ވިސްނުމުގެ ނަޒަރަކުން- އިންސާނާ













އިންސާނުންނަކީ މަތިވެރި ﷲ އުފެއްދެވި ބަޔެއްނޫންކަމަށާއިއެއީ އުފެއްދެވިފަރާތެއް ނެތް އިއްތިފާގެއްކަމަށް ޤަބޫލުކުރާނޭ އެއްވެސް މުސްލިމަކު ނުހުންނާނެއެވެ. މިހެނީ ހެދި ފަރާތެއް ނެތް އައިނައި ތަނެއްނެތް ނުވަތަ އެ އެއްޗެއް އުފެދުމުގެ ސަބަބެއް ނެތް އެއްވެސް އެއްޗެއް ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް އިރަކު އުފެދޭނެކަމީ ސަލާމަތްބުއްދިއަށް ޤަބޫލުކުރެވޭނޭ ކަމެއްނޫނެވެ.


ޣައިރު މުސްލިމުންގެ ބައެއް ފަރާތްތަކުން ބުނަނީ އިންސާނުންނަކީ (އޭގެޒާތުގައި) ހެދުނު އެއްޗެކެވެ. އިއްތިފާޤެކެވެ. އެއްވެސް ފަރާތެއްގެ އުފެއްދެވުމެއް ނޫނެވެ. އިންސާނާއަށް މި ދުނިޔޭގައި ވީކަމެއް ވެ ނުވީކަމެއް ނުވެ ނިމިގެންދިޔައީމާ އެ ހިސާބުންއެ ނިމުނީއެވެ. އެ މީހަކަށް ދެން އެހެންދުވަހެއް އެހެންތަނެއް އެހެންކަމެއް ނެތެވެ. އިންސާނާގެ އުފެދުމަކީ ރާމާމަކުނު ކަމަށް ބުނާ ބަޔަކު ވެސް ޣައިރު މުސްލިމުންގެ ތެރޭ އުޅެއެވެ. އަދި މި ދުނިޔޭގައި އިންސާނާއަށް ވީކަމެއް ވެ ނުވީކަމެއް ނުވެ ނިމިގެން ދިޔައީމާ ދެން އަލުން އެހެން ސިފައެއްގައިއަނެއްކާ ވެސް މި ދުނިޔެއަށް އިންސާނާ އަންނަނީކަމަށް ބުނާ ޣައިރު މުސްލިމުން ވެސް އުޅެއެވެ.

އެއްޗެއް ހެދުމަށްޓަކައި މީހަކު ކުރި މަސައްކަތެއްގެ ތެރޭ ވީނުވީ ގޮތެއް ނޭނގިކުރެވުނު ނުކުރެވުނު ކަމެއް ވެސް ނޭނގި ކޮންމެވެސް އެއްޗެއް ހެދޭ ގޮތެއްވުމަކީ ވެދާނެކަމެކެވެ. އެހެންވެއްޖެ ނަމަ އެއީ އިއްތިފާގެކޭ ބުނެވިދާނެ އެވެ. އަދި އެއީ އެހެން އުޅެނިކޮށް އެ މީހަކަށް ކުރެވުނުކަމެކޭވެސް ބުނެވިދާނެ އެވެ. މިހެނީ އެ އެއްޗެއް އެ ހެދުނީ ކިހިނެއް ކޮންކަމެއް ކޮން ގޮތަކަށް ކުރީމާ ކަމެއް އެ މީހަކަށް ވެސް ނޭނގެއެވެ. އެހެންއުޅެނިކޮށް އެ މީހަކަށް ކުރެވުނު ކަމަކީއެވެ. ހެދުނު އެއްޗަކީ އެވެ. ކޮންމެހެން އެ މީހަކަށް އެނގިގެން ކުރި ކަމެއްނޫނެވެ. ނަމަވެސް މީސްތަކުންގެ ލޮލަށް ފެންނަ އަތުންހިފޭ އުފައްދަމުން ނެތެމުންދާ މާއްދީއެއްޗިއްސަކީ "އެއްގޮތް" އެއްޗެހިކަމަށް ވުމަކީ އެ އެއްޗެއް ހަދަންޖެހޭ ގޮތާއި އެ ކަމުގެ ވާނުވާ އެ ފަރާތަކަށް ރަނގަޅަށް އެނގިގެން ކުރިކަމެއްކަމަށް ނޫނީ ނުވާނެ އެވެ. އެހެންވީމާ އެއީ އިއްތިފާގެކޭ ނުވަތަ ވީކަމެކޭ ބުނެވޭކަށް ނޯންނާނެއެވެ. އިއްތިފާގަކީ ތާއަބަދު އެއް ގޮތަކަށް އެއް ވައްތަރަކަށް ތަކުރާރުވަމުންދާ ކަމެއްކަމަށް ދުވަހަކު ވެސް ނުވާނެއެވެ.

