ބައެއް ސަގާފަތްތަކުގައި، ރަނަކީ، ކާވެނިކުރުމަށްޓަކައި ބޭނުންވާ އަސާސީ
އެއްޗެކެވެ. މި ރަނަކީ، މަޢުދަނުގެ ތެރޭގައި ހިމެނޭ ރަނެވެ. މިރަނުގެ އަގު ބޮޑުވާ
ވަރަކަށް ކާވެނީގެ ރަން ވެސް އަގުބޮޑުވަމުން ދެ އެވެ. މިކަމުގެ ސަބަބުން ބައެއް
މީހުން ވަނީ، ކާވެނީގެ ނިޢުމަތުން މަޙުރޫމުފަ އެވެ. ދުނިޔޭގައި މި މައްސަލަ
ކުރިމަތިވެފައިވާ އެއް ސަރަހައްދަކީ މެދުއިރުމައްޗެވެ. އެ ސަރަހައްދުގެ
އަހުލުންނަށް ކުރިމަތިވެފައިވާ މި މައްސަލަ، ވަރަށް އީޖާދީ ގޮތެއްގައި ޖޯޑްންގެ
ކަމުވޮށިވެގެންވާ ބޭކަލަކު ވަނީ، ޝަހާދަތުގެ ދެކަލިމައިން ޙައްލުކުރައްވާފަ އެވެ.
ޑރ. ޢަލާ ފަންދީ، އޭނާގެ
ޙަޔާތުގެ ބައިވެރިއަކަށް އިޚުތިޔާރުކުރެއްވީ، ޖޯޑްންގެ ޣުރުފަތުއްތިޖާރާ (غرفة التجارة) ގެ ރައީސް،
ޢަބްދުއްސަލާމް ގެ ދަރިކަނބަލުންނެވެ. ޢަބްދުއް ސަލާމް އޭނާގެ ދަރިކަނބަލުންގެ ކާވެނީގެ
ރަނެއް ކަމުގައި ހަމަޖެއްސެވީ، ޝަހާދަތުގެ ދެކަލިމަ އެވެ.
މެދުއިރުމަތީގެ އާދަކާދަ ނިޔާކުރާ ގޮތުން، ބައެއް ގައުމުތަކުގައި ކާވެނީގެ ރަން ހަމަޖެއްސުމަކީ އަންހެން ދަރިފުޅު އޭނާގެ ބައްޕަގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމެކެވެ. އަދި ކާވެނީގެ ރަނުގެ އިސް ބަޔަކާއި ފަހު ބަޔެއް ވެ އެވެ. އިސް ބަޔަކީ، ކާވެނިކުރަން ހަމަޖެހުމުން ދޭ ބަޔެވެ. ފަހުބަޔަކީ، ކާވެނިކުރުމަށްފަހު ދޭ ބަޔެވެ. އިސް ބައިގެ ގޮތުގައި ޢަބްދުއް ސަލާމް ހަމަޖެއްސެވީ (لا اله إلا الله) އެވެ. ފަހު ބައިގެ ގޮތުގައި އޭނާ ހަމަޖެއްސެވީ (محمد رسول الله) އެވެ. އޭނާގެ ދަރިކަނބަލުންގެ ކާވެނީގެ ރަނުގެ ތެރޭގައި، މަޢުދަނީ ރަނާއި އަގުބޮޑު އެބާވަތުގެ އެއްވެސް އެއްޗެއް ނުހިމަނުއްވަ އެވެ.
މިކަމާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޢަބްދުއްސަލާމް ވިދާޅުވީ، ވަރަށް ކުރިއްސުރެ އޭނާ ވަނީ، މިކަން ކުރެއްވުމަށް ފިކުރުކުރައްވާފައި ކަމަށެވެ. އެއީ، ރަނުގެ އަގު ބޮޑުވެ އަތް ނުފޯރާ ފަށަށް ދިއުމުން، ޒުވާނުން ކާވެނީގެ ނިޢުމަތުން މަޙުރޫމުވެފައި ތިބެންޖެހޭތީ، އެކަމަށް ޙައްލެއް ހޯއްދެވުމަށްޓަކަ އެވެ. އޭނާ ވިދާޅުވީ، މިކަމަކީ، އޭނާ އަމިއްލައަށް ނިންމެވި ކަމެއް ނޫން ކަމަށެވެ. މިކަން މިގޮތަށް ނިންމަވާފައިވަނީ، އޭނާގެ ދަރިކަނބަލުން ވެސް މިކަން މިގޮތަށް ކުރެއްވުމަށް ބޭނުންވެލައްވާތީ ކަމަށެވެ.
-----------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން