ދިޔަމިނގިލީ އިބްރާހިމް ރަސްގެފާނުންގެ ދަރިކޮޅުން - 2
މާވާގަނޑުވަރު މަރިޔަމްދީދީގެ ޢާއިލާ
(ކުރީގެ ލިޔުމާއި ގުޅޭ)

ކުރީގެ ލިޔުމުން މާވާގަނޑުވަރު މަރިޔަމްދީދީގެ ޙުސައިންދީދީގެ ދޮންދީދީ، ކަކައިގޭ އަލްއަމީރު ޢަލީ ރަންނަބަނޑޭރި ކިލެގެފާނާއި ކައިވެނިފުޅު ކުރައްވައިގެން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ކޮބައިކަން ވާނީ ސާފުވެވަޑައިގެންފައެވެ.


މި ލިޔުމުގައި ބަލާލެވިފައި މިވަނީ މާވާގަނޑުވަރު މަރިޔަމްދީދީގެ ހުސައިންދީދީގެ ދޮންދީދީގެ ދަރިފަސްކޮޅަށެވެ.

1.1ޚަދީޖާ ދީދީ ( ދޮށީދީދީ) ކަނބައިދި ކިލެގެފާނު
ކަކައިގޭ ޚަދީޖާދީދީއަށް ދެ ކައިވެނިފުޅަކުން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ވެޔޮގޭ މަނިއްޕުޅާއި ކުރެއްވި ކައިވެނިފުޅުންނާއި އަދި ހެންވޭރުގޭ ދޮން ޙަސަން ދީދީ އާއި ކުރެއްވި ކައިވެނިފުޅުންނެވެ.

ވެޔޮގޭ މަނިއްޕުޅާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:
1.1.1 ކަކާގޭ ދޮންގޮމާ
1.1.2 ކަކާގޭ މަނިއްޕުޅު
1.1.3 ބިންބި ގަނޑުވަރު ގޮމާ

ހެންވޭރުގޭ ދޮން ޙަސަން ދީދީ އާއި ކުރެއްވި ކައިވެނީން ލިބިވަޑައިގެންނެވި ބޭފުޅަކީ
ހެންވޭރުގޭ ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު

ނޯޓް: މާވާގަނޑުވަރު ޙުސައިންދީދީގެ ދޮންދީދީގެ ދޮށީދީދީ ( ޚަދީޖާ ކަނބައިދި ކިލެގެފާނު) ކައިވެނި ކުރެއްވި ހެންވޭރުގޭ ދޮން ޙަސަން ދީދީ އަކީ އިސްދޫ ދަރިކޮޅުން ރާއްޖޭގެ ތަޚްތުގައި ރެނދަލި ކުރެއްވި އައްސުލްޠާން ޙަސަން (ދިހަވަނަ)ގެ ދަރިކަލުން ހިތަދޫ ޢަލި މަނިކުފާނުގެ ބަނޑޭރި ހަސަން މަނިކުފާނުގެ ޙުސައިން މަނިކުފާނުގެ ސިއްކަ އާމިނަތު ދީދީ، ހެންވޭރުގޭ މޫސާދީދީ އާއި ކުރެއްވި ކައިވެނިން ލިބިވަޑައިގެންނެވި ހެންވޭރުގޭ ދޮން ޙަސަން ދީދީ އެވެ. ވެޔޮގޭ މަނިއްޕުޅަކީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުގެ އަލްއަމީރު އިބްރާހިމް ކުޑަކިބާ މަނިއްޕުޅުގެ ބޭފުޅެކެވެ.

1.1.1 ގައިވާ ކަކާގޭ ދޮންގޮމާ
ކަކާގޭ ދޮންގޮމާ ކައިވެނިފުޅު ކުރެއްވީ އައްސުލްޠާން އިބްރާހިމް ނޫރައްދީނުލް އިސްކަންދަރާއި އެވެ. މި ރަދުންނަކީ ޚުލްގުފުޅު ހެޔޮ ތަޤްވާވެރި، މާތް ރަސްކަލެއްކަމަށް ތާރީޚު ފޮތްތަކުގައި ބަޔާންވެގެންވެއެވެ. ކަކާގޭ ދޮންގޮމާ މިރަދުންނާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.1.1.1 މުލީގޭ މަނިއްޕުޅު ( ފަހުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުއް ޘާލިސް)
1.1.1.2 އަލްއަމީރާ ޢާއިޝަތު ( ކާށިދޫގޭ ދޮންގޮމާ)
1.1.1.3 އަލްއަމީރާ އާމިނަތު ( މުލީގޭ މެދުގޮމާ) އެވެ.
1.1.1.1 ގައިވާ މުލީގޭ މަނިއްޕުޅު

މުލީގޭ މަނިއްޕުޅަކީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުއް ޘާލިސެވެ. މިއީ އައްސުލްޠާން އިބްރާހިމް ނޫރައްދީނުލް އިސްކަންދަރުގެ އެންމެ ދޮށީ ފިރިހެން ދަރިކަލުންވެސްމެ އެވެ. މި ރަދުންގެ ބައްޕާފުޅު އައްސުލްޠާން އިބްރާހިމް ނޫރައްދީން އަވަހާރަވުމުން ރަސްކަމަށް އިސްކުރެވުނީ މި ރަދުންގެ ކޮއްކޯފުޅެވެ. އެއީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ފަސް ވަނަ އެވެ. އެހެންނަމަވެސް އެގޮތަށް ކަންތައް ވެގެން ދިޔުމުން އިނގިރޭސި ދައުލަތުން އެކަމާއި ސުވާލު އުފެއްދިއެވެ. އަދި މާލޭގެ ބޮޑުންގެ ތެރޭގައިވެސް ހިތްހަމަނުޖެހުން އުފެދުނެވެ. ވަކިން ޚާއްޞަކޮށް ކަކައިގޭ މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު މިކަމުގެ ޝަކުވާ އިނގިރޭސިންނަށް އުފުއްލެވިއެވެ. އަދި އެންމެފަހުން ހަވަރުވެސް އެގޮތާއި ހިތްހަމަނުޖެހިގެން ކަން ނިމިގެން ދިޔައީ މި ނޫރައްދީނު ބަންޑާރައިންގެ ދޮށީ ދަރިކަލުން ޢުމުރުފުޅުން 14 އަހަރުގެ މުލީގޭ މަނިއްޕުޅު ރަސްކަމަށް އިސްކުރެއްވުމަށްފަހުގައެވެ.

