ކުރީގެ
ދުވަސްވަރު ރާއްޖެތެރޭގެ ރަށްރަށުގައި ޢިމާރާތްކޮށްފައިވާ ގިނަ މިސްކިތްތަކަކީ
އަމިއްލަ މީސްމީހުންގެ ޚަރަދުގައި އެމީހުން ބިނާކުރި މިސްކިތެވެ. އެފަދަކަމެއްގެ
ކުޅެދުންތެރިކަމެއް ހުރި ފަރާތަކުން މިސްކިތެއް ބިނާކުރުމުގެ މަސައްކަތަށް
ބޭނުންކުރާ ތަކެއްޗާއި އެކަމަށްކުރެވޭ ޚަރަދަކީ އެމީހެއްގެ ޙަލާލު އެއްޗެތިކަމަށް
ނުވަތަ އެހެންމީހަކު ދޭ އެއްޗެއްނަމަ އެމީހެއްގެ ރުހުމާއި އިޚްތިޔާރުގައި ދޭ
ޙަލާލު އެއްޗެއްކަމަށް ވުމަކީ އެކަން ކުރަންޖެހޭގޮތް ކަމަށް އެދުވަސްވަރުވެސް
ދެކެއެވެ. އަދި މިސްކިތް ބިނާކުރާމީހާ އެކަމަށް ބޭނުންކުރާ ތަކެއްޗާއި މަސައްކަތް
ކުރަނީ ކިހިނެއް ކޮންގޮތަކަށްތޯ ރަށުގެ ނައިބުކަލޭގެއާއި، ރަށްވެރިން، ޚަޠީބު، މުދިމުންވެސް ބައްލަވައި
އެކަމަކަށް އެހީތެރިވެދެއްވައި އުޅުއްވައެވެ. އެދުވަސްވަރު މިސްކިތެއްބިނާކުރި
މީހަކު އެކަން ނިންމުމަށްފަހު އެމީހަކަށް ނުވަތަ އެމީހެއްގެ ދަރިދަރީންނަށް
މިސްކިތް ބެލެހެއްޓުމަށް ދަތިވާނަމަ އެކަންވާނޭގޮތެއް ތަނަވަސް ކޮށްދެއްވުން އެދި
ރަސްގެފާނުގެ އަރިހުގައި އެވާހަކަ ދެންނެވުމުން ރަސްގެފާނު އެކަންކޮށްދެއްވާ
ގޮތްތަކެއް ހުރެއެވެ. ރަސްކަމުގެ ފަރާތުން އެކަމަށް ކޮށްދެއްވާކަމެއް
ކޮށްދެއްވުމުގެ ކުރިން އެއަތޮޅެއްގެ ވާރުވެރިން މެދުވެރިކުރައްވައިގެން ނަމަވެސް
އެމީހަކު މިސްކިތްބިނާކުރީ ކޮންގޮތަކަށް ހޯދި އެއްޗިއްސަކުންތޯ ބެއްލެވުން
އޮވެއެވެ. އޭގެފަހުން މިސްކިތް ބިނާކުރި މީހަކު އެކަމަށް އެރަށެއްގައި ރުއްގަސް
އިންދައިފައިވާނަމަ އެ އެއްޗެތިން ރަސްކަމުގެފަރާތަށް ނުވަތަ ވާރަށް ލިބެންޖެހޭ
ބައި ކަނޑުއްވައި ދެއްވުމާއި މިސްކިތް ބެލެހެއްޓުމަށް އެރަށެއްގެ ރުއްގަހުގެ
ބަޔެއް ދެއްވުމާއި އެރަށެއްގެ ދޯނިފަހަރު ބާނާމަހުން ނަގާ ރަސްބައި ނުވަތަ
އެރަށެއްގެ ރާވެރީންގެ ރާ ބައިން ނަގާ ރަސްބައި ދެއްވުމާއި އެރަށަކާއި ކައިރިން ފަޅުރަށެއް
ދެއްވުންފަދަ ކަންކަން ކޮށްދެއްވައެވެ. މިގޮތަށް ރަސްކަމުގެ ފަރާތުން މިސްކިތަކަށް
ނުވަތަ އެހެންތާކަށް ވިޔަސް ދެއްވާ އެއްޗިއްސަށް އެދެއްވި އެއްޗެއް އެނގޭނޭހެން
ރަސްކަމުގެފަރާތުން ލިޔުމެއް ދެއްވާނެއެވެ. އެއީ ބޯގަ ފަތްކޮޅެވެ. ވަޤުފު
ފަތްކޮޅެވެ.
