އޭސީ ކޯޕަރޭޝަނުން ޑުރައިވަރެއްގެ ވަޒީފާއަށް އިޢުލާނު ކުރުމުން އެކަމާބެހޭ ފޯމު ފުރައި އެތަނަށްލީމާ، ދިހަދުވަސް ފަހުން އިންޓަވިޔުއަށް އެތަނަށް ދިޔުމަށް އާދަނަށް އަންގައިފިއެވެ.
އެހެންވެ އެންގި ގަޑިޔަށް އެތަނަށް ދިޔައިރު އެވަޒީފާއަށް އެދިފައިވާ ތިރީހަކަށް މީހުން އެތާ ތިއްބެވެ. އާދަނާއި ޖެހުމުން އެތެރޭގެ ކޮޓަރިޔަކަށް އޭނާ ވެއްދިއިރު ހަތަރުމީހަކު ތިބި ކޮމިޓީއެއްގައި ސުވާލުކުރައްވަން އިންނެވީ، އެތާނގެ އެންމެ އިސް މާޖިދުގެ ދަށުން ހަތަރުވަނަޔަށް ހުންނަވާ ޒުހޫރެވެ. އާދަނު ވަދެ އިށީނުމުން އޭނާގެ ކަމާބެހޭ ފޯމާއި އައިޑީ ކާޑާއި އެހެނިހެން ލިޔުންތައް ޒުހޫރު ބެއްލެވިއެވެ.
ޒުހޫރު:
މިތަނުގެ ޑުރައިވަރަކަށް
އާދަނު ކުރިމަތިލީ ކީއްވެ؟
އާދަނު:
މިއީ ސަރުކާރުގެ
ތަނަކަށްވާތީ އިންޞާފުވެރިކަމާއެކު ވަޒީފާ ހަމަޖެހޭނެ ކަމަށް ދެކިގެން. އެކަންވެއްޖެނަމަ
ސަލާން ނުޖަހައި ދަރިންނަށް ކާންބޯންވެސް ދެވިދާނެތީވެ. މިހާރު ތަކެތީގެ އަގު
އުޅެނީވެސް އާދައިގެ ނިކަމެތިންގެ އަތްފޯރާފަށަކު ނޫން.
ޒުހޫރު: އެންމެފަހުން
އުޅުނީ ކޮން ވަޒީފާއެއްގާ؟
އާދަނު: ޞޮދުރީ
ފިހާރައިގާ.
ޒުހޫރު: އެތަނުން ވަކިވީ
ކިހިނެއްވެގެން؟
އާދަނު: މިފަހުން ޖީއެސްޓީ ބޮޑުވީމާ
އެތާނގައި ތިބޭ ބޭރުމީހުން ހިތަށްއެރި އަގެއްގައި ހިތަށްއެރި މީހަކަށް
ބޮޑުއަގުގައި އެއްޗެތި ވިއްކާތީ، ނަރަކަޔަށް ދާން ބޭނުންނުވެގެން.
ޒުހޫރު:
އެއްޗެހި ދުއްވައި
އުޅެމުތަ؟
އާދަނު: އެންމެފަހުން
ދުއްވީ ބޭބެގެ ކުޑަ ދޯނި.
ޒުހޫރު: މިހާރު އެއްގަމުގައި
ދުއްވަނީ ކޮންކޮން އެއްޗިއްސެއް؟
އާދަނު:
އިންޖީނުލީ ހުރިހާ އެއްޗެއް
ދުއްވަންވެސް އެނގޭ. އެކަމަކު މިހާރު ދުއްވަނީ ބައިސިކަލު. އެއީ އެންވާރުމެންޓަށް
ބަލަން ޖެހޭތީ. ދުއްވާ އެއްޗެތީގެ ދުމުން ޖައްވު ނުސާފުވިޔަ ނުދޭން. އެހެންޏާ،
އިހަކަށް ދުވަހުވެސް މީހުން އުޅުނީ ޖައްވު ނުސާފުވެގެން އެޔެއް މިޔެއް ނޭނގިގެންވިއްޔާ.
ޒުހޫރު:
އާދަނަކީ ކޮން ޕާޓީއެއްގެ
މީހެއްތަ؟
އާދަނު:
މިހާރު އަޅުގަނޑުގެ ނަން އޮތް ޕާޓީއެއް އެނގޭނީ އިލެކްސަނަށް. އެކަމަކު ޕާޓީއަކަށް ވައްދަން ބޭނުންވެގެން އަޅުގަނޑު ގާތަށް ގެނައި ކޮންމެ ފޯމެއްގައި ވާނީ ސޮއިކޮށްފާ. އެއީ ބަޔަކު ކަމަކަށް އެދިގެން އައީމާ ހުސް އަތާ އެމީހުން ނުފޮނުވުމަށް.
