މަޑަވެލީގެ ރަށްވެހިކަން – ހަތްވަނަބައި

ދޮންބީފާނާއި ކައިވެނި ބެއްލެވީ "ކަމަލޭ" ނިޔައުވުމުން ނެވެ. ކަމަލޭގެ ބަނޑަށް ލިބިފައިވާ ބައެއް ކުދިންނަކީ، ބޮޑުގޭ އާދަމްފުތާއި، ބޮޑުގޭ އަހަންމަދުފުތާއި އަދިވެސް ބައެއް ކުދީންނެވެ. މޯރޒްބީ (މޮރަސްބީ) ލިޔެފައިވަނީ، ހުވަދުއަތޮޅަށް އޭނާ ދުރުވިއިރު މަޑަވެއްޔަކީ ފަޅުރަށެއްކަމަށާއި ވާރުކުރަނީ ހޯނޑެއްދޫގައި ކަމަށެވެ. ވުމާއެކު، މިއީ އުފެދޭ ސުވާލެކެވެ. މިސުވާލާއިމެދު  އަޅުގަނޑަށްލިބޭ ޖަވާބަކީ، އޭނާއެގޮތަށް ލިޔެފައި އެވަނީ، އޭނާއަށް ސަރުކާރުން ދެއްވި، ހުވަދުއަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓްގައި، ލިޔުމުގެ ކުށަކުންކަމަށްވިއަސް މަޑަވެލީގެ ނަން ހިމެނިފައިނުވާތީ އެވެ. ނުވަތަ ސަރުކާރުގެ ދަފްތަރުގައި އަދި އޭރު އެރަށް ރަޖިސްޓްރީކުރެވިފައިނުވާތީ އެވެ. ކޮންމެއަކަސް އިސްވެ ބަޔާންކޮށްފައިވާ މަސްދަރު ނުވަތަ ބޮޑުކަލޭފާނުގެ ވާހަކަ އެއީ އޭރުވެސް އެރަށުގައި މީހުން ދިރިއުޅޭކަން ސާބިތުކޮށްދޭ މަސްދަރެކެވެ. 


ދޮންނެއިގެ ޢާއިލާގެ މީހުން ވަޒަންވެރިވީ، އަސަރީގެ އާއި، ފެކްޓަރީގެ އިން ދެކުނަށް، ރޯނުގެ އާއި، ކެނެރީގެއިން، އުތުރަށް ބޮޑުމަގުގެ އިރުމަތީގަ އެވެ. އަދި އެއީ އަޅިވިލާގެ އާއި، ސިންކޯނާ ގޭގެ ހުޅަނގު ފަރާތެވެ. އެހެން ނަމަވެސް ހަމަ އެދުވަސްވަރު ހިޖްރަކުރި، މާލިން މޫސާގެ ޢާއިލާގެ މީހުން ވަޒަންވެރިވީ، ހިމިތީގޭ އެހުރި ސަރައްހަދުގަ އެވެ. (އެއީ އެއްގަމުގެއާއި ދިހަރޭގެ އެވެ.) މީލާދީން 1930 ގެ އަހަރުތައް ނިމުނުއިރު އާބާދީ ފެތުރިފައިވަނީ، ހިރުދުމާގެ، ގާރޑްނިންގގެ، ސަންލައިޓްގެ އާއި، އެމްބަސީގެއިން ފެށިގެން ދެކުނުން އަދި ގްރީންވިލާ އާއި ބަށިމާގޭގެ އުތުރަށް އޮތް ބިމުގެ ސަރަހައްދުގަ އެވެ. އަދި އިރުމަތިން ދިރޭލާލުގެ އާއި، ފެހިގެ އާއި، ފެކްޓަރީގެ އާއި، ދެކުނަށް ރޯނުގެ އާއި، ކެނެރީގޭގެ އުތުރަށް ޝޭޑީވިލާ އާއި، ކަންމަތީގޭގެ ހިމެނޭ ސަރަހައްދުގަ އެވެ.