މުލީގޭ މަނިއްޕުޅު ( ފަހުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ވަނަ )
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު ފުރަތަމަ ފަހަރަށް ރަސްކަމަށް އިސްވެވަޑައިގަތީ 7 މޭ 1893 ގައެވެ. އެހެންނަމަވެސް 3 މަސްދުވަސް ފަހުން އަނެއްކާވެސް ހިނގި ހަމަނުޖެހުންތަކެއްގެ ތެރޭގައި ޝަމްސުއްދީން ރަސްކަމުން ވަކި ކުރައްވާ އަލްއަމީރު ޙަސަން ނޫރައްދީނު، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 6 ވަނައިގެ ނަމުގައި ރަސްކަމަށް އިސްކޮށްފޫއެވެ. މިއީ މަޝްހޫރު ޙާޖީ ޢިމާދުއްދީނެވެ. މި ރަސްކަން ދެމިއޮތީ ނުވަވަރަކަށް އަހަރަށެވެ. އަނެއްކާވެސް މުލީގޭ މަނިއްޕުޅު ރަސްކަމަށް އިސްކޮށްފިއެވެ. މި ފަހަރު މި ރަދުން 32 އަހަރު ވަންދެން ރަސްކަން ކުރެއްވިއެވެ.

އާދެ، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުއް ޘާލިސް އުފަންވެޑައިގަތީ މީލާދުން 20 އޮކްޓޫބަރ 1879 ގައެވެ. މި ރަދުންނަކީ މިއުޒިކަށް ލޯބިކުރެއްވި އަދި އެ ދާއިރާގެ ބޮޑު އުސްތާޛެއްވެސް މެއެވެ. މި ރަދުން ދިވެހި ރަސްކަމަށް ދެވަނަ ފަހަރަށް އިސްކުރުމުގައި އެންމެ އިސްރޯލެއް އަދާކުރެއްވީ އަތިރީގޭ ބޭފުޅުންނެވެ. ނޫނީ މިޔަށްވުރެ އަދި ތިލަކޮށް ދަންނަވާ ނަމަ ޝަމްސުއްދީނު ރަދުން ރަސްކަމަށް އިސްކުޅައުމަށް އެންމެ އިސްކޮށް ޙަރަކާތްތެރިވި ފަރާތްތަކަކީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ދެ ދަރިކަލުން ޢަބްދުލްމަޖީދު ދީދީ (ފަހުން ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު) އާއި އަޙްމަދު ދީދީ (ފަހުން އަޙްމަދު ދޮށިމޭނާ ކިލެގެފާނު)އެވެ. އަދި މި ދެންނެވި އިބްރާހިމް ދޮށިމޭނާ ކިލެގެފާނުންގެ ކޮއްކޮ ގަލޮޅުގޭ މުޙައްމަދު ދީދީ އެވެ. މި މުޙައްމަދު ދީދީ އަކީ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ބޭފުޅެކެވެ.

އާދެ، ޝަމްސުއްދީން ރަދުންގެ ކުރިން ރަސްކަމުގައި ހުންނެވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު 6 ވަނަ ( ޙާޖީ ޢިމާދުއްދީނު) މިސްރުގެ ބޭކަނބަލެއް ކަމުގައިވާ ޝަރީފާ ހާނިމް އާއި ކައިވެނިފުޅު ކުރެއްވުމަށް މިސްރުގެ ސުވޭހަށް ވަޑައިގަތުމަށް ފުރާވަޑައިގަތީ އެ ރަދުންނަށް ޚިޔާނާތްތެރި ނުވުމަށް ޢަހްދުނާމާއެއް ލިޔުއްވާ އޭގައި ބޮޑުންގެ ބޭފުޅުންގެ ކިބައިން ސޮއި ހޯއްދަވައިގެންނެވެ. އެހެންނަމަވެސް އެ ޢަހްދުނާމާއެއްގައި އަތިރީގޭ ޢަބްދުލްމަޖީދު ދީދީ ސޮއި ނުކުރައްވާކަމަށް ވެއެވެ. ޢަބްދުލްމަޖީދު ދީދީ ސޮއި ނުކުރެއްވުމުގެ ސަބަބުން ޒަމާނުންސުރެ އަތިރީގެއަށް އޮތް ބޮޑު ތިލަދުންމަތީ ވަރުވާ އަތިރީގެއިން އެ ރަދުން ނެންގެވިއެވެ. ކޮންމެއަކަސް ޙާޖީ ޢިމާދުއްދީނު ރަދުން ފުރާވަޑައިގެންނެވީ ރަސްކަން ހިންގެވުމަށް މާންދޫގޭ ދޮށީ މަނިއްޕުޅާއި ތުއްތު މަނިއްޕުޅު ޢައްޔަން ކުރައްވާފައެވެ. އެންމެ ފުރަތަމަ ދުވަސްކޮޅުގައި މި ދެ މަނިއްޕުޅު ގެންދެވީ މަތިގެ ވަރަށް ރަނގަޅަށް ބަލަހައްޓަވަމުންނެވެ. ދަމަށް ރޭގަނޑު ހޭލައިވެސް ތިއްބަވައެވެ. އެހެންނަމަވެސް މުޙައްމަދު އިސްމާޢިލް ދީދީ އޭނާ ލިޔުއްވި ދޮންތުއްކަލާގެ ބައްޕަގެ ހަނދާން މި ފޮތުގައި ލިޔުއްވާފައިވާ ފަދައިން އެކަން ދިޔައީ ބޮޑު ނަގުލަށެވެ.