ޒުހޫރު:
ސަޕޯޓް ކުރަނީ ކާކަށް؟
އާދަނު:
އަޅުގަނޑު ސަޕޯޓުކުރަނީ ކުރިންވެސް ސަޕޯޓްކުރާ މީހާއަށް. އެއީ އަމީތާބު. އެވަރެއްނެތް. އެވަރުގެ މޮޅު އެހެން މީހަކު އަދިޔެއް ނުފެނޭ. ހިޔެއްނުވޭ މިއުޑުދަށުން ފެންނާނެހެންވެސް.
ޒުހޫރު(ހީލާފައި):
އެންމެރަނގަޅު. ބޮޑު
މީހާއަށް ސަޕޯޓުކޮށްފާނަންތަ؟
އާދަނު:
އަސްތާ! ތިޔަ ކަމެއް
ކުރާކަށް ލާހިކެއްނޫން! ބިރުހުރި ކަމެއް. އައިމިނަ ގޯތީ ކަތްދަ މަރުވީވެސް
ބޮޑުމީހާ އަވަލައި މޮޔަވެގެން. އެހެންނޫނަސް މިހާރު ރޭގަނޑު ހުރިހާ ތަނެއް އަލިގަދަވީމާ
ބޮޑުމީހާ އުޅޭކަމަށްވެސް ނުވޭ. އެހެނެއްނޫން އަޅުގަނޑުމެން ކުޑައިރު އެތަން
މިތަނުން ބޮޑުމީހާ ފެންނަކަމަށްވޭ. އައިމިނަގެ ބަފާ ގޯތިންވެސް ކިތަންމެ ރެޔަކު
ބޮޑުމީހާ ފެނިފާ އެބަހުރި.
މިހާތަނުން އިންޓަވިޔު ނިމުނީ
ކަމާއި ބޭނުންވެއްޖެ ނަމަ އަންގާލާނެ ކަމަށް ޒުހޫރު ވިދާޅުވެއްޖެއެވެ.
+++++++++++++
އިންޓަރވިޔުގެ ފަހުން ދުވަސްތަކެއް
ވެއްޖެއެވެ. އެވަޒީފާ ހަމަޖެހުނު ކަމެއްވެސް ނުޖެހޭ ކަމެއްވެސް އާދަނަށް ނޭނގުމުން
އޭސީ ކޯޕަރޭޝަނުގައި އުޅޭ ރޫބީނާ(ރޫބީ)ގެ ގެޔަށް ގޮސް ރޫބީ ގާތުން ޚަބަރު އަހައިލިއެވެ.
ރޫބީގެ މަންމައާއި އާދަނުގެ އަނބި އައިމިނައާއި ދެބެންގެ ދެދަރިއެވެ.
ރޫބީ:
އާދަންބެ ސިޓީލީ ވަޒީފާ
އެހެންމީހަކަށް ހަމަޖެހި އެމީހާ އެވަޒީފާގައި އެބަ އުޅޭ. އާދަންބެއަށް
ނޭނގެނީތާ. މިހާރު ބައެއް ތަންތަނުން ވަޒީފާދެނީ އެވަޒީފާއަކަށް ގެންނަން ބޭނުންވާ
މީހަކަށް ހެޔޮވަރުކޮށް ފަހާ ކޯޓެއްގެ ގޮތަށް. އެހެންމީހަކަށް ހެޔޮވަރުނުވާ
ގޮތަށް. ކޮންމެހެން ވަކި ފެންވަރަކަށް ބަލައިގެން ނޫން. އެންމެ އިސްކަން ދޭނީ
ނުލަފާ އަޑުގަދަ މީހުންނަށް. ޕޯޑިޔަމްތަކަށް އަރާ ކަރުން ނާރު ފުއްޕާ މީސްމީހުންގެ
އަބުރާ ބެހި، ނެތިނުބައި ގޮވައި އުޅޭ އެކްޓިވިސްޓުންނަށް. ވިސްނާލީމާ މިކަން
އާދަންބެއަށް ވެސް އެނގޭނެ.
ރޫބީނާ ދެއްކި ވާހަކަ އަޑުއަހާފައި
އެގެއިން ނުކުންނަމުން އާދަނުގެ ހިތަށް އެރިއެވެ. މިއޮތީވާ ކަމެކެވެ. މިފެންނަނީ ފަހު
ޒަމާނުގެ ޢަލާމާތެވެ. ކަންކަމަށް
ގާބިލު ނޫން މީހުންނާއި ކަންކަން
ޙަވާލުކުޅައުމެވެ. ބުރަ މަސައްކަތުން
ކިޔެވުމެއް އެނގުމެއްގެ ބޭނުމެއްވެސް ނެތެވެ. ކިޔަވައިގެން ތިބޭ މީހުންގެ މައްޗަށް
ނުކިޔަވައި ތިބޭ މީހުން އިސްވަނީއެވެ. އެނގުމުގެ މައްޗަށް ނޭނގުން އިސްވަނީއެވެ.
ތެދެކެވެ. ގެންދަވާނީ ދައްކަވަން
ހުރި ތަނެއް ދައްކަވާފައެވެ.
--------------------
ޢަބްދުﷲ ޙަސަން،
ހުޅުދުމައިގެ
7 މާރިޗު 2023މ.