ހުވަދޫ ވިލިގިލީ ހުކުރުމިސްކިތު ފަތްކޮޅު
















"ހުވަދޫ ވިލިގިލީ ހުކުރުމިސްކިތުގެ ބޯގަފަތްކޮޅުގެ އަޞްލާއި އެއްގޮތް ނަކަލު ފޮނުއްވައިދެއްވިކަމަށްޓަކައި ހުވަދޫ ވިލިގިލީ ޝަބްނަމީގޭ އަލްފާޟިލް އިބްރާހީމް އަނީސާއި، ވިލިގިލީ އޭޝް އަލްފާޟިލް ޢަދުނާނު ޙަލީމަށް ޝުކުރު ދަންނަވަމެވެ."

ސުވަސްތީ ސިރީ މަތަމަހާސިރީ ބަރިކުސަ ފުރަދާނަ ސިރީ ކުލަސަދައިރަ ސިއާކަސާސްތުރަ އައުދަ ކީރިތި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ބިން އިސްކަންދަރު އިބްނި އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރު ކުލަސުންދުރަ ކައްތިރިބަވަނަ މަހާރަދުން ވިދާޅީން:

މަގޭ ފުރަކީރިތި ރެދަލިކުރަނަ ހަތްވަނަ އަވެރެދު މަގޭ ހިރިއާފާތުރާދަށަށް ހުވަދުންމަތީ މަދިރި ވިލިގިލީ އަޅުތަކުން ވެދުން ބަރުތީލައާއި އައިސް ދަންނަވައިގަތްބަހީ، ތިމައުރެންގެރަށު މާމިސްކިތްމައްޗަށް އިހު އެވޭލާ ރަސްރަސްކަލުންދެއްވި ބޯގަ ފަތްކޮޅު ތިމައުރެންގެ ރަށްގަޑު އެދިއިރު އަދައިގެން އެހިދު ތިމައުރެންގެރަށު ތިބި އަޅުތަކުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އިސްކަންދަރު ކައްތިރިބަވަނަ މަހާރަދުންގެ އިތުރު ހިރިއާ ފާތުރާދަށަށް އައިސް ދަންނަވައިގަތީމާއި އެރަދުން އިހު ފަތުހުށިމަގުގެ ހެކި ސާބިތުބައްލަވައި ދެއްވި ފަތްކޮޅުމައްޗަށް އިބަކަލާގެ އިތުރު ހިރިއާފާތުރާދަށުން އައުކުރައްވައި ފަތްކޮޅެއްދެއްވައި ދަރުމަކުރައްވަތްތޯވެ އެދި އައީމެވެ.

މިބަސް އައްސަވައި ގަބޫލުކުރައްވައި އެފަތްކޮޅު ގެންނަވައި ބެއްލެވިހިދު އެއީ އެއުރެން އެދެންނެވިފަދައިންމެ 1207ހ. މިތައްވަނަ އަހަރެތެރެ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އިސްކަންދަރު ކައްތިރިބަވަނަ މަހާރަދުން ދެއްވި ފަތްކޮޅެކެވެ. ފަހެ، އެފަތްކޮޅު ހުށި މަގުން ހޮބަ ހިރިއާ ސުއްދައިން ވިދާޅީން:

މަގޭ ވޮނަދަނަ ރާއްޖޭ ހުވަދުންމަތީ މަދިރި ވިލިގިލީ މާމިސްކިތު ފަންގެލައި ކުނަލަޅައި ވޮށްތެލަގައި ވަޅުދިޔަހިއްކައި ދާނިލައި މިމިސްކިތް ޙަރީމުން ވިނަނަގައި މިމިސްކިތަށް މުދިމުންލައި ފަސްވަގުތު ބަންގި ޞަލަވާތް ގޮއްވައި ޢިމާރާތްކޮށް ބެލެހެއްޓުމުގެ ބޯގައަކަށް ހުވަދުންމަތީ މާނާގަލެވެ ކިޔާ ރަށްގަޑުދެއްވައި ދަރުމަކުރައްވައިފީކޮށު. މިމިސްކިތު މުދިމަކު ވާރުކޮޑި ހުންނައީކޮށު. މިމިސްކިތްބެލެހެއްޓުމުގެ ގައުލިއްޔަ މޫލަވެރިކަން މި ވިލިގިލީ އެންމެއަޅުތަކުން މަތިކުރައްވައިފީކޮށު.

މަގޭ ހިރިއާފާތުރާދަށުން ދެއްވި މިވިދާޅުފަތްއޮއްވައި މީންކަމަކުން ކަމެއް އަރެއެރުންކުޅައޫތަ. މަގޭ ކީރިތިކަމުގެ ފުރަމާނަ ދަނެއު.

މިކަން މިމަގަށްލައި ނުތިއްބުމަށް ސިއްތާވެއުޅެފި ކޮންމެމީހަކު މިސްކިތްމިސްކިތް ސުންނާފަތިކުރާ ޟާލިމުންނަށްލައްވާފާވާ ތުރާލިބި ގެއްލިދާހުށިކަމަށް ބޮޑުސުވާމީންގެ ކިބައަށް ބިރުވެތިވެގަންނައީކޮށު.

މިތައްމަގުން ސިރީ ކުލަސަދައިރަ ސިއާކަސާސްތުރަ އައުދަ ކީރިތި ކައްތިރިބަވަނަ މަހާރަދުންގެ ކައްތިރިމުދިގެއްސެވުމަށް މިފަތްލިޔުމުގެ ހުއްދަ ވިދާޅުބަސްފުޅު އިއްވެވިހިދު ފުރަމާލޭ ބޮޑުގަލު މާކޮށާރު ބަޑޭރި މޫސާ އަޅާގެ ފުތް ޙުސައިން އަޅާލީން. (1326ހ.)
                -------------------------------------------

ނޯޓް: މިލިޔުމުގައިވާ ފޮޓޯއަކީ ހުވަދޫ ވިލިގިލީ ހުކުރުމިސްކިތުގެ ބޯގަފަތްކޮޅުގެ އަޞްލުގެ ފޮޓޯއެއްނޫނެވެ.

ޢަބުދުﷲ ޙިލްމީ
03 އޯގަސްޓް 2013މ.