މާލޭގެ ކޮންމެ ކަރަންޓު މީޓަރަކުން މަހަކަށް ދިހަ ޑޮލަރ



"ތިރީގައިވާލިޔުމަކީ "އަޅުގަނޑުގެ ދުވަހު ފޮތް 1947-2008" މިނަމުގައި ،އަލްފާޟިލް ޢަލީ ޢުމަރުމަނިކު ލިޔުއްވައި ނެރުއްވައިފައިވާ ފޮތުންހޯއްދަވައި އެއްކުރައްވައިފައިވާ މަޢުލޫމާތުގެމައްޗަށް ބިނާކުރައްވައި އަލްފާޟިލް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި ފޮނުއްވައިދެއްވި ލިޔުމެކެވެ."


"ރާއްޖޭގައި އުފެދޭ ކުނީގެ މައްސަލައަކީ، ކުޑަކުޑަ މައްސަލައެއް ނޫނެވެ. ކުނީގެ ސަބަބުން އުފުލަން ޖެހިފައިވާ ތަކުލީފްތައް ވެސް ވަރަށް ގިނަ އެވެ. އާދެ! މާލޭގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް ކުރިން ކުރަމުން ދިޔައީ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ނެވެ. ފަހުން އެމަސައްކަތް ބަދަލުވީ މާލޭ ސިޓީ ކައުންސިލުގެ ދަށަށެވެ. އަތޮޅު ތަކުގައި ރަށްރަށުގެ ކައުންސިލްތަކުގެ ދަށަށެވެ. ކުނީގެ ތަކުލީފަކީ، އެންމެންނަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ކުނީގެ ކަންކަން ޙައްލުކުރުމަށްޓަކައި، ތިމާވެއްޓާއިބެހޭ ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންނދެ އެވެ. މީގެ ދެތިންދުވަސްކުރިން އެވުޒާރާއިން ވިދާޅުވެފައިވަނީ، މާލޭގައި ދިރިއުޅޭ މީހުން އުފައްދާ ކުނި ނައްތާލުމަށްޓަކައި، ބޭރުގެ ފަރާތެއްކަމަށްވާ "ޓަޓުވާ" ކުންފުންޏާއި، އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، މާލޭގައި ބޭނުންކުރާ ކޮންމެ ކަރަންޓް މީޓަރަކުން މަހަކު ދިހަ ޑޮލަރު ނަންގަވަން ހަމަޖައްސަވާފައިވާ ކަމަށެވެ. ވުމާއެކު، މިބަޔާނުގައި އަޅުގަނޑު ބަލާލާނީ، މާލޭ ކުނިކޮށި އުފެދުނު ގޮތާއި މެދުގަ އެވެ.

އާދެ! 1990 ގެ އަހަރުތަކުގައި ވެރިރަށުގައި ސަރުކާރުން ހިންގަވަން ފައްޓަވަން ހަމަޖައްސަވާފައިވާ އެތައް މަޝްރޫޢުތަކެއްގައި އެހީތެރިވުމަށް އަޅުގަނޑުގެ ގާތުން އެދިވަޑައިގެންފައި ވެ އެވެ. 1990 ވަނަ އަހަރު މާލޭގެ އާބާދީ ފަންސާސްހާހަށްވުރެ އިތުރުވެއްޖެ އެވެ. ގޭގެ ކުނި އުކާލުމާއި އަދި އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަނުގެ ކުނި އުކާލުމަކީ، ބޮޑު ބޮލުގައި ރިހުމަކަށް ވަނީ ވެފަ އެވެ. މާލޭގައި ބިން ހިއްކުމަށްޓަކައި އިތުރަށް މުނިއަޅާ ފުރަން ބޭނުން ކުރާނެ ތަނެއް ނެތެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތުން މުނި އަންދަން ފެއްޓެވި އެވެ. މިއީ ތިމާވެއްޓަށް ނުރައްކާ ކަމެއްގެ އިތުރަށް، ކާމިޔާބު ކަމަކަށް ވެސް ނުވި އެވެ.

