މާއެނބޫދޫގައިވާ ނާއިބު ތުއްތޫގެ މަޒާރަށް އަވަސްކަޅިއެއް

 

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ މީހުން އިހުއްސުރެ "ތުއްތު ބިސްތާނަ" އޭ ކިޔާ ތަން މިހާރުހުރީ ވަށައިގެން ޒަމާނީގޮތަށް ފާރުލައި ފަރުމާނެރެ، ދޮރުކަނޑައި މަޒާރަކަށް ހަދާފައެވެ. މާއެނބޫދޫއާއި މުޅި ދިވެހިޤައުމު ފަޚުރުވެރިވާ ޢިލްމުވެރި ޚިދުމަތްތެރި ބޭފުޅަކަށް ނިސްބަތްވާ މުހިންމު ތަރިކައެއްކަން ދޭހަވާގޮތަށެވެ. ނާއިބުތުއްތު މަޒާރުގެ ތެރެއަށް ނަޒަރު ހިންގައިލާއިރު އެތަނުގައި 4 ބޭފުޅެއްގެ މަހާނައެބަވެއެވެ. ތިން ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެއްގެ މަހާނައެވެ.  އެތަނުން އެއްމަހާނައަކީ ހައިބަތު ބޮޑުކޮށް ވަށައިގެން ހިރިގަލުން ބިސްތާނައަޅައި ބޮޑު ދެކީލަ ހުންނަ މަހާނައެކެވެ. މިމަހާނައަށް ބަލައިލާފައި އެއީ ނާއިބުތުއްތޫގެ މަހާނަކަމަށް ގިނަ ބޭފުޅުންނަށް ހީފުޅުކުރެއްވޭގޮތްވެއެވެ. ސަބަބަކީ ނައިބުތުއްތުއަށް ނިސްބަތްވާ މަޒާރުގައި އެންމެ ބޮޑުކޮށް ހުރީ އެމަހާނަކަށްވާތީ ކަމަށްވެދާނެއެވެ. ކޮންމެއަކަސް އެމަހާނައަކީ ألشيخ المرحوم محمّد جمال الدين بن الناءب عيسى الملكىّ  ނާއިބުތުއްތޫގެ މަހާނަކަމަށް ގިނަ ބޭފުޅުންނަށް ހީފުޅުކުރެއްވޭކަމަށް އެނގިފައިވެއެވެ. ކަންއޮތްގޮތް ބަލައިލަމާތޯއެވެ.