(ބޯގަފަތަކީ
ބޯގައަށް ދީފައިވާ ވަޤުފުފަތެވެ. ބޯގަ ފަތްކޮޅަކީ ބޯގަ ދެއްވިކަމުގެ މައްޗަށް
ރަސްކަމުގެފަރާތުން ނުވަތަ ވެރިކަމުގެފަރާތުން ދެއްވާ ލިއުމެވެ.
ވަޤުފު ފަތްކޮޅަކީ ކޮށްފައިވާ ވަޤުފެއްގެ މައްޗަށް ލިޔެވިގެންވާ ޤާނޫނީ ޝަރުޢީ ލިއުމެވެ.
މިސްކިތް މިސްކިތާއި ޒިޔާރަތް ފަދަ މުޤައްދަސް ތަންތަން ބެލެހެއްޓުމަށް ވަގުފުކޮށްފައި ހުންނަ
ބިންބިމާއި ރުއްގަހަކީ ބޯގައެވެ.)
ކޮނޑޭ
ކުޑަ މިސްކިތުގެ ވަޤުފު ފަތްކޮޅު:
މިވަޤުފު
ފަތްކޮޅުގައި ސުލްޠާނު މުޙައްމަދު ޢިމާދުއްދީން(1) (ބޮޑުރަސްގެފާނު) އާއި އޭނާގެ
ދަރިކަލުން ސުލްޠާނު އިބްރާހީމް (އިސްކަންދަރު ރަސްގެފާނު) އާއި އަދި ސުލްޠާނު
މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދިޔަމިގިލީ ރަދުން) ގެ ސިއްކަ ހުރިކަމަށް
މިފަތްކޮޅުގެ ދުވަސްވީ ނަކަލުގެ ލިޔުމުގައިވެއެވެ.
ފަތްކޮޅުގެ
ޢިބާރާތް:
ސުވަސްތީ
ސިރީ މަތަމަހާ ސިރީ ބަރިކުސަ ފުރަދާނަ ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ
މަހާރަދުން ވިދާޅީން:
މަގޭ
ވޮނަދަނަ ރާއްޖޭ ހުވަދުންމައްޗަށް ފުރަބަންޑާރަ ފުށުން ރަސްކާރުދަމައްޗަށް ދާ
އަޅުންނާއި އެ އެންމެންގެ ކިބަކިބައިން ކަންކަމުދާހައި އަޅުނާއި މިފަދަ
އެންމެތަކުންނަށް ވިދާޅުފަތެވެ.
ތިބާ
އަތޮޅު ކޮޑެއި މަޙުމޫދު އަޅާގެ ފުތް ޢަލީ އަޅާ މަގޭ ފާތުރާދަށު ދަންނަވައިގަތް
ބަހީ، ތިމަންއަޅާގެ ބަފައި އަޅާ
އަތުން ބިނާކުރާ މިސްކިތްމައްޗަށް ބަފައި އަޅާއި ދަރީންގެ ދަރީންގެދަރި
މިނިމިނީންގެ މައްޗަށް ބަފައި އަޅާގެ މިއެންމެން ކޮންމެތަނަކުން ތިބި ރުއްގަހުން
ރަހުބައި ކަޑުއްވައި ބަފައި އަޅާއަށް ރަދުންދެއްވި ފަތްކޮޅު ބައުވެއްޖެވެ.
އެފަތްމައްޗަށް ފަތްކޮޅެއްދެއްވައި ދަރުމަކުރައްވާދޭވެ.