މި ދުވަސްވަރު ރަސްކަން ބަދަލު ކުރަން ރާއްވަވަމުން ގެންދެވި އަތިރީގޭ ބޭފުޅުންނާއި އަދި އެބޭފުޅުންނަށް ވާގިދޭ ބޭފުޅުން ގެންދެވީ އެކިއެކި ދިމަދިމާގައި ޖަލްސާތައް ބާއްވާ ގަނޑުވަރު ތެރޭގައި ކަންހުރި ނެތްގޮތް ބަލަމުންނެވެ. މާލޭގެ ކަންތައް މިހެން ހުރިއިރު ސިލޯނުގައި ހުންނެވި އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއި އެ ކިލެގެފާނުންގެ ދަރިކަލުން އަޙްމަދު ދޮށިމޭނާ ކިލެގެފާނުން ގެންދެވީ ސިލޯނުގައި އޮންނަ އިނގިރޭސި ސަރުކާރު މި ކުއްލި ޚަބަރަށް ތައްޔާރު ކުރުވަމުންނެވެ. "މާލޭގެ ޙާލަތުދަށް ކަމާއި ކަންކަމުގެ ދޯހަޅިކަން" ވަރަށް ރަނގަޅަށް އޮޅުންފިލުވައި ދެމުންނެވެ. މިހާ ހިސާބަށް ކަންތަށް ގެންދެވުމަށްފަހު އެއްރޭ ދަންވަރު ޚަޠީބް ސީދީ އާއި އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުން މުލީގޭ (މިހާރުގެ މުލީއާގެ) އަށް ވަޑައިގެން މުލީގޭގައި މާވަހަރުން ދުން އަޅައިގެން މުލީގޭ މަނިއްޕުޅު ގެ ދެ އަތްޕުޅުގައި ދެބޭފުޅުން ހިއްޕަވާގެން ހިންގަވާ ވަޑައިގެން ބޮޑު ގަނޑުވަރަށް ވެންނެވިއެވެ.
އެރޭ ގަނޑުވަރުގެ މަތިގޭގައި ނިދިކުރައްވާފައިވަނީ ކަކާ ބޭކަލުންގެ ދެބޭކަލެކެވެ. އެއީ އާގޭ މުޙައްމަދު ދީދީ އާއި ތުއްތު ޢަލިދީދީ އެވެ. އެނޫން އެއްވެސް ބޭފުޅަކު މަތިގެއަކު ނެތެވެ. މާންދޫގޭ ތުއްތު މަނިއްޕުޅުވީ އަނބިކަނބަލެއްގެ ގޭގައި އަވަހާރަފުޅު ލައްޕަވާފައެވެ. ކޮންމެއަކަސް ގަނޑުވަރަށް ވެދެވަޑައިގެން މުލީގޭ މަނިއްޕުޅު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ވަނައިގެ ނަމުގައި ދިވެހި ރާއްޖޭގެ ތަޚްތަށް އިސްކޮށް ބައިޢަތު ހިފައިފިއެވެ. ރަސްކަމުގެ ތަޚްތަށް އިސްކުރައްވާ ރަސްގެފާނު ކަމަށް ބައިޢަތު ހިފުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތީ އައްސައްޔިދު ދޮށީކަލޭގެފާނުގެ ސައްޔިދު ކިލެގެފާނެވެ. ޝަމްސުއްދީން ރަދުން ރަސްކަމަށް އިސްކުރެއްވުމަށްފަހު މި ކިލެގެފާނުން ވިދާޅުވި ބަސްފުޅެއްކަމަށް ކިޔާ މަޝްހޫރު ބަސްފުޅެއް އޮވެއެވެ. ކިޔާގޮތުންނަމަ މި ކިލެގެފާނުން ވިދާޅުވި ކަމުގައި ވަނީ "މަނިއްޕުޅު މި ތަޚްތުން އަމިއްލަފުޅަށް ފައިބާވަޑައިގަތިއްޔާ ނޫނިއްޔާ މި ތަޚުތުން މަނިއްޕުޅު ބާލާނޭ މީހަކު ނާންނާނެއެވެ."