އަލްޤާޟީ އިބްރާހިމް ސިރާޖުއްދީންގެ ދަރިކަލުން އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރުމަނިކުފާނު ކަމަކާ ނުރުއްސަވައިގެން ފަނޑިޔާރުކަން ދޫކޮށްލައްވައިގެން ހުންނެވި 10 އަހަރު ދުވަހުގައި ފަނޑިޔާރަކަށް ހުންނެވީ ފަނޑިޔާރު މަނިކުފާނާ އެއްބަފާ އައްނާއިބު އަޙުމަދު ބިން އަލްޤާޟީ އިބްރާހިމް ސިރާޖުއްދީނެވެ. އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނުންގެ ދަރިކަލުން އަޙުމަދު ބަންޑާރަނާއިބު މަނިކުފާނު މަޝްހޫރުވެފައިވަނީ ދަނބުގަސްދޮށުގޭ އަޙުމަދުދީދީގެ ގޮތުގައެވެ. ދިވެހިތާރީޚުގައި ބަޔާންވެގެންވާގޮތުން ދަނބުގަސްދޮށުގޭ އަޙުމަދުދީދީ އަކީ ރާއްޖެބަލީގެ އާލާސްކަންފުޅު ޖެހިވަޑައިގެން ނުހިންގެވޭ ބޭފުޅެކެވެ. އަވާހަރަވީ ހިޖުރައިން 1281 ވަނަ އަހަރު ރަބީޢުލްއައްވަލު މަހު 28 ވަނަ ދުވަހު ދ.މާއެނބޫދޫގައެވެ. މީލާދީގޮތުން ބަލާނަމަ އެއީ 1864 ވަނަ އަހަރުގެ އޯގަސްޓް 30 ވަނަ ދުވަހެވެ. ނާއިބުތުއްތު މަޒާރުގެ ގޮތުގައި ވަށައިފާރު ރާނައި ހަދާފައިވާ ތަނުގެ އެތެރޭގައިވާ ހިރިގަލު ބިސްތާނައިގައި އޮންނަވާ ބޭފުޅަކީ މިއީއެވެ. އެމަނިކުފާނަކީ ހައްދުންމަތީ ގަމު އަލްފަޤީހު މަޙުމޫދުގެ އަލްޤާޟީ ޙަސަންތާޖުއްދީންގެ އަލްޚަޠީބު އަޙުމަދު މުޙްޔުއްދީންގެ އަލްޤާޟީ އިބްރާހިމް ސިރާޖުއްދީންގެ އަލްޤާޟީ އަޙުމަދު ދީދީ ބަންޑާރަނާއިބު މަނިކުފާނެވެ. (މިމަނިކުފާނުގެ މަންމާފުޅަކީ ކޮބައިކަމެއް ހޯދިފައިނުވެއެވެ. މާއެނބޫދޫއާ އޮތް ގުޅުމަކީ އެއީ ކަމަށްވުންވެސް އެކަށީގެންވެއެވެ. އިތުރު ދިރާސާއަކުން އެއަށް އަލިކަމެއް ފޯރާނޭކަމަށް ދެކެމެވެ.)
ނާއިބު ތުއްތޫގެ ދާދި ޅަފުރައިގައި ނާއިބު ތުއްތޫގެ ބައްޕަ މުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނުންގެ ޢީސާ ނާއިބުތަކުރުފާނު ނިޔައުވުމުން ނާއިބު ތުއްތޫގެ މަންމަ މާލޭ ފުއްލާގޭ މަރިޔަމްފުޅާ ދެން ކައިވެނި ބެއްލެވީ ބަންޑާރަ ނާއިބު އަޙުމަދު ދީދީ އެވެ. ނާއިބު ތުއްތޫ ބޮޑުފުޅުވީ މިއަޙުމަދު ދީދީ ބަންޑާރަ ނާއިބު މަނިކުފާނުންގެ އަރިހުގައި ހުންނަވައިގެން ކަމަށްވާތީ މިއީ ތުއްތޫގެ ބަފައިކަލެއް ފަދަ ބޭކަލެކެވެ. އެހެންކަމުން ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ފަދައިން ޢުމުރުފުޅުން 62 އަހަރުފުޅު ފުރި 63 އަހަރުފުޅަށް އޮއްވާ 23 ރަމަޟާން 1325 ގައި މާއެނބޫދޫގައި ތުއްތޫ އަވަހާރަވުމުން ފަސްދާނުލެވުނީ މިބޭކަލެއްގެ އަރިހުގައެވެ.

މުސްކުޅި ބަންޑާރައިންގެ ނަމުގައި މަޝްހޫރު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން-4 ކައިވެނިބައްލަވައިގެންނެވި ދަނބުގަސްދޮށުގޭ މަރިޔަމް ދީދީ އަކީ ދަނބުގަސްދޮށުގޭ އަޙުމަދުދީދީގެ ދަރިކަނބަލެކެވެ. މިކަމަނާގެ މަޝްހޫރު ނަމަކީ ދަނބުގޭ ދޮންދީދީއެވެ. މިކަމަނާ އަވަހާރަވީ 4 ޖުމާދިލްއާޚިރާ 1306 (6 ޖަނަވަރީ 1889) ގައެވެ. ފަސްދާނުލެވިފައިވަނީ މާލޭ ހުކުރުމިސްކިތު ޤަބުރުސްތާނުގައެވެ.