އެތައްގޮތަކުން އެނގި ކަށަވަރުވާގޮތުގައި ދޮންނެއިގެ ޢާއިލާގައިތިބީ އެއްބަނޑުއެއްބަފާ 7 ފިރިހެން ކުދީންނެވެ. އެ އެމީހުންނަކީ، މަސްވެރިކަމުގެ ބޭނުމުގައި އެރަށުގައި ބަނޑަހަޖެހި ބައެކެވެ. މަސްވެރިކަމުގެ މަސައްކަތުގައި އެމީހުން އެރަށުގައި އުޅެމުން ދަނިކޮށް، ދެން އައީ މާލިން މޫސަގެ ޢާއިލާގެ މީހުންނެވެ. އެ ޢާއިލާގައި ތިބިކަމަށް އެނގިފައިވަނީ، ދެ ޖިންސުގެ 12 މީހުންނެވެ. ނަމަވެސް އެ 12 މީހުންގެތެރެއިން މަޑަވެއްޔަށް އުފަންވެފައިވާކަމަށް ބެލެވިފައިވަނީ، ހަމައެކަނި "މަޑަވެލީ އިސްމާޢީލު ކަލޭގެ" އެވެ. އެ ޢާއިލާގެ އެނޫން ބައެއް މީހުން އުފަންވެފައިވަނީ، ކެރަމިންތާގަ އެވެ. މާލިންމޫސާ ނުވަތަ މޫސާ މާލިމީއަކީ، އެކިދުވަސްވަރު އެ އަތޮޅުގެ އެކިއެކި ރަށްރަށުގައި ދިރިއުޅުން ވޭތިކޮށްފައިވާ ބޭކަލެކެވެ. މާލިން މޫސާގެ އިތުރު ތަފްޞީލް، އޯގަސްޓް 2011މ. ފަތްތޫރައިގެ ޞަފްޙާ 1 ން 4 އަޅުގަނޑު ލިޔެފައިވާނެ އެވެ. އަދި މި މާލިން މޫސަ ނުވަތަ މޫސާ މާލިމީގެ ވާހަކަ "ކުރީގެ ހުވަދު އަތޮޅު" މި ފޮތުގައިވެސް ލިޔެފައިވާނެ އެވެ. މި ޢާއިލާއަށް ނިސްބަތްވާ މީހުންގެތެރެއިން އެންމެބޮޑަށް ފާހަގަކުރެވޭ ޝަޚްޞިއްޔަތަކީ "ހުވަދު އަތޮޅުގެ އަތޮޅުވެރިކަން" ދެފަރެއްގެ މަތިން 31 އަހަރު ކުރެއްވި ހަވަރުތިނަދޫ އަލްމަރްޙޫމް ޙާޖީ މުޙައްމަދު ކަލޭފާނެވެ. އޭނާއަކީ އެއަތޮޅުގެ ތަޢުލީމުގެ ބާނީއެވެ. މާލޭ ދެކުނުގޭ ދެކުނުގޭ ދޮންމަނިކުގެ ނާޒިރުކަމުގެ ދަށުގައި ހަވަރުތިނަދޫގައި ޤާއިމުކުރެއްވި "މަދަރުސަތުލްއަޞްބާޙް" އެއީ އެ އަތޮޅުގައި ޢަރަބި ކިޔަވައި ދެއްވި ފުތަރަމަ އިސްކޫލެވެ. (މަޑަވެލީގެ ދަރިކޮޅުތަކާއި، ޙާޖީ މުޙައްމަދު ކަލޭފާނާއި އަދި ދެކުނުގޭ ދޮންމަނިކުގެ އިތުރު ތަފްޞީލްތައް ﷲ ގެ މިންވަރުފުޅާއެކު، ފަހުގެ ބަޔާންތަކެއްގައި ގެނެސްދެވޭތޯ ބަލާނަމަވެ. 
