ދިވެހީންގެ އަނގަޔާއި އަތާ ދެމެދަށް ފާކުރި ޑިމޮކްރަސީ













އަނގަޔާއި އަތާ ދެމެދަށް ފާކުރުމާއި އަނގަޔާއި އަތާއި ދިމާނުވުމާއި އަނގަޔާއި އަތާއި ދެމެދަށް ހުރަސްއެޅުމާއި މިއީ އޭގެ ޒާތުގައި އެއް މާނައެއް ދޭހަކުރެވޭ ޖުމްލަތަކެވެ. އެ ބުނެވެނީ ކުރަންޖެހޭ ކަންކަން ކުރުމުގައި ނުހަނުބޮޑަށް ދަތިވެ އެ ކަންކަން ނުކުރެވޭ ވާހަކައެވެ. ކާންބޯން ކުރާ މަސައްކަތުގައި ވެސް އެކަށީގެންވާ އެއްޗެއް ނުލިބި ދެކޮޅުނުޖެހޭ ވާހަކައެވެ. ދިރިއުޅުމަށް ކުރާ މަސައްކަތުން ވެސް ފުދޭ މިންވަރެއްގެ ނަފަޔެއް ނުލިބޭ ވާހަކައެވެ.

މި ހުރިހާކަމެއް ދިވެހީންނަށް މެދުވެރިވެފައި މިވަނީ ދިވެހީންގެ ބަޔަކު ރިވެތި ޞޫރައެއްގައި ދިވެހީންގެ ތެރެއަށް ފާކުރި ޑިމޮކްރަސީއެއްގެ ސަބަބުންނެވެ. އެހެން އެއްވެސް ކަމެއްގެ ސަބަބަކުން ނޫނެވެ. މި އެއްޗެއް ފާކުރުމުގައި އެއުރެންގެ މަޤުޞަދުގެ ނުބައިކަމާއި ޙީލަތްތެރިކަން މޮޅަށް ދެނެވޮޑިގެން ވަނީ ހުރިހާ ކަމަކާއި ހުރިހާ އެއްޗެއް މޮޅަށް ދެނެވޮޑިގެންވާ މަތިވެރި ﷲ އެވެ.

ބަޔެއްގެ ނުބައިކަމާއި ޙީލަތްތެރިކަމުގެ ތެރެއިން މިފަދަކަމެއް ދިވެހީންނާއި ކުރިމަތިވެ، ނިކަމެތި ދަރަޖައަކަށް ދިވެހީންގެ ޙާލަތު މިއަދު ބަދަލުވުމުގައި އެކަން ޤަޟާ ޤަދަރަށް މަތިކުރުމަކީ ހެޔޮވެގެންވާ ކަމެއްނޫނެވެ. އެހެނީ މަތިވެރި ﷲ މީސްތަކުންގެ ޙާލަތު ބަދަލުކުރައްވަނީ އެބަޔެއްގެތެރޭ ވެސް ޙާލަތު ބަދަލުކުރުމުގެ ކަންކަމެއް ހުރެގެންނެވެ. މިއީ ދުނިޔޭގެ ކަންކަން ހިނގުމުގައި ލައްވަވާފައިވާ އުޞޫލެވެ. 

ޑިމޮކްރަސީ އޭ ކިޔައިގެން ދިވެހީންގެ މައްޗަށް ފާކުރި އެއްޗެއްގެ ސަބަބުން ރައްޔިތުންގެ ބައިތުލްމާލާއި ނުކުޅަދާނަ މިންވަރަށް އެކި ނަންނަމުގެ މުއައްސަސާތަކާއި ކޮމިޝަންތަކާއި ބޯޑުތަކާއި އޮތޯރިޓީތަކާއި އިދާރާތަކާއި އުފައްދައި މިތަންތަނަށް އެކި ނަންނަމުގެ މީހުންލައްވައި އެބަޔަކަށް ހިފޭ ނުހިފޭވަރުގެ ބޮޑެތިބޮޑެތި އުޖޫރަ ކަނޑައަޅައި އެ އުޖޫރަ ދޭން ފެށުމުން ރައްޔިތުންގެ ބައިތުލްމާލުގެ ވަތުބަތާނަ ގޭނި ހަފުސްވެގެން ދަނީއެވެ. 