1992 ވަނަ އަހަރުގެ ކުރީކޮޅު ރައީސް މައުމޫނު އަޅުގަނޑު ގާތުގައި މިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ވިދާޅުވި އެވެ. ކުނި އެންދުމަކީ، ޙައްލެއް ނޫނެވެ. އެއީ މިކަމަށް އަގެއް ނަގަން ޖެހޭތީ އާއި، ސަރުކާރުގެ ފަރާތުން ކުނި އުކާލުމަކީ، ހިލޭ ދެމުން އަންނަ ޚިދުމަތަކަށް ވާތީ އެވެ. އެމީހުންނަށް {މާލޭ ރައްޔިތުންނަށް} ޖެހެނީ ކަނޑައެޅިފައިވާ ސަރަހައްދުތަކަކަށް ކުނި އުކާލުމަށެވެ. ސަރުކާރުގެ ފަރާތުން ބިންހިއްކުމުގައި މިކުނި ބޭނުން ކުރެ އެވެ. ނަމަވެސް މިހާރު މިއީ މިކަން ކުރެވެން އޮތް ގޮތެއް ނޫނެވެ.
އަޅުގަނޑު މިކަމާއިމެދު ވަރަށް ފަރުވާތެރިކަމާއިއެކު، ވިސްނީމެވެ. އަޅުގަނޑުގެ ސަމާލުކަން އަމާޒުކުރީ، މާލެ ވަރުގެ ކުޑަ އަދި އެއްޙާލަތު އޮތް ޤަވްމުތަކުގައި މިކަންކުރާ ގޮތާއި މެދުގަ އެވެ. މިފަދަ ތަންތަނުން ކުންޏާއި ބެހޭ ގޮތުން ކަންކުރަނީ ކިހިނެއްތޯ ބެލުމަށެވެ. އަޅުގަނޑު ލިސްޓް އެކުލަވާލައި އޭގެތެރެއިން ހޮންގކޮންގ އަކީ، ބަލައިލަން ރަނގަޅު ޤަވްމެއްކަމުގައި ވިސްނުނެވެ. އެޤަވްމުގައި މީހުން ދިރިއުޅެނީ، ރަށް ވަށައިގެން ނެވެ. އެއީ ރަށުގެ މެދުގައި ވަނީ ފަރުބަދަތައް ކަމުން ނެވެ. މާލެ އާއި އެއްގޮތަށް މިތަން އޮންނަނީ ތޮއްޖެހިފަ އެވެ.

ކުރިއަށް ރޭވުމަކައިނުލައި އަޅުގަނޑު ހޮންގކޮންގ އަށް ދިޔައީ މެވެ. އަޅުގަނޑު ބޭނުންވީ އެތަނުގައި ކަން ހިނގާ ގޮތް ލޮލުން ދެކެލުމަށެވެ. އެއީ މާލޭގައި ކަންކުރާނެ ގޮތެއް ވިސްނުމަށްޓަކަ އެވެ. ހޮޓަލަށް ގޮސް ޗެކް އިން ކޮށް ހަމަޖެހިލުމަށްފަހު، އަޅުގަނޑު ޓެލްފޯނު ފޮތް ނަގައިގެން، ޔެލޯ ޕޭޖާރސް ބަލަން ފެށީ އެވެ. އަޅުގަނޑު ބޭނުންވީ، ހޮންގކޮންގ ގައި މިފަދަ މައްސައަލަތަކާއި، ދިމާވެފައިވާ ކޮންސަލްޓަންޓުން ތިބިތޯ ބެލުމަށެވެ.

އަޅުގަނޑަށް ފެނުނީ ހަޒްބަންޑް އެންޑް ކޮމްޕެނީ ކިޔާ ތަނެއްގެ ނަމެވެ. އެމީހުންނަކީ، އަޅުގަނޑު ކޮޅުބުގައި އުޅުނުއިރު އެތަނުގައި އޮފީހެއް ހުންނާތީ އަޅުގަނޑު ދަންނަ ބައެކެވެ. އެއީ އިނގިރޭސި ކޮންސަލްޓަންޓުންގެ ކުންފުންޏެކެވެ. އަދި 1958 ވަނަ އަހަރު އަޅުގަނޑު ވަނީ، އެމީހުންގެ އިންޖިނޭރަކާއި ބައްދަލުވެފަ އެވެ. އެއީ މާލޭ މަގަތު ބަނދަރު އިނގިރޭސި އެހީގެ ދަށުން ހެދުމުގެ ފުރުޞަތު އޮތްތޯ ބަލަމުން ގެނދިޔަ އިރު އެވެ. އެމަޝްރޫޢާއިގެން ކުރިއަށް ނުދިޔައީ، އެދުވަސްވަރު އެކަންކުރުމުގެ އަގު ބޮޑުކަނުން ނެވެ.