އިންސާނުންނަކީ މާއްދީ އުފެއްދުމެއްނޫނެވެ. ދުނިޔޭގައި ތިބޭ ބަޔަކު ކުރާކަމެއް ނޫނެވެ. އަދި އިއްތިފާޤެއް ވެސް ނޫނެވެ. އިންސާނުންނާ މެދު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އިންސާނުން އުފެއްދެވުމަށް ބޭނުންފުޅުވެވޮޑިގެން އަދި އެ ކަން ކުރައްވާނެ ގޮތް ވެސް ރަނގަޅަށް އެނގިވޮޑިގެން އެ ކަން ކުރެއްވީ އިންސާނާގެ ވެރި މަތިވެރި ﷲ ކަމެވެ. އެ މަތިވެރި އިލާހު ސީދާ އިންސާނުން އުފެއްދެވުމަށްބޭނުންފުޅުވެވޮޑިގެން އެ ކަމަށް އިރާދަކުރެއްވި ހިނދު އިންސާނާ (އާދަމް ޢަލަހިއްސަލާމް) އުފެއްދެވީއެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެހެނިހެން އިންސާނުން އުފެއްދެވުމަށް ވެސް އިރާދަކުރެއްވީ އެވެ. މިހެނީނެތުމުގެތެރެއިން އިންސާނުން އުފެދެމުން ނެތެމުންދާތާ އެތައް ޒަމާނެއްވާއިރު (ދުނިޔެ ނިމުމާއިހަމައަށް ވެސް) އެކަން އެ ގޮތަށް ކުރައްވަން މަތިވެރި ﷲ ފިޔަވައި ދިރިދެމިވޮޑިގެންވަނީ އެހެންކޮންފަރާތެއްހެއްޔެވެ.

މަތިވެރިއިންސާނާ އުފެއްދެވީ އެ މަތިވެރި އިލާހަށް އަޅުކަންކުޅައުމަށެވެ. އެއީއިންސާނާގެ އެ އަޅުކަމުގެ (ހެޔޮޢަމަލުގެ) އެންމެހައި މަންފާއެއް ވެސް ހަމަ އެ އިންސާނާއަށް ލިބޭ ގޮތަށެވެ. މިހެނީ އެ މަތިވެރި އިލާހު އުފެއްދެވިއިންސާނަކު އެ މަތިވެރި އިލާހަށް އަޅުކަންކުޅައުމަކުން އަދި ނުކުޅައުމަކުން ވިޔަސް އެ ކަމަކުން މަތިވެރި އިލާހަށް ހުރި އެއްވެސް މަންފާއެއް ނުވަތަގެއްލުމެއް ވިޔަސް ނެތެވެ. އޮތްކަމެއް އޮތީ ހަމަ އެ އިންސާނާއަށެވެ. ދުނިޔެއޭ މި ކިޔާ ތަނަކީ އިންސާނާގެ އެ އިމްތިޙާން ހިނގަމުންދާ މާލަމެވެ. (އެ އިމްތިޙާނުން ފާސްވެއްޖެ ނަމަ އެ މީހަކަށް އޮތީ އިންސާނެއްގެ ޚިޔާލަށްދުވަހަކު ވެސް ނުގެނެވޭނޭ ފަދަ ރަޙުމަތާއި އުފާވެރިކަމުގެ ދެވަނަ މިސާލެއް ނެތް ނިއުމަތުގެ ޖަންނަތެވެ. ފާސްނުވެ ފެއިލްވެއްޖެ ނަމަ އޮތީ އިންސާނެއްގެޚިޔާލަށް ދުވަހަކު ވެސް ނުގެނެވޭނޭ ފަދަ ވޭންދެނިވި ޢަޛާބުގެ ނުބައި ޖަޙީމެވެ. މި ދެ ތަނުން އެ އިންސާނާ ޚިޔާރުކުރަނީ ކޮންތަނެއްތޯ މި އިމްތިޙާނުން ކަށަވަރުކޮށް ދެނެގަނެވޭނެ އެވެ.)

