އަމީރާ ޝައިމާ


ތަކުރުފާނުބެޔަށް ތަޞްވީރެއް ދައްކާފައި މިއީ ކާކުތޯ އާދަނު އެއްސެވެ.

ތަކުރުފާނުބެ:

ކޮންތާކުން ހޯދި ތަޞްވީރެއްތަ؟

އާދަނު:

ގޫގުލްބޭ ކޮށާރުން. އެކަމަކު މިއީ އަޅުގަނޑަށް ކުރިންވެސް ފެނުނުހެން ހީވާ އަންހެނެއްގެ މޫނު. ފެނުނީ އަޅުގަނޑު ބޯޓް ދަތުރުކުރަން ގޮސް ބޭރުގާއުޅުނު ދުވަސްކޮޅު މިޞްރުގެ ނީލަކޯރުގެ އައްސޭރީގައިވާ އަގުބޮޑު މުދާ ވިއްކާ ދުއްކާނަކުން. އެދުވަހު އޭނާގެ ބޮލުގައި ތަޞްވީރުން މިފެންނަކަހަލަ ތާޖެއް އެއްޗެއް ނެތް. އޭރު އަޅުގަނޑާ އެކީ އެބޯޓުގައި އުޅުނު ޕާކިސްތާނުގެ ޢަބްދުއްސަލާމު ވެސް ހުރި.

އެދުވަހު އަޅުގަނޑުމެންނަކީ ކޮން ގައުމެއްގެ ކީއްކުރާ ބަޔެއްތޯ އެއަންހެނަކު ބުނެގެން އޭނާގެ ގާތުގާ ހުރި އެހެން އަންހެނަކު ޢަރަބި ބަހުން އެހި. ޢަބްދުއްސަލާމަށް އެބަސް އެނގޭތީ ޖަވާބުދިނީ އޭނާ. އެދުވަހު އެދުއްކާނުން އަޅުގަނޑުމެން ގަތް އެއްވެސް އެއްޗެއްގެ އަގެއް ނުނެގި. އަގުދޭން އުޅުނީމާ ހީލާފައި ސޭޓުމީހާ ބުނީ އެކަން ހަމަޖެހިފައޭ އޮތީ. ސޭޓު މިހެން ބުނީމާ އަޅުގަނޑުމެން ޙައިރާންވި. ހީވަނީ އަގުނުނެގީ އެއަންހެނެއްގެ އިޝާރާތަކަށްހެން.

ތަކުރުފާނުބެ:

އެއީ ކޮން މަހެއްގެ ކޮން ދުވަހެއްކަން ހަނދާންވޭތަ؟

އާދަނު:

ލަފާކުރެވެނީ އެއަހަރުގެ ފަހު އާޚިރުގެ ފަނަރަ ނޫނީ ސޯޅަކަމަށް. 

ތަކުރުފާނުބެ:

އަސްތާ! އެހެންވިއްޔާ ތިޔައީ އޭރުގެ އަމީރާ ޝައިމާ. މިހާރު މަލިކާ ޝައިމާ ބާނޫ. ވަރަށް ދީލަތި ބޭފުޅެއް. އަނެއްކާ ލާމަސީލު، ލާޖަވާބު ޙޫރެއްފަދަ ބޭފުޅެއް. ޝައިމާއަކީ މަލިކާ ޙުސްނު ބާނޫގެ ޢަރަބި ދަރިކޮޅުގެ ބޭފުޅެއް. އަރަބި މުއްސަނދި އައްސޭރި ޝަހަރެއްގެ އެތައް ޖަޒީރާއަކާ ޖަވާހިރުގެ ޖަރީ ކުރިބޯށިން ވިދާ ބަނބުޅާ ގަނޑުވަރާ ސަންގުމަރުމަރު ބާލޫޚާނާގެ މަހާރާނީ.

