
ވައިކަޓާ
ބައްޔަކީ ދުނިޔޭގެ އެހެންވެސް ތަންތަނެކޭ އެއްފަދައިން ދިވެހިރާއްޖޭގާ ވެސް އުޅޭ ބައްޔެކެވެ.
ވައިކަޓާ ބައްޔަކީ ރާއްޖެބަލީވައި ނުވަތަ ރާއްޖެބަލީގައި އެވާހެން ގައިގާރިއްސައި
ހަށިގަނޑުގެ ތަންތާނގައި ގޮށްލައި ހުޅުހުޅު ދުޅަވެ، މީހާ ހިކޭ، އަދި
ރާއްޖެބަލި ޖެހޭ ބައެއް މީހުންނަށް އެވާހެން އެމީހެއްގެ ބުރިކަށިން ގުދު ނުކުންނަ
ބައްޔެއްނޫނެވެ. ހަށިގަނޑުގެ ބޭރުފުށުގެ ޙާލަތު އާދައިގެގޮތަކަށް ފެންނަ ވައިކަޓާ
ބައްޔަކީ ވަޒީފާ އަދާކުރާ މީހުންނަށް "ވައިކަޓާ" ކިޔާ
ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
ބައެއްފަހަރު
އެމީހެއްގެ އެނގުމާއި ނޭނގުމުގެ ތެރޭގެ ކޮންމެވެސް ކަމެއްގައި ސަބަބު މެދުވެރިވެ
“ވައިކަޓާ” ޖަރާސީމު ހަށިގަނޑަށް ޙަމަލާދިނުމުގެ ސަބަބުން ޖެހޭ މިބަލީގެ
ޢަލާމާތްތައް އެކި މީހުންގެ ކިބައިން ފެންނަނީ އެކި ގޮތަށް އެކި ވަރަށެވެ. މިބަލިޖެހޭ
ގިނަމީހުންގެ ކިބައިން ޢާއްމުކޮށް ފެންނަ ޢަލާމާތަކީ އެމީހެއްގެ ސިކުނޑިއާއި
މަސައްކަތުގެ މާޙައުލަށް ނޭނގޭ އުނދަގޫތަކެއް ވުމާއި އެމީހަކަށް ވަޒީފާދިން ފަރާތާއި
ނުވަތަ ވަޒީފާއަށް ނުކުމެ މަސައްކަތްކުރަން ޖެހޭ ތަނެއްގެ އިސް ފަރާތާއި
އެމީހަކާ ދެމެދު އޮންނަންޖެހޭ ވަޒީފާގެގުޅުން ހީނަރުވެ ބުރޫއަރައިފި ކަން
ރަނގަޅަށް އެނގުމެވެ. ވައިކަޓާބައްޔަކީ އެބަލިޖެހުމުން ބައްޔަށް
އެކަށީގެންވާ ފަރުވާއެއް ނުލިބި ގިނަދުވަސްވާނަމަ އެހެން ބަލިތަކާ ޚިލާފަށް
އެމީހަކުއަދާކުރާ ވަޒީފާއަކުން އަތް ދޮވެލަންޖެހޭ ގޮތް ދިމާވަމުންދާ ބައްޔެކެވެ.
ވަޒީފާގައި
ދެމިހުންނަށް ބޭނުންވާ މީހެއްނަމަ މިބަލިން ރައްކާތެރިވެ އުޅެވޭތޯ ބަލަންޖެހެއެވެ.
އެގޮތުން އެމީހެއްގެ ރުހުމާއި އިޚްތިޔާރުގައި ކުރާ ކަމަކުން ވައިކަޓާ ޖަރާސީމު
ނާރާނެ ގޮތަކަށް އުޅެވޭތޯ ރަނގަޅަށް ބަލަންވާނެއެވެ. ނަމަވެސް ވައިކަޓާބައްޔަކީ
އެމީހަކަށް ނޭނގުމުގެތެރެއިން ވެސް ޖެހިދާނެ ބައްޔަކަށްވާތީ އެގޮތުން ވިއަސް
ބަލި ޖެހިއްޖެކަން އެނގި ބަލިން ސަލާމަތްވާން އެމީހަކު ބޭނުންނަމަ އެކަމަށް
ކުރެވޭނޭކަމަކީ ކޮބައިތޯ އެމީހަކު ބަލައިއުޅުމަކީ ނެތްކަމެއް ނޫނެވެ. ކުރަން އެންމެ
ރަނގަޅުކަމެކެވެ. އެއީ އެހެންގޮތެއް އެމީހަކަށް އެވަގުތު ފެންނާން ނެތި ހަމައެކަނި
ވަޒީފާގައިކުރާ މަސައްކަތަކުން ލިބޭ އެއްޗަކުން ތިމާއާއި އަނބިދަރީންނާއި އެހެނިހެން
ޟަރޫރީ ބޭނުންތަކަށް ޚަރަދުބަރަދު ކުރަންޖެހޭ މީހަކު “ކަޓާ އެއްޗެއް ކަޓައިގެން
ދިޔަދޭށޭ” ބުނެ ވަރިހަމައިގެ ބޮޑުސޭލް އަޅުވާފައި ހުރުމަކީ ހަރުދަނާ
ބުއްދިވެރިއަކު ކުރުން ރަނގަޅު ކަމެއްކަމަށް ބެލެވޭކަށް ނޯވެއެވެ.