ޝަމްސުއްދީން ރަދުން ދެވަނަ ފަހަރަށް ތަޚްތަށް އިސްކުރެއްވުމަށްފަހު ހަވަރު ބެރު ޖެއްސުވެމަށް ބެރު ކަލޭގެފާނު ބަލާ ފޮނުއްވާ ގެންނަވާ ހަވަރު ބެރު ޖެއްސެވުމަށް އެންގެވިއެވެ. އެހެންނަމަވެސް އެ ކަލޭފާނުގެ ބަހަކަށްވީ "ބެރަކީ ތިޔަހެން ޖެހޭނޭ އެއްޗެއް ނޫނެވެ." އަތިރީގޭ ބޭފުޅުން އެތައް އިންޒާރެއް ދެއްވުމުންވެސް ބެރު ކަލޭފާނު މިނޫން ބަހެއް ބުނުއްވިކަމުގައި ނުވެއެވެ. އެންމެފަހުން ހަވަރު ބެރުޖެހުމަށް ނާބުސްޚާނާއަށް އަރާ ބެރު "ތެޅީ" މުލީގޭ އަރިހު ބޭކަލަކަށް އުޅުއްވި ބޮޑިބަތް ދޮންތުއްތު އެވެ. (ފަހުން މި ކަމުގެ އިނާމެއްގެ ގޮތުން މަޖިލީހަށް އެރުވިއެވެ. އޭގެފަހުން އެއީ ބޮޑިބަތް ދޮންކަލޭގެފާނެވެ.) އެޔަށްފަހު ބެރުތަޅާ އަޑު އިވުމުން އެއްބަޔަކު "އަލިފާނޯތް" އޭ ގޮވަމުންވެސް ބެރު ތަޅާ އަޑު އަންނަ ދިމާލަށް ދުވުނު ކަމުގައި ވެއެވެ. އަނެއް ބަޔަކު ބުނި ކަމުގައި ވަނީ "މި ނުވެޔޭ ހަވަރު ބެރަކަށްވެސް، އަދި އަލިފާން ބެރަކަށްވެސް" މިހެން ބުނަމުންވެސް އެންމެންވެސް ގަނޑުވަރު ދޮށަށް އެއްވެއްޖެއެވެ. އެތަނުން ފަނޑިޔާރުގޭ މުޢާވިނުކަމުގައި ހުންނެވި ފަޟީލަތުލް އުސްތާޛުއް ޝައިޚް މުޙައްމަދު ޖަމާލުއްދީނު އިބްނި ނާއިބު ޢީސަލް މުލަކީ ( ނައިބު ތުއްތު) ނިކުންނަވާ "ބަލަގަ އެއް ރަސްކަލަކު ހުންނަވަނިކޮށް އަނެއް ރަސްކަލަކު އިސްވުން ހުއްދަވާނޭ ކަމަށް އޮތްތަން ތިޔަ ބޭކަލުން ދުށީ ކޮންފޮތަކުންހޭ" ގޮވާ ވާހަކަ ދެއްކެވުމުން ޢަބްދުލްމަޖީދު ދީދީ "ބަލަ ތިފޮތް ދުށީ ކަލޭ އެކަނިހޭ" ވިދާޅުވެ ތުއްތު އޮޑިޔަށް ލެއްވިއެވެ. އެޔަށް ފަހު "ހަވަރު" ޝަމްސުއްދީނު ރަދުންނަށް ރަސްކަމުގެ ބައިޢަތު ހިފާ ރަސްކަން ޤަބޫލު ކުޅައީއެވެ.

މި ރަދުންގެ ރަސްކަމުގައި ހިނގި މުހިންމު ކަންތައްތަކުގެ ތެރޭގައި ވެލާނާގޭ މުޙައްމަދު ދީދީ އިސްކޮށް ހުންނަވައިގެން ދިވެހި ރާއްޖޭގެ ވެރިކަން ހިފަން ޕިޗޯރީން ގެންނެވިއެވެ. މަޝްހޫރު އުއްސަކުރު ޒަމާން އައީވެސް މި ރަދުންގެ ރަސްކަމުގައެވެ. އަދި ބޮޑު ވިއްސާރަ ޖެހުނީވެސް މި ރަދުންގެ ރަސްކަމުގައެވެ. އަދި އިނގިރޭސި ވައިސް އެޑްމިރަލް ރާއްޖެ ވަޑައިގަތީވެސް މި ރަދުންގެ ރަސްކަމުގެ 20 ވަނަ އަހަރުގައެވެ. ދިވެހި ރާއްޖެ ދުސްތޫރީ ޙުކޫމަތެއްގެ މައްޗަށް ހިންގަވަން ފެއްޓެވި ރަސްކަލަކީވެސް މި ރަދުންނެވެ. އޭގެ އިތުރުން މަޝްހޫރުވެގެންދިޔަ މޮޓަރު ބޯޓު ގަޑުބަޑު ހިނގާދިޔައީވެސް މި ރަދުންގެ ރަސްކަމުގެ އެންމެ ފަހުކޮޅުގައެވެ. އަދި އެންމެ ފަހުން މި ރަދުންގެ ރަސްކަން ނިމިގެން ދިޔަ ހެންވޭރު ގަނޑުވަރު ގަޑުބަޑު ހިނގާ ދިޔައީވެސް މި ރަދުންގެ ރަސްކަމުގެ އެންމެ ފަހު ދުވަސްކޮޅުގައެވެ. ( މަޢުލޫމާތު: ދިވެހި ތާރީޚަށް އައު އަލިކަމެއް/ ޞަފްޙާ 851/852/853/ ދޮންތުއްތކަލާގެ ބައްޕަގެ ހަނދާން/ ޞަފްޙާ 114 އަދި 115/ އައްޝައިޚް އިބްރާހިމް ޙަސަން ރީޙުއްޞަބާ ކިޔާދެއްވި ވާހަކަތަކުން)

ޝަމްސުއްދީން ރަދުންގެ ރަސްކަން ނިމިގެންދިޔައީ އެ ރަދުންގެ ނުހަނު ލޯބިފުޅުވާ ދަރިކަލުން އަލްއަމީރު ޙަސަން ޢިއްޒުއްދީނާއި ބޮޑު ވަޒީރުކަން ކުރަމުން އައި އަތިރީގެޔާއި ޖެހުނު މައްސަލަތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި ޝަމްސުއްދީން ރަދުން އެދިވަޑައިގަންނަވާ ފަދައިން އެ ރަދުން އަވަހާރަވުމަށްފަހު ދިވެހި ރަސްކަމަށް ޙަސަން ޢިއްޒުއްދީނު އިސްކުރުމަށް އަތިރީގޭ ޚާންދާނުގެ ބޭފުޅުން ރުހިވަޑައިގަންނަވާ ކަމުގައި ނުވެއެވެ. އެގޮތުން މާލޭގެ އަމަން ޢާއްމަށް ބުރޫ އަރާ ގޮތަކަށް އުޅޭކަމަށް ތުހުމަތުވެވިގެން އެ މަނިއްޕުޅުގެ ބަޔެއް ޚާދިމުންގެ މައްޗަށް ދިވެހި ސަރުކާރުން ހިންގަވަން ފެއްޓެވި ޝަރީޢަތުގެ ތެރެއަށް ޝަމްސުއްދީނަށްވެސް ވެދެވަޑައިގެންނެވުމުގެ ސަބަބުން އެ ރަދުންގެ ދިގު 32 އަހަރުގެ ރަސްކަމުގައި ނިމުމުގެ ސިއްކަ ޖެހިގެން ދިޔައީ އެވެ. އެކަން ހިނގި މަގެއް ކަމުގައި ބަނޑޭރިގެއިން ކުރި ތަޙްޤީޤަށް އެ ރަދުން ދެއްވާފައިވާ ބަޔާނުން އެނގިގެންދަނީ މުޙައްމަދު ފަރީދު މަނިއްޕުޅު ވަޑައިގެން ރަދުންގެ ހިރިޔާފާތުރާ ދަށުގައި ދެންނެވި ކަމުގައި ވަނީ "މިތަނުގެ އަމަން ޢާއްމަށް ބުރޫ އަރާގޮތަކަށް ބަޔަކު އުޅޭތީވޭ އެމީހުންގެ މައްޗަށް ޝަރީޢަތް ކުރާ ވާހަކައެވެ." މިހެން ދެންނެވުމުން ރަދުން އެކަމަށް ހުއްދަ ވިދާޅު ބަސްފުޅު އިއްވެވުމަށްފަހު ވިދާޅުވިކަމުގައި ވަނީ ޝަރީޢަތް ހިނގާ ނުހިނގާ ގޮތް ލަސްތަކެއް ނުވެ ރަދުންނަށް އެންގެވުމަށެވެ.