އިސްވެދެންނެވުނު ފަދައިން ދަނބުގަސްދޮށުގޭ އަޙުމަދުދީދީ ބަންޑާރަ ނާއިބު މަނިކުފާނު އަވަހާރަވީއިރު ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ރެނދަލިކުރައްވަމުން ގެންދެވި މުސްކުޅި ބަންޑާރައިންނާ ކައިވެނި ބައްލަވައިގެން އަޙުމަދު ދީދީގެ ދަރިކަނބަލުން ދަނބުގޭ ދޮންދީދީ "ދެކުނުގެކޮޅުގައި" އިންނެވިއެވެ. މުސްކުޅި ބަންޑާރައިން އަވާހަރަވިއިރު އިންނެވި އަނބިކަނބަލަކީވެސް މިއީއެވެ. ބޭފުޅަކު ލިވަޑައިނުގަންނަވައެވެ. އެއިރުގެ ސަޤާފަތާ އެއްގޮތަށް އެކަމަނާގެ ބައްޕާފުޅުގެ ބިސްތާނަ އެޒަމާނާ އެންމެ އެކަށީގެންވާ ފެންވަރަށް ހައްދަވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ނާއިބުތުއްތޫގެ މަހާނައިގައި އެޒަމާނުގެ ސަޤާފަތާ އެއްގޮތަށް އެފެންވަރުގެ ބޮޑުންގެ މަހާނަފަދައިން ބިސްތާނަ ނުހުރުމަކުން ހައިރާންކަމެއް ނުލިބެއެވެ. ސަބަބަކީ އެމަނިކުފާނަކީ ކިތަންމެ ބޮޑު ޤައުމީ ޚިދުމަތްތެރިއެއްކަމުގައި ވިޔަސް އޭރު ހުންނެވީ މާއެނބޫދޫއަށް އަރުވާލައިފައިކަމެވެ. ތުއްތޫ ވިދާޅުވާފަދައިން "ކަރުތާފެނަށް އެރެވިފައި" އަރުވާލައްވާފައި ހުންނެވި ބޭފުޅެއްގެ ބިސްތާނު ހަދާން އުޅުމަކީވެސް ކުށަކަށް ނުވާނެބާވައެވެ. އެހެނަސް މަހާނައިގައި ހިރިގަލު ކީލައެއް ޖަހާފައިއެވަނީ ނާއިބުތުއްތޫގެ އަރިހުން ޢިލްމު ޙާޞިލްކުރައްވައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ދަރިވަރުންނާއި ތުއްތޫގެ އަރިހުގައި އެރަށުގައި އޭރު ތިއްބެވި ތިމާގެ ބޭފުޅުންގެ އިސްނެގުމަށްކަމަށް އެކަށީގެންވެއެވެ. ވަކީން ޚާއްޞަކޮށް އެމަނިކުފާނުގެ އިސްދަރިވަރު ދަރަވަންދޫގޭ ތުއްތުދީދީ ނުވަތަ ބަންޑާރަ ނާއިބު ފަޟީލަތުއްޝައިޚުލް މަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ބައިވެރިވެވަޑައިގަތުން އެކަމުގައި އޮންނާނެކަމުގައި ދެކެމެވެ.

ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ގޮތުގައި "ނާއިބު ތުއްތޫ ނިޔައުވީ އިރު އަރިހުގައި ތިބީ އޭނާގެ އެއްބަނޑު ދޮންތުއްތޫ އާއި، ފުވައްމުލަކު އެޅަތޮށިގޭ މުޙައްމަދުދީދީގެ ތުއްތުދީދީ އާއި އަދި މާއެނބޫދޫގެ ދެތިން މީހަކާއެވެ. ވަރަށް ރީތިކޮށް ހެއިހުރެގެން ވާހަކަ ދައްކަވައި، ވަޞިއްޔަތްކުރައްވައި، ޝަހާދަތް ކިޔުއްވަމުން ކަމުގައި އެމީހުން ބުނޫއެވެ. ދުނިޔޭގެ ވާހަކަޔަކުން އެންމެ ފަހުން ބުނުއްވި ބަހަކީ، އަހަރެން މަރުވީމައި، އަހަރެންގެ ލިޔާ ގަލަންދާނާއި ދަވާދާ ގެންގޮސް ދަރަވަންދޫގޭ ތުއްތުދީދީގެ އަތްޕުޅަށް އަރުވާށޭ، މިހެން ކަމުގައި އެތާގައި ތިބި މީހުން ބުނޫއެވެ. މިހާރު މިލިޔާ އަކުރުތަކަކީ ވެސް އެދަވާދުން ލިޔެވޭ އަކުރުތަކެކެވެ."

