މާލޭ ރަސްކަމުގެ ބޮޑުގަނޑުވަރުގެ އުތުފަރާތުން އަތިރިމަތީގައި ހުންނަ
ބޮޑުކޯއްޓޭ ބުރުޒަކީ މާލެޔާއި ޚާއްޞަކޮށް ރަސްގެފާނުގެ ރައްކައުތެރިކަމާއި
ސަލާމަތަށްޓަކައި ހުންނަ ތަނަކަށްވާތީ އެދުވަސްވަރެއްގައި ހުންނެވި ރަސްކަލަކު
ވަރަށް ޚާއްޞަ ކަމެއް އެބުރުޒަށް ބަހައްޓަވައެވެ.
މާލޭގައި ހަދާފައިވާ އެހެނިހެން ސަލާމަތީ ކޮންމެ ބުރުޒެއްވެސް ހުންނަނީ
މެހިތަރެއް ނުވަތަ ބުރުޒު ސަރުދާރެއްގެ ބެލުމުގެ ދަށުގައެވެ. އެކަމަކު ބޮޑުކޯއްޓޭ
ބުރުޒުގެ މެހިތަރަށްވުރެ އިސްކޮށް ޚާއްޞަ ވެރިއަކު ހުރެއެވެ. މިވެރިޔަކު
ހަމަޖައްސަނީ ދޮށިމޭނާކިލެގެ ނޫނެވެ. ސީދާ ބަންޑާރައިންނެވެ. އެކަމަށް
ހަމަޖައްސަވަނީ ބަންޑާރައިން ވަރަށް އިތުބާރު ކުރައްވާ މީހެކެވެ.
ރަސްކަމުގެ އެއްދުވަސްވަރެއްގައި ބޮޑުކޯއްޓޭ ބުރުޒުގެ އިސް ވެރިޔަކަށް
ހުންނެވީ ފެންނަ ފެނުމަށްވެސް ޝަޚުޞިއްޔަތުގެ ވަރުގަދަކަން އެނގޭ މޫސާ
ކަލޭގެފާނެވެ. ދިފާޢީ ހުނަރުތަކާއި ޙަމަލަތަކާއި އުކުޅުތަކަށް ލޯހުޅުއްވިފައިވާ
ހެއްވެކެވެ. މިކަމާއެކު ޢިލްމީ، ސިޔާސީ، ވިސްނުންތެރި މުދައްބިރެއްވެސްމެއެވެ.
ކަލޭގެފާނުގެ ޢިލްމީ އެދުރަކީ މާލޭގައި ހުންނެވި ސައްޔިދު މަތިފުށުގެ ފަގީހެކެވެ.
މޫސާ ކަލޭގެފާނަކީ، ގަނޑުވަރުގެ ހުޅަނގު ފަރާތުން (ފަހުން ވެޔޮގެ ހުރި
ފަރާތުން) ގަނޑުވަރުތެރެއަށް ވަދެވެން ހުންނަ ދޮރޯއްޓަކުން ވަންނަވައި ބަންޑާރައިންގެ
ފައިންޕުޅު ދެކިލައްވާ ބޭކަލެކެވެ. ބޮޑުކިބާގައި ބަންޑާރައިން އަވަހާރަފުޅު
ލައްޕަވާ ވަގުތު، ނުވަތަ ކުޑަކިބާގައި އަނބިކަނބަލުންނާއި ބޭފުޅުންނާ އެކީ
ހުންނަވާ ވަގުތުގައި ނޫން ކޮންމެ ވަގުތަކު ކަލޭގެފާނު ދުރުވި ނަމަވެސް ބަންޑާރައިންގެ
ފައިންޕުޅު ދައްކަވާކަމަށް ވެއެވެ.
ގަނޑުވަރުގައި ބަންޑާރައިން މޫސާ ކަލޭގެފާނާއި ވާހަކަފުޅު ދައްކަވަމުން
ގެންދަވަނިކޮށް މޫސާ ކަލޭގެފާނު އިސްދަށަށް ޖައްސަވައިފިނަމަ އޭގެ މާނަޔަކީ
އެހާތަނުން ބަންޑާރައިން ގިނިކަންޏާ ވާންވީއެވެ. ބަންޑާރައިން ގިނިކަންޏާ
އިންނަވައިގެން އައްސަވަން ޖެހިވަޑައިގަންނަވާ ޒާތުގެ ކޮންމެވެސް ވާހަކައެއް
އޮތީއެވެ. އެހެންވެއްޖެނަމަ އެތާނގައި އޭރު ތިއްބެވި އެހެން ހުރިހާ ބޭފުޅުންނާއި
އަރިހު ބޭކަލުންނާއި ފާރަވެރިންވެސް އެތަނުން ނުކުންނަވަންވީއެވެ. ބުނެވޭގޮތުން
މިއީ ބަންޑާރައިން ހަމަޖެއްސެވި ގޮތެކެވެ.
