ހެއު ވެރިކަމެއް ކުރެވޭނީ ހެއު ވެރިކަމެއް ކުރުވީމަ




ހެއުވެރިކަމެއް ކުރެވޭނީ، ހެއުވެރިކަމެއް ކުރުވީމައެވެ. ހެއުވެރިކަމެއް ކުރެވޭނީ ތެދުވެރިކަމާއެކު، ވޯޓު ދީގެންނެވެ.

ކެނޑިޑޭޓުން މި ވިދާޅުވަނީ، ތިމަންނައަކީ، ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ މީހަކީމޭ، ތިމަންނާ ހޮވައިފިނަމަ، ކެނެޑާ ނުވަތަ ސްވިޒަލޭންޑް ނުވަތަ މިނޫން ވެސް މިފަދަ ތަނަކަށް މި ދާއިރާ ހަދައިދޭނަމެވެ.

ވޯޓުދޭ މީހުން ވެސް މި ބުނަނީ ތިމަންނަ ވޯޓުދޭނީ ގައުމު ނުވަތަ ރަށުގެ ހައްގުގައެވެ. މި ކަންކަން ހިނގަނީ މި ގޮތަށް ކަމަށްވާނަމަ، ހާސްހާސް ފަށުން ޝުކުރު ހުއްޓެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަކީ އެންމެން ވެސް ދަންނަ ބޮޑު ސިއްރެކެވެ. ކެނޑިޑޭޓުން ވޯޓު ގަންނަނީއެވެ. ރައްޔިތުންގެ ތެރެއިން ގިނަ މީހުން ވޯޓު ވިއްކަނީއެވެ. ނުކުޅަދާނަ ވަރުގެ ބޮޑު އަގުގައެވެ. މުދަލަށް މުދާ ދޭ އުޞޫލުން ވޯޓު ވިއްކުމާއި އަދި އޭގެ ފަހުން ފައިސާ އަށް ވޯޓު ވިއްކަން ފެށުނު ދުވަސްވަރާއި ބެހޭ ގޮތުން (ތަންކޮޅެއް ކުރިން) އަޅުގަނޑު ވާނީ ބަޔާނެއް ލިޔެފައެވެ. އެ ދުވަސްވަރަކީ 1970 ގެ އަހަރުތަކާއި 1980 ގެ އަހަރުތަކާއި 1990 ގެ އަހަރު ތަކެވެ. 2000 ގެ އަހަރުތަކުގެ ފަހުން އާދެ! މިއަދު މިއީ މި މާކެޓު އެންމެ ބޮޑަށް ފުޅާވެފައިވާ ދުވަސްވަރެވެ.

ރައްޔިތުންގެ މަޖިލިހަށް މިހާރު ހޮވިފައިވާ ކޮންމެ މެމްބަރަކީ ވެސް ގާތުން މިލިއަން ރުފިޔާ ހޭދަކޮށްގެން ހޮވިފައިވާ މެމްބަރެކޭ ބުނާތީ އަޑުއިވެއެވެ. މިއިން ކޮންމެ މެމްބަރަކީ ވެސް މުސާރަ އާއި، ޙިމާޔަތާއި، ޢިނާޔަތާއި، އެކު މަހެއްގެ މައްޗަށް ލައްކައެއްހާ ރުފިޔާ ލިބިވަޑައިގަންނަވާ މެމްބަރެކެވެ. އަދި މީގެ އިތުރަށް އެއް ޕާޓީން އަނެއް ޕާޓިއަށް ބަދަލުވެ ވަޑައިގަތުމުގައި (ފުޓުބޯޅަ ކުޅުންތެރިންނެކޭ އެއްފަދައިން) އެއީ މިލިއަން ރުފިޔާގެ ޓްރާންސްފާރ އެއް ކަމަށް ބުނާތީވެސް އަޑުއިވެއެވެ. އަދި މީގެ އިތުރަށް މަޖިލީހުގައި ނަންގަވާ އެކި ކަހަލަ ވޯޓުތަކަށްވެސް ބޮޑުވެގެންވާ ބޯނަސްއެއް ލިބިވަޑައިގަންނަވާ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

