މަޑަވެލީގެ ރަށްވެހިކަން – އަށްވަނަބައި













ކުރިން ދަންނަވާފައިވާ ރައްޔިތުންގެ އިސްކޫލް ޢިމާރާތަކީ، އޭރުގެ އެސް.ޓީ.އޯ ގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމާއި، އެޑިޔުކޭޝަން މިނިސްޓަރ އަލްއުސްތާޒް މުޙަންމަދު ޒާހިރު ޙުސައިން އާއި، އެމް.ޑަބްލިޔޫ.އެސްސީން ޢަބްދުލްމަޖީދު މާހިރު އާއި، ތިނަދޫ މޫސުމް އަލަގޭ ސަލީމުގެ އެހީތެރިކަމާއެކު، ޢިމާރާތްކުރެވުނު އިސްކޫލެ ކެވެ. އެމް.ޑަބްލިޔޫ.އެސް.ސީ ގެ (ލަކުޑީގެ) އެހީތެރިކަމެއް އެކަމަށް ލިބެން މެދުވެރިވީ، ޔޫ.އެން.ސީ.ޑީ.އެފް އިން ވާރޭފެން ރައްކާކުރާ ދެ ތާނގީ އެރަށުގައި ބެހެއްޓުމަށް ހަމަޖެހުމާއި ގުޅިގެން އެފަދަ ފުރާޅެއް އެހެންތަނަކުން ލިބެން ނެތުމުގެ ސަބަބުން ނެވެ. ހަދާންވާން ގޮތުން އެއީ 1985މ. ވަނަ އަހަރާއި 1987މ. ވަނަ އަހަރާއި ދެމެދުގެ ދުވަސްވަރެކެވެ. 


އެމް.ޑަބްލިޔޫ.އެސް.ސީ ން ވަޑައިގަތީ އަލްފާޟިލް ޢަބްދުލްމަޖީދު މާހިރެވެ. އެދުވަސްވަރު އަޅުގަނޑު ހުރީ ގދ.ހެލްތް ސެންޓަރުގައި ކަމަށްވާތީ، މިދެންނެވި ތާނގީތައް އެރަށުގައި ބެހެއްޓުމަށްޓަަކައި، އަޅުގަނޑު ވެސް ދަވްރެއް އަދާކުރީމެވެ. (އެ ދެ ތާނގީ އުވާލީ 2010މ. މެއި މަހު ހާތާނގަ އެވެ.) މަޑަވެލީ ރައްޔިތުންގެ އިސްކޫލު ޢިމާރާތަކީ، އެރަށުގެ ހުރިހާ ރައްޔިތުންގެ މަސައްކަތުން ޤާއިމުކުރެވުނު ޢިމާރާތެކެވެ. އެހެންނަމަވެސް ޝީޒަން / މުޙައްމަދު ރަޝީދު އާއި ސޫރަޖް / އިސްމާޢީލް މުޙައްމަދާއި، ރިޒްލާ ޢަލީ ވަޙީދު އާއި، ހެޕީސައިޑް / ޢަބްދުއްރައްޒާޤް އާއި، ރީގަލް / ޙަސަން ހަބީބު އާއި، އޭސިއާ / އަލްމަރުޙޫމް އަޙުމަދު ވަޙީދު އާއި، މާހަލް / ޙަސަން ޔޫސުފު އާއި، މެރިންވިލާ / އަލްމަރުޙޫމާ އާމިނަތު ޙަސަން އާއި، ރޯޝަނީގޭ / އަލްމަރްޙޫމާއި، ޢާއިޝަތު އަޙުމަދު އާއި، ރީގަލް / ފާޠުމަދު މުޙަންމަދުގެ ނަން ފާހަގަކޮށްލުމަކީ، އެހެން ފަރާތްތަކުގެ ޚިދުމަތް ހަނދާން ނައްތާލުން ކަމުގައި ނުބެއްލެވުމެއް ނޫނެވެ. އެއީ އެރަށުގެ ހުރިހާ ރައްޔިތުންގެ މަސައްކަތުން ޢިމާރާތްކުރި އިސްކޫލެކެވެ.

