކަމެއް
އަރައިރުން ކުޅައޫތަ، މަގޭ
ކީރިތިކަމުގެ ފުރަ މާނަ ދަނެއު.. މިތަން މަގުން ސިރީ ކުލަސަދައިރަ ސިޔާކަ ސާސްތުރަ
އައުދަ ކީރިތި ކައްތިރި ބޮވަނަ މަހާރަދުންގެ ކައްތިރި މުދި ގެއްސުވުމަށް މިފަތް
ލިއުމުގެ ހުއްދަ ވިދާޅުބަސްފުޅު އިއްވެވި ހިދު.. ފުރަމާލޭ ޔޫސުފު އަޅާގެ ފުތް ޢަލީ
އަޅާ ލީން..
RT46D21
2036
{ލަފްޒީމާނަ:
ސުވާސްތީ=ފާޅުކުރާ އުފާވެރިކަން، ދަންނަވާ މަރްޙަބާ}{ސިރީ=ކީރިތި، ބަސްފުގަދަ،
ނަންފުޅު އުފުލިގެންވާ، މާތް} {ބަރިކުސަ=ވަރަޢަވެރި}{ފުރަދާނަ=އިހުގައި ވަޒީރުންގެ
ދަރަޖައިގެ ބޭފުޅުން}{ކުލަސަދައިރަ=މާތްދަރިކޮޅު، އިރު ނުވަތަ
ހަނދުފަދަ}{ސިޔާކަ=މިނިވަން}{ސާސްތުރަ=ހާސް}{އައުދަ=ޢިއްޒަތްތެރި}{ކީރިތި=ނުހަނު}{ކައްތިރި=ގަދަފަ}{ބޮވަނަ=ހިއްކެވިހައިތަން}{ވޮނަދުނަ=ވޮޑިގިރޭ}{ރެދަލި=އިށީދެވަޑައިގަތުން}{އެވެރުދު=އަހަރު}{ހިރިޔާފާތުރާދަށަށް=މާތްއަރިހަށް}{ވެދުންއަރައި=ވެދުމަށް
އެރުވުން ނުވަތަ ގެނައުން}{ވާރުކޮޑި ހުންނަނީ=ޚަޠީބު އާއި އޭނާ ކަނޑައަޅާ މިހަކާއި
ދެމީހުން "ވާރު" ނުވަތަ މަޢުމޫލު. މިހާރުގެ ގޮތުން ނަމަ
"ޖީއެސްޓީ" މަޢާފުކުރުން}ރަބީޢުލްއާޚި21، 1346ހ. އޮކްޓޫބަރ 28، 1926މ.
ބުރާސްފަތި"
(ނިމުނީ)
--------------------------
ލިޔުއްވީ: ޢަލީ
ނަޞީރު ޒޫރިޔާގެ/ މަޑަވެލި
23 މޭ 2014މ.