ކަނޑުހުޅުދޫ ދިހެރޭ މިސްކިތުގެ ބޯގަފަތްކޮޅު


















"ކަނޑުހުޅުދޫ ދިހެރޭ މިސްކިތުގެ ބޯގަފަތްކޮޅާއި އެ މިސްކިތުގެ ވަޤުފުފަތްކޮޅުގެ އަޞްލާއި އެއްގޮތް ނަކަލު ފޮނުއްވައިދެއްވިކަމަށްޓަކައި ހުވަދޫ ވިލިގިލީ ޝަބްނަމީގޭ އަލްފާޟިލް އިބްރާހީމް އަނީސާއި، ވިލިގިލީ އޭޝް އަލްފާޟިލް ޢަދުނާނު ޙަލީމަށް ޝުކުރު ދަންނަވަމެވެ."

އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރު ކުލަސުންދުރަ ކައްތިރިބަވަނަ މަހާރަދުން ރެދަލިކުރައްވައި ދެވަނަ އަވެރެދު މިރަދުންގެ މާތްއިތުރު ހިރިޔާފާތުރާދަށަށް ކޮޑެއި ބަޑޭރިގޭ މޫސާ އަޅާގެފުތް ޙުސައިން އަޅާ ވެދުންބަރުތީލައާއިގެން އައިސް ދަންނަވައިގަތް ބަހީ، ތިމަން އަޅާއި ތިމަން އަޅާގެ އަބި ކަނޑުހުޅުދޫ އާމިނާ އަޅާއި އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރު މިރަދުނާއި ސުވަރުގޭ ލައްވައި ނަރަކައި ގިނީން މުއްތިކުރެއްވުން އެދި ތިމަން ދެ އަޅުން ކަނޑުހުޅުދޫގައި ބިނާކުޅަ މިސްކިތްމައްޗަށް ތިމަން ދެމަފިރިންގެ މިލްކުގައިވާހައި ރުއްގަސް ވަޤުފުކޮށްފީމުއެ. މި މިސްކިތް ޢިމާރާކޮށް ބެލި ހުންނާނޭ ދަރުމައެއްކުރެއްވުން އެދި އައީމާވެ.

މިހެން ދަންނަވައިގަތްހިދު މިބަސް އައްސަވައި ވެދުންބަރުތީލަ ޤަބޫލުކުރައްވައި ވޮޑިގެނިދި ވިދާޅީން:

މި ދެ އަޅުންގެ މިލްކުގައިވާހައި ރުއްގަހުގެ ގޮއިފާލައްބަ މި މިސްކިތްމައްޗަށް ދެއްވައި ދަރުމަކުރައްވައިފީކޮށު. މިތައްމަގުން މަހާސިއްތައިވަތައި ކައްތިރިމުދިގެއްސެވުމަށް މިފަތް ލިޔުއްވުމުގެ ހުއްދަ ވިދާޅުބަސްފުޅު އިއްވެވިހިދު ފުރަ މާލޭ ފަތްލިޔާ ޢުމަރު އަޅާލީން. ސަނަތު 1300ހ.

                   *******************************


ކަނޑުހުޅުދޫ ދިހެރޭ މިސްކިތުގެ ވަޤުފު ފަތްކޮޅެއް



(ޙަމްދު ސަނާއާއި ޞަލަވާތާއި ސަލާމަށްފަހު)
ހިޖުރައިން ހާހާއި ދުއިސައްތަ ނުވަދިހަ އަށްވަނަ އަހަރު ރަމަޟާން މަހު ސޯޅަ ދުވަހު އައްނާއިބު އިސްމާޢީލް ބިން އަލްޤާޟީ އިބްރާހީމް މަޖުދުއްދީން ބަންޑާރަނާއިބު ތަކުރުފާނު ނިޔާކުރައްވާ މަޖްލިސްގައި "ވައުރުލެ" (ވާރުލޫ) މޫސާ ތަކުރުފާނުންގެ ފުތް ޙުސައިން ތަކުރުފާނު ބުނިބަހީ:

ތިމަންނަޔާއި ތިމަންގެއަބި ކަނޑުހުޅުދޫ ޢަލިކަތީބު ކަލޭގެ ދި އާމިނާ އާއި ދެމީހުންގެ މިލްކުގައިވާހައި ތަކެއްޗަކުން ވަޤުފު ޞައްޙަވެގެންވާހައި ތަކެއްޗެއް ތިމަން ކަނޑުހުޅުދޫގައި ބިނާކުރި މިސްކިތްމައްޗަށް ވަޤުފުކޮށްފީމެވެ. މި ވަޤުފުގެ ޤައުލިއްޔަވެރިކަން ތިމަން ދެމީހުންގެދަރިކޮޅަށް ހުރުމުގެ ހަދާނަށް ފަތެއް ލިޔެދެއްވާށެވެ.

ދެންފަހެ، އާމިނާގެ އެއްބަޑުއެއްބަފައި ޙަސަން ޚަޠީބު ކަލޭގެ އާއި މުޙައްމަދު، ދެބެއިން އެ އާމިނާގެ ބަހާއިގެން މި މަޖްލިސްއަށް އައިސް ބުނިހިދު މި ވަޤުފް ޞައްޙަކަމަށް ނިޔާކުރައްވައި އައްނާއިބު އިސްމާޢީލް ބިން އަލްޤާޟީ އިބްރާހީމް މަޖުދުއްދީން ބަންޑާރަނާއިބު ތަކުރުފާނު ލިޔުއްވައިދެއްވި ފަތެވެ.  (1298 ހ. ސަނަތު)
                     --------------------

ނޯޓް: މިލިޔުމުގައިވާ ފޮޓޯއަކީ ކަނޑުހުޅުދޫ ދިހެރޭ މިސްކިތުގެ ބޯގަފަތްކޮޅާއި އެ މިސްކިތުގެ ވަޤުފުފަތްކޮޅުގެ އަޞްލުގެ ފޮޓޯއެއްނޫނެވެ.

ޢަބުދުﷲ ޙިލްމީ
02 އޯގަސްޓް 2013މ.