މަޖިލީހުގައި ނަންގަވާ އެކި ކަހަލަ ވޯޓުތަކަށް ވެސް ވޯޓު ދެއްވާ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވޯޓު ދެއްވަނީ ގައުމު ނުވަތަ ރަށުގެ ޙައްގުގައޭ ވިދާޅުވިކަމަށް ވިއަސް، އެއީ އަމިއްލަފުޅު މުހުތާދަކަށް އިސްކަން ދެއްވައިގެން ކުރައްވާ ކަމެކެވެ. ގައުމާއި، ރަށުގެ ކުރިއެރުމުގެ ވާހަކަ އެއީ ފަލްސަފާ އެކެވެ. މިހެން ދެންނެވީ، އެފަދަ ބޭފުޅުންނަކީ ފައިބަރު ދޯންޏާއި، ބޮޑެތިބޮޑެތި އިންޖީނާއި، ކޯސްތަކާއި އަދި މިނޫން ވެސް އެތަކެއް ފައިދާތަކެއް އެކަމެއްގެ ތެރެއިން ލިބިވަޑައިގަންނަވާނެތީ  އެ ކަންކަމުގެ ބަދަލު ނުވަތަ އަގު އަދާކުރެއްވުމުގެ ގޮތުން ދެއްވަން މަޖުބޫރު ވޯޓެކޭ ބުނާ މީހުން ވެސް މި ގައުމުގައި މަދުނޫން ވީމައެވެ.

އެންމެރަނގަޅެވެ. އިސްވެ ދެންނެވި މިންވަރަށް އެ ދާއިރާއެއް އެ މެމްބަރަކު އެ ވިދާޅުވި މިންވަރަށް، މިހާތަނަށް ތަރައްޤީކޮށްފައިވާ ދާއިރާއެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. ވޯޓު ހޯއްދެވުމަށްޓަކައި ކެނޑިޑޭޓުން ހޭދަކުރެއްވި ފައިސާއަކީ ހަމަ ޔަގީނުން ވެސް އަނބުރައި އޭނާ ހޯއްދަވަން ބޭނުންފުޅުވާނެ ފައިސާއެވެ. އެއީ އަމިއްލަފުޅު ފައިސާ ކަމަށް ވިއަސް ނުވަތަ މީހެއްގެ އަތުން ހޯއްދެވި ފައިސާ ކަމަށް ވިއަސް އެ ފައިސާއެއް އަނބުރާ އިޢާދަކުރަން ޖެހެއެވެ. އެއީ ރައްޔިތުން ވިއްކައިގެން ކަމަށް ވިއަސް ނުވަތަ ގައުމު ވިއްކައިގެން ކަމަށް ވިއަސް ވެހެވެ. މިއީ މި ކަންކަން ހިނގަމުންދާ ގޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތެވެ. އަޣުލަބިއްޔަތެވެ. އޭޝިއާ ގެ ގިނަ ގައުމުތަކަކަށް ހޮވިވަޑައިގަންނަވާ ވެރީންނަކީ، އެގައުމުތަކުގެ ދާއިމީ ރައުސުމާލު ކަމަށްވާ "ހަރުމުދާ" ވިއްކައިގެން ހޮވިވަޑައިގަންނަވާ ބޭފުޅުން ކަމަށް (ކޭޕްޓައުންގައި ދެއްވި ތަޤްރީރެއްގައި) އެމެރިކާގެ ރައީސް އޮބާމާ ވަނީ ވިދާޅުވެފައެވެ.

މި ރާއްޖޭގެ ރައްޔިތުން ވޯޓް ދީގެން ހޮވާފައިވާ އެއްވެސް މެމްބަރަކީ، އޭނާ ތަމްސީލުކުރައްވާ ދާއިރާއެއް ވަކިން ތަރައްޤީ ކުރެއްވޭނެ މެމްބަރެއްކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. އެ މެމްބަރުންނަކީ، އެ ދާއިރާއެއް ތަމްސީލުކުރައްވާ މެމްބަރުން ކަމަށް ވިއަސް ވެހެވެ. އަޅުގަނޑަށް ފެނިދެނި އެނގިފައިވާ ގޮތުގައި މި ރާއްޖޭގެ ކަންކަން ތަރައްޤީކުރަމުން ޒަމާނުއްސުރެ ގެންދަނީ، ސަރުކާރުން ކަނޑައަޅާފައި އޮންނަ "ތަރައްޤީގެ ޕްލޭން" ގައި ހިމަނާފައިވާ ތަރުތީބުންނެވެ. އެ ގޮތަށް އެ ކަންކަން ތަންފީޒުކުރުމުންނެވެ. 