މިހެން އެންގެވުމަށްފަހު މުޙައްމަދު ފަރީދު މަނިއްޕުޅު ވަޑައިގެންނެވި ފަހުން އެއްވެސް ޚަބަރެއް ނުވެ ގިނައިރުތަކެއް ފާއިތުވަމުން ދާތީޔާއި އަދި އޭގެ އިތުރުން ބަނޑޭރިގެ ދޮށުގައި މީހުން ހަޅޭއް ފަޅޭއް ޖަހާ އަޑާއި އަދި މީހުންގެ އަތުގައި ބިޑި އަޅުވަމުން ބަނޑޭރިގެޔަށް ވައްދާ ވާހަކައިގެ އަޑު ރަދުންގެ ކަންފަތްޕުޅަށް އެރުމުން އެކަމާ ހިތްޕުޅު ނުތަނަވަސްވެގެން ޚަބަރު ބައްލަވާށާއި އަދި ޝަރީޢަތް ފެށިއްޖެތޯ ބައްލަވަން ދޮންބީނާގޭ އިބްރާހިމް ދީދީ ރަދުން ފޮނުއްވިއެވެ. ރަދުން މި ދީދީ ފޮނުއްވުމުން މުޙައްމަދު ފަރިދު މަނިއްޕުޅު ދެންނެވި ކަމުގައި ވަނީ "އިސާހިތަކު މި ނިމެނިއްޔޭ ނިންމަވާފައި އެބަ ވަޑައިގަންނަވަމެވެ." ދެން މި ދީދީ ވަޑައިގެން މި ޚަބަރު ރަދުންނަށް ދެންނެވުމުން ހިތްޕުޅު ހަމަޖެހިވަޑައިގެން އިންނަވަނިކޮށް ސިފައިންގެ ތިން ބޭކަލަކު ދުރުވެ ޙަސަން ޢިއްޒުއްދީނުގެ އެންމެ އަރިސް 3 ޚާދިމުން ބަނޑޭރިޔަށް ފޮނުއްވުމަށް އެންގެވިއެވެ. އެ ތިން ޚާދިމުންނީ މާލިމީ ކޮއި ޅަތުއްތު އާއި، އޮއްކޮ ދޮންކޮއްކޮ އާއި، ޢަލިފުޅު ތުއްތު އެވެ. ހަމަ އެ ވަގުތު ޙަސަން ޢިއްޒުއްދީނު މަނިއްޕުޅު ވަޑައިގެން ވިދާޅުވި ކަމަށް ޝަމްސުއްދީން ރަދުން ވިދާޅުވެފައި ވަނީ "ބައްޕާފުޅު ނޫނީ މި ވަގުތު އަޅުނގަޑުގެ ޙާލު ބަލާން ތިބީ މިތާ ތިބި ކުދިންނޭ، އެ ކުދިންނާއި މެދު ކަމެއް ޖެހިގެން  އެކަމެއް ޝަރީޢަތުން ބައްލަވާ އެ ކުށެއް ޘާބިތު ވާންދެން ތިމަން އެމީހުންނަކާއި ވަކިވެވަޑައެއް ނުގަންނަވާނަމޭ، ވެވުނު އެހީއެއް ވާނަމޭ"

މިހެން ދެންނެވުމުން ޝަމްސުއްދީނު ރަދުން ހާސްވެވަޑައިގެން އެ ވާހަކަ ވަޒީރުން ގާތު ދެންނެވިކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އިސްވެ ދެންނެވި ގޮތަށް ޝަމްސުއްދީން ރަދުންގެ ދަރިކަލުން ރަދުން އަރިހުގައި ދަންނަވާފައި ދެކުއްޖެއްގެ އަތުގައި ހިއްޕަވާގެން އެ ޝަރީޢަތް ކުރެވޭ ތަނަށް ވަޑައިގަތުމަށް ހިންގަވާ ވަޑައިގަތުމުން އެ ތަނުގެ މަސްރަޙް އޮތްގޮތުން އެ މަނިއްޕުޅަށް ގެއްލުމެއް ލިބިވަޑައިގެންފާނެ ކަމަށް ބިރުފުޅުން ހިތްޕުޅަށް ކެތްކުރައްވަން ދަތިވެ ވަޑައިގެން ޚުދު ޝަމްސުއްދީނު ރަދުންނަށްވެސް ދުވެ ވަޑައިގެން އެތަނަށް ވަޑައިގެންނެވުނީއެވެ. އެތަނަށް ވަޑައިގެން މި ދެބަފައި ކަލުން ސުވާލު ކުރެއްވީ ތިޔަ ބޭކަލުން ބޭނުމީ ދެ ފަރީދާއި އަމީނު ހެއްޔެވެ؟ ނުވަތަ ތިމަންމެން ދެބަފައި ކަލުން ހެއްޔެވެ؟ އެ ވަގުތު އެތަނަށް އެއްވެފައި ތިބި މީހުންގެ ފަރާތުން ޖަވާބު ދެއްވި ކަމުގައި ވަނީ ދޮންމަނިކުގެ ޢަބްދުﷲދީދީ އެވެ. މި ދީދީ ވިދާޅުވި ކަމުގައި ވަނީ "އަޅުނގަޑުމެން ބޭނުންވަނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއެވެ." އެޔަށްފަހު އެތަނުން ދެން މި ދެބަފައިކަލުން ގެންދެވުނީ ހެންވޭރު ގަނޑުވަރަށެވެ. އަދި ޝަމްސުއްދީނު ރަސްކަމުން ޢަޒުލު ކުރެވުނީއެވެ. (މަޢުލޫމާތު: ދިވެހި ތާރީޚަށް އައު އަލިކަމެއް /ޞަފްޙާ 860/ 888/889)

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނާއި އެ ރަދުންގެ ދަރިކަލުން ޙަސަން ޢިއްޒުއްދީނު އަރުވާ ލެއްވުނީ ފުވައްމުލަކަށެވެ. އަލްއަމީރު ޙަސަން ޢިއްޒުއްދީން ހެންވޭރު ގަނޑުވަރު މަނިއްޕުޅު އަވަހާރަވީވެސް އެ ރަށުގައެވެ. ސަންދޯއްޕުޅު ޖެއްސެވީ ފުވައްމުލަކު ފުނާޑު ގަނޑުވަރު ތުއްތުދީދީއެވެ. ޙަސަން ޢިއްޒުއްދީން އަވަހާރަވުމުން ޝަމްސުއްދީން ރަދުން ގެންނަވާ ބެހެއްޓެވީ މާލެ އަތޮޅު ވިލިނގިލީގައެވެ. ވިލިނގިލީގައި ހުންނެވި ދުވަސްވަރު އަރިހަށް ޚާދިމުންވެސް ސަރުކާރުން ލައްވާދެއްވާފައި ވެއެވެ. އެގޮތުން ބެހެއްޓެވި އެކަކީ ބޯކެނޑި އަޙްމަދު ތައްޚާނެވެ. މި އަޙްމަދު ތައްޚާނު ބުނާކަމުގައި ވަނީ " ރަދުން ކޮންމެ ދުވަހަކުވެސް ފަތިހު ހޭލައްވާގެން ބޭރު ފެންޑާއަށް ނިކުމެ ވަޑައިގެން އެއްޗެއް ކިޔަވާ ވިދާޅުވާން އިންނަވައެވެ. ކިޔަވަނީ ކޮން އެއްޗެއް ކަމެއް ތިމަންނައަކަށް ނޭނގެއެވެ." ޝަމްސުއްދީނު ރަދުން އަވަހާރަވީ އާލާސްކަންފުޅު ބޮޑުވެގެން މޫނިމާގެއަށް ގެންނެވިފަހުން އެގޭގައެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ތިން ކައިވެނިފުޅެއް ކުރެއްވިއެވެ. އޭގެ ތެރެއިން ބޭފުޅުން ލިބިވަޑައިގަތީ 2 ކައިވެނިފުޅަކުންނެވެ. އެއީ
ކަޅުހުރާގޭ ބޮޑު ސީދީގެ ސިއްތި އާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި
1.1.1.1.1 އަލްއަމީރު ޙަސަން ޢިއްޒުއްދީން (ހެންވޭރު ގަނޑުވަރު މަނިއްޕުޅު)

މެދުގަނޑުވަރު މަނިއްޕުޅުގެ ދޮށީ ގޮމަ އާއި ކުރެއްވި ކައިވެނިފުޅުން
1.1.1.1.2 ތިއްތި ގޮމަފުޅު
1.1.1.1.3 ތުއްތުގޮމަފުޅު
1.1.1.1.4 މެދުގޮމަފުޅު

1.1.1.1.1 ގައިވާ އަލްއަމީރު ހަސަން ޢިއްޒުއްދީން މަނިއްޕުޅު
މިއީ ހެންވޭރު ގަނޑުވަރު މަނިއްޕުޅެވެ. މި މަނިއްޕުޅަކީ ދިވެހި ފަހުގެ ތާރީޚުގައި އެންމެ ޢިއްޒަތުގައި ބޮޑުފުޅުވި އެއް ބޭފުޅާއެވެ. މި މަނިއްޕުޅު ކިޔަވާ ވިދާޅުވީ ސިލޯނުންނެވެ. ބޮޑު މޫސީގާރެކެވެ. ލަވަ ވިދާޅުވާން ވަރަށް މޮޅު ބޭފުޅެކެވެ. އަލްމަރްޙޫމް މުޙައްމަދު އިސްމާޢިލް ދީދީ ލިޔުއްވާގޮތުގައި އަޑު މަޚްރަޖުފުޅު ވަރަށް ރީތި ބޭފުޅެކެވެ. މިހާރުވެސް އަޅުނގަޑުމެންނަށް ފެންނަން އެހުރި މުލީއާގެ އަކީ މި މަނިއްޕުޅަށްޓަކައި މި މަނިއްޕުޅުގެ ބައްޕާފުޅު އަޅުއްވާދެއްވި ގެއެކެވެ. އިހުގެ ނަމުންނަމަ ހެންވޭރު ގަނޑުވަރެވެ. އެކިއެކި ގޮތްގޮތުން ރިވާވެގެން އަންނަ ވާހަކަތަކުން އެނގިގެން ދަނީ މި މަނިއްޕުޅަކީ "ޠަބީޢީ" ބައްޔެއް ހުރި ބޭފުޅެއް ކަމެވެ. ރޭގަނޑުގެ ވަގުތުތައް މުޅިންހެން ހޭދަކުރައްވަނީ ކުޅިވަރާއި މަޖަލުގައެވެ. ބަޔެއް ތާރީޚު ޢިލްމުވެރީން ދެކެވަޑައިގަންނަވާގޮތުގައި މި މަނިއްޕުޅުގެ ބައްޕާފުޅުގެ ވެރިކަން ނިމުމަކަށް އައީވެސް މި މަނިއްޕުޅުގެ ކިބައިގައި ހުރި މީހުން ނުރުހޭ ސިފަތަކެއްގެ ސަބަބުންނެވެ. ހެންވޭރު ގަނޑުވަރު މަނިއްޕުޅު އަވަހާރަވީ ފުވައްމުލަކަށް އަރުވާލެވިފައި ހުންނަވަނިކޮށެވެ.