އަޅުގަނޑު ހަޒްބަންޑް އެންޑް ކޮމްލެނީއަށް ފޯނުކޮށް އެމީހުންގެ ރެޒިޑެންޓް ޗީފް އިނޖިނޭރާއި އެދުވަހު ތިނެއް ޖަހާއިރު ބައްދަލުކުރުމަށް އެޕޮއިންޓްމެންޓެއް ހެދީމެވެ. އެމީހުންގެ އޮފީސް ހޯދުމަށްފަހު، އެމީހުންނާއި ބައްދަލުކުރުމަށް މަޑުކުރީމެވެ. އެގެޒެކްޓިވް އަޅުގަނޑަށް މަރްޙަބާ ކިއުމަށްފަހު، އެކަކުއަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. މި އިނގިރޭސި އިންޖިނޭރަކީ، އޭގެ 34 އަހަރު ކުރިން އަޅުގަނޑާއި ބައްދަލުވި މީހެކެވެ.

މިފަދަ ޤަބޫލުކުރަން ދަތި އިއްތިފާގެއްގެ ސަބަބުން، ޙައްކަކާއި ދިމާއަށް ދެވެނީ ކަމުގައި އަޅުގަނޑަށް ހީކުރެވު ނެވެ. މާލޭގައި ކުނިނައްތާލުމާއި ބެހޭ ގޮތުން ކުރިމަތިވެގެން އުޅޭ މަސްއަލަ ބުނެދީ، ހިންގކޮންގ ގައި މިކަމާއިމެދު ކަންކުރާގޮތް ދެކެން އަޅުގަނޑު ބޭނުންވާވާހަކަ އޭނާ ގާތުގައި ބުނީ މެވެ. އޭނާ ބުނީ ގިނަ ކުނި ބޭނުންކުރަނީ، ބިންހިއްކުމަށް ކަމަށެވެ. އަންދާލަނީ ވަރަށް ކުޑަ އެތިކޮޅެއް ކަމަށެވެ.

ދެން ކުނި ނައްތާލާ ސައިޓެއްގައި ކަންކުރާ ގޮތް ދައްކާލުމަށް އަޅުގަނޑު ގޮވައިގެން އޭނާ ދިޔަ އެވެ. އެއަށްފަހު އިތުރު ވާހަކަ ދެއްކުމަށް އޭނާގެ އޮފީހަށް އެނބުރި އައީ އެވެ. އޮފީހުގެ ލައިބްރަރީ އިން އޭނާ އަޅުގަނޑަށް ލުއި ފޮތެއް ދިނެވެ. އެފޮތުގެ ނަމަކީ "މުސަތަޤްބަލައްޓަކައި ކުނީގައި އިންވެސްޓް ކުރާށެވެ" މިއީ އިނގިރޭސި ވިލާތުގެ ތަނެއްގައި ބިން ހިއްކުމަށްޓަކައި ކުނި ބޭނުންކޮށްފައިވާ ގޮތާއި އަދި އެބިމުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރަން ފެށި ގޮތް އެފޮތުގައި ބަޔާންކޮށް، އިނގިރޭސިއަކު ލިޔެފައވާ ފޮތެކެވެ.

އިންޖިނޭޜު އަޅުގަނޑު ގާތުގައި ބުނީ، މިފަދަ ގޮތެއް ދިވެހިރާއްޖޭގައި ހެދިދާނެ ކަމަށް އޭނާއަށް ފެންނަ ކަމަށެވެ. އޭނާ ބުނީ ފަރަކާއި، އިންވެގެން އޮތް ފަޅެއް މުނި އަޅައިގެން ހިއްކިދާނެ ކަމަށެވެ. މިފަދަ ތަނަކީ، ރައްކާތެރިކަން ލިބިފައިވާ ތަނަކަށް ވެސް ވާނެ އެވެ. އަޅުގަނޑު މިކަމާއިމެދު ވަރަށް ޝަވްޤުވެރިވި އެވެ. އަދި މަސްއަލައިގެ ޙައްލަކާއި ދިމާއަށް ވާޞިލް ވެވުނީ ކަމުގައި އަޅުގަނޑަށް ހީވި އެވެ. އޭނާ މާލެ އައިސް ކަންހުރި ގޮތް ބަލައި ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅުމަށް އަޅުގަނޑު ދަޢުވަތު ދިނީ މެވެ.