މިޞްރަށް ކުރެއްވި ދަތުރުފުޅެއްގާ ޝައިމާގެ ބައްޕާފުޅު ސުލްޠާނު ޖައިލަމް އަވަހާރަވެ ފަސްދާނުލީ ނީލަކޯރާ މާދުރުނޫން ހިސާބެއްގައިވާ މިސްކިތެއްގެ ގަބުރުސްތާނުގާ. އޭގެފަހުން ކޮންމެ އަހަރެއްގެ ފަހު އާޚިރު މަހުގެ ދުވަހެއްގާ ބައްޕާފުޅުގެ މަގުބަރާއަށް ޝައިމާ ޒިޔާރަތްކުރައްވާ. އާދަނަށް ޝައިމާ ފެނުނީ އެގޮތަށް ކުރެއްވި ޒިޔާރަތެއްގައި ކަމަށްވުން ވަރަށްގާތް.

އާދަނު:

އެހެންތޯ. ޢަޖައިބުން އަޖައިބު. އަޅުގަނޑަށް ދެން މިކަމަނާ ފެންނާނީ ކިހިނެއްތޯ؟

ތަކުރުފާނުބެ:

އޭގެ ބޭނުމަކީ ކޮބާ؟

އާދަނު:

ބޭނުމަކީ ދީނަށްޓަކައޭ، ގައުމަށްޓަކައޭ، ބުނާހިތެއްނުވޭ. އެހެން ބުނުމަކީ މިޒާތުގެ ކަމެއްގައި ހެޔޮވާނޭ ކަމެއް ނޫންކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުގެ ބޭނުމަކީ އެކަމަނާގެ ހެޔޮފުޅުކަމާ ޖާހުގެ މަތިވެރިކަމާ ބުރު ޞޫރައިގެ ރީތިކަމާއެކު އެއީ ކޮން ބޭފުޅެއްކަން އެނގިހުރެގެން ދެވަނަ ފަހަރަށް އެކަމަނާ ހަމަލޮލުން ދެކިލުން. އެނޫން އެއްވެސް ބޭނުމެއް ނެތް.

ތަކުރުފާނުބެ:

އާދަނުގެ ނަޞީބުގާ ތިޔަކަން ވާންއޮތްނަމަ ވާނެތާ! އެކަމަކަށް މީހެއްގެ މާބޮޑު ތަދުބީރެއް ނެތް. އޮތީ ހަމަ ތަގުދީރު. އެކަމަކު ދެގޮތެއް އެބަ އޮތް. އެއްގޮތަކީ، އެކަމަނާގެ ބައްޕާފުޅުގެ މަގްބަރާއަށް ކުރައްވާ ޒިޔާރަތުގައި ފައިންޕުޅު ފެނޭތޯ ބެލުން. އަނެއްގޮތަކީ އެކަމަނާއަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު، އިންޑިޔާގެ އާގްރާގައި ހުންނަ ތާޖުމަޙަލްއަށް ވެސް ވަޑައިގަންނަވާ ބޭފުޅަކަށްވާތީ އެތަނުން ފައިންޕުޅު ފެނޭތޯ ބެލުން.

ހަނދާން ބަހައްޓާތި!

އެކަމަނާ ތަނަކަށް ވަޑައިގަތަސް އެއީ އެކަމަނާ ކަން ނޫނީ ރަނިކަމަނާއެއް ކަން ފާހަގަކުރެވޭނީ ވަރަށްބޮޑަށް އެކަމަށް ވިސްނައިގެން ހުރިއްޔާ. އެހެން މިބުނީ ރަސްރަސްކަލުން ރަނިކަނބަލުން ރަސްމީ ޢިއްޒަތުގާ ތަންތަނަށް ވަޑައިގަންނަވާ ފަދަ ގޮތަކަށް ކީމަކޮޅެއް، ހަތްކޮޅެއް، ބެރު ދުންމާރި ތާޅަފިއްޔެއް، ފިނިފެން ވިއްސުމަށް ޣުލާބުދާނެއް، އަދި ސިލޭހަ ހިފި ބޭކަލުން ވިޔަސް ބޭނުންފުޅެއް ނުކުރައްވާނެ. އަރިހުގާ ގެންދަވާނީ ހަމައެކަނި ޚާއްޞަ ދެތިން ކަނީޒުން. އެކަމަކު އެއަށްވުރެ ދުރުގާ މީހުންނަށް ނޭނގޭގޮތަށް އާދައިގެ ހެދުމުގާ ސިއްރު ސެކިއުރިޓީ ގާޑުންވެސް ތިބޭނެ.