ދިވެހި ރާއްޖޭގެ އެހެނިހެން ރަށްތައް ފަދައިން، މަޑަވެލީގައި ވެސް އެންމެ ފުރަތަމަ ފެށިފައިވަނީ، ވޮށުފިލާގެ ތަޢުލީމުކަމަށް ވިއަސް، ދުވަހު ހިނގާ ކަންކަން ނޯޓުކުރާ ސަރުކާރުގެ ފޮތުގައި ލިޔެފައިވަނީ، މުޙައްރަމް 29، 1371ހ. ގައި މާލޭގެ ނާދީގައި އޮތް ޓެސްޓެސްގައި އެރަށު ފާޠުމަތު އަނީސް ބައިވެރިވެފައިވާކަމަށެވެ. ހަމަ އެދުވަސްވަރު ސީކޯގެ / އާދަމް ނަފީސް (ފަހާގޭތުއްތު) ސަރުކާރުން މާލެ ގެންގޮސް ދާރުލްޢުލޫމުގައި ކިޔަވައިދެއްވި އެވެ. އޭނާ ކިޔެވި ބެޗުގެ ބައިވެރީންގެތެރެއިން ޑރ.މުޙައްމަދު ޒާހިރު ޙުސައިން އާއި، އަލްއުސްތާޒް އަޙުމަދު އާދަމް ފަދަ ބޭފުޅުން ފަހުން މިސްރުން ކިޔަވާ ވިދާޅުވި އެވެ. މ.ވާރޭވިލާ ޢަލީ ހުސައިނަކީ ވެސް އެދުވަސްވަރު ދާރުލްޢުލޫމުގައި ކިޔަވަން އުޅުއްވި ޠާލިބެކެވެ. ސަރުކާރުން އެފުރުޞަތު ދެއްވުމުން އާދަމް ނަފީސް، މިސްރަށް ނުދިޔަ ކަމަށް ވިއަސް އޭނާއަކީ، އެނާ ކިޔެވި ބެޗުގެ ޠާލިބުންގެ ތެރެއިން އެއްވަނަ ދަރަޖައިގައި ފާސްވަމުންދިޔަ ޠާލިބެކެވެ. އެރަށުގައި އެންމެ ފުރަތަމަ މަކުތަބެއް ހުޅުވުނީ (ހުވަދު އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި) އަލްމުޙުތަރަމް އަލްމަރުޙޫމް ވީރު ޢަލި ދީދީގެ އަތޮޅުވެރިކަމުގަ އެވެ. ދެފަހަރުމަތިން އޭނާ އެ މަޤާމު ފުރުއްވީ، ޖޫން 19، 1944މ. ން އޮކްޓޫބަރ 22، 1952މ.ގެ ނިޔަލަށެވެ. މިދެންނެވި، މަދަރުސާގެ ހިޔާވަހިކަމުގެ ދަށުގައި އެރަށުގެ އެތައްބަޔަކު ތަޢުލީމު ޙާޞިލުކުރުމުގެ ސަބަބުން ރަށުގެ އައްޑިހައިން ސައްތަ މީހުންނަކީ، ކީރިތި ޤުރްއާނާއި ޢަރަބިތާނަ ލިޔަންކިޔަން ދަންނަ މީހުންވެ. ނަމަވެސް މީލާދީން 1960 ގެ އަހަރުތައް ފެށުނު އިރު ވެސް އެރަށުގައި ތިބީ ހިސާބު ޢިލްމު ދެނެލައްވާ ދެތިން ބޭކަލުންނެވެ. އެ ބޭކަލުންގެ ތެރޭގައި ރޯނުގޭ އަލްމަރްޙޫން ޢުޘްމާނު ޒަކީގެ އާއި، ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޢަބްދުއްރަޙުމާނުގެ ނަން ފާހަގަ ކޮށްލަން ޖެހެ އެވެ. 