ހަފުތާއެއްގެތެރޭގައި އިންޖިނޭރު މާލެ އައެވެ. ތަފާސްހި ސާބުތައް އެއްކޮށް ތަންތަން ބަލައި ހެދި އެވެ. މިކަންކުރިއަށް ގެންދާނެ ގޮތް ވެސް އޭނާގެ މަސައްކަތުގައި ހިމެނި އެވެ. އެދުވަސްވަރު ދުވާލަކަށް ނައްތާލަން ޖެހެނީ، ކުނީގެ ގާތްގނޑަކަށް 16 ޓަނާއި 20 ޓަނާއި ދެމެދުގެ ޢަދަދެކެވެ.     މި ހުށަހެޅުން ދިވެހި ސަރުކާރުން ގަބޫކުރެއްވި އެވެ. މާލެ އާއި، ހިއްކުމަށްޓަކައި ހޮވާ ބިމާއި ދެމެދު ކުނި ކުނި އުފުލުމަށް ކަމުދާނެ އުޅަދަނކާއި ބެހޭ ސްޕެސިފިކޭޝަނެއް ދިނުމަށް ވެސް އަޅުގަނޑު އޭނާގެ ކިބައިން އެދުނީމެވެ. މި ތަފްސީލު އޭނާ ދިނުމުން ސިންގަޕޫރުގެ ނޭވަލް އާރކިޓެކްޓެއް މެދުވެރިކޮށް އަޅުގަނޑު އަޅުގަނޑު އެފަދަ އުޅަނދެއް ކުރެއްސީމެވެ. މިކަން ކުރުމަށް ރޭވި ގޮތުގެ ޚުލާސާއެއް މިދަންނަވަނީ އެވެ.

މުނިސިޕަލްޓީން ދައްކާ ތަނަކަށް މާލެއިން ކުނި އެއްކުރުން،
މިތަނަށް ކުނި ގެންދިއުމަށް އުޖޫރައެއް ދީގެން ބަޔަކު ލައްވައި ގޭގެއިން ކުނި ގެންދިއުން،
މެކޭނިކަލް ސާމާނު ބޭނުންކޮށްގެން 20 ޓަނުގެ ލޯރިއަށް ކުނި އެރުވުން،
ކުނި ގެންދާ އުޅަނދުގައި ގާތްގަނޑަކަށް 6 ލޮރީގެ ނުވަތަ 8 ލޮރީގެ ކުނި، ހިއްކަން ބޭނުންވާ ސަރަހައްދަށް އުފުލުން. އުޅަނދުގައި ލޮރީ އަރުވާ/ބާލާނެ ރޭމްޕެއް ހުންނާނެ އެވެ. ލޮރީތަކުން ކުނި ގެންގޮސް ހިއްކާ ތަނަށް ހުސްކުރުމަށްފަހު، އަނބުރާ އުޅަނދަށް ދިއުން. ކުނި އެތަނަށް ފަތުރާލައި ގާތްގަނޑަކަށް 12 އިންޗި ހުންނަ ވަރަށް މޫދުން ވެލި އެޅުން. މިކަން މިހެން ކުރަނީ، މެހި އުފެދުން ހުއްޓުވުމަށާއި، ކުނި އަވަހަށް ނައްތާލުމަށްޓަކަ އެވެ.

ފުރަތަމަ ފެށުނުއިރު ހުރިހާ ކުންޏެއް، ޕްލާސްޓިކާއި ވެސް އެކު، ހުންނަނީ، މަސްހުނިވެފަ އެވެ. ފަހުން ކުނި ވަކިކުރަނީ އެވެ. ތިމާވެށީގެ ރައްކާތެރިކަން ވަނީ، ވަރަށް ރަނގަޅަށް ބެލެހެއްޓިފަ އެވެ. ބެޓްރީ އާއި ޕީވީސީ އިން ހަދާފައި ހުންނަ ތަކެތި ވަކިން އެއްކޮށް މުދާ ބޭރުކުރާ ފަރާތްތަކަށް ވިއްކަނީ އެވެ. މިތަކެތި މާލެ އާއި ދެކުނު އިންޑިއާ އާއި ދެމެދު ދަތުރުކުރާ ކުދި އުޅނަދު ފަހަރުގައި އިންޑިއާ އަށް ގެންގޮސް ރީސައިކްލް ކުރަނީ އެވެ. ރަށުން ބޭރުވާ ފެނުގެ ސާމްޕަލް ދޭތެރެ ދޭތެރެއިން ނަގައި ކޮންޓަމިނޭޓް ވެފައި ހުރިތޯ ޤަވާޢިދުން ޓެސްޓް ކުރެވެ އެވެ.