މިކަނީޒުންނަކީ، ބޮޑީގާޑުންގެ ޚާއްޞަ ތަމްރީނު ދީފައިވާ ބަޔެއް. އަދި އެންދެރި ރާޖާއަށް މަލިކާ މަހާޗަންދަރު ޕަރީ މުޖުރާކުރެއްވި ގޮތަށް މުޖުރާކުރަން ވެސް މިކަނީޒުން ރަނގަޅަށް ދަންނާނެ. މިމުޖުރާ ކުރާނީ މަލިކާ ޝައިމާގެ ޚާއްޞަ ދަޢުވަތަކަށް ކޮންމެ ފަހަރަކުވެސް ތާޖުމަޙަލްއަށް ގެންދަވާ ދުނިޔޭގެ މަޝްހޫރު ކޮންމެވެސް ފަންނާނަކު އެކަމަށް ބޭނުންވެއްޖެނަމަ. މަލިކާ ޝައިމާގެ ފަރާތްޕުޅުން ދެން އެންމެ އަވަހަށް އެދަޢުވަތު ފޮނުއްވާނެ ކަމަށް ބުނާތީ އިވެނީ އިންޑިޔާގެ ޕަވަންދީޕު ރާޖަނަށް. މީނަޔާއެކީ އަރުނިތާ ކަންޖީލާލު ވެސް ގެންދިޔުން އެކަށީގެންވޭ.

އާދަނު:

ވާހްވާހް! ވައިސަރީ! މަހަމަ ކޮސް! ހާދަހާވާ ކަންކަމެއް އެބަހުއްޓޭ.

ތަކުރުފާނުބެ:

އާނފަހެ! އެހެންނުވާނީ ކީއްވެ؟

އެއީ ގާރޫނު ފަދަ މުއްސަނދި މަލިކާ ޙުސްނު ބާނޫގެ ޢާއިލީ ބޭފުޅެއް ނޫންތަ؟ އެހެންވީމާ މަލިކާ ޝައިމާ ބާނޫގެ މުއްސަނދިކަމާ ދީލަތިކަމާ އޯގާތެރިކަން އެވަނީ ތިރިންނަމަ އަތްފޯރާ ފަށުގާ ނޫންތަ! މަތިންނަމަ އާސްމާނުގާ ނޫންތަ!

އާދަނު:

ކަންހުރީ ތިޔަ ބީދައިންނަމަ މަލިކާ ޝައިމާ ބާނޫގެ ފައިންޕުޅު ފެނި އެކަމަނާގެ ހެޔޮފުޅުކަމުން ކުރީގެ މޮޅު، ކަޅުކުލައިގެ ރެލީ ބައިސިކަލެއް ދެއްވައިފިއްޔާ ރަނގަޅޭ ދަންނަވާނަމޭ އެބަ ހިތަށް އަރާ. އަޅުގަނޑު މިހާރު އެންމެ ބޭނުންވާ އެއްޗަކީ އެއީ. އެހެން ހުރިހާކަމެއް، އަދި އެއްޗެއް ވިޔަސް އެބަހުރި. ހުޅުމާލޭގައި ދެކޮޓަރީގެ އެޕާޓްމެންޓެއް ވެސް އެބަހުރި. އަދި ހެޔޮވަރެއްގެ ޑިންގީއެއް ވެސް އެބަ އޮތް.

ތަކުރުފާނުބެ:

ތަކުރުފާނުބެއަށް ހީވަނީ ތަޞްވީރެއް ދައްކާފައި އާދަނު ހުރިހާ ހާސަރެއް ތިޔަދެމީ ބައިސިކަލެއްގެ ބޭނުމުގާ ނޫންހެން. ކޮންމެވެސް އެހެން ކަމަކުހެން. އެކަމަކީ ވާންއޮތް ކަމެއްވިއްޔާ ވާނެތާ! ނުވާންއޮތް ކަމެއްވިއްޔާ ބަޔަކު ކިތަންމެވަރަކަށް އުޅުނަސް ނުވާނެތާ!

                      ---------------------------

ޢަބްދުﷲ ޙަސަން، ހުޅުދުމައިގެ

27 ފެބްރުއަރީ 2023މ.