އާދެ! 1970މ. ގެ އަހަރުތައް ނިމުނުއިރުވެސް ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އޮތީ ވޮށުފިލާ ތަޢުލީމެވެ. ވޮށުފިލާއިން ގޭގައި (ހަމައެކަނި) ޤުރުއާން ކިޔަވައި ދިނުމުގައި އެރަށުން ފާހަގަކުރެވޭ އެދުރުބޭކަލަކީ، އެމްބަސީގޭ އަލްމަރްޙޫމް ދޮންފުތު ޢުމަރެވެ. (އޭނާއަކީ، މަޑަވެލީ އިސްމާޢިލުކަލޭގެ އަލިފުތުގެ ޢުމަރުގެ ދޮންފުތެވެ. މަންމައަކީ، އަސަރީގޭ / މުޙަންމަދު ކައްތިކަލޭގެ ޚަދީޖާ ނުވަތަ ކައިދާ އެވެ.) ދެން ފާހަގަކުރަން ޖެހޭ އަނެއް އެދުރުބޭކަލަކީ، އެދުރުގޭ މޫސާ ފަތުޙީ އެވެ. މިހާރުވެސް (އޭޕްރީލް 2012މ.) އޭނާ ދުނިޔޭގައި އެބަ ހުންވި އެވެ. (އޭނާގެ ބައްޕައަކީ ކެރެއްދޫގޭ ދޮންއަލިފުތުގެ ދޮންމަރިޔަމް ދިޔަގެ ޔޫސުފު އެވެ. މަންމައަކީ، އަސަރީގޭ / މުޙަންމަދު ކައްތިކަލޭގެ ފާޠުމާ ނުވަތަ ފާތިޔެ އެވެ.) ޒަމާނީ އުޞޫލުތަކާ އެއްގޮތަށް ކަންކަން ބުރުސޫރަ ކުރުމުގެ ގޮތުން "މަކްތަބުލްމޫސީޤީ" ގެ ނަމުގައި މަކުތަބެއް، އޭނާ ރަޖިސްޓްރީކުރީ، މީލާދީން 1990 ވަނަ އަހަރު އެވެ. އެއަހަރު މަޑަވެލީ ޕްރައިމަރީ ސްކޫލުގެ ނަމުގައި އެރަށު ކަނޑުފެންނަގޭ ޢަބްދުލްކަރީމު ވެސް މަދަރުސާއެއް ރަޖިސްޓްރީ ކުރި އެވެ. އެ ދެމަދަރުސާ، ރަޖިސްޓްރީ ކުރުމުގައި އުޅުނީ، އަޅުގަނޑެވެ. މި ދެބޭކަލުންނަކީ، އޭރު ވެސް ކިޔަވައިދިނުމުގައި ގިނަ އަހަރުތަކެއް ވޭތުކޮށްފައިވާ ދެބޭކަލުންނެވެ. (ޢަބްދުލްކަރީމުގެ ބައްޕަ އަކީ މުޙައްމަދު ކައްތިކަލޭގެ މުދިން ޙަސަނުގެ މުދިންޔޫސުފް އެވެ. އެނާގެ މަންމައަކީ، ދޮންނެއިގެ ދޮންއަލިފުތުގެ އުސްމާނުގެ ފާޠުމާ ނުވަތަ ފާތިންދިޔެ އެވެ.) އާދެ! އެންމެ ގިނަ ބަޔަކަށް އިސްމާލީ ތަޢުލީމު އުނގަންނައިދެއްވި އެދުރުބޭކަލަކީ، ކަނޑުފެންނަގޭ / އަލްމަރުޙޫމް ޢަބްދުލްކަރީމް (އަޅުގަނޑުގެ އުސްތާޒު) އެވެ. ކަރީމްބެއްޔާއަކީ، މާލޭ ދެކުނުގޭ ދޮންމަނިކު އަރިހުން ޢަރަބި ތަޢުލީމު ޙާޞިލު ކުރެއްވި އެންމެއިސް ދަރިވަރުންގެތެރޭގައިހިމެނޭ ބޭކަލެކެވެ. ދޮންމަނިކުގެ ނާޒިރުކަމުގައި ހަވަރުތިނަދޫގައި އެންމެ ފުރަތަމަ "މަދަރުސަތުލްއަޞްބާޙު" ގެ ނަމުގައި މަދަރުސާއެއް ހުޅުވީ، އޮކްޓޫބަރ 2، 1931މ. (ޖުމާދިލްއައްވަލް 17، 1350ހ.) ގައި ހުވަދު އަތޮޅުގެ ވާރުވެރިޔާ ޙާޖީ މުޙަންމަދު ކަލޭފާނެވެ. (މަޑަވެލީ އިސްމާޢީލް ކަލޭގެ މޫސަގެ މަރިޔަމުގެ މުޙައްމަދު ކަލޭފާނަކީ، ހުވަދު އަތޮޅުގެ ތަޢުލީމުގެ ބާނީ ކަމުގައި ދަންނަވަން ޖެހެ އެވެ. މަޑަވެލީ މޫސިއާއަކީ ޝަޚްޞިއްޔަތެއްކަމުގައި އަޅުގަނޑު ދަންނަވާފައިއެވަނީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ.)
