ގައުމީ ހަރާންކޯރުން
ދިވެހިގައުމަށް މޮޅާއި ރީތި ނަމާއި ޝަރަފު ލިބުމަށް ނޭދޭ ދިވެހި ނަމެއްގައި އުޅޭ ބަޔަކު ދިވެހި ގައުމުގައި ތިބިކަން އެބަ އެނގެއެވެ. މިކަން އެނގޭ މީހުންގެ ތެރޭ އިވުމާއި ފެނުމުގެ ޙިއްސު ސަލާމަތުން ހުރި ރާއްޖެއިން ބޭރުގެ ބައެއް މީސްމީހުންނާއި ރާއްޖޭގެ ބައެއް މީސްމީހުން ވެސް ވެއެވެ. އެބަޔެއްގެ އަމިއްލަ ވަޠަނަށް މޮޅާއި ރީތި ނަމާއި ޝަރަފު ލިބުމަށް ނޭދޭ މީހުންނަކީ ގައުމީ ހަރާންކޯރުންގެ ގިންތީގައިވާ ބަޔެކެވެ.

މިހާރު ހިނގަމުންދާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖޭގެ ނަމުގައި ބައިވެރިވެ ކުޅެމުންދާ ދިވެހިންނަށް އެމުބާރާތުން ލިބޭ ކޮންމެ މޮޅަކީ ކޮންމެ ރީތި ނަމަކީ އަދި ކޮންމެ ޝަރަފަކީ މުޅި ރާއްޖެ އޭގައި ޙިއްޞާވާ އެއްޗެކެވެ. އެއީ ހަމައެކަނި އެސްކޮޑްގައި ނުވަތަ އެޓީމްގައި ކުޅެމުންދާ ކުޅުންތެރިން ޙިއްޞާވާ އެއްޗެއް ނޫނެވެ. ގައުމީ އެއްޗެކެވެ. ގައުމީ ކަމެކެވެ. އެންމެހައި ދިވެހިންގެ ކަމެކެވެ.

މިހެންވީއިރު ދިވެހިގައުމަށް މޮޅާއި ރީތި ނަމާއި ޝަރަފު ހޯދުމަށް މެދުވެރިވެ އެކަންކޮށްދޭ ދިވެހި ގައުމީ ފުޓްބޯޅަ ކުޅުންތެރިންނަށް އެކުޅުންތެރިން ރަމްޒުކޮށްދޭ ދިވެހިގައުމުގެ ފަރާތުން ފައިސާގެ އިނާމެއް ދެއްވާގޮތަށް ނިންމެވުމުން މިކަމާއި ކަންބޮޑުވެ މިކަމާއި ނުރުހި މިކަމާއި މޭކަރައި އެކި ކަހަލަ ވާހަކަތައް ދުލުން ބޭރުކޮށް ގަލަމުން ލިޔެ އުޅުމަކީ ދިވެހި ގައުމަށް އިޚުލާޞްތެރި ވަފާތެރި އަދި ގައުމުދެކެ ލޯބިވާ އެއްވެސް މީހަކު ކުރާނެކަމެއް ނޫނެވެ. އެކަމެއް ނުކުރާނެއެވެ. އެކަހަލަ ކަންކަން ކުރާނީ ގައުމީ ހަރާންކޯރުންނެވެ.

ގައުމީ ހަރާންކޯރުން އެމީސްމީހުންގެ ފާސިގުކަމާއެކު ދައްކާ ބައެއް ވާހަކަތައް ދައްކާނީ އެކަމެއް އެގޮތަށް ކުރުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެންވާ އެއްޗެއް ރައްޔިތުންނަށް ނުލިބިދާނެތީވެ، ރައްޔިތުންނަށް ހެޔޮ އެދޭ ނަމެއްގައި ރައްޔިތުންނާއި ހުރެ ލޮލުފިޔައެއް ނުޖެހިގެން އުޅޭ ހުސް ނަމެއްގައެވެ. ހުސް އަޑެކެވެ. ކަންއޮތް ގޮތެއްނޫނެވެ.

އެހެނީ، ދިވެހި ރައްޔިތުންނަށް އެހާ ހެޔޮ އެދޭނަމަ ދިވެހި ރައްޔިތުން ދެކެ އެހާ ލޯބިވާނަމަ، ދިވެހި ރައްޔިތުންނަށްޓަކައި ގުރުބާންވާނަމަ، ދިވެހިރައްޔިތުންގެ އެކި ކަންކަމާއި ޙަވާލުވެގެން ތިބި ބައެއް މީސްމީހުނާއި އެމީހުންނާއި ގުޅުން ހުރި ހަތަރު ފަސް ބައިވެރިއަކު ދިވެހިރައްޔިތުންގެ ބައިތުލްމާލު ނޮޅައިލައި ބައިތުލްމާލުން ދަވާލި ފައިސާތައް ދިވެހި ރައްޔިތުންނަށް އަނބުރައި ހޯދާ ވާހަކަނުދައްކައި އެފައިސާތައް އަނބުރައި ހޯދާ ވާހަކަނުލިޔަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު އެކަމެއް ނުކުރެއެވެ. އެއީ ދެނެހުރި ކަމެއްވެސް ނޫނެވެ. ޔޯލަކޮށް ބަޔަކު ދައްކާތީ އަޑު އިވުނު ވާހަކައެއްވެސް ނޫނެވެ.

ދިވެހިގައުމީ ހަރާންކޯރުންނަކީ ކޮންބަޔެއްކަން ދިވެހިގައުމު ދެކޭނެއެވެ. ދިވެހިގައުމު ބަލާނެއެވެ. އަދި އެބަޔެއްގެ ވާހަކަ ދިވެހިގައުމު ދައްކާނެއެވެ. ރުހުނަސް ނުރުހުނަސް އެއަޑު ދިވެހިގައުމު އިއްވާނެއެވެ.
                  ---------------------

ޢަބުދުﷲ ޙިލްމީ
26 މޭ 2014މ.