އާދަނުގެ މިލްކުވެރިކަން
ސާބިތުކުރުމަށްޓަކައި ރަށުތެރޭގައި މެގަފޯނުން ގޮވަމުންދާ އިޢުލާނެއްގެ އަޑުއިވިފައި
އެދުވަހު އެތައްބަޔަކު ޙައިރާންވެ މަގުމައްޗަށްނުކުތެވެ. ގޮވަމުންދަނީ،
"އާދަނު އަލަށްޖެހި ދަތްޕިލައާއި، އޭނާގެންގުޅޭ އެންމެހައިމުންޑާއި،
ސަތާރަ ސޯރުފޮތިކޮޅާއި، ރަތްކުލައިގެ ދެ ހަރުވާޅާއި، މިދިޔަ ޖެނުއަރީމަހު ކެއި އެންމެހައި
ކާތަކެއްޗާއި، ބުއި ފެނާއި، އެތަކެތި
ބޭރުވިނަމަ ބޭރުވި ފާޚާނާއާއި، އެފާޚާނާގެ ނަރުދަމާއާއި، އާދަނުގެ ގޭގެ ވަޅާއި، އެވަޅުގެދާންޏާއި، އެދާނިންނެގި ފެނާއި، އަދި އެގޭ ބަދިގޭގެ އެންމެހައި ސާމާނުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ އެއްވެސްފަރާތެއްވާނަމަ ހަތްދުވަހުގެތެރޭ އެކަން އަންގަންޖެހޭފަރާތަށް
އެންގުމަށެވެ."
މިއިޢުލާނެއްގެ
އަޑުއިވުނުނަމަ އިވުނުހާބަޔަކު އެދުވަހު މަގުމައްޗަށްނުކުތީ ދިވެހިރާއްޖޭގެ މީސްތަކުންނަށް
ޢާއްމުކޮށްއެނގިގެން ރާއްޖޭގައި އިންސާނީ އަޅުންނާއި ޖާރިޔާއިން ގެންގުޅުނީ މާކުރީގެ
ޒަމާނެއްގައިކަމަށްވެފައި، މިހާރު އަނެއްކާ އިންސާނެއްގެ މިލްކުވެރިއެއްހޯދުމަށް އުޅެގަތުމުންނެވެ.
އެދުވަހު އެރަށުގެ
މަގުމައްޗަށްނުކުތް މުސްކުޅިފުރައިގެ އަންހެނަކު މިކަމާކަންބޮޑުވެ ގޭގެ ދޮރޯށިކައިރީހުއްޓައި އެމަގުންދިޔަ މީހެއްގެގާތުން އަހައިލިއެވެ.
"ތާޅަފިލިން އެގޮވަނީ ކީކޭހެއްޔެވެ.
އެއީ އަހަރެމެންގެ އައިމިނަމެންގެ އާދަނުގެ ވާހަކަހެއްޔެވެ. އޭނާއަކީ މީހެއްގެ އަޅެއްހެއްޔެވެ؟"
އެމީހާ ޖަވާބުދިނެވެ.
"ދައިތަ ތިއުޅެނީ މިރާއްޖޭގައިނޫން ދޮތައެވެ. ބަލަ،
މިރާއްޖެއަށް ޑިމޮކްރަސީ ގެނައިއިރު އެއެތީގެތެރޭ ޑަޒަންޑަޒަނުގެ އަޅުންނާއި ޖާރިޔާއިން ތިއްބެއްނޫންހެއްޔެވެ. އެގޮވަނީ ދައިތަމެންގެ އައިމިނަމެންގެ އާދަނުގެ ވާހަކަކަމަށްވަންޏާ އެއާދަނަކީވެސް އެއްކަލަ މިބުނި އެތީގެތެރޭ އަޅަކަށްވެދާނެ ތޯއްޗެކެވެ. މަށެއް
ނުދެނެހުރީމެވެ."
މިދުވަހު އާދަނުގެ
އަނބި ސަންޕާފުޅަށް މި އިޢުލާނުގެ އަޑުއިވުމާއެކު ވިލާތު ކުކުޅެއްހެން ފުންމައިގެންގޮސް
އާދަނުގެ ކުރިމައްޗަށްޖެހިފައި ބުންޏެވެ.
"އެ ގޮވާއެއްޗެއް
އެބަ އަޑުއިވޭހެއްޔެވެ. ތިޔަހަރަ ދެ ކަންފަތުން އެ އަޑު އަހައިބަލާށެވެ. އާދަނު ދުނިޔެއަށް
އުފަންވީފަހުން މީހާގެ އެތެރެހަށްޓަށްލެވުނު އެންމެހައި ކާތަކެތީގެ އަގުވެސް ދައްކަންޖެހުނީއެވެ. މީހާގެ ހަށިގަނޑުގެ މިލްކުވެރި ފަރާތަކީވެސް ކޮބައިތޯ ބަލާހިސާބަށް ދިޔައީއެވެ.
އެހެންވާނެ ނޫންހެއްޔެވެ. މީހާ ތިޔަހަރަދަނީ ދުވާލަކު ޕާޓީއަކަށް ސޮއިކުރަމުންނެވެ.