ކުނިނައްތާލުމުގެ މަސައްކަތް ހިނގަމުންދަނީ، ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރެވި، އޭގެ ދަށުން ނެވެ. ކުނި އުފުލުމަށް 3 އުޅަނދު އޮވެ އެވެ. ފުރަތަމަ އުޅަނދަކީ، ސިންގަޕޫރުގައި ބަން އުޅަނދެކެވެ. އެހެން އުޅަނދުތައް ބަނީ، ފުރަތަމަ އުޅަނދުގެ ޑިޒައިނަށް، އަޅުގަނޑުމެންގެ ތަޖްރިބާގެ މަތިން ބައެއް ބަދަލު ގެނެސް ކޮޅުބުގެ ޑޮކްޔާޑެއްގަ އެވެ.

އަޅުގަނޑުމެން ކުނިއަޅައިގެން "އިންސްޓްރިއަލް" މަސައްކަތްކުރާނެ ރަށެއް މިވަނީ، ކާމިޔާބާއިއެކު ހިއްކާފަ އެވެ. މިރަށުގެ ބިން ވަނީ، ސިމެންތި ވެލި، ހިލަވެލި އަދި ލަކުޑި އާއި، ވަކަރު އެތެރެކުރާ ފަރާތްތަކަށާއި އަދި ދިވެހި ކޮންޓަރކްޓަރުންނަށް ކުއްޔަށް ދޫކޮށްފަ އެވެ. ގިނަ ޢަދަދަކަށް ތެޔޮ އެތެރެކުރާ ފަރާތްތކަށް ވެސް ބިން ވަނީ ކުއްޔަށް ދޫކޮށްފަ އެވެ. މި އައު ރަށުން ބިން ކުއްޔަށް ހިފުމުގެ ބޭނުން ވަރަށް ވެސް ބޮޑެވެ. އަދި މި މަޝްރޫޢު ވަނީ، ކާމިޔާބު މަޝްރޫޢަކަށް ވެފަ އެވެ. ފެށިއިރު ދުވާލަކު 16 ނުވަތަ  20 ޓަނުގެ ކުނި ގެންދެވޭ ނިޒާމަކުން މިހާރު މިވަނީ، ގާތްގަނޑަކަށް 500 ޓަނުގެ ކުނި ގެންދެވޭނެ ނިޒާމަކަށް ވެފަ އެވެ. ހިންގކޮންގ ގައި އިއްތިފާގުން އަލުން ދިމާވި، އަޅުގަނޑާއި ކުރިން ބައްދަލުވެފައިވާ ފަރާތުގެ ސަބަބުން މާލޭގައި ކުނި ނައްތާލުން މިހާރު ބެފައި ވަނީ، ރަނގޅަށް ހިނގައި ފައިދާކުރަނިވި ކަމަކަށް ވެފަ އެވެ.

މާލޭގެ ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރުމުގައި އަޅުގަނޑުގެ ބައިވެރިވުމާއި، އެހީތެރިކަން ހިމެނިފައިވާކަމީ، ރިޔާސީ ގަނޑުވަރު ހެދުމާއި އެއްވަރަށް އަޅުގަނޑު އެކަމާއިމެދު ފަޚްރުވެރިވާ ކަމެއް ކަމުގައި
އަޅުގަނޑަށް ތެދުވެރިކަމާއި އެކު، ދެންނެވޭނެ އެވެ. ޚިދުމަތުގެ މި ދިގު ރާސްތާގައި އަޅުގަނޑު ކޮށްފައިވާ ކޮށްފައިވާ މަސައްކަތްތަކުން ރައީސުންނާއި އަދި އާދައިގެ ރައްޔިތުންނަށް ވެސް ފައިދާ ކުރަމުންދާ ކަމީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ."
                     ---------------------------------------
ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
ކުނިކޮށީގެފޮޓޯ: haveeru.com.mv/dhivehi/news/131776
މަޢުލޫމާތު: "އަޅުގަނޑުގެ ދުވަހު ފޮތް 1947-2008"