އަދި މިއާއިއެކުމެ ޑިމޮކްރަސީ އޭ ކިޔުނު އެއްޗެއްގެ ތެރެއިން ލާ މަރުކަޒީއޭ ލާ މަޒުހަބީއޭ ކިޔައިގެން އޭގެ ދަށުން ވަރުވަރުގެ ބަޅާ ސަރުކާރާއި ޗޯޓާ ސަރުކާރުތައް ހަދައި އޭގެ އެއް ސަރުކާރުން އަނެއް ސަރުކާރަކަށް ގޮންޖަހައި ގުންފައި ޖަހައި ތިމަތިމާމެންގެ ހުރި ބޮޑާކަމާއި ބޮޑުކަމާއި މޮޅުކަން ދައްކަން ފެށުމުގެ ސަބަބުން ދިވެހި ރައްޔިތުން ނިކަމެތިވެ އިންދިރާސްވެގެން ދަނީއެވެ. 

އަނެއްކޮޅުން ވައްތަރު ވައްތަރުގެ ޓެކްސްތަކެއް ތަޢާރަފުކުރުމުން ވެސް އާޚިރުގައި އޭގެ ނިކަމެތިކަމާއި އިތުރަށް ކުރިމަތިވަނީ ވެސް ހަމަ ނިކަމެތިކަމުގައި ތިބި ދިވެހިރައްޔިތުންނާ އެވެ. އެހެން ބަޔަކާ ނޫނެވެ. ޓެކްސް ނެގުމަކީ މައްސަލައެއް ނޫނެވެ. ރައްޔިތުންގެ ސަރުކާރަކުން ރައްޔިތުންނަށް ކަންކަމެއް ކޮށްދެވޭނީ ވެސް އެއްޗެއް ލިބިގެންނެވެ. އެކަން އޮތީ އެހެންނެވެ. އެކަމަކު އިތުރު ޓެކްސްތައް ތަޢާރަފުކުރުމުން އާޚިރުގައި އޭގެ ނިކަމެތިކަމާއި އިތުރަށް ކުރިމަތިވަނީ ރައްޔިތުންނާ ކަމަށް ޤަބޫލުކޮށް އޭގެ ބަދަލުގައި ދިވެހީންގެ އަނގަޔާއި އަތާ ދެމެދަށް ފާކުރި ޑިމޮކްރަސީގެ ތެރެއިން އުފައްދާފައިވާ އެކި ނަންނަމުގެ މުއްސަސާތަކާއި ކޮމިޝަންތަކާއި ބޯޑުތަކާއި އޮތޯރިޓީތަކާއި އިދާރާތަކުގެ އިތުރުން ޑިމޮކްރަސީ އޭ ކިޔުނު އެއްޗެއްގެ ތެރެއިން ލާ މަރުކަޒީއޭ ލާ މަޒުހަބީއޭ ކިޔައިގެން އޭގެދަށުން އުފައްދާފައިވާ ވަރުވަރުގެ ބަޅާ ސަރުކާރާއި ޗޯޓާ ސަރުކާރުތަކަށް ކުރަންޖެހޭ ދިވެހިންނާއި ލާހިކުނޫން ޚަރަދުތައް ކުޑަކުރެވޭނޭ ގޮތަކާ މެދު ދިވެހި ނިކަމެތި ރައްޔިތުންނަށްޓަކައި ވިސްނައިލުން ކިހިނެއްވާނެހެއްޔެވެ.

މިހެންމެ ރިވެތި ޞޫރައެއްގައި ނުބައިކަމާއި ޙީލަތުގެ ތެރެއިން ދިވެހީންގެ ތެރެއަށް ފާކުރި ޑިމޮކްރަސީ އާއި އެއްގޮތަށް މާތްވެގެންވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި ހަމަތައް އޮޔާގޮސް ޑިމޮކްރަސީގެ ހަމަހަމަ ދެ ފަރާތް އެއްފަހަރާ ހާމަޔަށް ފެންނަ އުޞޫލުގެތެރެއިން ފިރިހެނުން ފިރިހެނުންނާއި އަމިއްލަ އަމިއްލައަށް ކާވެނިކޮށް އެބައިމީހުންނަށް ދަރިން ލިބިއްޖޭ ބުނުމުގެ ކުރިން މި ޑިމޮކްރަސީ މިކުރަނީ ކީއްކަން ދިވެހިން ވިސްނައިލުން ކިހިނެއްވާނެހެއްޔެވެ.

              -----------------------

ލިޔުއްވީ: މީމު ނޫނު
17 ނޮވެމްބަރ 2014މ.