ވައިކަޓާބަލި
ޖެހިގެން ވަޒީފާއިން އަތްދޮވެލަން ބޭނުންނުވެ އެކަމަށް ރައްކާތެރިވެ އުޅެވޭތޯ
ތެދުނިޔަތާ ފަރުވާތެރިކަމާ އެކީ ތިމާއަށް ކުރެވޭން އޮތްކަމެއް ކުރުމުގައި
އިޚްލާޞްތެރިކަމާއެކު އުޅެނިކޮށް ބަލިޖެހިގެން ވަޒީފާއިން އަތްދޮވެލަންޖެހޭ ގޮތް
ދިމާވުމަކީ ވެދާނެ ކަމެކެވެ. އެޙާލަތުގައި ވަޒީފާގެ ޙައްގުތައް ރައްކާތެރިކޮށްދޭ
ޤާނޫނާއި ޤަވާޢިދުތަކެއް ހުރެގެން އެއެއްޗެތި ހިނގައި ތަންފީޛުވާނަމަ ވަޒީފާ ދޮވެލި
އަތަށް އަނެއްކާ އެވަޒީފާ ނުވަތަ އެއާއި އެއްވަރުގެ އެހެން ވަޒީފާއެއް ރުޖޫޢަވާން
ބޭނުންވުމާއި ނުވުމަކީ އެމީހެއްގެ އިޚްތިޔާރުގައި އޮންނާނޭ ކަމެކެވެ. އަދި މިގޮތަށް
ރުޖޫޢަވާ ވަޒީފާ އަދާކުރުމުގެ އެހިނދުގެ މާޙައުލަކީ ވައިކަޓާ ޖަރާސީމާއި އެމީހަކު
ދުރުގާ އުޅުނު ނަމަވެސް އެހެން ގޮތްގޮތުން އެޖަރާސީމުގެ ޙަމަލާ އަމާޒުވެ
އުނދަގޫތަކެއް ކުރިމަތިވެދާނެ މާޙައުލެއްކަމަށް އެމީހަކަށް ކަށަވަރު ކުރެވޭނަމަ
ދެން ނިންމާނެ ގޮތަކީ ވެސް އެމީހެއްގެ އިޚްތިޔާރުގައި އޮންނާނޭ ކަމެކެވެ .
ކޮންމެއަކަސް
ކުރިންވެސް ހާމަކޮށްފައިވާނެ ހެން ތިމާއަށް އެވަގުތު އެހެންގޮތެއް ފެންނާން ނެތި
ހަމައެކަނި ވަޒީފާގައިކުރާ މަސައްކަތަކުން ލިބޭ އެއްޗަކުން ތިމާއާއި
އަނބިދަރީންނާއި އެހެނިހެން ޟަރޫރީ ބޭނުންތަކަށް ޚަރަދުބަރަދު ކުރަންޖެހިފައިވާ
މީހަކު "ކަޓާ އެއްޗެއް ކަޓައިގެން ދިޔަދޭށޭ "ބުނެ
ވަރިހަމައިގެ ބޮޑުސޭލް އަޅުވާފައި ހުރުމަކީ ހަރުދަނާ ބުއްދިވެރިއަކު ކުރުން
ރަނގަޅު ކަމެއްކަމަށް ބެލެވޭކަށް އެއްގޮތަކަށް ވެސް ނޯންނާނެއެވެ.
---------------------
"ހަވަރުއޮންލައިނުން ނަގާފައި"
"ހަވަރުއޮންލައިނުން ނަގާފައި"