ތަޢުލީމީ އައުޙަޔާތަކަށް މަޑަވެލީގައި،އަލިދަންމަތިވީ، ފެބުރުއަރީ 4، 1962މ. ގައި ހުވަދު އަތޮޅު ހަވަރުތިނަދޫން ބޭލި މީހުން އެރަށުގައި ދިރިއުޅެން ފެށުނު ހިސާބުން ނެވެ. އޭރު މަޑަވެލީގެ އާބާދީއަކީ، ގާތްގަނޑަކަށް 350 އެއްހާ މީހުންނެވެ. އެރަށުން މީހުން ބޭލުމުން، ގާތްގަނޑަކަށް ހަމަ އެޢަދަދަށް އެރަށުން މީހުން މަޑަވެއްޔަށް އައެވެ. އެކަން އަންދާޒާ ކުރަން އެނގުނީ 1965މ. ވަނަ ކޮޅުވާދަޔަށް "ގޯދި" ނުވަތަ ނެރު ކޮނުމުގެ މަސައްކަތްކުރުމުގެ ކަންކަން ހިނގަމުންދިޔައިރު އިވިފައިވާ އެކިއެކި އަޑުތަކުގެ އަލީގަ އެވެ. އާދެ! ހަވަރުތިނަދޫން މީހުން ބޭލުމަކީ، އެމީހުންގެ ޙަޔާތުގައި، އެމީހުންނަށް ކުރިމަތިވި އެންމެ ހިތާމަވެރި ގިލަންވެރިކަމޭ ދެންނެވުން އެއީ ދޮގަކަށް ނުވާނެ އެވެ. (ކޮންމެކަމެއްގައި ވެސް ފައިދާ އާއި، ގެއްލުން އެކުލެވިފައިވާނެ ކަން ކަށަވަރެވެ.) ކޮންމެއަކަސް އެމީހުން ހިޖްރަ ކުރުމުގެ ސަބަބުން މަޑަވެލީގެ ބުރުސޫރަ އަލުން ކުރެހިގެންދިޔަ އެވެ. ތަޢުލީމީ، ތިޖާރީ، ޢިމްރާނީ އަދި ޢާއްމު ހޭލުންތެރިކަމުގެ ގޮތުން ވެސް މެ އެވެ. (އަޅުގަނޑުގެ ޤުރުއާން މުދައްރިސު، ތިނަދޫ ސަންރޭ / ޤާސިމު އަންވަރު ކިޔަވައިދެއްވީ މިހާރުގެ ލަކްސްލިން އެހުރި ތަނުގައި ހުރި އޭނާގެ ގޭގަ އެވެ.) ހަވަރުތިނަދޫން އައި އެނޫން މީސްމީހުން ކިޔަވައިދިނީ "މަޑަވެލީ ރަށްވެހިގޭގައި" ސްކޫލެއް ޤާއިމުކޮށް އެތަނުގަ އެވެ. ރަށްވެހިގެ ހުރީ މިހާރުގެ ޒުވާނުންގެ މަރުކަޒް (ކުރިން ބައު ސުކޫލް) ހުރި ތަނުގަ އެވެ. އެތަނުގެ މެދުގެ މާލަމަކީ، މައުލޫދު ކިޔާ މާލަމެވެ. ދެކުނާއި އަދި އުތުރު ފެންޑާގެ ހުޅަނގުކޮޅުގައި ހުންނަނީ ދެ ގުދަނެވެ. އިރުމަތީ ފެންޑާގެ ދެކުގައި ހުންނަނީ ރަށު އޮފީހާއި، ނާއިބުގެ ފަހުން ރަށު ކޯޓެވެ. ކޮންމެ ފެންޑާއެއްގެ ފުޅާމިނުގައި 12 ފޫޓު އަދި ދިގުމިނުގައި 50 ފޫޓު ހުންނާނެ އެވެ. މައުލޫދު މާލަމުގެ ދިގުމިނުގައި 35 ފޫޓު އަދި ފުޅާމިނުގައި 25 ފޫޓު ހުންނާނެ އެވެ. ރަށްވެހިކަމުގެ ދުވަސްވަރު އުވައިން ރާނައި، ފަނުން ހިޔާކޮށްފައިވާ އެޢިމާރާތުގެ ފުރާޅުގައި ޓިނުޖެހީ 1960މ. ހާތަނުގައެވެ. އެޢިމާރާތުގައި ހިންގި އިސްކޫލުގައި ކިޔަވައިދޭން އުޅުނު ބައެއް މީހުންނަކީ، ހަވަރުތިނަދޫ / އަލިވާގޭ / އަލްމަރުޙޫމް މުޙަންމަދު ޢަލީ (އަލަގޭ ބެއްޔާ) އާއި، އެރަށު އަލިދޯދި / ޢަބްދުﷲ ޢަފީފާއި، ހަޒާރުމާގޭ / އަލްމަރުޙޫމް ޢަލީ ފާއިޒާއި، ގަޒީރާ / މުޙަންމަދު ރަޝީދާއި އަދި ވެސް ބައެއް މީހުންނެވެ. 