މިބަސް
ކަނުލައްވައި އައްސަވައި އެބަހާއި ރުހިވަޑައިގެން އެފަތު ހުށި މަގުން
މިމިސްކިތްމައްޗަށް މިއެއްޗެތީގެ ރަސްބައި ކަޑުއްވަން ފުރަމާލޭ ޚަޠީބު
ބެއިކަލުންނާއި އެންމެ ދޮންކަލޯނާއި ގެންނަވައި އެމީހުންގެ ރުހުމާއެކު އެއުރެންގެ
ރުއްގަހުގެ ރަސްބައާއި އުރަބައާއި މިއުރެންގެރަށުން ދެއޮޑިމަހާއި ތިންރައިވެރިންގެ
ރުކުރާއާއި މިފަތްލީ ގަލަމާއި މިއެއްޗެތި މިކަލޯ ހެއްދި މިސްކިތްމައްޗަށް ދެއްވައި
ދަރުމަކުރައްވައިފީކޮށު. މީގެ ގައުލިއްޔަ މޫލަވެރިކަން ދަރީގެދަރި މިނިމިނީންނަށް
އޮންނަނީކޮށު. މިފަތްކިޔެވި ކޮންމެއަޅަކު މޫނުންބާނެއް ނުމެ ގަންނަނީކޮށު.
ހިރިއާ
ފާތުރާދަށުންދެއްވި މި ވިދާޅުފަތް އޮއްވައި މިއިންކަމަކުންކަމެއް
އަރައެރުންކުޅައޫތަ. މަގޭ ކީރިތިކަމުގެ ފުރަމާނަ ދަނެއު.
މިތައްމަގުން
ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުންގެ ކައްތިރިމުދި ގެއްސެވުމަށް މިފަތް
ލިއުއްވުމުގެ ހުއްދަ ވިދާޅުބަހާއި ނުކުމެ ގަދަހަމައިދި އަޅާ ކީހިދު އަލްޚަޠީބު
(މަޙުމޫދު އަޅާ) ލިއުނު. ދިވެހިފަތުތާނަ.
ދަރިދަރިކޮޅުގެ
ބަޔާން:
ކޮޑެއި
މަޙުމޫދު އަޅާގެ ފުތް ޢަލީ އަޅާގެ އިނީ އެންމެ އަންހެން ދަރިއެއް. އެދަރީގެ ތިބީ 5
ދަރީން.
1.
ދޮން ޢަލިތަކުރު
2.
އައިސާ މަނިކެ
3.
މުދިމްބެއްޔާ
4.
ކައިދާނިނާ
5.
ދޮން ޙަސަންބެއްޔާ
ކޮނޑޭ
ބެހެނީ (އެދުވަސްވަރު) މި 5 ދަރިކޮޅަށެވެ.
ކޮނޑޭ
ކުޑަ މިސްކިތުގެ ވަޤުފު ފަތްކޮޅުގެ ބަޑުފަތް:
އަލްޤާޟީ
މުޙައްމަދު މުޙިއްބުއްދީން އުއްތަމަފަޑިޔާރުމަނިކުފާނުން ހުވަދޫ އެންމެރަށްރަށު
މީހުންނަށް ބަހެވެ.
ކޮޑޭ
މަޙުމޫދު ކަލޭގެއާއި މީނާގެ ދަރި ޢަލީ މާވަޑި ކަލޭގެފާނާއި މި ދެބަފައިން ކޮޑޭ
އެރުވި މިސްކިތްމައްޗަށް އިސްކަންދަރު ރަސްގެފާނު ދެއްވި ފަތްކޮޅު ނުއުވޭކަމަށް
ދެއްވި ފަތެވެ.
ތިޔަބައިމީހުން
އެފަތު އޮތްގޮތާއި ދެކޮޅަކަށް ކޮންމެކަމެއްވެސް ނުހަދާހުށިކަމެވެ.
(......
ޖުމާދިލްއައްވަލު 1252 ހ.)
(އަލްޤާޟީ
މުޙައްމަދު މުޙިއްބުއްދީން އުއްތަމަފަނޑިޔާރު މަނިކުފާނަކީ އަލްޤާޟީ ޙަސަން
ތާޖުއްދީންގެ ފުތް އަލްޚަޠީބު އަޙުމަދު މުޙުޔިއްދީނުގެ ފުތް އަލްޤާޟީ އިބްރާހީމް
ސިރާޖުއްދީންގެ ދަރިކަލުންނެވެ.)
ނޯޓް:
މިލިޔުމުގައިވާ ފޮޓޯއަކީ ކޮނޑޭ ކުޑަ މިސްކިތުގެ ވަޤުފު ފަތްކޮޅުގެ ފޮޓޯއެއް
ނޫނެވެ.
---------------------
ޢަބުދުﷲ
ޙިލްމީ
07
އޮކްޓް 2012