    
ޢަބްދުލްކަރީމު ނިޔާވަންދެން ވެސް އޭނާގެ ނަމުގައި ހިންގާފައިވާ އެއިސްކޫލަކީ، މެދުނުކެނޑި 10 އަހަރު ހިންގާފައިވާ އިސްކޫލުތަކުގެ ވެރިފަރާތަށް "ސަރުކާރުން" ކޮންމެ އަހަރަކު ދެއްވަމުން ގެންދެވި -/2000ރ (ދެހާސް ރުފިޔާ) ލިބެމުންދިޔަ އިސްކޫލެ ކެވެ. ކޮންމެއަކަސް 1970މ. ގެ އަހަރުތަކަކީ، އެ ރަށުގެ ގިނަ ބައެއްގެ ހިތްތަކުގައި ތަޢުލީމަށްޓަކައި ދަހިވެތިކަން އަށަގަންނަމުންދިޔަ ދުވަސްވަރަކަށްވާތީ، ދެން ވުޖޫދުވީ، ޝީޒަން / މުޙަންމަދު ރަޝީދުގެ ނަމުގައި ރަޖިސްޓްރީކުރި މަކުތަބުއްނޫރެވެ. އެ އިސްކޫލުގެ އިސް ޙަރަކާތް ތެރިންގެ ތެރޭގައި މަޑަވެލީ ކުޑަކަތީބުކަމާއި އަދި ކަތީބުކަން ކުރެއްވި އޭސިއާ / އަލްމަރުޙޫމް އަޙުމަދު ވަޙީދާއި، ސީސަކަރުގޭ އަލްމަރުޙޫމް ޢަބްދުﷲ ޝަކީބާއި، ދީނާރު / އަލްމަރުޙުމް މުޙަންމަދު ވަޙީދު ޙަސަން އާއި، ހެޕީސައިޑް / ޢަބްދުއްރައްޒާޤް ޢަބްދުއްރަޝީދާއި، ރިޒްލާ /  ޢަލީ ވަޙީދާއި، ވެލީ / އިބްރާހިމް ޝަމީމު ހިމެނެ އެވެ. އެ އިސްކޫލުގައި ކިޔަވައިދިނީ ދިވެހި، އިސްލާމް އަދި ހިސާބެވެ. (ވެލީ / އިބްރާހިމް ޝަމީމަކީ، މިހާރު ވެސް ކުދިންނަށް ކިޔަވައިދެއްވާ ބޭކަލެކެވެ.) ހަމަ އެދުވަސްވަރު "ނޫރާނީ އިސްކޫލު" ގެ ނަމުގައި ޤަމަރީ / މުޙަންމަދު ސަޢީދު ވެސް އިސްކޫލެއް ރަޖިސްޓްރީކޮށްގެން ހިންގި އެވެ. އޭނާއަކީ، ތަޢުލީމާއި އަދި މި ނޫން ވެސް އެކިއެކި ރޮނގުތަކުން ގިނަގުނަ ޚިދުމަތްތަކެއް އެތަށަށް ކޮށްދެއްވި ބޭކަލެކެވެ. 