ހެންވޭރު ގަނޑުވަރު މަނިއްޕުޅު އެތައް ކައިވެނިފުޅެއް ކުރެއްވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް ބޭފުޅުން ލިބިވަޑައިގަތީ ދެ ކައިވެނިފުޅަކުންނެވެ. އެއީ
1.1.1.1.1.1 ގައިވާ ސަޢީދާ ޢިއްޒުއްދީން  
ފަޟީލަތުލްއުސްތާޛުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ދަރިކަނބަލުން ދަލޭކާދީދީ އާއި ކުރެއްވި ކައިވެނިފުޅުން
1.1.1.1.1.2 ފަރީދާ ޢިއްޒުއްދީނެވެ.
1.1.1.1.1.1 ގައިވާ ސަޢީދާ ޢިއްޒުއްދީން  
ސަޢިދާ ޢިއްޒުއްދީން ކައިވެނިފުޅު ކުރެއްވީ އައްނަބީލް ޖައުފަރު ކަމާލުއްދީނާއިއެވެ. ލިބިވަޑައިގެންނެވި ބޭފުޅަކީ
1.1.1.1.1.1.1 އަކްރަމު ކަމާލުއްދީން
1.1.1.1.1.2 ގައިވާ ފަރީދާ ޢިއްޒުއްދީން
އަލްއަމީރާ ފަރީދާ އިއްޒުއްދީނަށް ދެ ކައިވެނިފުޅަކުން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ އަލްއަމީރު މުޙައްމަދު ޢިމާދުއްދީނާއި ކުރެއްވި ކައިވެނިފުޅުން
1.1.1.1.1.2.1 އަޙްމަދު ޢިމާދު ( މއ. ޖަވާހިރިއްޔާ)
އަދި އައްސައްޔިދު ކަޅުހުރާގޭ މުޙައްމަދު ލަޠީފާއި ކުރެއްވި ކައިވެނިފުޅުން
1.1.1.1.1.2.2 ނަރީމާން ލަޠީފް
މި ދެބޭފުޅުންގެ އިތުރުން އަދި ދިލްބަހާރު ކުޑަތުއްތު އާއިވެސް ފަރީދާ އިއްޒުއްދީނު ކައިވެނިފުޅު ކުރެއްވިއެވެ. އެހެންނަމަވެސް ބޭފުޅުން ލިބިވަޑައިގެންނެވިކަމެއް އެނގިޔެއްނެތެވެ.
 1.1.1.1.2 ގައިވާ ތިއްތި ގޮމަފުޅު
 މި ގޮމަފުޅަށް ދެ ކައިވެނިފުޅަކުން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ކަކާގޭ ޙުސައިން ޙިލްމީދީދީ އާއި ކުރެއްވި ކައިވެނިފުޅުން
1.1.1.1.2.1 ޝަމްސުއްދީން ހިލްމީ އާއި
މައްޗަންގޯޅި ގަނޑުވަރު މަނިއްޕުޅާއި (އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ފަސް ވަނައިގެ ދަރިކަލުންނާއި) ކުރެއްވި ކައިވެނިފުޅުން
1.1.1.1.2.2 ރަޝީދާ ޢިމާދުއްދީން
1.1.1.1.2.3 މުޙައްމަދު ޢިމާދުއްދީން
1.1.1.1.2.4 ޖަޢުފަރު ކަމާލުއްދީން

ނޯޓް: އާގަނޑުވަރު މަނިއްޕުޅުގެ(އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 5 ވަނައިގެ) ދަރިކަލުން މައްޗަންގޯޅި ގަނޑުވަރު މަނިއްޕުޅަކީ އަލްއަމީރު ޢަބްދުﷲ ޢިމާދުއްދީނެވެ. މި ޢަބްދުﷲ ޢިމާދުއްދީނުގެ އިތުރުން އަދި ހަސަން ޢިމާދުއްދީނު ކިޔާ ބޭފުޅަކުވެސް އާގަނޑުވަރު މަނިއްޕުޅުގެ ހުންނެވިއެވެ. މި ހަސަން ޢިމާދުއްދީނަށް އާއްމުކޮށް ކިޔާ ނަންފުޅަކީ އާގަނޑުވަރު ތުއްތު މަނިއްޕުޅެވެ. މިތިން ބަފައިކަލުން ޙައްޖަށް ވަޑައިގަންނަވަނިކޮށް ތިންބަފައި ކަލުންނަށް ވަރަށް ގަދަ ހުންފުޅެއް ޖެހިވަޑައިގަތެވެ. އެތަނުން އެ ރަދުންނާއި ރަދުންގެ ދަރިކަލުން ޙަސަން ޢިމާދުއްދީނު އިންޑިޔާގެ ބޮމްބޭގައި އަވަހާރަވީއެވެ. ރަދުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ފަސްވަނަ (އާގަނޑުވަރު މަނިއްޕުޅު) އަވަހާރަވީ އިރު ޢުމުރުފުޅަކީ 42 އަހަރުފުޅެވެ. އަދި ހަސަން ޢިމާދުއްދީނު (އާގަނޑޫވަރު ތުއްތު މަނިއްޕުޅު) އަވަހާރަވީއިރު ޢުމުރުފުޅަކީ 16 އަހަރުފުޅެވެ. ބޭފުޅަކު ނެތެވެ. ޢަބްދުﷲ ޢިމާދުއްދީނު (މައްޗަން ގޯޅި ގަނޑުވަރު މަނިއްޕުޅު) އާލާސްކަންފުޅުން ގަދަވެވަޑައިގެން މާލެ ވަޑައިގަތެވެ. މި މަނިއްޕުޅު އަވަހާރަވީ ޢުމުރުފުޅުން 27 އަހަރުފުޅު ގައެވެ. (މަޢުލޫމާތު: ޢަބްދުﷲ ކަމާލުއްދީން) މައްޗަންގޯޅި ގަނޑުވަރަކީ މިހާރުގެ އަމީނިއްޔާ ސްކޫލު އެހުރި ބިމެވެ.