ނާއިބު ތުއްތޫގެ އަތުކުރެހުމެއްގެ ގޮތުގައި ފާހަގަކުރެވޭ ފޮޓޯއެއް 2015 ވަނަ އަހަރުގައި އަޅުގަނޑަށް ލިބުނެވެ. މާލޭގެ މަޝްހޫރު ބޭފުޅެއްގެ ބުކްޝޮޕަކުންނެވެ. އޭގައި ކުރެހުންތެރިޔާގެ ރަމްޒަކަށް އޮތީ މަޝްހޫރު ފަންނާނު ޗިޅިޔާ މޫސާމަނިކުގެ ރަމްޒީ ސޮއި "ޗިޅިޔާ" އަޅާފައެވެ. މިފޮޓޯ ޙިއްސާކުރުމުން އަޅުގަނޑުގެ އުސްތާޛު އަލްމަރްޙޫމް މުޙައްމަދު ވަޙީދު ނަދުވީ ވިދާޅުވީ "ނާއިބު ތުއްތު ލައްވަނީ ތިކަހަލަ ހެދުމެއް ނޫން" ކަމުގައެވެ. ނާއިބު ތުއްތޫގެ ޤަލަމީ ތަސްވީރެއްގެ ގޮތުގައި ޞަލާޙުއްދީން ވިދާޅުވެފައިވާ އަންނަނިވި ލިޔުންކޮޅަށް ވިސްނައިލައިފި ކޮންމެ ބޭފުޅަކަށްވެސް ނަދުވީ އެވިދާޅުވީ ތެދުކަން އެނގިވަޑައިގަންނަވާނެއެވެ." ނާއިބު ތުއްތޫއަކީ، ހެދިހުރި ހަށިގަނޑު މެދުމިން، އިސްކޮޅު ތެދު، އުނަގަނޑަށް ހިމަ، ހިމަތޮޅި، ބައިމަތިފުޅައު، އަތްފައިރީތި، ކުލަދޮން، ކަޅިރަވަ ތޫނު، ތުނބުޅި ތުނި މީހެކެވެ. ތުނބުޅި ހުންނަނީ ދިގު ކުރައްވައިފައެވެ. އުނަގަނޑު މަތީ ސާލު ރުމާލެއް ބަންނަވައިފައި ހުރެއެވެ. އަޑު މަޚްރަޖު ރީތި މީހެކެވެ. ވަރަށް ނިދި މަދު، ކެއިން ބެއްލެވުން މަދު މީހެކެވެ. ފައިސާ އެއްކުޅައުމަކާއި، ގެދޮރު ބިނާ ކުޅައުމެއް ނެތެވެ. ބަސްގަދަ، ޒުވާބުގަދަ، ބުނުއްވާންވެއްޖެ ބަހެއް ބުނުއްވުމުގައި ޖެހިލުމެއް ނެތް، ތޫނުފިލި މީހެކެވެ. ދާދި ޒުވާން އިރުއްސުރެ ޚަފްޤާން ބައްޔޭ ކިޔޭ ޒާތުގެ ބައްޔެއް ހުރެއެވެ. އެކަމެއް ފޮށެނީ ދެތިން އަހަރުން އެއް ފަހަރަކުގައެވެ."

މިލިޔުމުގައި ބަޔާންވެގެންވާ އެންމެހައި މަރްޙޫމުންނަށް ފުއްސެވުމާއި ރުއްސެވުން ދެއްވާށިއެވެ. އާމީން.

ލިޔުމުގައި ކުށެއް ނުވަތަ އިތުރުކޮށްލާންޖެހޭ ތަންކޮޅެއް ފާހަގަވާނަމަ ޙިއްޞާކޮށްލެއްވުން އެދެމެވެ.

                         -----------------------

ލިޔުއްވީ: ޠާހާ އަބޫބަކުރު ލ. ގަން

4 މާރިޗު 2023މ.

 

މައުލޫމާތުގެ މަސްދަރުތައް:

ދިވެހިތާރީޚް

ޙުސައިން ޞަލާޙުއްދީންގެ ލިޔުއްވުމެއް

މުޙައްމަދު ޖަމީލު ދީދީގެ

ލިޔުއްވުމެއް / "ޢުލޫމުގެ ޤުލްޝަން 1985

ފޮޓޯތައް: މުހައްމަދު ނާޖިހު (ތާރީޚު: 10 އޮކްޓޯބަރު 2019)