އާދެ! މިދެންނެވި ގޮތުގެމަތީން ތަޢުލީމީ "ނަވުގެ" ދަތުރުތައް ފެއްޓެމުން ހުއްޓެމުން ކަހަލަ ގޮތަކަށް ކުރެވެމުން ގޮސް ދެން އުފެދުނީ، މަޑަވެލީ ރައްޔިތުން ހިންގި، މަޑަވެލީ އިސްކޫލެވެ. އެ އިސްކޫލު ހިންގީ، ކުރިން ރަށްވެހިގެ އާއި، މަދަރުސާއި، ރަށުއޮފީހާއި، ނާއިބު އޮފީސް ހިންގި އަދި މިހާރުގެ ޒުވާނުންގެ މަރުކަޒް އެހުރި މަޑަވެލީ ބައު އިސްކޫލު އެވެ، ކިޔާ ތަނުގައި އެހުރި ޢިމާރާތުގަ އެވެ. އެ އިސްކޫލުގެ "ބެޖް އަދި ލޯގޯ" ކުރަހައި އިދާރީ ގޮތުން ބޭނުންވާ އެހެނިހެން ކަންކަން ކުރެއްވީ ދިންމަނަ / މުޙަންމަދު ރަޝާދެވެ. އެދުވަސްވަރަކީ، ޓެސްޓް ފޮތްތައް ގަތުމުގެ ތަނަވަސްކަން ބެލެނިވެރީންގެ ކިބައި ނެތް ދުވަސްވަރެއްކަމަށްވާތީ، އޭރު އެ އިސްކޫލުގައި ކިޔަވައިދޭ މިންގަނޑުކަމަށްވާ، ގުރޭޑް 1 ން 6 ށް ކިޔަވައިދޭން ބޭނުންވާ ޓެކްސްޓް ފޮތްތައް އިސްކޫލަށް ހަދިޔާ ކުރީ (1990މ. ވަނަ އަހަރު ރަޖީސްޓްރީ ކުރި) މަޑަވެލީ ޒުވާނުންގެ ދިރުމުގެ ފަރާތުންނެވެ. އަދި އެ ޖަމްޢިއްޔާގެ ޚަރަދުގައި މުދައްރިސަކު ތަމްރީނުކުރުމަށް ވެސް ޚަރަދުކުރި އެވެ. ވީނަސް / މުހަންމަދު އަމީޒާއި، ހިމިތީގެ އާދަމް ޢަލީގެ މަސްއޫލުވެރިކަމުގައި ރަޖިސްޓްރީކުރި އެ ޖަމްޢިއްޔާގެ ރައީސަކީ، އަޅުގަނޑެވެ. (ރައްޔިތުންގެ ނަމުގައި ހިންގި މަޑަވެލީ އިސްކޫލަށް އެންމެގިނައިން އެހީތެރިވެއްދެއްވީ ސޫރަޖް / އަބްދުﷲ މުޙަންމަދެވެ.) އާދެ! މިދެންނެވި އިސްކޫލުގެ ޚިދުމަތް ފަހުން ބަދަލުވީ، މާރިޗް 15، 1997މ. ގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.މުޙަންމަދު ލަޠީފު ބިންގާ އަޅުއްވައިދެއްވި އަދި ފެބްރުއަރީ 6، 2000މ. ގައި ކިޔަވައިދޭން ފެށުނު (ދެބުރިއަށް ޢިމާރާތްކޮށްފައިވާ) މަޑަވެލީ އިސްކޫލަށެވެ. މިހާރު އެއީ ސަރުކާރުން ހިންގާ އިސްކޫލެކެވެ. ކޮންމެ އަކަސް އެދުވަސްވަރު އެރަށުން ލިބެން އޮތް ބިމަކީ، މާޒީގޭ އުތުރުން އޮތް ޗަސްބިންކަމަށްވާތީ، އެ ބިން އަލްއުސްތާޒް މުޙައްމަދު އިބްރާހީމް ލުޠުފީ އަށް ކަމުނުދިުމުގެ ސަބަބުން، އިތުރު އެހެން ބިމެއް ލިބޭން ނެތުމާއެކު، ދެބުރިއަށް އިސްކޫލު ޢިމާރާތެއް ޤާއިމުކުރުމަށް، އެޑިޔުކޭޝަން މިނިސްޓަރ އަލްއުސްތާޒް މުޙަންމަދު ޒާހިރު ޙުސައިން ހަމަޖައްސަވާފައި ވަނިކޮށް ފަޅުފުންކޮށް ބިންހިއްކުމުގެ މަޝްރޫޢަށްފަހު، ބިން ލިބުމުން ވެސް އެ ޢިމާރާތްކުރީ، ކުރިން ހަމަޖައްސަވާފައިވާގޮތަށް ދެބުރިއަށެވެ. އެ ޢިމާރާތަކީ، އޭރުގެ ކަތީބު އޭސިއާ / އަޙުމަދު ވަޙީދު ކުރެއްވި މަސައްކަތުގެ ކާމިޔާބެވެ. އޭނާ ކުރެއްވި މަސައްކަތުގައި އަޅުގަނޑު ބައިވެރިވީ މެވެ. (ނުނިމޭ)