މާލޭގެ އުތުރު ފަރާތަށް ފަޅުއޮޑިފަހަރު ލަފައި ފުރާ ހިސާބަށް މޫސާ ކަލޭގެފާނު
ދުރުވެ އުޅުއްވައެވެ. ކަލޭގެފާނު ޢާއްމުކޮށް އެތަނަށް ދުރުވަނީ ފަތިސް ނަމާދާއި
ޢަޞްރު ނަމާދުގެ ފަހުންނެވެ. މިގޮތަށް ދުރުވާތީ އެއީ ބޮޑުކޯއްޓޭ ބުރުޒުގެ
ކަލޭގެފާނު ކަން ފަޅުއޮޑިފަހަރުން އައިސް ގޮސްވާ މީހުންވެސް ދަނެއެވެ.
ރާއްޖޭގެ ރަށްރަށުން އަންނަ މީސްމީހުންގެ ގާތުން އެރަށްރަށުގެ ޙާލު އަޙުވާލު
އޮޅުންފިލުއްވައި އެމީހުންނަށް ހުރި ފަސޭހަޔަކާއި ދައްޗަކާއި ތުރާލަކާއި ކަންކަން
ހުރި ނެތް ގޮތެއް ބެއްލެވުމުން ބަންޑާރައިންނާއި އަދި ރަސްކަމުގެ ތެރެއިން
ކުރައްވާ ކަންކަމާމެދު އެމީހުންގެ ގަބޫލު ނުގަބޫލާއި ރުހުން ނުރުހުން އޮތްގޮތެއް
މޫސާ ކަލޭގެފާނަށް އެނގިލައްވައެވެ. އެފުރުޞަތު ކަލޭގެފާނަށް ލިބިލައްވައެވެ. މިހެންވުމުން
އޭގެތެރޭ ބަންޑާރައިންނާއި ރަޢިއްޔަތުންގެ މަޞްލަޙަތާއި ލާބައާއި މަންފާއަށް އޮތް
ކަމެއް ވާނަމަ އެކަމެއް އަދި އެނޫން ކަމެއްވާނަމަ އެކަމެއްވެސް ބަންޑާރައިންނަށް
އެނގިވަޑައިގަތުމުގެ ދޮރު ހުޅުވެއެވެ.
ރަސްކަމުގެ ބޮޑުންގެ އަރިހުގައި ބަންޑާރައިން ވިދާޅުވާ ކަމުގައި ވެއެވެ.
"މޫސާ ކަލޭގެފާނު ނޫނީ އެއްވެސް މީހެއްގެ ނަމެއް، ޝަކުވާއެއް،
ބަދުކަމެއް، އަމިއްލަ މަންފާއެއް އޮތަމަ އެކަމެއް ވިޔަސް ތިމަން ބަންޑާރައިންގެ އަރިހަށް
ދުވަހަކުވެސް ހުރަހެޅުމެއް ނުވާ މީހަކު ދެކިވަޑައެއް ނުގަންނަވަމޭ، ކިޔެއްހޭ
އަހުރެންނަށް ނުވަތަ އަހުރެންނާއި މިހިދަށް މަތިކޮށް އެއުރެންގެ ޙައްގުތަކަށް
އަމާނާތްތެރި ކުރައްވައި ބޮލަރުވާފައިވާ ރަޢިއްޔަތު އެންމެތަކުންނަށް ހެޔޮވެގެން
ހުށި ކަމެއްނޫން އެހެން އެއްވެސް ކަމެއް އަހުރެންނާއި ހަމަޔަކަށް ނުގެންނާނެތޭ،
މޫސާ ކަލޭގެފާނީ އީމާންތެރި މުރުއްވަތްތެރިޔެކޭ، އެފަދަ އަނެކާއެއް މިހައިރު
އުޅޭތަ!؟ ފެނޭތަ!؟ ކޮބައިތަ!؟ ހަމަ ނެތެވެ."
(ނުނިމޭ)
-------------------
ޢަބްދުﷲ ޙިލްމީ
11 މާރިޗު 2023މ.