ހަވަރުތިނަދޫ މީހުން މަޑަވެއްޔަށް އައުމުގެ ސަބަބުން، ތަޢުލީމީ ދާއިރާގެ ބުރުސޫރަ އިހުނަށްވުރެ އުޖާލާވެ، އިސްކޫލު ކުދިންގެ ނަންތައް ޒަމާނާ އެއްގޮތަށް ފަރުމާކުރެވި ތަޢުލީމާއި، ކުޅިވަރާއި، ކަސްރަތުގެ އައު ޙަޔާތަކަށް އަލިދަންމަތިވެގެން ދިޔަ އެވެ. އެޒަމާނަށް ނިމުން އައީ، އޮގަސްޓް 22، 1966މ. ގައި ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުކުމާއި ގުޅިގެން، އެމީހުން އެނބުރި ރަށަށް ބަދަލުވުމާއި ގުޅިގެން ނެވެ. އެމީހުން ރަށަށް ބަދަލުވުމުން ވެސް (ތަންކޮޅެއް ފަހުން) ބައެއް ދަރިވަރުން އެރަށަށް ދިޔަ އެވެ. އެގޮތުން ފާޠުމަތު ޢަބްދުﷲ / މާފޮޅޭގެ (ގްރާމީޒް) މުޙަންމަދު ރަޝާދު / ފީރޯޒުގެ (ދިންމަނަ) ޢަލީ ވަޙީދު / ރިޒްލާ (ރޯޒްވިލާ) ޢަބްދުﷲ ސަޢީދު / ސީނާޒް، ޙަސަން ޚަލީލު / ރޯނުގެ އަދިވެސް ބައެއް ފަރާތްތައް ހިމެނެއެވެ. އެގޮތުން، ނޮވެމްބަރ 18، 1969މ. ގައި ފާޠުމަތު ޢަބްދުﷲ އެރަށަށް ގޮސް، ޑިސެމްބަރ 10، 1969މ. ގައި އިސްކޫލަށް ދިޔަ އެވެ. އެދުވަހު އިސްކޫލުގައި ބޭއްވި ޖަލްސާއަކަށްފަހު، އެރަށު ސަންރޭ / ޤާސިމު އަންވަރު އަދި ހަޒާރުމާގޭ ޢަލީ ފާއިޒުގެ އިސްކޫލުވެސް ޤާއިމުކުރި އެވެ. 

މަޑަވެލީގައި ގްރޭޑް 6 ފެށުނު ޒަމާނުން ފެށިގެން، އޭގެ މަތީގެ ގްރޭޑް ތަކުގައި، ތިނަދޫގައި ތިބެގެން ކިޔެވި، ކިޔެވުމަށް ނިމުން އައީ 2004މ. ވަނަ އަހަރު މަޑަވެލީގައި ގްރޭޑް 10 އުފެއްދުމާއި ގުޅިގެން ނެވެ. މިހާރު ވެސް 11، 12 ކިޔަވަނީ އެރަށުގައި ތިބެގެން ނެވެ. އޭގެ އިތުރަށް ބައެއް ފަރާތްތަކުން މިއަދު މާލޭގައި ތިބެގެން ވެސް ކިޔަވަ އެވެ. އެކިއެކި ރޮނގުރޮގުން (ރާއްޖެއިންނާއި، ރާއްޖެއިން ބޭރުން) މަތީ ތަޢުލީމުގެ ޙާޞިލުކުރާ ކުދިންގެ ޢަދަދު އިތުރުވަމުންދާތީ، އެކަމަކީ، މުޅިރަށަށް ވެސް ލިބޭ ކުރިއެރުމެކެވެ. ކޮންމެއަކަސް "ޑްރަގު ކޯޓުގެ ފަނޑިޔާރުކަން، މޭނާ / އަލްއުސްތާޒް މަހާޒް ޢަލީ ޒާހިރަށް ލިބިވަޑައިގަތުން އެއީ ވެސް އެރަށަށް ލިބުނު ކުރިއެރުމެ ކެވެ. ކުރިމަގުގައި އެރަށަށް ނިސްބަތްވާ "މަތިތަޢުލީމުގެ" ހުރިހާ ފަރާތްތަކަށް، އަޅުގަނޑު ޝުކުރު ރައްދުކުރަމެވެ.