މަތިވެރިއުފެއްދެވި ކޮންމެއިންސާނަކީ ވެސް އެ މީހެއްގެ އިމްތިޙާނުގެ ވަގުތުހަމަވުމުން އިމްތިޙާނުގެ ހޯލުން ނުކުމެ އައިކޮޅަށް އެނބުރި ދާންޖެހޭ މީހެކެވެ. މުޅިން ނުނިމޭ "ޕޭޕަރެއް" އޮވެގެން އެންމެ ސިކުންތަކަށް ވެސް އެ ހޯލުގައި އިތުރު ވަގުތަކަށް މަޑެއް ނުކުރެވޭނެ އެވެ. އެކަމަކަށް ދެއްކޭނޭ ޢުޛުރެއް ވެސް ނޯންނާނެއެވެ. "ވަގުތު ހަމަވީ" އެވެ. އެނބުރި ދާންޖެހެނީ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްމީހުންނާއި މިލްކުގައި ހުރިނަމަ ހުރި ފައިސާގެ އެކައުންޓްތަކާއި ރިސޯޓްތަކާއި ކުންފުނިތަކާއިއިންވެސްޓްތަކާއި ބިންބިމާއި ބުރިބުރީގެ ޢިމާރާތްތަކާއި އަގުބޮޑު ވެހިކަލާއި އުޅަނދުތަކާއި އުފުލައިގަތުމަށް ދަތި ބުރަދަންހުރި މަޤާމްތަކާއި މިފަދަ ހުރިހާ އެއްޗަކާއި ކަމަކާއި ވެސް ދޫކޮށްލައި "ހުސް އަތާ" އެވެ.ދާންޖެހޭ ހިސާބުގެ ބޯޑަރު ހުރަސްކޮށް ވަކި ޕާސްޕޯރޓެއް ވަކި ފާހެއް އޮތަތީވެ އެއްވެސް އެއްޗެއް ނުގެންދެވޭނެ އެވެ. ބޯޑަރ ޗެކް ޕޮއިންޓުގައި ތިބޭ ގާރޑުންނަށް "ތަކެއްޗަށް ލުޔެއް" ހޯދުމަށްޓަކައި ދެވޭނޭ "ސަޔެއް" ވެސް ނޯންނާނެ އެވެ.

ކަންހުރީ މިހެންކަމަށްވާއިރު އިންސާނާ އުޅެންއޮތީ ހަމައެކަނި މި ދުނިޔޭގައިނޫންކަމާއި އަދި ދާންޖެހޭ އެހެން ދުނިޔެއެއް ވެސް އެބައޮތްކަމަށް ޤަބޫލުކޮށް އެ ކަމުގެ ތައްޔާރީގައި އަބަދުމެހުރުން ރައްކާތެރިވެފައި ބުއްދިވެރިއެވެ. މި ތާނގައި ތިމާ އުޅޭނެގޮތަކަށް އުޅެން އަދި ދުވަސްއެބައޮތޭ ހީކުރުމަށްވުރެ ވަކި މޮޔަކަމެއް އިންސާނަކަށް ނޯންނާނެއެވެ. މިހެނީ އައިކޮޅަށް އެނބުރި ދާންޖެހެނީ ކޮންދުވަހަކު ކޮންވަޤުތަކު ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އިންސާނާ އުފަންވުމާއެކު އެ އިންސާނާގެލޮލަށްނުފެންނަ ކަންފަތަށް އަޑުނީވޭ ބުއްދިއަށް ވަޒަންނުކުރެވޭ އެ މީހާގެ އަމިއްލަ ޙަޔާތުގެ ޓައިމަރު ހިނގަންފެށީއެވެ. އޭގެ ހިނގަމުންދާ ކަށި ޒީރޯއަށް ހުއްޓޭނީ އިތުރު އެލާރމަކާ ނުލައެވެ.
                              --------------------- 
ލިޔުނީ: ޢަބުދުﷲ ޙިލްމީ
1 ޖެނުއަރީ 2013