މަތީ ތަޢުލީމުގެ ފައިސާ އަކީ، މަޖިލީހުން ފާސްކޮށްފައިވާ ބިލެއްގެ ތަންފީޒެވެ. އެއީ އެ ބިލް ހުށަހެޅުއްވި މެމްބަރުގެ ދާއިރާއަށް އެކަނި އޮތްކަމެއް ނޫނެވެ. ރާއްޖޭގެ ބޭންކުން ވެސް މަތީ ތަޢުލީމަށް ލޯނު ދޫކުރެއެވެ. މިއީ ވިޔަފާރި އެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމެއް ނޫނެވެ. މަޖިލީހުގެ މެމްބަރުންގެ ހެޔޮފުޅުކަމެއް ވެސް ނުމެ ނޫން މެއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި، މެމްބަރުންނަށް މުސާރަ ދެއްވަނީ، ކިޔަވާ ކުދީންގެ މައިންބަފައިން ކުރާ މަސައްކަތުން ލިބޭ ފައިސާ އިންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އާއި، މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުން އަޅުވެތިވާން ޖެހޭ ކަމެއްނޫނެވެ. އިންސާނުންނަށް އަޅުކަން ކުރުވުމާއި، ކުރުން އެއީ ފިރުޢައުނުންގެ ޒަމާނުގައި ކަންކަން ހިނގަމުން ދިޔަ ގޮތެވެ. މިއަދަކީ މިއީ ޖާހިލިއްޔަ ޒަމާނެއްނޫނެވެ. ހެއްދެވި ފަރާތާއި މެދު ޔަގީން ކަން ކުޑަކޮށް، އެހެނިހެން ފަރާތްތަކަށް ބަރޯސާ ވުމަކީ، އީމާންކަމުގެ ބަލިކަށިކަން ނޫން ދެން އެހެން ކޮންކަމެއްތޯއެވެ.

ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިން މީހަކަށް ވޯޓު ދިނުން އެއީ ކުރަން ޖެހޭ ކަމެއްކަމަށް ވާނަމަ، އެ މީހަކު ކޮށްދިން ކަންކަން އަގުމަގުކޮށް އެންމެ ގިނަ ޚަރަދު ކޮށްދީފައިވާ ފަރާތަކަށް ވޯޓު ދޭންވީއެވެ. އެއާ ޚިލާފަށް މިވެނި އެވެނި ކަންކަން ތިމަންނާ ކޮށްދީފީމޭ، ވީމާ، ވޯޓު ދޭންވީ ތިމަންނާއަށޭ ބުނުން އެއީ ކަލަ ގޮވުމެވެ. އެއީ ރައްޔިތުން އަޅުވެތިކުރުމުގެ އިންތިހާއެވެ. ރައްޔިތުން ވެސް އެކަންކަން ދަންނަށް ޖެހެއެވެ. ތިމާ ވޯޓު ދޭ މީހުންގެ ޤާބިލުކަމާއި މެދު ވެސް ވިސްނަން ޖެހެއެވެ. އެ މީހެއްގެ ތެދުވެރިކަމާއި، އެ މީހަކު ފައިސާ ހޯދިގޮތް އެއީ ވެސް ބަލަން ޖެހޭ ކަމެކެވެ. ވަލުމަގުން ހިނގައި، ވަލުތެރެއިން ހޯދި ވަލު ފައިސާ ހޭދަކޮށްގެން ހޯދާ ވޯޓުން ކުރެވޭނީ ވެސް ވަލުތެރޭގެ ވެރިކަމެކެވެ. މި ކަންކަމަށް ބެލުމެއް ނެތި ރައްޔިތުން ވޯޓު ދީގެން މީހަކު ހޮވައި އެ މީހެއްގެ ފަރާތުން ގައުމަށް ލިބޭ ނިކަމެތިކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ވެސް ހަމަ ރައްޔިތުންނެވެ. ކަންކަމުގެ ތެރެއަށް ވަންނަން ޖެހޭނީ ދެކޮޅު ބެލުމަށްފަހުއެވެ. ބެލުމެއް ނެތި ކަންކަމުގެ ތެރެއަށް ވަންނަ މީހުންނާއި ދިމާއަށް ކެނޑިޑޭޓުން އެ ބުނަނީ، މިފަހަރު ވެސް ވޯޓުދޭނެ މީހުން ލިބޭނެއެވެ. ކާށި ކޮށާފައި "އަންއަން" ކިޔައި އުކާލުމުން ކުކުޅުހާ އަންނަ ގޮތަށެވެ. ހެއުވެރިކަމެއް ކުރެވޭނީ "ރައްޔިތުން" ހެއުވެރިކަމެއް ކުރުވީމައެވެ.                 
          ----------------------------------

ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
16 އޯގަސްޓް 2013