1.1.1.1.2.1 ގައިވާ ޝަމްސުއްދީނު ޙިލްމީ
ޝަމްސުއްދީން ޙިލްމީއަށް ދެ ކައިވެނިފުޅަކުން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ކަކައިގޭ އިބްރާހިމް ޙިލްމީ ދީދީގެ ޙަބީބާ ޙިލްމީ އާއި ކުރެއްވި ކައިވެނިން
1.1.1.1.2.1.1 އަޝްރަފް ޙިލްމީ
އަދި ހަނިމާދޫ ބޭކަނބަލަކާއި ކުރެއްވި ކައިވެނިން
1.1.1.1.2.1.2 ޢާރިފް ޙިލްމީ އެވެ.

1.1.1.1.2.2 ގައިވާ ރަޝީދާ ޢިމާދުއްދީން
ކަކާގޭ އަޙްމަދު ޙިލްމީ އާއި ކައިވެނިފުޅު ކުރެއްވިއެވެ. އެހެންނަމަވެސް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. އަދި އެހެން ކައިވެނިފުޅެއްވެސް ކުރައްވާފައެއް ނުވެއެވެ.

1.1.1.1.2.3 ގައިވާ މުޙައްމަދު ޢިމާދުއްދީން
މުޙައްމަދު ޢިމާދުއްދީންގެ ބޭފުޅުންނަކީ
1.1.1.1.2.3.1 އަޙްމަދު ޢިމާދު (މިއީ މި ލިޔުމުގައިވާ 1.1.1.1.1.2.1 އަޙްމަދު ޢިމާދު (މއ. ޖަވާހިރިއްޔާ) 
1.1.1.1.2.3.2 މަސްޢޫދު ޢިމާދު
1.1.1.1.2.3.3 މަހްދީ ޢިމާދު
1.1.1.1.2.3.4 މަސީޙް ޢިމާދު
1.1.1.1.2.3.5 މަޖްދީ ޢިމާދު
1.1.1.1.2.3.6 ޝީޒާ ޢިމާދު
1.1.1.1.2.3.7 ޖޫލީ ޢިމާދު
1.1.1.1.2.3.8 ރޯޒާ ޢިމާދު
1.1.1.1.2.3.9 ނީޒާ ޢިމާދު އެވެ.

1.1.1.1.2.4 ގައިވާ ޖަޢުފަރު ކަމާލުއްދީން
ޖަޢުފަރު ކަމާލުއްދީންގެ ބޭފުޅުންނަކީ
1.1.1.1.2.4 އިޤްބާލް ކަމާލުއްދީން
1.1.1.1.2.4.2 އަޙްމަދު ކަމާލުއްދީން
1.1.1.1.2.4.3 މައުސޫމާ ކަމާލުއްދީން
1.1.1.1.2.4.4 ސަޢާދާ ކަމާލުއްދީން
1.1.1.1.2.4.5 ޢަބްދުﷲ ކަމާލުއްދީން
1.1.1.1.2.4.6 ނަޞްރުﷲ ކަމާލުއްދީން
1.1.1.1.2.4.7 އަކްރަމް ކަމާލުއްދީން ( މިއީ މި ލިޔުމުގެ 1.1.1.1.1.1.1 ގައިވާ އަކްރަމު ކަމާލުއްދީނެވެ)
1.1.1.1.2.4.8 ޒަފަރުﷲ ކަމާލުއްދީން
1.1.1.1.2.4.9 ނޫރުﷲ ކަމާލުއްދީން
1.1.1.1.2.4.10 ޒޫޝާން ކަމާލުއްދީން
1.1.1.1.2.4.11 ކަހެކްޝާން ކަމާލުއްދީން އެވެ.

ތިރީގައި އެވަނީ މި ނަސަބު ދައްކައިދޭ ޢާއިލީ ޗާޓެކެވެ.

                                -------------------------                             

ލިޔުއްވީ: އަޙުމަދު ޢަލާ (ޢަލާދީދީ)

މަޢުލޫމާތު: 
* ދޮންތުއްކަލާގެ ބައްޕަގެ ހަނދާން / މުޙައްމަދު އިސްމާޢިލްދީދީ
*ދިވެހިރާއްޖޭގެ ތާރީޚަށް އައު އަލިކަމެއް
*މުޙައްމަދު މުޢިއްޒު ޢަދުނާނުގެ އަރިހުން ހޯދި މަޢުލޫމާތު
*އައްޝައިޚު އިބްރާހިމް ޙަސަން ދެއްވި މަޢުލޫމާތު
*ޖަޢުފަރު ކަމާލުއްދީންގެ ނަޞްރުﷲ ކަމާލުއްދީން ދެއްވި މަޢުލޫމާތު