އެދުވަސްވަރު އިސްކޫލުދޮށުން، އަޑުއިވުނު ބައެއް ނަންތަކަކީ:
1 ވަދީފާ ޙަސަން / ރަންކޮކާގެ
2 ޚަދީޖާ ޢަލީ / ޒޫރިޔާގެ (ސިންކޯނާ)
3 ޝަރީފާ ޢަބްދުއްރަޝީދު / ގްރީންވިލާ (ދީނާރު)
4 ޖަމީލާ ޙުސައިން / ފޫޅުމާގެ (ފޯރވިންޑްސް)
5 ފާޠުމަތު ޝީރީން / ބަހާރުގެ
6 ފާއިޒާ ޢަބްދުﷲ / މާފޮޅޭގެ (ރާޒްދާން)
7 ޙަސަން ޒަރީރު / ފުރުކުމާގެ
8 ސަކީނާ ޢުޘްމާނު / ރޯނުގެ
9 ޙަސަން ޙަބީބު / ސޫރަޖް (ރީގަލް)
10 ޚަދީޖާ ޙަސަން / ރަންކޮކާގެ

އާދެ! އަޅުގަނޑުގެ ދުޢާއަކީ، އިސްވެ ދަންނަވާފައިވާ ޚިދުމަތްތެރި ފަރާތްތަކުގެ ތެރެއިން މިހާރު ނިޔާވައިފައިވާ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީނިޢުމަތް މިންވަރުކޮށްދެއްވައި، ދުނިޔޭގައިތިއްބެވި ފަރާތްތަކަށް ބާއްޖަވެރި ޙަޔާތެއް މިންވަރުކޮށްދެއްވުމެވެ. އާމީން!

ނޯޓް: މަޑަވެލީގެ ރަށްވެހިކަމާބެހޭގޮތުން، އަޅުގަނޑު ލިޔެފައިވާ އެއްވަނަ އަދި ދެވަނަ ބަޔާނަށް ރިޢާރަތްކުރާއިރު ދެކަމެއް ފާހަގަ ކުރެވެ އެވެ. އެގޮތުން ފާހަގަ ކުރެވޭ ފުރަތަމަ ކަމަކީ، މީލާދީން 19 ވަނަ ޤަރްނު ފެށުނު އިރު ވެސް އެރަށަކީ (ސަރުކާރުގައި ދަފުތަރު ކުރެވިފައި ނުވިއަސް) މީހުން ދިރި އުޅޭ ރަށެއްކަމަށް ޤަބޫލުކުރެވޭނެ ހެކިތައް ވަރަށް ގިނަ އެވެ. ދެން ފާހަގަކުރަން ޖެހޭ އެނެއްކަމަކީ، "ކާނޑެއްދުވަށް" ނިސްބަތްވާ އެއްވެސް ބަޔަކު އެރަށުގައި ދިރިއުޅޭ ކަމުގެ ކުޑަވެސް ލިސާނެއް ފެންނަން ނެތް ވާހަކަ އެވެ. (ނުނިމޭ) 
              ------------------------------------------

ލިޔުއްވީ: ޢަލީ ނަޞީރު، ޒޫރިޔާގެ/ މަޑަވެލި
2 ޖެނުއަރީ 2013

މަޢުލޫމާތު:
ދިވެހިރާއްޖޭގެ ޖޯގުރަފީގެ ވަނަވަރު
ޢަލީ އިބްރާހީމް / ޒޫރިޔާގެ މަޑަވެލި
މަޑަވެލީ މުޙަންމަދު ރަޝާދު / ދިންމަނަ،
ޚަދީޖާ ޢަލީ / ސިންކޯނާ،
ފާޠުމަތު ޢަބްދުﷲ / ގްރާމީޒް،