އެއްދުވަހާ ދެ ޕާޓީއަށްވެސް ސޮއިކުރަނީއެވެ. މިގޭދޮރުން އެތެރެވާ ކޮންމެފޯމެއްގައި
އެބަ ސޮއިކުރެއެވެ. އެއިން ކޮންމެ ޕާޓީއެއްގައި އުޅެންޖެހެއެވެ. އެމީހުންބާއްވާ އެއްވުންތަކަށް
ދާންޖެހެއެވެ. ނުދިޔައިއްޔާ އެމީހުން އިލެކުޝަނުގެ ބޮޑުމީހާގާތު އެޝަކުވާ އެބަ ކުރެއެވެ.
ވިސްނައިބަލާށެވެ. ތިޔައީ އިންސާނުން އުޅެންވާ ވައްތަރެއްހެއްޔެވެ. އާދަނުމެން ދުނިޔެއަށްއައީ ހިތަކަށް ދުނިޔެތަޅައި ތިރިއަރުވާލައިފައި އެނބުރި ދާންހެއްޔެވެ. ސޮއިކުރާ ކޮންމެޕާޓީ ފޯމަކަށް ލިބޭ ފައިސާއަކީ ޙަލާލުވާނެ އެއްޗެއްހެއްޔެވެ. މާދަމާވެސް މަރުވެދާނެއެވެ.
ތިޔަވައްތަރަށް ނުއުޅެ އިޞްލާޙުވެ ބަލާށެވެ."
ޙައްވަ ދިޔުމުން
އާދަނުގެ ހިތަށްއެރިއެވެ.
"އެވެސް ދޮގެއްނޫނެވެ. ކުޑަ ލާރިކޮޅަކަށް މި ވިއްކައިލެވެނީ
މަގޭ ނަފުސެވެ. އެކަން އެނގޭބަޔަކުވެސް ތިބޭނެތާއެވެ. އެކަމަކު އެމީހުންނަށްވެސް އެނގެންޖެހޭއެއްޗެއް އޮންނާނެއެވެ. ގޯނިގޯނީގެ ވަޢުދު ހިފައިގެން ރައްޔިތުންގެގާތަށް ތިމާމެން
މިއަންނަ ބޭނުމާމެދުގައެވެ. މިއަންނަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ރައްޔިތުންނަށް
ރަނގަޅަކަށްތޯ، ނޫނީ ތިމާމެންގެ އަމިއްލަބޭނުމާއި އަމިއްލަފައިދާއަށްޓަކައި ތިމާމެންނަށް
ރަނގަޅަކަށްތޯއެވެ.
ޕާޓީހަދަނީ ނިކަމެތި ރައްޔިތުންގެ ބައިތުލްމާލުން ތިމާމެންނަށް ލިބޭނޭ ލާރިއާއި، ތިމާމެން ބައިވެރިވާ ސަރުކާރަކުން ތިމާމެންނަށް ލިބޭނޭ ސުލޮޓާއި، ފުލެޓާއި، މަޤާމާއި، ކަންފަސޭހަކަމާއި، އަތްފަސޭހަކަމާއި، މިކަންކަމުގެ ބޭނުމުގައިތޯ މިއީ އެބަޔަކުވެސް ދަންނަންޖެހޭ ކަމެކެވެ. މިކަން ދަންނަންޖެހެނީ އަހަރެމެން އެކަންޏެއްނޫނެވެ. ދެފަރާތުންވެސް މިކަން ދަންނަންޖެހެއެވެ. އެގޮތަށް ދަންނަނަމަ އިންސާނުންގެ މިލްކުވެރިކަމުގެ އިޢުލާނެއް އެގޮތަކަށް ގޮވާކަށް ނުޖެހޭނެއެވެ. އެފަދަ އިޢުލާނެއް ނުގޮވިނަމަވެސް އިންސާނުންގެ މިލްކުވެރިފަރާތަކީ ކޮބައިކަން ތިޔަ ޕާޓީ ހަދާ މީހުންނާއި އަހަރެމެންނަށްވެސް އެނގޭނެއެވެ."
ޕާޓީހަދަނީ ނިކަމެތި ރައްޔިތުންގެ ބައިތުލްމާލުން ތިމާމެންނަށް ލިބޭނޭ ލާރިއާއި، ތިމާމެން ބައިވެރިވާ ސަރުކާރަކުން ތިމާމެންނަށް ލިބޭނޭ ސުލޮޓާއި، ފުލެޓާއި، މަޤާމާއި، ކަންފަސޭހަކަމާއި، އަތްފަސޭހަކަމާއި، މިކަންކަމުގެ ބޭނުމުގައިތޯ މިއީ އެބަޔަކުވެސް ދަންނަންޖެހޭ ކަމެކެވެ. މިކަން ދަންނަންޖެހެނީ އަހަރެމެން އެކަންޏެއްނޫނެވެ. ދެފަރާތުންވެސް މިކަން ދަންނަންޖެހެއެވެ. އެގޮތަށް ދަންނަނަމަ އިންސާނުންގެ މިލްކުވެރިކަމުގެ އިޢުލާނެއް އެގޮތަކަށް ގޮވާކަށް ނުޖެހޭނެއެވެ. އެފަދަ އިޢުލާނެއް ނުގޮވިނަމަވެސް އިންސާނުންގެ މިލްކުވެރިފަރާތަކީ ކޮބައިކަން ތިޔަ ޕާޓީ ހަދާ މީހުންނާއި އަހަރެމެންނަށްވެސް އެނގޭނެއެވެ."
------------------
ލިޔުއްވީ: މީމު
ނޫނު
07 ފެބްރުއަރީ
2013މ.